18 އަހަރުން ދަށުގެ ކުޅުންތެރިންގެ ސޮއި ހޯދުމުގައި، ޗެލްސީ އިން ފީފާ ޓްރާންސްފަރ ގަވާއިދުގެ ދެ މާއްދާއަކާއި ޚިލާފުވެފައި ވާތީ، 2 ޓްރާންސްފަރ ބާޒާރު ނިމެންދެން ޗެލްސީ އަށް އިތުރު ކުޅުންތެރިއެއް ނުގެނެވޭނެ ގޮތް ހަދައި، މިއަހަރުގެ ފެބްރުއަރީ މަހުގައި ފީފާ އިން ދިފައިވާ އަދަބު، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އިން ކުޑަކޮށްދީފިއެވެ.

ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އިން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ އެވަރުގެ ކުށަކަށް 2 ޓްރާންސްފަރ ބާޒާރަށް ސަސްޕެންޑް ކުރުމަކީ ބޮޑު އަދަބެއް ކަމަށާއި، އެ ކުށްތަކުގެ އަދަބަކަށް 1 ޓްރާންސްފަރ ބާޒާރަށް ސަސްޕެންޑް ކުރުމުން ފުދޭނެކަމަށެވެ.

ޗެލްސީ ސަސްޕެންޑް ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގައި ކަމަށްވެފައި، އޭގެ ފަހުން ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރު ފާއިތުވެފައިވާތީ، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އިން ކުރި ހުކުމާއި އެކު، މި އަންނަ ޖެނުއަރީ މަހުގައި އޮންނަ ފިނި މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ޗެލްސީ އަށް ކުޅުންތެރިން ގެނެވޭނެއެވެ.

ޗެލްސީ އިން މި އަހަރުގެ އޭޕްރިލް މަހުގައި ފީފާގެ ނިންމުން މުރާޖަޢާ ކޮށްދިނުމަށް އެދި ފީފާގެ އެޕީލް ކޮމިޓީ އަށް ހުށަހެޅި ނަމަވެސް، އެޕީލް ކޮމިޓީން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ. ޗެލްސީ އިން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އަށް މި މައްސަލަ ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.