ލާމު އަތޮޅަށް ޚާއްޞަ، ރަހަ މީރު ކެއުމެއް ކަމަށްވާ ލާމު “ގޮޅަރިހަ ކޭން”ގެ ނަމުގައި ލާމު ޓުއަރގެ ފަރާތުން އިންތިޒާމުކޮށްގެން މުޅި ލާމު އަތޮޅު ބައިވެރިވާގޮތަށް ބާއްވާ ބޮޑުކޭން ބޭއްވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް ލާމު ޓުއަރ އިން ބުނެފިވެ.

ލާމު ގޮޅަރިހަ ކޭމަކީ ލާމު ލޯކަލް ޓުއަރ އިން އިސްންގައިގެން ލ. އަތޮޅުގޭ ހުރިހައި ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. ލާމު ޓުއަރ އިން މިރޭ މުނިއަވަސް އަށް ބުނީ މި ކޭމަށް ލ. އަތޮޅުގެ ހުރިހައި ރަށަކުން ވަރަށް ފޯރިއާއިއެކު ތައްޔާރުވަމުން އަންނަ ކަމަށެވެ.

މި ހަރަކާތުގައި ލާމު ރަށްތަކުގެ ބައެއް ކުލަބް، ޖަމްއިއްޔާ، ކޯޕަރޭޓިވް ސޮސައިޓީ ތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާ ތަކާއި އަމިއްލަ އޮފީސް ކުންފުނިތަކުން އެރަށެއްގެ ކޮމެޓީ ތަކާއި ގުޅިގެން ބައިވެރިވެފައިވެއެވެ.

މި ކޭމުގައި ރަށްރަށުން 5-7 މީހުންގެ ގުރޫޕް ހެދުމަށްފަހު އެއްމެ ފުރިހަމައަށް ކާން ތައްޔާރުކުރާ ގުރޫޕް ހޮވުމަށް ވާދަވެރިކަމާއިއެކު ބައެއް ރައްރަށުގައި ތައްޔާރުވަމުންދާއިރު ލާމު ޓުއާރގެ ފޭސްބްކު ޕޭޖަށް މެސެޖް ކޮށްގެންވެސް ރަށްރަށުން ވަނީ ގްރޫޕްތައް ހަދާފައެވެ.

ލާމު ގޮޅަރިހަ ކޭމަށް ގޮޅަ ހެދުމުގެ މަސައްކަތުގައި ރަށެއްގެ އަންހެނުންތަކެއް – ފޮޓޯ: ލާމު ޓުއަރ

“މިހާރު އިވެންޓް ބޭއްވުމަށް ކޮންމެ ރަށެއްގެ ބީޗުން ތަނެއް ފައިނަލްކުރުމަށްފަހު ތަން ސާފުކޮށް ޒީނަތްތެރި ކުރަމުން ދަނީ. މީގެ އިތުރުން ގޮޅަ ހެދުމަށް މަސް ހޯދުމާ، ބައެއް ރަށްރަށުން މިހާރު ގޮޅަ ވެށުމުގެ ކަންތައްތައްވެސް ކުރިއަށް އެބަދޭ.” ލާމު ޓުއަރގެ ފައުންޑަރ ޢަބްދުﷲ ފައިސަލް މުނިއަވަސް އަށް ބުންޏެވެ. ފައިސަލް ބުނީ ތަން ޒީނަތްތެރިކުރުމުގެ ގޮތުން ފަނުން މުޅޯށި ފަދަ ތަކެތިވެސް ވިޔަމުން އަންނަ ކަމަށެވެ.

ފައިސަލް އިތުރަށް ބުނީ ގިނަ ރަށްރަށުގައި ލާމު ގޮޅަރިހަ ބޮޑުކޭން ބާއްވަނީ މާދަމާ މެންދުރު ކަމަށެވެ.

“އެ ރަށްރަށުގަ އިވެންޓް އޮންނާނީ މެންދުރު 12:00 ން ފެށިގެން 14:00 އާ ހަމައަށް.”

ގޮޅަ ރިހަ އިވެންޓް ކުރިއަށްދާއިރު، ސަގާފީ ހަރަކާތްތަކާއި ބޮޑުބެރު ހަރަކާތުގެ އިތުރުން ބައެއް ސަޕްރައިޒް ތައްވެސް ބައެއް ރަށްރަށުން ރާވާފައިވެއެވެ.

ލާމު ގޮޅަރިހަ ކޭން އިވެންޓަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަކަން ވަރަށް ޝުކުރުވެރިކަމާއެކު ލާމު ޓުއަރ އިން ފާހަގަކުރެއެވެ. އެކަމުގެ ސަބަބުން ލާމު އަތޮޅު ރައްޔިތުންގެ އިޖުތިމާޢި ގުޅުން ބަދަހިވެ ލާމު ޕްރޮމޯޝަނަށް އިތުރު ކުރިއެރުންތަކެއް ލިބިފައިވާކަމަށްވެސް ލާމު ޓުއަރ އިން ބުނެއެވެ.

ލާމު ގޮޅަރިހަ ކޭން އިވެންޓަށް ޚާއްޞަކޮށްގެން ލާމު ޓުއަރ އިން ވަނީ ޚާއްޞަ ލަވައެއް ތައްޔާރުކޮށް ސައުންޑް ކްލައުޑަށް ލާފައެވެ. މި ލަވައިން މި އިވެންޓްގެ ވާހަކަތަކާއި ލާމު އަތޮޅަށް މެހެމާނުން ދޯޅު ކުރުމަށް ލާމު ޓުއަރ އިން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށްފައިވެއެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.