ފަތިހުގެ ފިނިފިނި އަރާމު ވައި ބާނިތަކުން ހަނާ އަޅަމުން ދިޔަ ފ. ބިލެތްދޫގެ މުޅި ރަށުގެ ތެރެއިން ފެންނަމުން ދިޔައީ އަމާންކަމާއި ހިމޭންކަމެވެ. ކޮވެލިތައް އެސޮރުމެންގެ އަމިއްލަ ލަހުޖާގައި މަޑުމަޑު ހިތްގައިމު މިޔުޒިކެއް ފަދައިން ލަވަކިޔަމުން ދިޔައިރު ރަތާއި ރީނދޫ އިން ފަރިވެފައިވާ ވިލާތައް ދިޔައީ އުޑު މަތީގައި ދައުރުވަމުންނެވެ. ފަތިހުގެ ޗާލު މަންޒަރުން މުޅި ރަށް ޖަރީކުރަމުން ދިޔައީ އަޒަލިއްޔަ ޤާނޫނުގެ އެންމެ ފުރިހަމަ ގޮތުގައެވެ.
ފަތިހުގެ ހިތްފަސޭހަ ވަގުތު ހަށިގަނޑަށް ލިބެމުންދިޔަ ހަމަހިމޭންކަމާއި ފަސޭހަކަމުގެ ތެރެއިން ފަޒްރާއަށް އޭނާގެ ދެލޯ މަޑުމަޑުން ހުޅުވާލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. ވަރަށް އަވަސް އަވަހަަށް ފަޒްރާ އެނދުން ތެދުވެގެން ގޮސް ފާޚާނާއަށް ވަދެ ވުޟޫކޮށްލައިގެން ފަތިސް ނަމާދުކުރަން ފެށިއެވެ. ނަމާދުކޮށް ނިމުމާއި އެކު ފަޒްރާ އިލޮށިފަތި ހިފައިގެން ބޭރަށް ނިކުތީ ގޭގެ އިމާއި ގުޅިފައިވާ މަގުތައް ފަށުވީގެ ސާފު ފޭރާމެއްހެން ކުނިކަހައި ސާފުކޮށްލުމަށެވެ. ފަޒްރާ މަގުމައްޗަށް ނިކުމެ ދެކޮޅު ބަލައިލަމުން އިލޮށިފަތި ބިންމަތީގައި ކާއްތާލިއެވެ. އޭރު އިރުގެ އަލިކަން މަޑުމަޑުން ދިޔައީ ރަށުގެ ތެރެއަށް ފެތުރެމުންނެވެ.
އެއްވެސް ޚިޔާލެއް ފިކުރެއް ނެތި ބިންމަތީގައި އިލޮށިފަތި ކާއްތަމުން ދިޔަ ފަޒްރާގެ ހަރަކާތްތަކަށް ހުއްޓުން އެރީ ކުއްލިއަކަށް މީހަކު އައިސް އިލޮށިފަތި މައްޗަށް ފައިން އެރުމުންނެވެ. ފަޒްރާ ޖެހިލުންވެ ހުރެ މަޑުމަޑުން އޭނާގެ ހަށިގަނޑު ސީދާ ކޮށްލަމުން ކުރިމަތީގައި ހުރި މީހާއަށް ބަލައިލިއެވެ.
“މޫސަ” ފަޒްރާއަށް ބިރުން ފަހަތަށް ޖެހެވުނެވެ.
“ކިހިނެއްވީ؟؟؟ އަހަރެން މި އައީ އޭ….” މޫސަ ބަލާކަށް ނުހުރެ ފަޒްރާގެ އަތުގައި ހިފައިލިއެވެ.
“ދޫކޮށްލާ…. މީހަކަށް ފެނިދާނެ…” ފަޒްރާ ބިރުން ތުރުތުރު އަޅަން ފެށިއެވެ.
“ދޫކޮށް ނުލައިފިއްޔާ… ؟” ލާނެއް ފާޑަކަށް މޫސަގެ އަނގަމަތިން ހިނިތުންވުމެއް ދުވެލިއެވެ.
“ދަރުމަވާނެ…. އަހަރެން ދޫކޮށްލާ….. މީހަކަށް ފެނިދާނެ….. އަހަރެންގެ ދަރިއަކަށް ވެސް ފެނިދާނެ…..” ފަޒްރާ ގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ.
“އާނ އޯކޭ…. މި ދޫކޮށްލީ…. އަވަހަށް ދޭ…… އެކަމު ހަނދާންކުރާތި….. އަހަރެން މިއައީ ކަން….” ފަޒްރާގެ އަތުން ދޫކޮށްލަމުން މޫސަ ބުނެލިއެވެ. ލަސްނުކޮށް ވަގުތުން ފަޒްރާ ގެޔަށް ވަދެ ގޭގެ މައިދޮރު ލައްޕައި ތަޅުލިއެވެ. އެއާއި އެކު ފަޒްރާގެ އަތުން އިލޮށިފަތި ދޫވެގެން ވެއްޓުނެވެ. ހަށިފުރާ ނޭވާލަމުން ދެލޯ ތަންމިނަށް ބޮޑުކޮށްގެން ގޭގެ ދޮރަށް ޖެހިގަނެގެން ފަޒްރާ އިނީ ހިތް ރޫޅޭ ވަރުވެފައެވެ. ހަދާނެ ގޮތް ހުސްވެފައެވެ. ފުން ނޭވާއެއް ދޫކޮށްލައި ފަޒްރާ ދޮރު ހުޅުވަމުން ބޭރު ބަލައިލިއެވެ. މޫސަގެ އެއްވެސް ހިލަމެއް ނިޝާނެއް ވެސް ފެންނާކަށް ނެތެވެ.
“ކޯއްޗެއް ތި ބަލަނީ…؟” ފަޒްރާ ސިއްސައިގެން ގޮސް ފަހަތްބަލައިލިއެވެ.
“ދަރިފުޅުތަ؟ އެ… އެއީ….” ފަޒްރާގެ ފަހަތުގައި ހުރީ އޭނާގެ އަންހެން ދަރި މަލްކާއެވެ.
“މަންމާ…. ހާދަ ބިރުގެންފަ؟؟ އަނެއްކާ ކިހިނެއްވީ؟؟؟” ފަޒްރާގެ މޫނަށް ބަލައިލަމުން މަލްކާ ވަރަށް ހާސްވެފައި ހުރެ އަހައިލިއެވެ.
“ދަރިފުޅާ… ކަމެއް ނުވޭ…. ހިނގާ ސައި ހަދަން… ކޮއްކޮގެ އޮފީސް ގަޑި ޖެހިދާނެ މިހެން ތިއްބާ….” ފަޒްރާ ވާހަކަ އޮޅުވައިލަމުން ހިނގައިގަތީ ބަދިގެ އާއި ދިމާއަށެވެ. ފަހަތުން މަލްކާ ވެސް އައެވެ.
ހެނދުނުގެ ސައި ތައްޔާރުކުރުމަށް ފަޒްރާ ރޮށި ފިހަމުން ދިޔައިރު މަލްކާ ދިޔައީ މަސް ރިހަ ހަދަމުންނެވެ. ފަޒްރާގެ ހިތުގެ ހިނގުމުގެ އަވަސްކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. ހިތުގެ ވިންދު ހީވަނީ ރޭސް ޖަހަމުން ދާހެންނެވެ. ބައެއްފަހަރު ހަށިގަނޑު ފަޅާލައިފައި ހިތް ބިންމައްޗަށް ވެއްޓެން އުޅޭހެންވެސް ފަޒްރާއަށް ހީވާ ކަހަލައެވެ.
”ދަރިފުޅާ… އާދޭ ސައި ބޯން…..” ނިރާފް އޮފީސް ހެދުމުގައި ކާގެއަށް ވަނުމާއި އެކު ފަޒްރާ އަވަސްވެ ގަތީ ނިރާފަށް ސައި ތައްޔާރު ކުރުމަށެވެ.
“މަންމާ… ކޮންއިރަކުން ނިޔާޒް ކޮއްކޮ އަންނަނީ؟؟ އަޑު އެހިން ކޮއްކޮ ޑޮކްޓަރުކަން ކިޔަވާ ނިމުނު ވާހަކަ…. ވަރަށް އަވަހަށް ރާއްޖެ އަންނަން އުޅޭ ވާހަކަ… އެއީ ތެދެއްތަ މަންމާ؟؟” ނިރާފް ކާގޭ މޭޒުކައިރީގައި ހުރި ގޮނޑީގައި އިށީނދެލައިގެން ގަމީހުގެ އަތްކުރި އޮޅާލިއެވެ.
” އާނ ދަރިފުޅާ… ނިޔާޒް އަންނާނެ ވަރަށް އަވަހަށް…. ” ސައިތަށި ނިރާފް އާއި ގާތްކޮށްލަމުން ފަޒްރާ ބުނެލިއެވެ.
“މަންމާ…. މަންމައަށް ކަމެއްވެފަތަ ތިހުރީ؟؟ ހީވަނީ ވަރަށް ބިރުން ހުރިހެން…” ނިރާފްް ސައި ފޮދެއް ބޮއިލަމުން ފަޒްރާއަށް ބަލައިލިއެވެ.
“ނޫން ދަރިފުޅާ…. ތީ ހީވާގޮތެއް….” ފަޒްރާ ތުންފަތަށް ގަދަކަމުން ހިނިތުންވުމެއް ގެނުވަމުން ބަދިިގެ ތެރެއަށް ވަދެގެންދިޔައެވެ.
ގަޑީގެ ސިކުންތުގެ ކަށި އޭގެ ބާރު ދުވެލީގައި ދުވަމުން ގޮސް އެ ދުވަހު ހަވީރު 4 ޖަހަން ގާތްވެއްޖެއެވެ. ފަޒްރާ އާއި މަލްކާ ރަށުގެ ބަނދަރުމަތީގައި ހިނގަމުން ދިޔައިރު ހަވީރުގެ ފިނިފިނި ވައި ރޯޅިތައް ދިޔައީ ރަށުތެރެއަށް މަރުޙަބާ ކިޔަމުންނެވެ. އެ ވައިރޯޅިތަކުގެ އިސްތިޤުބާލުގައި ރަށުގެ ގިނަބަޔަކު ބަނދަރު މައްޗަށް އެއްވެ ޝަބްނަމްގެ ވައި ބާނިތަކުން ހިތަށް އުފާ ހާސިލުކުރަމުން ދިޔައިރު ބަނދަރުމަތީގައި ހުރި ރުއްތަކުގެ ފަންތައް ވެސް ދިޔައީ ރީތި ފަރި ހަރަކާތްތަކާއި އެކުގައި ނަށަމުންނެވެ.
“މަންމާ…. މިއަދު ހާދަ ފިނިފިނި ވައިރޯޅި އެބަޖެެހެ އޭ ދޯ؟؟؟” ފަޒްރާގެ މޫނަށް ބަލައިލަމުން މަލްކާ އަހައިލިއެވެ.
“އާނ ދަރިފުޅާ….” ފަޒްރާ އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކޮށްލިއެވެ. މިގޮތަށް ހަވީރު ގަޑީގައި ފިނިކޮށްލަން ފަޒްރާ އާއި އެކު ބޭރަށް ދިޔުމަކީ މަލްކާގެ އާދައެކެވެ. އެހެންދުވަސްތަކާއި ޚިލާފަށް މިއަދުގެ ހަވީރުގެ މަރިޔާދު ވަގުތު ފަޒްރާއަށް ކުރެވެމުން ދިޔައީ މުޅިން ތަފާތު އިޙުސާސްތަކެކެވެ. ސިކުނޑި ތެރެއަށް ސަވާރުވަމުން ދިޔައީ މޫސަގެ ތަސްވީރެވެ. ބަނދަރުމަތީގައި ހުރި ޖޯލީގައި ފަޒްރާ އިށީނދެގެން އިން އިރުވެސް އޭނާއަށް ހީވަނީ ހަަމަ ދެންމެ ދެންމެ މޫސަ އައިސްފާނެހެންނެވެ.
“އުޚުން…” ދާދިގާތުން މީހަކު ކަރު ކެހެލި އަޑަށް ފަޒްރާ އާއި މަލްކާއަށް އެއްކޮށް ފަހަތަށް ބަލައިލެވުނެވެ. ފަޒްރާއަށް އޭނާގެ އިޚުތިޔާރުން ބޭރުން ކޮޅަށް ތެދުވެވުނެވެ.
“އައްސަލާމް ޢަލައިކުމް ފަޒްރާ… ކިހިނެއް؟؟” ފަޒްރާއާއި ސަލާމް ކޮށްލަމުން މޫސަ އައިގޮތަށް އައިސް ޖޯލީގައި އިށީނެވެ.
“ވާލައިކުމް ސަލާމް….” ޖެހިލުންވެ ހުރެ ފަޒްރާ ސަލާމަށް ޖަވާބު ދިނެވެ.
“ފަޒްރާގެ ދަރިއެއްތަ މީ؟؟؟” މަލްކާއަށް އިޝާރަތްކޮށް މޫސަ އަހައިލިއެވެ. ޖަވާބު ދިނުމުގެ ގޮތުން ފަޒްރާ ބޯޖަހައިލިއެވެ.
“ދެން ދަނީ އެނގޭ…. ދިމާވާނެއްނު؟” ޖޯލިން ތެދުވެގެން މޫސަ ހިނގައިގަތެވެ.
“މަންމާ… އެއީ ކާާކުތަ؟؟” މޫސަ ދިޔުމާއި އެކު މަލްކާ ހައިރާން ކަމާއި އެކު އަހައިލިއެވެ.
“އެއީ މަންމަގެ ރަޙުމަތްތެރިއެއް…” ފަޒްރާ ގަދަކަމުން ހީލަމުން ގެއާއި ދިމާއަށް ދިޔުމަށް މިސްރާބު ޖެހިއެވެ.
ދުވަސްތައް ފައްވަމުންދިޔައެވެ. ފަޒްރާއަށް މޫސަގެ އުނދަގޫ ނުވާ ހަމަ އެންމެ ދުވަހެއްވެސް ނާދެއެވެ. ކޮންމެ ދުވަހަކުވެސް ފަޒްރާ އާއި ބައްދަލުކުރަން ފަޒްރާގެ ގެއަށް ވެސް މޫސަ އަންނަމުން ދިޔައެވެ. މަލްކާ އާއި ނިރާފް އާއި ވާހަކަދައްކައި އެ ދެމީހުންނާއި ގުޅުން ބަދަހިކުރަން މޫސަ މަސައްކަތްކުރަމުން ދިޔައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މޫސަ އެކަން ކާމިޔާބުކޮށްފިއެވެ. ނިރާފް އާއި މަލްކާއަށް ވެސް މޫސަ އަކީ މަޤްބޫލު މީހަކަށް ވާންފެށިއެވެ. މޫސަގެ ނަން މޫސަބެއަށް ބަދަލުވެގެން ދިޔައެވެ. ފަޒްރާގެ ރަޙުމަތްތެރިއެއްގެ މަޤާމުގައި ފަޒްރާގެ ގެއަށް ވަދެ މޫސަ ގެންދިޔައީ އޭނާގެ ރޭވުން ވަރަށް ކާމިޔާބު ކަމާއި އެކުގައި ކުރިއަށް ގެންދަމުންނެވެ. ހުރިހާ ކަމެއްވެސް ފަޒްރާގެ ކުރިމަތީގައި ހިނގަމުން ދިޔައީ ފަޒްރާގެ އެއްވެސް ބާރެއް ނެތިއެވެ. ދަރިންގެ ކުރިމަތީގައި ތުންފަތުން ހިނިތުންވުމެއް ދީގެން ފަޒްރާގެ މޫނުމަތިން އުފާވެރިކަން ފެނުނަސް އޭނާގެ އެތެރެހަށީގެ ހަމަޖެހުން ވަނީ މުޅިން ގެއްލިފައެވެ. ހިތްވަނީ ރޫޅި ކުދިކުދިވާން ގާތްވެފައެވެ. މަޖުބޫރުގެ ދަންތުރައެއްގައި ފަޒްރާގެ ހިތްވަނީ ކަސްތޮޅު އެޅިފައެވެ. މިފަދަ ހާލެއްގައި ދުވަސްތައް ގުނަމުން ފަޒްރާ ގެންދިޔައެވެ.
ދަންވަރުގެ ހަމަހިމޭންވަގުތެވެ. އެނދުމަތީގައި ދެފަރާތަށް ފުރޮޅި ފުރޮޅިލާ ފަޒްރާ އޮތީ އޭނާގެ ލޮލަށް އެއްގޮތަކަށްވެސް ނިދީގެ އަސަރު ނުކުރާތީއެވެ. އެހެން އޮއްވައި ކުއްލިއަކަށް ފަޒްރާ ސިއްސައިގެން ގޮސް އެނދުމަތިން ފުއްމައިގެން ތެދުވީ ކޮޓަރީގެ ދޮރު މަޑުމަޑުން ފޭވާން ފެށުމުންނެވެ. ނިދާ ބޮކީގެ ފަނޑު އަލީގެ ތެރެއިން މީހަކު މަޑުމަޑުން ހިނގައިފައި އައިސް ފަޒްރާ އޮތް އެނދާއި ދިމާގައި މަޑުކޮށްލިއެވެ. ފަޒްރާ ވަގުތު ކޮޅަކު ބިރުން އޭނާގެ ދެލޯ ހުޅުވާލަން ވެސް ނުކެރިފައި އިނދެވުނެވެ. މަޑުމަޑުން ފަޒްރާ އޭނާގެ ދެލޯ ހުޅުވައި ބަލައިލިއެވެ. ކުލަމަޑު އަލީގެ ތެރެއިންވެސް އެއީ ކާކުކަން ހަމަ ރަނގަޅަށްވެސް ފަޒްރާއަށް އެނގުނެވެ. ކޮޓަރިތެރޭގައި ހުރި މީހާ ބަލާކަށް ނުހުރެ ފަޒްރާގެ ގަޔަށް އަރައިގަތެވެ. ވައިހައްކަޅަ އަރައިފައިވާ ޖަނަވާރެއް ފަދައިންނެވެެ. އެއާއި އެކު ފަޒްރާގެ ޙަޔާތުގައި އޭނާ ގުނަން ޖެހުނީ ވޭން ހުރި ވަގުތު ކޮޅެކެވެ. ބަލިކަށި ފަޒްރާއަށް ދެއްކޭނެ ގަދައެއް ނެތެވެ. އެފަކީރަށް އެހީއަށް އެދި ގޮވޭނެ އިތުރު މީހެއްވެސް ނެތެވެ. ދެ ލޯ މަރައި ތަގުޅިކޮށްގެން ލިބެމުން ދިޔަ ވޭންތަކަށް ކެތްކޮށްލައިގެން ފަޒްރާ އެނދުމަތީގައި އޮތެވެ.
ފަތިސްނަމާދުގެ ބަންގީގެ އަޑަށް މަލްކާ އަށް އޭނާގެ ދެލޯ ހުޅުވާލެވުނެވެ. އެނދުމަތީގައި ކަންނެތް ފާޑަކަށް ދެކޮޅަށް ފުރޮޅިލަމުން މަލްކާ އެނދުން ތެދުވިއެވެ. އެއާއި އެކު މަލްކާގެ ކަންފަތުގައި ޖެހުނީ ފަޒްރާގެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑެވެ. ވަރަށް އަވަސްކޮށް މަލްކާ އޭނާގެ ކޮޓަރީގެ ދޮރު ހުޅުވައި ބޭރު ބަލައިލިއެވެ. ފެނުނު މަންޒަރުން މަލްކާއަށް ހީވީ އޭނާގެ ހަތަރެސްފައި ގަނޑުވިހެންނެވެ.
“އައްޗީޑި…” މަލްކާއަށް ބޭއިޚުތިޔާރުގައި ބުނެވުނެވެ. ވަރަށް އަވަސްކޮށް މަލްކާ އޭނާގެ ކޮޓަރި ލައްޕާ ތަޅުލިއެވެ.
އިރުގެ އަލިކަން ދުނިޔެއަށް މަރުޙަބާ ކިޔައިފައެވެ. ނިރާފްގެ އޮފީސް ގަޑި ޖެހެން ގާތްވި އިރުވެސް ފަޒްރާ މިއަދަކު ނުހޭލައެވެ.
“މަންމާ… މަންމާ…” ކޮޓަރީގެ ދޮރުގައި ޓަކި ޖަހަމުން ނިރާފް ދިޔައީ ފަޒްރާއަށް ގޮވަމުންނެވެ. ވެފައިވާ ވަރުބަލިކަމާއި އެކު މަޑުމަޑުން ފަޒްރާ އޭނާގެ ދެލޯ ހުޅުވާލަން މަސައްކަތްކުރިއެވެ. އެންމެ ފުރަތަމަވެސް ފަޒްރާގެ ލޮލުގެ ކަޅި އަޅައިގަތީ ކޮޓަރިތެރޭގައި ވީދާލާފައި އޮތް އޭނާގެ ހެދުމަށެވެ. ކުއްލިއަކަށް ފުއްމައިގެން ތެދުވެ އެހެން ހެދުމެއް ލަމުން ފަޒްރާ ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.
“ދަރިފުޅާ…. ނިރާފް… އޮފީސް ގަޑި ޖެހުނީ ދޯ؟؟؟ މަންމަ ސައި ހަދަން މިދަނީ…” ފަޒްރާގެ އަވަސް ހަރަކާތްތަކަށް ހައިރާންކަމާއި އެކު ނިރާފް ބަލަމުން ގެންދިޔައެވެ.
“ނޫން މަންމާ…. މިއަދު ސައި ބޯނީ އޮފީހަށް ގޮސް…. މަންމަ ނުހޭލީމަ ވީގޮތް ބަލާލަން އެވަރަށް މިގޮވީ….” ނިރާފް ހިނިތުންވެލަމުން އޮފީހަށް ދާން ގެއިން ނިކުތެވެ.
ފަޒްރާ އިލޮށިފަތި ހިފައިގެން ނިކުތް އިރު މަލްކާ ހުރީ މަގުމަތި ކުނިކަހައި ސާފުކޮށްފައެވެ.
“ދަރިފުޅާ… މަލްކާ… ސައި ހަދަނީތަ؟” ފަޒްރާ ބަދިގެއަށް ވަން އިރު މަލްކާ އިނީ ރޮށި ދަމާށެވެ. ފަޒްރާ ކުރި ސުވާލަށް މަލްކާ އެއްވެސް އެއްޗެއް ނުދެއެވެ.
“ދަރިފުޅާ…” ފަޒްރާ ހައިރާން ކަމާއިއެކު މަލްކާއަށް ގޮވާލިއެވެ.
“އާނ މަންމާ… ކީކޭޭ؟؟” މަލްކާ ގަދަކަމުން ހީނލިއެވެ.
“ދަރިފުޅު ބަލީތަ؟” މަލްކާ އާއި ގާތްވެލަމުން ފަޒްރާ އެހިއެވެ.
“ނޫން… ކުޑަކޮށް ވަރުބަލި…” މަލްކާ ވާހަކަ ދައްކަމުން ގެންދިޔައީ ވަރަށް ފާޑަކަށެވެ.
ހެނދުނުގެ ނާސްތާ ތައްޔާރުކޮށް ނިމުމާއި އެކު ނަޒްރާއާއި މަލްކާ ކެއުމަށް އިންސާފުކުރަން ފެށިއެވެ.
ރޭދުވާ ދައުރުވަމުން ގޮސް ދުވަސްތައް މާޒީވަމުން ދެއެވެ. އެ ރެޔަށް ފަހު އެއްގޮތަކަށްވެސް މޫސަގެ ޚަބަރެއް ނުވެއެވެ. ގެއަކަށްވެސް ނާދެއެވެ. އެ ވާހަކަ މިހާރު ނިރާފްވެސް އަހައިފިއެވެ. މޫސަގެ ނަމްބަރަށް ނިރާފް ގުޅަންވެސް މަސައްކަތްކުރިއެވެ. އެހެނަސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. ހަޤީޤަތް އެނގިހުރެ އެކަން ސިއްރުކޮށްލައިގެން ފަޒްރާއަށް އިނުން އޭނައަށް މިއަދު ވަނީ މަޖުބޫރުވެފައެވެ. މަލްކާގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ފަޒްރާ އާއި އޮތް ގުޅުން މަޑުމަޑުން ހީނަރުވަމުން ދާކަށް ފަޒްރާއަށްވެސް ދިޔައީ ރޭކާލަމުންނެވެ. އެހެނަސް ފަޒްރާ އެވާހަކަ އަހާއިރަށް މަލްކާ ދިޔައީ އޭނާގެ އިޙުސާސްތަކުގައި ފަސްއަޅައި ފޮރުވަމުންނެވެ.
***
އެއް މަސް ފަހެވެ. މިހާރު އަބަދުވެސް ފަޒްރާގެ ކަމަކީ ހޮޑުލުމެވެ. މޭނުބައިކޮށް ބޮލުގައި ރިއްސާތީ އޭނާއަށް އެއްކަމެއްވެސް ކުރެވޭގޮތެއް ނުވެއެވެ. ފަޒްރާ އިނީ ބަލިވެކަން ޚުދު އޭނާއަށްވެސް އެނގެއެވެ. އެހެނަސް އެ ހަޤީޤަތާއި ކުރިމަތިލާނެ ހިތްވަރެއް ފަޒްރާގެ ގަޔަކު ނެތެވެ. ރަށު މީހުންނަށް އެނގިއްޖިއްޔާ ވަރަށް މަލާމާތްކުރާނެ ކަން އެނގޭތީއެވެ. ދަރިންނަށް އެކަން އެނގުމުން ގަންނާނެ ލަދު އަމިއްލައަށް ވެސް ތަސައްވުރު ކޮށްލެވޭތީއެވެ. ކޮންމެ ގޮތެއްވިޔަސް އެއީ ހަޤީޤަތެވެ. ޖެހޭނީ ކެރިގެން ކުރިމަތިލާށެވެ.
“ޟމަންމާ…. ހާދަ ވަރަކަށް ހޮޑު ތިލަނީ؟؟؟ ހިނގާ ޑޮކްޓަރަށް ދައްކަން…..” ފަޒްރާގެ ބުރިކަށީގައި ފިރުމަމުން ވަރަށް އޯގާތެރިކަމާއި އެކު ނިރާފް ވާހަކަދައްކަމުން ދިޔައެވެ. އޭރު ދުރުގައި ބަލަން މަލްކާވެސް އިނެވެ.
ހޮޑުލައި ނިމުމާއި އެކު މޫނު ދޮވެލަމުން ފަޒްރާ ބަލައިލީ ނިރާފް އާއި މަލްކާގެ މޫނަށެވެ.
“ދަރިފުޅުމެންނޭ…. މަންމައަށް މަޢާފުކުރޭ…..” ފަޒްރާގެ އަޑުބެދޭ ގޮތްވިއެވެ.
“މަންމާ… ކިހިނެއްވީ؟؟؟” ނިރާފް ހައިރާން ކަމާއި އެކު ފަޒްރާގެ އަތުގައި ހިފައިލިއެވެ. މަލްކާއަށް ވާން މިއުޅެނީ ކީއްކަން ހަމަ ރަނގަޅަށްވެސް އެނގިއްޖެއެވެ.
“ދަރިފުޅާާ… މަންމަ…. މަންމަ މީނީ… މަންމަ މީނީ ބަލިވެ…..” ފަޒްރާ އޭނާގެ ބޯ އޮބައިލަމުން ދެ ލޯމަރައިލިއެވެ. އެއާއި އެކު ދެލޮލުގެ ތެރޭގައި ގުޅަވެފައިވާ ކަރުނަތައް ހޯސްލާފައި އޭނާގެ ކޯތާފަތް މައްޗަށް އޮހިގަތެވެ.
“ކީކޭ؟؟؟ަ” ނިރާފް ގެ ދެލޯ ބޮޑުވެގެން ގޮސް އޭނާއަށް ފަހަތަށް ޖެހެވުނެވެ. މަލްކާގެ މުޅި މޫނުމަތި ހީވަނީ ރުޅިއައިސްގެން ގޮސް ފަޅައިގެން ގޮސްދާނެހެންނެވެ.
“ތީ އަހަރެންގެ މަންމަތަ؟؟؟ ތިހާ ހަޑިމުޑުދާރު މީހެއް އަހަރެންގެ މަންމައަކަށް ނުވާނެ؟؟ އަހަރެމެން ކިހާ ބޮޑު ލަދެއްގަ ތި ބައްދާލީ…. މަރުވެފައިވާ އަހަރެމެންގެ ބައްޕައަށްވެސް ހަމަޖެހިގެން ކަށްވަޅުގަ އޮތަނުދޭންތަ ތިއުޅެނީ…؟ ހަޑި މުޑުދާރު އަންހެނާ….” ނިރާޕް ރުޅިއައިސްގެން ވާހަކަދެއްކި އިރު އޭނާގެ ދެލޮލުން ކަރުނަ އަންނަމުން ދިޔައެވެ.
“އަހަރެން ދެކުނީމޭ…. ފިރިހެނުން ކޮޓަރިއަށް ވައްދައިގެން އުޅެނިކޮށް….. ކަލޭ ތީ ހާދަ ހަޔާތް ކުޑަ މީހެކޭ… މަންމަ އޭ ބުނަން ވެސް ލަދު ގަނޭ… ކަލޭ އަދިވެސް ތިއުޅެނީ ކަލޭ ކުރިން އުޅުނު ގޮތަށް… ކަލެއަށް ކަށަވަރު ނުކޮށްދެވުނު އަހަރެންގެ ބައްޕަވެސް….. އަހަރެން ރަށް މެދަށް ވިހާފަ…. އަނެއްކާ މީހަކާއި ކައިވެނިކޮށްގެން… އެ މީހާ މަރުވީމަ…. އަނެއްކާވެސް ތީނީ ރަށްމެދަށް ބަލިވެ… އެވެސް މީހާއަށް 40 އަހަރު ވީ އިރު… ލަދު ކޮބާ؟؟؟” މަލްކާ ރުޅިއައިސްގެން ހުރެ ހަޅޭއްލެވި އިރު އޭނާގެ މުޅި ހަށިގަނޑު ރޫރޫ އަޅަމުންދިޔައެވެ. މަލްކާ ދެއްކި ވާހަކައިން ނިރާފްވެސް ހައިރާންވިއެވެ.
ބުނާނެ އެއްޗެއް ނޭނގި ހިތް ހަލާކުވާ ވަރުވެފައިވާ ފަޒްރާއަށް ދިޔައީ ގިސްލެވެމުންނެވެ. ފަޒްރާ ރޮއި ގިސްލަމުން ދިޔައިރު ނިރާފް އާއި މަލްކާ އެމީހުންގެ ހެދުންތައް ފޮށްޓަށް އަޅައިގެން ގެއިން ނިކުންނަށް ތައްޔާރުވަމުންދިޔައެވެ.
“ދަރިފުޅާ… މަލްކާ…. ނިރާފް… ތިހެން ނުހަދާ… މަންމަ ދޫކޮށްފަ ނުދޭ….” ފަޒްރާ ގެ އާދޭސްތަކަށް ބީރުކަންފަތެއް ދެމުން ދެ މީހުންވެސް ގެއިން ނިކުމެގެން ހިނގައްޖެވެ.
އެކަނި މާއެކަނި ފަޒްރާ ރޮމުން އޭނާގެ ކޮޓަރީގެ އެނދުމަތީގައި އޮށޯވެގެން އޮތެވެ. ކުއްލިއަކަށް ފަޒްރާއަށް އިވުނީ ވޭނީ އަޑަކުން “މަންމާ” އޭ ކިޔާ ގޮވާލި އަޑެވެ. ފަޒްރާ ބަލައިލިއިރު ދޮރު ކުރިމަތީގައި ހުރީ އޭނާގެ ހަނގު ފިރިހެން ދަރިފުޅު ނިޔާޒެވެ.
“ދަރިފުޅާ…” ފަޒްރާގެ އަޑު ހީވަނީ ފިސްފިސްވެގެން ދަނީހެންނެވެ.
“މަންމާ…” ނިޔާޒު އައިގޮތަށް އައިސް ފަޒްރާގެ ގައިގައި ބައްދައިގަތެވެ.
“މަންމާ…. ކީކޭތަ ދައްތަމެން އެކިޔަނީ..؟؟ އަހަރެން ރަށަށް އައި އިރަށް މިލިބުނީ ހިތް ފަޅައިގެން ދާވަރުގެ ޚަބަރެއް…. އެކަމު މަންމާ…. އަހަރެން އެކަން ޤަބޫލެއް ނުކުރަން…. އެޔަށް ވުރެ މަންމަ އަކީ މާތް މީހެއް…” ކުޑަކުއްޖެއް ފަދައިން ފަޒްރާގެ ގައިގައި ބައްދައިގަނެގެން ރޮމުން ނިޔާޒް ގެންދިޔައެވެ.
“މަންމާ…. ބުނެބަލަ…. މަންމަ އަކީ ދައްތަމެން އެކިޔާ ގޮތަށް މުޑުދާރު މީހެއްނޫން….. ދައްތަ ބުނީ ދައްތަ އަކީވެސް… މަންމަ ކުރި މުޑުދާރު އަމަލެއްގެ ނަތީޖާއެކޭ…. މަންމާ… އާދޭސްކޮށްފަ މިބުނީ… ހަޤީޤަތް އަހަރެންނަށް އަންގަދީ… މަންމަ މުޑުދާރު ކަމެއް ނުކުރެ އޭ ބުނޭ…. މަންމާ….” ފަޒްރާގެ ފައިބުޑަށް ވެއްޓި ރޮމުން އާދޭސް ކުރަމުން ނިޔާޒް ގެންދިޔައެވެ.
“ދަރިފުޅާ… މަންމަ ސަލާމަތްކުރޭ…. މަންމަ މުޑުދާރުކަމެއް ނުކުރަން… އަމިއްލަ އިޚުތިޔާރުގަ…. ދުވަހަކުވެސް އެފަދަ ކަމެއް ނުކުރާނަން…. ދަރިފުޅާ….. މަލްކާ އެއީ ބައްޕަނެތް ކުއްޖެއް…. އެއީ މަންމަގެ ބޮޑުދައިތަ.. މަންމަ ވިއްކާލީ…. ނުވެސް ދަންނަ މީހަކަށް…. ދެން މަންމަ ރަށް މެދަށް ބަލިވެ އިނީ…. މަލްކާ ލިބުނީީ…. އެޔަށް ފަހު ބޮޑުދައިތަގެ ބާރުން… މަންމަ މާލެ މީހަކާ ކައިވެނި ކުރުވީ… ދަރިފުޅާއި ނިރާފް ލިބުނު ތަނާހެން… މަންމަ މިރަށަށް އެމީހާ ފޮނުވާލީ…. އޭރު ބޮޑުދައިތަ މިދުނިޔެއަކު ނެތް…. އެމީހާ މަންމަ ވަރިއެއް ވެސް ނުކޮށްދިން… އެއީ ވަރަށް އަނިޔާވެރި މީހެއް… އޭނާގެ އަނިޔާއަށް މަންމަ ވަރަށް ބިރުގަނޭ…. އޭނަ އިންޒާރު ދިނީ… ދަރިފުޅުމެންގެ ބައްޕަވަނީ މަރުވެފަކަމަށް ބުނުމަށް… އެހެންވެ މަންމައަށް މަޖުބޫރުވީ… އެތައް އަހަރެއްފަހުން އޭނަ އަނެއްކާވެސް މިގެއަށް އައިސް…. މިނިކަމެތި އަންހެނާއަށް އަނިޔާކުރީ… މަންމަ ބަލިވެ މީނީ…. ދަރިފުޅުގެ ބައްޕަގެ ދަރިއަކަށް…. މޫސަގެ ދަރިއަކަށް…. މަންމަ ހަޑިކަމެއް ނުކުރަން…” ފަޒްރާ ގިސްލާ ރޮމުން ދިޔައިރު އޭނާގެ ލޮލުން އޮހެމުން ދިޔަ ކަރުނައިގެ ތިކިތައް އޭނާގެ ދަތްދޮޅިން ތިކިތިކި ޖަހަމުން ދިޔައެވެ. މާ ބޮޑަށް ދެރަވެގެން ފަޒްރާއަށް ކުރުކޮށް ނޭވާލެވި ކުކުރާގޮތަށް ހިތްދަތި ވޭނީ އަޑުން މުޅި ކޮޓަރިދިޔައީ ގުގުމަމުންނެވެ. އެވާހަކަތައް އަޑުއަހާފައި ނިޔާޒަށް ވަނީ ވަރަށް ފުން ހިތްދަތި އަސަރެއްކޮށްފައެވެ.
“މަންމާ…. މަންމަ ތީ ކެތްތެރިކަމުގެ ލާމަސީލު މިސާލެއް…… އަހަރެން މަންމަ ދެކެ ވަރަށް ލޯބިވޭ…” ނިޔާޒް ރޮމުން ފަޒްރާގެ ގައިގައި އޮޅުލައިގަތެވެ. ފަޒްރާ އާއި ދިމާއަށް ވަރަށް ހުތުރު ބަސްތަކުން ނިރާފް އާއި މަލްކާ މުޚާތަބުކޮށްފައި ވުމުން އެ ދެމީހުންނާއި އިތުރަށް ބައްދަލުކުރާކަށް ނިޔާޒް ބޭނުމެއްނުވިއެވެ.
ހަނދުވެނިފާންކަން މުޅި ރަށުތެރެއަށް ވެރިވެގެންފިއެވެ. ނިޔާޒް މަޑުމަޑުން ގޮސް އޭނާގެ މަންމަގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ކޮޓަރި ތެރޭގައި ފަޒްރާގެ އެއްވެސް ހިލަމެެއްނެތެވެ. މުޅި ގެ ބެލި އިރުވެސް ފަޒްރާއެއް ނުފެނުނެވެ. ނިޔާޒްގެ ހިތް ތެޅެންފެށިއެވެ. މުޅި ރަށުގެ އެކިތަންތަން ހޯދާ ބަލަމުން ނިޔާޒް މުޅި ރަށުގައި ދުވަމުން ގެންދިޔައެވެ. ހިނދުކޮޅެއްގެ ތެރޭގައި މުޅިރަށަށް ފެތުރިގެން ދިޔައީ ފަޒްރާ ގެއްލުނު ޚަބަރެވެ. މަލްކާއި އާއި ނިރާފްގެ ކަންފަތުގައިވެސް އެޚަބަރު ޖެހުނުކަމުގައިވިޔަސް އެމީހުން އެކަމާއި އަޅައެއް ނުލައެވެ.
ފުލުހުންގެ އެހީތެރިކަމާއި އެކުގައި ފަޒްރާ ހޯދުމުގެ މަސައްކަތް އިތުރަށް ވަރުދަގަކުރިއެވެ. ނިޔާޒްވެސް މުޅި ރަށުތެރޭގައި ދުވަމުން ދަނިކޮށް އޭނާގެ ކަންފަތުގެ ހިނދުރި ތޮޅުފާލީ ފަޒްރާގެ މަރުގެ ޚަބަރުންނެވެ. ނިޔާޒަށް ވީގޮތްވެސް ނޭނގުނެވެ. މުޅި މީހާގެ ހަރަކާތް ހުއްޓުނެވެ. ފަޅުގެއެއްގައި ފަޒްރާ ދަންޖެހުނު ޚަބަރު ޤަބޫލުކުރާކަށް ނިޔާޒު ހިތް އެއްބަހެއްނުވިއެވެ.
“ނޫން… އެހެންނުވާނެ…. އަހަރެންގެ މަންމަ ދަންޖެހިގެން މަރެއް ނުވާނެ…. އަހަރެންގެ މަންމަގެ މަރުގެ ކަންތައް ތަހުޤީގު ކޮށްދީ…. ހެޔޮނުވާނެ…. އަހަރެންގެ މަންމަ އަމިއްލައަށް މަރެއްނުވާނެ… އަހަރެންގެ މަންމައަކީ ހިތްވަރުގަދަ ކެތްތެރި މާތް އިންސާނެއް…” ފުލުހެއްގެ ފައިބުޑަށް ވެއްޓި ނިޔާޒް ރޯންފެށިއެވެ.
“ހިތްވަރުކުރޭ…. އަހަރެމެން މި މަރު ތަހުޤީގު ކުރާނަން….” ފުލުހަކު އައިސް ނިޔާޒު ކޮޅަށް ނަގަމުން އޭނާއަށް ހިތްވަރު ދިނެވެ.
މުޅި ބިލެތްދޫގައި ފަޒްރާގެ މަރުގެ ވާހަކަ އެކިގޮތް ގޮތަށް ދައްކަމުން ދިޔައެވެ. ދެމީހަކު އެއްތަން ވެއްޖެއްނަމަ އޮންނަނީ އެވާހަކައެވެ. އެއްބަޔަކު ބުނަނީ ފަޒްރާ އަމިއްލައަށް ދަންޖެހިގެން މަރުވީއެވެ. އަނެއްބަޔަކު ބުނަމުން ދިޔައީ ބަޔަކު ރާވައިގެން ފަޒްރާ މަރާލީއެވެ. ފަޒްރާ ގެ ހަށިގަނޑު ވަގުތުން ވަޅުލުމަށް މަލްކާ އާއި ނިރާފް އެދުނުކަމުގައި ވިޔަސް ނިޔާޒުގެ އެދުމަށް ފުލުހުން ފަޒްރާގެ ހަށިގަނޑު ވަޅުނުލައި މަޑުކުރިއެވެ. އަދި ވަރަށް ސީރިއަސްކޮށް މައްސަލަ ތަހުޤީގުކުރަން ފެށިއެވެ. މައްސަލަ ބަލާ ނިމުމާއި އެކު ފުލުހުން ފަޒްރާގެ މަރުގެ ހަޤީޤަތް މުޅި ރާއްޖެއަށް ހާމަކުރިއެވެ. މަރުގެ ހަޤީޤަތް އެނގުމާއި އެކު މުޅި ޤައުމު ދިޔައީ ސިއްސައިގެންނެވެ. ފަޒްރާ ދަންޖެހިގެން މަރުވީއެއްނޫނެވެ. ބަޔަކު މަރާލައިފައި ދަން ޖެއްސުވީއެވެ. އެއީ ފަޒްރާގެ ދެ ދަރިންކަމުގައިވާ މަލްކާާއާއި ނިރާފެވެ. ތަހުޤީގުގައި އަމިއްލަ އިއުތިރާފުން އެކަމަށް ދެމީހުންވެސް އެއްބަސްވީއެވެ. މަންމަ މަރާލީ ރަށްމެދަށް ބަލިވެ އިނުމުން އެކަން އިތުރު ބަޔަކަށް ނޭނގުމަށް ކަމަށް ތަހުޤީގުގައި ފަޒްރާގެ ދެ ދަރިން ވެސް ބުންޏެވެ. އެހެނަސް ފަޒްރާގެ ފޮރުވިފައިވާ ހަޤީޤަތް ފަހުން މަލްކާއާއި ނިރާފަށް އެނގުމުން ވަރަށް ރުއެވެ. ވަރަށް ހިތާމަ ކުރިއެވެ. އެކަމު ވަގުތު ފާއިތުވެއްޖެއެވެ. މިދުނިޔޭގެ ވައިން އެއްވެސް ކުށަކާއި ނުލައި ފަޒްރާ މަޙުރޫމް ކޮށްލީއެވެ. މަލްކާ އާއި ނިރާފަށް އުމުރު ދުވަހުގެ ޖަލު ހުކުމް އައި އިރު ފުލުހުން މޫސަ ވެސް ހައްޔަރުކޮށް ޖަލަށްލިއެވެ.
ނިޔާޒް އޭނާގެ މަންމައަށް ޢަދުލް އިންޞާފު ހޯދައިދިނެވެ. ފަޒްރާ މި ދުނިޔެ ދޫކޮށް ދިޔަސް ފަޒްރާގެ ހަނދާންތައް އަބަދުމެ ނިޔާޒް އާއި އެކު ތާއަބަދު ހުންނާނެ ކަމަށް ނިޔާޒް ބުނަމުން ދިޔައެވެ. ފަޒްރާއަށް ވަދާޢީ ބޮސް ދެމުން އެންމެ ފަހު ޖުމުލައަކަށް ނިޔާޒް ބުނެފައިވަނީ މަންމަދެކެ ލޯބި އަބަދަށް ވާނެކަމަށެވެ.
ނިމުނީ
ލިޔުންތެރިޔާގެ ފުރަމަލަ
- ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޯގަސްޓް 2023ހާދިސާހާހޫރަ – ކުރު ވާހަކަ
- 2 ސެޕްޓެމްބަރ 2020ޚަބަރުފުޓުބޯޅަ ދަނޑުގައި ވިލްފުގެ ހުނަރުވެރިކަން ފެނި އަންތަރީސްވެއްޖެ!
- 31 ޖުލައި 2020ޚަބަރުޖައިލަމްގެ ފިޓް ބޮޑީ، “ކުލަ ފިހިން” – ޗާލު ދޯ!
- 8 ޖުލައި 2020ޚަބަރުކުރީގެ ފިލްމީ ތަރި، ލިލިއަންގެ ދަރި ޖައިލަމް މިހުރީ! ވަރަށް ފިޓް!