މިމަހުގެ 1 ވަނަ ދުވަހުންފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ނޭޕާލްގައި ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ލޯ މެޑަލް ހޯދައި ތާރީޚުން ޖާގަ ހޯދައިފި އެވެ.

ނޭޕާލްގެ ޕޮކަރާ ސިޓީގެ ދަނޑުގައި މިއަދު ކުޅުނު މެޗުގައި އަވަށްޓެރި ސްރީލަންކާގެ މައްޗަށް 1-2 ގެ ނަތީޖާއަކުން ކުރިހޯދައިގެން ގައުމީ އަންހެން ފުޓްބޯޅަ ޓީމު ލޯ މެޑަލް ކާމިޔާބުކުރިއިރު، މިއީ މިހާތަނަށް ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ހޯދި އެންމެ ބޮޑު ކާމިޔާބީކަން ފާހަގަކޮށްލެވެއެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމު ލޯ މެޑެއްޔާއެކު / ފޮޓޯ: ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އަންހެން ޓީމަށް މީގެ ކުރިން ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 2016 ވަނަ އަހަރު އިންޑިއާގައި އޮތް ސާފް ޗެމްޕިއަންޝިޕް އަންހެން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރުމެވެ. މިއަދުގެ މެޗުގައި ރާއްޖޭގެ ގޯލުތައް ޖަހައިދިނީ އައިމިނަތު ޝާމިލާ އާއި އައިޝަތު ފިރުޝާ އެވެ.

ސައުތު އޭޝިއަން ގޭމްސްގެ އަންހެން ފުޓްބޯޅަ އިވެންޓް ގެންދަނީ ލީގު އުސޫލުން އެއް ޓީމު އަނެއް ޓީމާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. އެގޮތުން އެންމެ ގިނަ ޕޮއިންޓް ހޯދައިގެން އިންޑިއާ އާއި ނޭޕާލް ފައިނަލަށް ދަތުރުކުރިއިރު، އެއްވެސް ޕޮއިންޓެއް ލިބިފައިނުވާ ލަންކާ އަދި ރާއްޖެ އަށް މިއަދުގެ މެޗުން މޮޅުވެ ތިންވަނަ ހޯދައިގެން ލޯ މެޑަލް ހޯދުމުގެ ފުރުސަތު އޮތެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ވަނީ ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.