ބޮލުގެ އަނިޔާތައް ކުރިމަތިވުމުގެ ބިރު އިތުރުވަމުން އަންނާތީ، އިނގިރޭސި ޕްރިމިއަރ ލީގުގައި “ކޮންކަޝަން ސަބްސްޓިޓިއުޝަން” ގެ ނަމުގައި ކޮންމެ ޓީމަކަށް ވެސް އިތުރު ބަދަލެއް ގެނެވޭގޮތަށް ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ކުޅުންތެރިންގެ ސަލާމަތާއި، ރާއްކާތެރިކަމަށް ވިސްނައިގެން ގެންނަން މަސައްކަތްކުރާ މި ބަދަލު، ގެނައުމަށް ނިންމާފައި ވަނީ އަންނަ ސީޒަނުން ފެށިގެންނެވެ. ޚަބަރުތައް ބުނާގޮތުން “ކޮންކަޝަން ސަބްސްޓިޓިއުޝަން” ތަޢާރަފު ކުރުމަށް ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަޝްވަރާތައް “އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް” (އައި.އެފް.އޭ.ބީ) އާއި އެކު ޕްރިމިއަރ ލީގުގެ މެނޭޖްމަންޓުން އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ފަށާނެއެވެ. “ކޮންކަޝަން ސަބްސްޓިޓިއުޝަން” ތަޢާރަފު ކުރެވޭނީ ކިހިނެއްތޯ އާއި، އެ މަސައްކަތްކުރާނީ ކިހިނެއްތޯ ބެލުމަށް ސިއްޙީ މާހިރުންގެ ޓީމެއް އެކުލަވާލުމަށް “އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް” އިން މިދިޔަ ހަފްތާގައި ޕްރިމިއަރ ލީގުގެ މެނޭޖްމަންޓަށް ވަނީ އަންގާފައެވެ.

ޔޫރޯ ކޮލިފައިންގައި ކްރޮއޭޝިއާ އަދި ވޭލްސް ބައްދަލުކުރި މެޗުގައި ބޮލަށް ލިބުނު އަނިޔާ އަކުން ޑެނިއަލް ޖޭމްސް ހޭނެތިފައި / ފޮޓޯ: ގެޓީ އިމޭޖެސް

ޚަބަރުތައް ބުނާގޮތުގައި “ކޮންކަޝަން ސަބްސްޓިޓިއުޝަން” ތަޢާރަފު ކުރުމަށް ދެ ގޮތެއް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. ފުރަތަަމަ ގޮތަކީ ބޮލަށް އަނިޔާ ލިބޭ ކުޅުންތެރިޔާ ވަގުތުން ދަނޑުން ބާލައި، ދެން އޭނާ އަށް ކުޅުމުގެ ފުރުސަތު ނުދީ ބަދަލުގައި އެހެން ކުޅުންތެރިއަކަށް ފުރުސަތު ދިނުމެވެ. ރަސްމީ ތިން ބަދަލުގެ ތެރޭގައި މި ބަދަލު ނުހިމެނޭނެއެވެ. އެހެންކަމުން ތިން ބަދަލު ހަމަވެފައި ވީނަމަވެސް މި ބަދަލު ގެނެވޭނެއެވެ.

ދެވަނަ ގޮތަކީ ރަގްބީ ގައި ވެސް އޮންނަ ގޮތަށް ބޮލަށް އަނިޔާ ލިބުނު ކުޅުންތެރިޔާ ވަގުތުން ސިއްޙީ ފަރުވާދޭ ކޮޓަރިއަށް ގެންގޮސް ބޮލުގެ ޓެސްޓް ހަދައި، އޭނާ އަށް އިތުރަށް ކުޅެވޭނެތޯ ޔަގީންކުރުމެވެ. އެ ކުޅުންތެރިޔާގެ ޓެސްޓުތައް ހަދާ ވަގުތުގައި އޭނާގެ ބަދަލުގައި އެހެން ކުޅުންތެރިއަކަށް ކުޅުމުގެ ފުރުސަތު ދެވޭނެއެވެ. ބޮލަށް އަނިޔާ ލިބުނު ކުޅުންތެރިޔާ އަށް އިތުރަށް ކުޅެވޭނެ ކަމަށް ސިއްޙީ މާހިރުން ކަނޑައަޅައިފިނަމަ، އޭނާގެ ބަދަލުގައި އެރުވި ކުޅުންތެރިޔާ ބޭލުމަށްފަހު ކުޅުމުގެ ތެރެއަށް އަނބުރާ ދިއުމުގެ ފުރުސަތު އޭނާ އަށް ދެވޭނެއެވެ. އަދި ރަސްމީ ތިން ބަދަލުގެ ތެރޭގައި މި ބަދަލު ނުހިމެނޭނެއެވެ.

އިނގެރޭސި ޕްރިމިއަރ ލީގުން މިކަމާއި ގުޅިގެން ވަރަށް ހުޅުވާލާފައިވާ ވިސްނުމެއް ގެންގުޅޭއިރު، ކުލަބުތަކާއި މަޝްވަރާކުރުމުގެ ކުރިން “އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް” ގެ ނިންމުމަކަށް ތިބީ އިންތިޒާރުކޮށްގެންނެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ފުޓްބޯޅަ ކުޅުންތެރިންނަށް ލިބޭ ބޮލުގެ އަނިޔާތަކާއި ގުޅިގެން އަމަލުކުރަމުންދާ ގޮތާއި ގުޅޭގޮތުން މުޅި ފުޓްބޯޅައިގެ ދުނިޔެ އަށް ވަރަށް ގިނަ ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ. “ކޮންކަޝަން ސަބްސްޓިޓިއުޝަން” ތަޢާރަފު ކުރުމަށް ކޮންމެ ގޮތެއް ޚިޔާރުކުރިޔަސް އެކަމަށް އިނގެރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން ތާއީދުކުރާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.