ލޮލުގެ ފެނުމާއި، ދުޅަހެޔޮކަން ގުޅިފައިވަނީ “ޖެނެޓިކްސް” އާއި އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއެވެ. ބައެއް ކަހަލަ ކަންތައްތަކުގެ މައްޗަށް އަހަރެމެންގެ ބާރު ނުފޯރިޔަަސް، އަނެއްބައި ކަންތައްތަކަކީ އަހަރެމެން ރަނގަޅަށް ފަރުވާ ބަހައްޓައިގެން މަސައްކަތް ކޮށްފިނަމަ ހެޔޮބަދަލެއް ގެނެވޭނެ ފަދަ ކަންކަމެވެ.

އެމެރިކާގެ ލޮލުގެ ޚާއްސަ ތަޖުރިބާކާރު ޑޮކްޓަރު، ކްރިސްޓީން ޖޯއީ ބުނެފައިވާގޮތުގައި، ލޮލުގެ ފެނުމާއި، ދުޅަހެޔޮކަން ގިނަ ދުވަސްތަކަކަށް ދިގުދެމިގެންދިއުމަށް ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ ނާސްތާ ގައި ގިނައިން މޭވާ އާއި ތަރުކާރީ ބޭނުންކޮށް ފެޓްސް އާއި ހަކުރު މަދުކުރުމެވެ. ޚާއްޞަކޮށް ވިޓަމިން “އޭ”، “ސީ”، “އީ” އަދި ޒިންކް އެކުލެވޭ ކާނާތަކުން ލޮލަށް ވަރަށް ފައިދާކުރާނެއެވެ.

އެގޮތުން ލޮލުގެ ފެނުމާއި، ދުޅަހެޔޮކަން ރަނގަޅުކުރުމަށް ބޭނުންކުރެވިދާނެ ބައެއް ކާނާ ކްރިސްޓީން ކިޔާދީފައިވެއެވެ.

ފެހިކަން ގަދަ ފަތްތައް

ތަފާތުވައްތަރުގެ ފަތްތައް

ފެހިކަން ގަދަ ފަތްތަކުގައި ލޮލުގެ ރެޓިނާ އަށް އެންމެ ބޭނުންވާ “ޒިއަޒެންތިން” އަދި “ލޫޓެއިން” ކިޔާ ދެ މާއްދާ ވަރަށް ގިނަ މިންވަރަކަށް އެކުލެވެއެވެ. ރެޓިނާ އަކީ ތަނެއް ނުވަތަ އެއްޗެއް ފެންނަހިނދު އެއެއްޗެއްގެ ސޫރަ ނަގައިގަނެ، އެ މަންޒަރެއް ނުވަތަ އެސޫރައެއް ސިކުނޑިއަށް ފޮނުވައިދޭ ޓިޝޫ އެވެ. އަހަރެމެންގެ ހަށިގަނޑުން އަމިއްލައަކަށް މިފަދަ މާއްދާތައް އުފައްދައި ނުދޭއިރު، އެ މާއްދާތައް އެކުލެވޭ ކާނާ ބޭނުންކުރުމަކީ ވަރަށް މުހިންމުކަމެކެވެ. މިގޮތުން ކޮޕީފަތް، މުރަނގަ ފަތް، ލެޓިއުސް، ހިކަނދިފަތް، ސްޕިނެޗް، ކެބެޖް، ބްރޮކޯލީ، ކަންކުންފަތް، ކުއްޅަފިލާފަތް، ހިކަނދިފަތް ފަދަ ފަތްތައް ބޭނުންކުރެވިދާނެއެވެ.

ކެރެޓް

ކެރެޓް

ކެރެޓް ކާން ފެށުމުން ކުއްލިއަކަށް ލޮލުގެ ފެނުމުގެ ބާރުގަދަ ނުވިނަމެސް، ލޮލުގެ ފެނުން ރައްކާތެރިކޮށްދިނުމަށް އެހީވެދެއެވެ. ސަބަބަކީ ލޮލުގެ އެތެރޭގެ ފަށަލަ ރައްކާތެރިކޮށްދީ، ތެތްކަން ދަމަހައްޓައިދިނުމަށް އެހީވެދޭ މާއްދާ އެއް ކަމަށްވާ ވިޓަމިން “އޭ” ކެރެޓުގައި އެކުލެވޭތީއެވެ.

ބެލް ޕެޕަރ

ބެލް ޕެޕަރ

ބެލް ޕެޕަރ އަކީ ލޮލުގެ ފަށަލަ ދުޅަހެޔޮކަންމަތީ ތާޒާކަމާއި އެކު ބަހައްޓައި، އުމުރުން ދުވަސްވުމުގެ ސަބަބުން ލޮލުގެ މަސްތަކުގެ ބާރު ދެރަވުން ކުޑަކޮށްދޭ ތަރުކާރީ އެކެވެ. އެއް ޖޯޑު ބެލް ޕެޕަރ އިން އިންސާނަކަށް ދުވާލަކަށް ބޭނުންވާ މިންވަރުގެ ވިޓަމިން “އޭ” އަދި “ސީ” ގެ 100 އިންސައްތަ ލިއްބައިދެއެވެ. މީގެ އިތުރުން ބެލް ޕެޕަރ އަކީ އެއްވެސް ވަރަކަށް ފެޓްސް ނުހުންނަ، ގިނައިން ފައިބަރ އެކުލެވޭ ތަރުކާރީ އެކެވެ.

ބަރަބޯ

ބަރަބޯ

ބަރަބޯ އަކީ ވެސް ލޮލުގެ ދުޅަހެޔޮކަމަށް ބޭނުންތެރި މާއްދާތައް ކަމަށްވާ ފައިބަރ، ލޫޓެއިން، ޒިންކް، ޒިއަޒެންތިން، ވިޓަމިން “އޭ”، “ސީ” އަދި “އީ’ އެކުލެވޭ ތަރުކާރީއެކެވެ. މި މާއްދާތައް އުމުރުން ދުވަސްވުމުގެ ސަބަބުން ލޮލުގެ މަސްތަކުގެ ބާރު ދެރަވުން ކުޑަކޮށްދީ، ލޮލުގެ ތެތްކަން ދަމަހައްޓައިދިނުމަށް އެހީވެދެއެވެ.

ޓާކީ (ސީނު ކުކުޅު)

ޓާކީ ނުވަތަ ސީނު ކުކުޅު

ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭ ސީނު ކުކުޅަކީ ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާ ޒިންކް އަދި ވިޓަމިން “ބީ” އެކުލެވޭ އެއްޗެކެވެ.

ބަޓަނަޓް ސްކުއަޝް (ތަރުކާރީ ބަރަބޯ)

ބަޓަނަޓް ސްކުއަޝް ނުވަތަ ތަރުކާރީ ބަރަބޯ

ތަރުކާރީ ބަރަބޮލަކީ ޒިއަޒެންތިން، ލޫޓެއިން، ޒިންކް، އޮމެގާ-3، ވިޓަމިން “ސީ” އަދި “އި” ގެ މާއްދާތަކުން މުއްސަނދި ތަރުކާރީ އެކެވެ. ލޮލުގައިވާ ކުދި ލޭ ނާރުތައް ރައްކާތެރިކޮށްދީ، ލޮލުގެ ތެތްކަން ދެމެހެއްޓުމަށް މި މާއްދާތައް އެހީތެރިވެދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.