ވާދަވެރި މެންޗެސްޓަރ ސިޓީ އިން ޖެހިޖެހިގެން އިނގެރޭސި ޕްރިމިއަރ ލީގު ހޯދައި، މިސީޒަނުގައި އެޓީމާއި ދޭތެރޭގައި 11 ޕޮއިންޓްގެ ފަރަގެއް އޮތްކަމުގައި ވީނަމަވެސް، މެންޗެސްޓަރ ޔުނައިޓެޑް އަކީ މާ ބޮޑު ކުލަބެއް ކަމަށް އެޓީމުގެ ކޯޗު އޮލެ ގުނަރ ސޯލްޝެއާ ބުނެފިއެވެ.

2013 ވަނަ އަހަރުގެ ފަހުން މެންޗެސްޓަރ ޔުނައިޓެޑް އަށް އިނގިރޭސި ޕްރިމިއަރ ލީގު ހޯދިފައި ނުވިނަމަވެސް، އަދިވެސް އެންމެ ކާމިޔާބު ކުލަބަކީ މެންޗެސްޓަރ ޔުނައިޓެޑް ކަމަށާއި، އެޓީމު އަދި ފުޓްބޯޅައިގެ އެންމެ މަތީ ފަންތި އަށް އެނބުރި އަންނާނެ ކަމަށް ސޯލްޝެއާ ބުނެފައިވެއެވެ.

“ކުލަބުގެ ބޮޑުމިނަށް ބަލާއިރު، އަހަރެމެން އެބަޖެހޭ އަހަރެމެންގެ މަތީގައި އޮތް ޓީމުތަކާއި ދެމުދެގައި އޮތް ޕޮއިންޓުގެ ފަރަގު ކުޑަކުރަން. އަހަރެމެންގެ މަގުސަދަކީ ތާވަލުގައި އަހަރެމެންގެ މަތީގައި އޮތް ޓީމުތައް ފަހަތަށް ޖައްސާލުން. އަހަރެން މީ ޓީމަށް އިތުބާރުކުރަން. އެއީ އަހަރެމެން ކުރަންޖެހޭ ކަމަކީ. އަހަރެމެންގެ އަތުގައި ވަސީލަތްތައް އެބަހުރި. މީހުން އެބަތިބި. ދެން ކީއްވެ ނުވާންވީ؟” އަވަށްޓެރި ވާދަވެރިޔާ، މެންޗެސްޓަރ ސިޓީ އާއި ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސޯލްޝެއާ ބުންޏެވެ.

ސޯލްޝެއާ މެންޗެސްޓަރ ޔުނައިޓެޑާއި ކުޅުންތެރިއެއްގެ ގޮތުގައި ގުޅުނީ 1996 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައެވެ. އޭގެ ކުރިން ސީޒަނުގައި މެންޗެސްޓަރ ސިޓީ ދެވަނަ ޑިވިޝަނަށް “ރެލިގޭޓް” ވެފައި ވުމުން ސޯލްޝެއާ އަށް މެންޗެސްޓަރ ޑާބީ އެއް ކުޅެން ލިބުނީ އޭގެ ފަސް އަހަރު ފަހުން މެންޗެސްޓަރ ސިޓީ އަލުން ފުރަތަަމަ ޑިވިޝަނަށް “ޕްރޮމޯޓް” ވުމުން 2001 ވަނަ އަހަރުގައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމަށް ޖޯކް ޖަހަމުން ސޯލްޝެއާ ބުނީ    “އަހަރެމެން މިހާލުގައި އޮތަސް ޕްރިމިއަރ ލީގު އެބަކުޅެން ކޮންމެ އަހަރަކު. އަހަރެންނަށް ވެސް މެންޗެސްޓަރ ޑާބީ އެއް ކުޅެލަން ލިބުނީ އެތައް އަހަރެއް ފަހުން.”

ފާއިތުވެދިޔަ ސީޒަންތަކުގައި މެންޗެސްޓަރ ސިޓީ ކާމިޔާބީތައް ހޯދި ނަމަވެސް މެންޗެސްޓަރ ޔުނައިޓެޑް އަކީ އަދިވެސް އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު އަދި އެންމެ ބޮޑު ކުލަބު ކަމުގައި ސޯލްޝެއާ ބުންޏެވެ.

1992 ވަނަ އަހަރުން އިނގެރޭސި ފުޓްބޯޅަ ލީގަށް ބަދަލުތަކެއް ގެނެސް އިނގެރޭސި ޕްރިމިއަރ ލީގުގެ ނަމުގައި ކުޅެން ފެށިފަހުން 13 ތަށްޓާއެކު، އެންމެ ގިނައިން ލީގު ހޯދާފައިވަނީ މެންޗެސްޓަރ ޔުނައިޓެޑެވެ. މީގެއިތުރުން މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ފީފާ ކްލަބް ވޯލްޑްކަޕް 1 ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު 3 ފަހަރު، ޔުއެފާ ސުޕަރ ކަޕް 1 ފަހަރު، ޔުއެފާ ޔޫރޮޕާ ލީގު 1 ފަހަރު، ޔުއެފާ ކަޕް ވިނާސް ކަޕް 1 ފަހަރު، އެފްއޭ ކަޕް 12 ފަހަރު، ލީގު ކަޕް 5 ފަހަރު އަދި ކޮމިއުނިޓީ ޝީލްޑް 21 ފަހަރު ހޯދާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.