އިނގެރޭސި ޕްރިމިއަރ ލީގުގައި މިރޭ އެވަޓަން އާއި ޗެލްސީ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެވަޓަން އިން ޗެލްސީ މާޔޫސްކޮށްލައިފިއެވެ.

އެވަޓަންގެ ދަނޑު، ގޫޑިސަން ޕާކުގައި ކުޅުނު މިމެޗު ފެށުނުތަނާ ކަހަލަގޮތަކަށް އެވަޓަން އިން ވަނީ ގޯލެއް ޖަހާ ޗެލްސީ ސިއްސުވާލާފައެވެ. މެޗުގެ 5 ވަނަ މިނެޓުގައި އެވަޓަންގެ ޑިފެންޑަރު ޑިޖިބްރަލް ސިޑިބޭ ނަގައިދިން ހުރަހަކުން މި ގޯލު ކާމިޔާބުކޮށްދިނީ ރިޗާލިސަން އެވެ. މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ޗެލްސީ ކުޅުނު ނަމަވެސް، ގިނަ ހަމަލާތައް އުފައްދާފައިވަނީ އެވަޓަން އިން ކަންް ފާހަގަކޮށްލެވެއެވެ. ހާއްސަކޮށް ކައުންޓަރ އެޓޭކް ތަކުގައި އެވަޓަން އިން ވަނީ ވަރަށް ނުރައްކާ ކޮށްފައެވެ.

ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ޗެލްސީ ގެ ޑިފެންޑަރުންނަށް ހެނދުނު ގޯހެއްގެ ފައިދާ ނަގައި، ކެލްވާޓް ލެވިން ގޯލެއް ޖަހާ އެވަޓަންގެ ލީޑު ވަނީ ފުޅާކޮށްދީފައެވެ. ޗެލްސީ އިން ގޯލެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 52 ވަނަ މިނެޓުގައެވެ. އޭރިއާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މި ގޯލު ކާމިޔާބުކޮށްދިނީ މަޓެއޯ ކޮވަސިޗް އެވެ. އެވަޓަންގެ ތިންވަނަ ގޯލަކީ ވެސް ޗެލްސީގެ ޑިފެންޑަރުންނަށް ހެނދުނު ގޯހަކުން ކާމިޔާބު ކުރި ގޯލެކެވެ. 84 ވަނަ މިނެޓުގައި މިގޯލު ވެސް ކާމިޔާބުކޮށްދިނީ އެވަޓަންގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިން ކެލްވާޓް ލެވިން އެވެ.

ގޯލު ޖެހުމަށްފަހު ކެލްވާޓް ލެވިން އުފާފާޅުކުރަނީ / ފޮޓޯ ޑެއިލީ މެއިލް

 

އެންމެ ފަހުން ލިވަޕޫލް އާއި ބައްދަލުކުރި މެޗުން 5-2 ގެ ނަތީޖާއަކުން އެވަޓަން ބަލިވުމުން، އެޓީމުގެ ކޯޗު މާކޯ ސިލްވާ މަގާމުން ވަކިކޮށް މިއަދުގެ މެޗަށް ނިކުތީ ވަގުތީ ކޯޗު ޑުންކަން ފާގަސަން އާ އެކުގައެވެ. މި މެޗުން މޮޅުވުމުން އެ ޓީމު ވަނީ ރެލިގޭޝަން ޒޯނުން މައްޗަށް ޖެހި، 17 ޕޮއިންޓާއެކު ތާވަލުގެ 15 ވަނަ އަށް އަރާފައެވެ. ޗެލްސީ މި މެޗުން ބަލިވި ނަމަވެސް ،16 މެޗުން ލިބުނު 29 ޕޮއިންޓާއެކު އޮތީ ހަމަ ތާވަލުގެ ހަތަރުވަނައިގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.