ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރެޑްބުލް ސަލްޒްބާގު 0-2 ގެ ނަތީޖާއަކުން ބަލިކޮށް ގުރޫޕު އީ ގެ އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 އިން ލިވަޕޫލް ޖާގަ ހޯދައިފިއެވެ.
އޮސްޓްރިއާ ގެ ގަދަ ބާރު ރެޑްބުލް ސަލްޒްބާގު ގެ ދަނޑުގައި އެޓީމާ ދެކޮޅަށް ލިވަޕޫލް ނުކުތްއިރު، ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ދަތުރުކުރުމަށް، މި މެޗުން ބަލިނުވެ ފަރުޖައްސާލަން އެޓީމަށް އަށް އޮތީ މަޖުބޫރުވެފައެވެ.
ފުރަތަމަ ހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައި ނުވިނަމަވެސް، ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ވަނީ ލިބިފައެވެ. މެޗުގައި ދެ ޓީމުގެ ކީޕަރުންގެ ފަރާތުން ވެސް މޮޅެތި ސޭވްތަކެއް ވަނީ ފެނިގެން ގޮސްފައެވެ.
ދެވަނަ ހާފު ލިވަޕޫލް އިން ކުރިއަށްވުރެން ވަރުގަދަކޮށް ފެށިއިރު، އެޓީމުން 51 ވަނަ މިނެޓުގައި ވަނީ ގޯލެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. ލިވަޕޫލްގެ ހުނަރުވެރި ފޯވާޑް ސަޑިއޯ މާނޭ ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލައިގެން މި ގޯލު ކާމިޔާބުކޮށްދިނީ ނަބީ ކެއިޓާ އެވެ. މި ގޯލާއެކު ސަލްޒްބާގަށް ހިންދެމިނުލެވި އުޅެނިކޮށް އޭގެ އެއް މިނެޓު ފަހުން ލިވަޕޫލް އިން ވަނީ އަނެއްކާވެސް ގޯލެއް ޖަހާ މެޗުގެ 3 ޕޮއިންޓް ކަށަވަރުކޮށްފައެވެ. ސަލްޒްބާގު ގެ ކީޕަރު ކައިރިން ނައްޓާފައި ސަލާހު މި ގޯލު ކާމިޔާބުކުރީ ވަރަށް ހަނި “އޭންގަލް” އަކުން ކަން ފާހަގަކޮށްލެވެއެވެ.
މި ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ގަދަ 16 އިން ނަޕޯލީ ޖާގަ ހޯދީ ގުރޫޕް ފުލުގައި އޮތް ޖެންކް އަތުން 0-4 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގައި ނަޕޯލީގެ ފޯވާޑް މިލިކް ހެޓްރިކް ފުރިހަމަކުރިއިރު، އަނެއް ގޯލަކީ އެޓީމުގެ ފޯވާޑް މާޓެންސް ކާމިޔާބުކޮށްދިން ގޯލެކެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް އީ ގެ އެއްވަނަ ޓީމުގެ ގޮތުގައި ކުޅުނު 6 މެޗުން ލިބުނު 13 ޕޮއިންޓާއެކު ލިވަޕޫލް ގަދަ 16 އިން ޖާގަ ހޯދިއިރު، ދެވަނަ ޓީމުގެ ގޮތުގައި ނަޕޯލީ ޖާގަ ހޯދީ ކުޅުނު 6 މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތް ސަލްޒްބާގަށް ވަނީ ޔުއެފާ ޔޫރޮޕާ ލީގުގެ ނޮކްއައުޓް ސްޓޭޖުން ޖާގަ ލިބިފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި