ފުޓްބޯޅައިގެ ދުނިޔޭގައި ހުނަރުން ފުރިގެންވާ ތަފާތު މޮޅެތި އެތައް ކުޅުންތެރިން ތިބިނަމަވެސް، ޖެހިޖެހިގެން ގިނަ މެޗުތަކުގައި ގޯލު ޖެހުމަކީ އެހާ ފަސޭހަ އަދި އާދައިގެ ކަމެއްނޫނެވެ. ކޮންމެ އަކަސް ފުޓްބޯޅައިގެ ތާރީޚުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުތަކުގައި ގޯލް ޖަހާފައިވާ  ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި ތިބީ ކޮން ކުޅުންތެރިންނެއް ތޯ ބަލާލަމާ ހިނގާށެވެ.

ޖޭމީ ވާޑީ: 11 (އިންގްލިޝް ޕްރިމިއަރ ލީގް)

ފުޓްބޯޅައިގެ ދުނިޔެ ސިއްސުވާލުމަށްފަހު ލެސްޓާ ސިޓީ އިން 2015 ވަނަ އަހަރު އިނގިރޭސި ޕްރިމިއަރ ލީގު ހޯދިއިރު، ވާޑީ ވަނީ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލުޖަހައި، ނެދަލޭންޑްސް އަދި މެންޗެސްޓަރ ޔުނައިޓެޑް ގެ ލެޖެންޑް ވޭން ނިސްޓެލްރޫއީ ހަދާފައިވާ ރެކޯޑް މުގުރާލާފައެވެ. ނިސްޓެލްރޫއީ ޖެހިޖެހިގެން 10 މެޗުގައި ގޯލު ޖަހައިގެން ހެދި ރެކޯޑް ވާޑީ މުގުރާލީ ޖެހިޖެހިގެން 11 މެޗު ގޯލު ޖަހައިގެންނެވެ.
ރޭގެ މެޗުގައި އެސްޓަންވިލާ ކޮޅަށް ގޯލު ޖަހައިގެން އޭނާ ވަނީ މިސީޒަނުގައި ޖެހިޖެހިގެން 8 މެޗުގައި މިހާތަނަށް ގޯލު ޖަހައި، 2015 ވަނަ އަހަރުގައި އޭނާ ހަދާފައިވާ ރެކޯޑް މުގުރާލުމަށް މިސްރާބު ޖަހާފައެވެ.

 

ގެބްރިއަލް ބަޓިސްޓޫޓާ: 11 (އިޓާލިއަން ސީރީ އޭ)

ފިއޮރެންޓީނާ، ރޯމާ އަދި އިންޓަ މިލާނަށް ކުޅެފައިވާ “ލެޖެންޑަރީ” ފޯވާޑް ބަޓިސްޓޫޓާ އަކީ ގޯލު ޖެހުމުގައި ކުޅަދާނަ ކުޅުންތެރިއެކެވެ. އޭނާ 1994/1995 ގެ ސީޒަނުގައި ފިއޮރެންޓީނާ އަށް ކުޅުނުއިރުގައި ސީޒަން ފެށި މެޗުން ފެށިގެން ޖެހިޖެހިގެން 11 މެޗުގައި ގޯލު ޖަހައިގެން އިޓާލިއަން ލީގުގައި ހަދާފައިވާ މި ރެކޯޑް އެހެން ކުޅުންތެރިއަކަށް އަދިވެސް މުގުރާލެވޭ ގޮތެއް ނުވެއެވެ.

 

ރޮބަޓް ލެވަންޑޮވްސްކީ: 12 (ބުންޑެސްލީގާ)

ޕޮލެންޑް ގެ ހުނަރުވެރި “ގޯލް މެޝިން” ލެވަންޑޮވްސްކީ ބުންޑެސްލީގާގެ 2012/2013 ގެ ސީޒަނުގައި ބޮރޫސިއާ ޑޯޓްމަންޑަށް ކުޅުނުއިރު ޖެހިޖެހިގެން 12 މެޗުގައި ވަނީ ގޯލު ޖަހާފައެވެ.

 

ޖިމީ ޑަން: 12 (އިންގްލިޝް ފަސްޓް ޑިވިޝަން)

އަޔަލެންޑް އަދި ޝެފީލްޑް ޔުނައިޓެޑް ގެ ލެޖެންޑް ޖިމީ ޑަން 1931/1932 ގެ ސީޒަނުގައި ޖެހިޖެހިގެން 12 މެޗުގައި ވަނީ ގޯލު ޖަހާފައެވެ. އެ ސީޒަނަށް ފަހު އޭނާ ވަނީ ޝެފީލްޑް ޔުނައިޓެޑުން އާސެނަލް އަށް ބަދަލުވެފައެވެ.

 

ސާޖް މަސްނަގެޓީ: 13 (ފްރެންޗް ޑިވިޝަން 1)

ފްރާންސްގެ ގައުމީ ޓީމަށް އެންމެ ދެ މެޗު ކުޅުނު ނަމަވެސް، ފްރާންސްގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުތަކުގައި ގޯލު ޖެހުމުގެ ރެކޯޑް އޮންނަނީ މަސްނަގެޓީ އަތުގައެވެ. އޭނާ ވަނީ 1962/1963 ގެ ސީޒަނުގައި ވެލެންސިއެނެސް އަށް ކުޅުނު އިރު ޖެހިޖެހިގެން 13 މެޗުގައި ގޯލު ޖަހާފައެވެ.

 

ސްޓަން މޯޓެންސެން: 15 (އިންގްލިޝް ފަސްޓް ޑިވިޝަން)

ވޯލްޑް ކަޕެއްގައި އެންމެ ފުރަތަަމަ ގޯލު ޖެހި އިނގިރޭސި ކުޅުންތެރިޔާގެ ރެކޯޑް އޮންނަ ބްލެކްޕޫލް ގެ ލެޖެންޑް މޯޓެންސެން ވަނީ 1950/1951 ގެ ސީޒަނުގައި ޖެހިޖެހިގެން 15 މެޗުގައި ގޯލު ޖަހާފައެވެ.

 

ޓޯ ހެނިންގ ހެމްރޭ: 15 (މެއިސްޓްރިލީގާ)

ނޯވޭގެ ހެމްރޭ އެސްޓޯނިއާ ލީގުގެ ފްލޯރާ ޓޭލިން އަށް 2002 ވަނަ އަހަރު ކުޅުނުއިރުގައި ޖެހިޖެހިގެން 15 މެޗުގައި ވަނީ ގޯލު ޖަހާފައެވެ.

 

ޖޯސެފް މާޓިނޭޒް: 15 (މޭޖާ ލީގު ސޮކާ/އެމް.އެލް.އެސް)

އެމެރިކާގެ މޭޖާ ލީގު ސޮކާގެ އެޓްލާންޓާ ޔުނައިޓެޑް އަށް ކުޅޭ ވެނެޒުއޭލާ އަށް އުފަން އުމުރުން 26 އަހަރުގެ ހުނަރުވެރި ފޯވާޑް މާޓިނޭޒް މޭޖާ ލީގު ސޮކާގެ މި ސީޒަނުގައި ޖެހިޖެހިގެން 15 މެޗުގައި ވަނީ ގޯލު ޖަހާފައެވެ.

 

ޓިއޮޑޯ ޕީޓަރެކް: 15 (އެކްސްޓްރަކްލާސާ)

ޕޮލެންޑު ފުޓްބޯޅަ ލީގުގެ ރުކް ކޮރްޒޯވް އަށް 1937/1938 ގެ ސީޒަނުގައި ކުޅުނުއިރު ޕީޓަރެކް ވަނީ ޖެހިޖެހިގެން 16 މެޗުގައި ގޯލު ޖަހާފައެވެ.

 

ގާޑް މުލާ: 16 (ބުންޑެސްލީގާ)

ޖާމަނީ އަދި ބަޔާން މިއުނިކް ގެ ލެޖެންޑް އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ގާޑް މުލާ ބުންޑެސްލީގާގެ 1969/1970 ގެ ސީޒަނުގައި ޖެހިޖެހިގެން 16 މެޗުގައި ގޯލު ޖަހައިގެން ހަދާފައިވާ މި ރެކޯޑް އަދިވެސް ބުންޑެސްލީގާގެ އެހެން ކުޅުންތެރިއަކަށް މުގުރާނުލެވެއެވެ.

 

ލިއޮނެލް މެސީ: 21 (ލަލީގާ)

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާ އަދި ބާސެލޯނާގެ ތަރި މެސީ، ލަލީގާގެ 2012/2013 ގެ ސީޒަނުގައި ޖެހިޖެހިގެން 21 މެޗުގައި ގޯލު ޖަހައިގެން ފުޓްބޯޅައިގެ ތާރީޚުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ވަނީ ހަދާފައެވެ. އެއް ސީޒަނެއްގައި 21 ގޯލު ޖެހުމަކީވެސް މޮޅުކަމެކެވެ. ނަމަވެސް ޖެހިޖެހިގެން 21 މެޗުގައި ގޯލު ޖެހުމަކީ އާދައިގެ މީހަކަށް ވާނެ ކަމެއްނޫނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.