ޕިލިޕީންސްގެ ޑަވާއޯ ސިޓީގެ ސެންޕެޑްރޯ ކޮލެޖްގެ ދަރިވަރުންތަކެއް ކިޑްނީ ހިލަ ނައްތާލާނެ ފަރުވާއެއް ހޯދައިފިއެވެ. މި ދަރިވަރުން ހެދި ދިރާސާއަކުން ދައްކާގޮތުގައި ދެން އެންމެ އަވަހަށް ކިޑްނީ (ގުރުދާ) ހިލަ އުފެދުން ހުއްޓުވާ ހަކީމީ ފަރުވާއަކަށްވާނީ ކެޔޮދަޅިއެވެ.

ކިޑްނީ ހިލަ ނުވަތަ ރީނަލް ކަލްކިއުލައި އަކީ ކުޑަކަމުދާ ތަކެތީގައި ހިމެނޭ އެސިޑުން އުފެދޭ ކުރިކީލަ ތަކެއް ޖަމާވެގެން އުފެދޭ ހަރު އެއްޗެކެވެ. މިފަދަ ހިލަ އުފެދެން މެދުވެރިވާ ކަންކަމުގެ ތެރޭގައި ފެންބުއިން މަދުވުމާއި ކުޑަކަމުދާ ތަކެތީގައި އެސިޑް ގިނަވުމާއި ރަތްކުލަގަދަ އެއްގަމުމަހާއި ތޮޅިފަދަ ޕްރޮޓީންގިނަ ކާނާ ކެއުމާއި ދަޅުގައި ބަންދުކުރި ލޮނު ހިމެނޭ ކާނާއާއި ބޯވެލި، ކަޅުސައި، ބަދަން ކޮކޯ ފަދަ އޮކްސަލޭޓް ހިމެނޭ ކާނާ ގިނައިން ބޭނުންކުރުން ހިމެނެއެވެ.

މިދިރާސާ ކުރުމަށްޓަކައި، ކިޑްނީހިލަ އުފެދޭ ބޭސްތަކެއް އިންޖެކްޝަންގެ އެހީގައި މީދާތަކެއްގެ ހަށިގަނޑަށް ވާސިލު ކުރުމަށްފަހު، ކެޔޮދަޅީގެ ތާސީރު ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ ކެޕްސޫލް 10 ދުވަސް ވަންދެން ކާންދިނެވެ.

ލެބޯޓްރީ ތަހުލީލުތަކުން ދެއްކި ގޮތުގައި ކެޔޮދަޅި ކެޕްސޫލް ކާންދިން މީދާތަކުގެ ކިޑްނީގައި ހިލައެއް ނުއުފެދެއެވެ. އެމީދާތަކުގެ ލެޔާއި ކުޑަކަމުދާތަކެތި ޓެސްޓް ކުރުމުން އެނގުނީ އެއެއްޗެހީގެ ކިޑްނީ ރަނގަޅަށް މަސައްކަތް ކުރާކަމެވެ. މިހެންވަނީ ކެޔޮދަޅީގައި ގިނަ އަދަދަކަށް މެގްނީސިއަމް އާއި ޕޮޓޭސިއަމް އެކުލެވިފައި ވާތީއެވެ.

ތަހުލީލުކުރި ދަރިވަރުން ބުނެދިން ގޮތުގައި ކިޑްނީގައި އުފެދޭ އޮކްސަލޭޓް ވަރަށް އަވަހަށް މެގްނީސިއަމްއާ އެކުވެ ބާރު ކަނޑުވާލައި ހިލަ އުފެދުން ހުއްޓުވައެވެ. ހަމަ އެއާއެކު ޕޮޓޭސިއަމުން ކުޑަކަމުދާ ތަކެތީގައި އެކުލެވޭ އެސިޑްގެ ބާރު ދަށްކޮށްދީ ހިލައުފެދުމުން ދުރުކޮށްދެއެވެ.

ކިޑްނީގެ ހިލައުފެދުމުން އެކަމަށް ފަރުވާ ކުރެވޭނެ ބޭސް އުފެއްދިފައި ވީކަމުގައިވިޔަސް، އެބަލިން ރައްކާތެރިވެ ތިބުމަކީ އެންމެ ފައިދާހުރި ގޮތެވެ.

ކިޑްނީގައި އުފެދޭ ހިލަ ނައްތާލުމަށް ކުރެވޭ އޮޕަރޭޝަނަކީ ޚަރަދުބޮޑު ކަމެކެވެ. ވީމާ މިއީ ފަގީރުންނަށް އަތްފޯރާ ވަރުގެ ކަމެއްނޫނެވެ. ތަހުލީލު ކުރި ފަރާތުން ދެކޭގޮތުގައި ކެޔޮދަޅި ބޭނުންކޮށްގެން ހޯދުނު މި ފަރުވާއަކީ އެންމެންނަށްވެސް ހޯދޭ ވަރުގެ އަގުހެޔޮ ފަރުވާއެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.