އއ. މާޅޮހު ކައުންސިލުން ކުރިޔަށް ގެންދާ މާޅޮސް ލީގް 2019 ފުޓްބޯޅަ މުބާރާތުގެ ފައިނަލްމެޗް މިއަދު ހަވީރު މާޅޮހު ދަނޑުގައި އޮންނާނެއެވެ. ޖުމްލަ 5 ޓީމް ވާދަކުރި މިމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ވާނުވާ އާއި ދަނޑި ސްޕޯރޓްސް އެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ ފައިނަލަށް ދަތުރުކޮށްފައިވާ ‘ވާނުވާ’ އާއި ‘ދަނޑި ސްޕޯރޓްސް’ގެ އިތުރުން ‘ކުލަބް އަލްފާ’ އާއި ‘ދަނޑި ޔުނައިޓެޑް’ އަދި ‘ކުލަބް އަލްފާ ވޯވޯ’ އެވެ.

އަހަރުތަކެއް ކުރިން ފެށިގެން ކުރިޔަށް ގެންދާ މާޅޮސްލީގު ވަގުތީގޮތުން މެދުކަނޑާލީ ދިވެހިލީގަށް މާޅޮސްޓީމް ކޮލިފައި ވުމުންނެވެ. ވަގުތީގޮތުން މެދުކަނޑާލި ލީގު މިއަހަރު މިވަނީ އަނެއްކާ ވެސް ބާއްވަން ފަށާފައެވެ.

މިނިވަން ޗެންޕިއަންޝިޕްގައި ވާދަކޮށް ހޯދި ކާމިޔާބީއާއެކު ދިވެހިލީގުގައި ވާދަކޮށްފައިވާ އއ. މާޅޮހަށް ނިސްބަތްވާ މާޅޮސް ލީގަކީ ގައުމީ ފެންވަރުގައި ވާދަކޮށްފައިވާ ގިނަކުޅުންތެރިންތަކެއް ކުޅެމުން އަންނަ ލީގެކެވެ. ފުރަތަމަ ޑިވިޝަން ގައި ކުޅެފައިވާ ކުޅުންތެރިން ވެސް މިއަހަރުގެ މާޅޮސްލީގުގައި ކުޅެމުންދެއެވެ.

ކުޅުނު ހަތަރުމެޗުގެ ތެރެއިން ދެމެޗުން މޮޅުވެ ދެމެޗް އެއްވަރުކޮށް 8 ޕޮއިންޓް ހޯދާ ގޯލްގެ ތަފާތުން ލީގުގެ އެއްވަނަޓީމްގެ ގޮތުގައި ދަނޑި ސްޕޯޓްސް ފައިނަލަށް ދަތުރުކޮށްފައިވާއިރު ލީގުގެ ދެވަނަ ހޯދައިގެން ފައިނަލަށް ދަތުރުކުރި ވާނުވާ ޓީމް ވެސް ވަނީ 4 މެޗުގެ ތެރެއިން ދެމެޗް ކާމިޔާބުކޮށް ދެމެޗް އެއްވަރުކޮށް 8 ޕޮއިންޓް ހޯދާފައެވެ.

މީގެކުރިން ވެސް ފައިނަލް ކުޅެފައިވާ ވާނުވާ ޓީމަކީ މުބާރާތުގެ ޗެންޕިއަންކަން ވެސް ހޯދާފައިވާ ޓީމެކެވެ.

މުބާރާތުގައި ކުޅުންތެރިން ޖަހާފައިވާ ގޯލްގެ އަދަދުތަކަށް ބަލާއިރު އެންމެ ކުރީގައި އުޅެނީ ދަނޑި ސްޕޯރޓްސް އަށް ކުޅެމުން އަންނަ ޓީސީގެ ފޯވާރޑް އަހްމަދު އާރިފް އެވެ. ކުލަބް އަލްފާ ވޯވޯކޮޅަށް އާރިފް 5 ގޯލް ޖަހާފައިވާއިރު ދަނޑި ޔުނައިޓެޑްގެ އާދަމް ސަހީމް ވެސް ވަނީ އަލްފާ ވޯވޯކޮޅަށް 4 ގޯލް ޖަހާފައެވެ. ފައިނަލަށް ގޮސްފައިވާ ދަނޑިޔުނައިޓެޑަށް ކުޅެމުން އަންނަ އަހްމަދު އާރިފް އަށް އަދިވެސް ގޯލް ޖެހުމުގެ ފުރުސަތު ތަނަވަސްވެފައިވާއިރު ދަނޑި ޔުނައިޓެޑްގެ އާދަމް ސަހީމަށްވަނީ މުބާރާތް ނިމިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.