ލިޔުމުގައިވެސް އަދި ކިޔުމުގައިވެސް ކުށް ބަހެއް ބޭނުންކުރެވިދާނެ އެވެ. ނަމަވެސް ތަކުރާރުކޮށް ކުށް ބަސްތައް ބޭނުންކޮށްގެން ވާހަކަ ދެއްކުމާއި، ލިޔެކިޔުމުގައި ބޭނުންކުރުމަކީ މައްސަލައެކެވެ. ކުޑަކުޑަ ކަމެކޭ ހީވިޔަސް އެއީ ބޮޑު ކަމެކެވެ. ތަކުރާރުކޮށް އެ ބަސް ނުވަތަ ލަފުޒު ބޭނުންކުރަމުންގޮސް ލަފުޒުގެ އަސްލު އޮޅިދާނެ އެވެ.

ވާހަކަދައްކުމާއި ލިޔެކިޔުމުގައި މަދުންނަމަވެސް ބޭނުންކުރަމުން އަންނަ، އަޑު އަހައިލަން ފިސާރި އުނދަގޫ ދެ ލަފުޒެއް ކަމަށްވާ ‘ލިޔެފަކާ’ އަދި ‘ބުނެފަކާ’ މިއީ އެފަދަ ލަފުޒު ތަކުގެ ތެރެއިން ދެ ލަފުޒެކެވެ. މިއީ ކިހިނެއް، ކޮންގޮތަކަށް، ކީއްވެގެން ބޭނުންކުރާ “ފަކާ” އެއް ހެއްޔެވެ؟ ވާހަކަ ދެއްކުމުގައިވެސް، ލިޔުމުގައިވެސް މިއީ، ރަނގަޅުގޮތެއް ނޫނެނެވެ.

ސަބަބަކީ، ‘ލިޔެފައި’ މި ބަސް ނަފީގެ ގޮތުގައި ބޭނުންކުރާއިރު އޮންނާނީ، ލިޔެފަކާ ނޯންނާނެއެއް ނޫނެވެ. އޮންނަން ޖެހޭނީ ‘ލިޔެފައެއް ނޯންނާނެ’، ‘ލިޔެފައެއް ނުވޭ’، ‘ލިޔެފައެއް ނެތް’ މިހެންނެވެ.

‘ބުނެފައި’ މި ބަސްވެސް އެގޮތަށް ބޭނުންކުރާއިރު އޮންނާނީ، ބުނެފަކާ ނޯންނާނެ، މިހެންނެއް ނޫނެވެ. އޮންނާން ޖެހޭނީ، ‘ބުނެފައެއް ނޯންނާނެ’، ‘ބުނެފައެއް ނުވޭ’، ‘ބުނެފައެއް ނެތް’ މިފަދަ ގޮތަކަށެވެ.

މިފަދަ ބައެއް އެހެން ކުށް ބަސްތައް ބޭނުންކުރުން މިވަނީ މިހާރަކަށް އައިސް ވަރަށް ޢާއްމު ކަމަކަށް ވެފައެވެ. އިތުރު އެހެން މިސާލަކަށް ބަލާލާނަމަ އަންނަނިވި އިބާރާތްތަކަކީވެސް ފާހަގަކޮށްލެވޭ ޢިބާރާތް ތަކެކެވެ.

ރަނގަޅު ނޫން ގޮތް ރަނގަޅު ގޮތް
އެގޭދޮށުގައި އެކާރު އޮއްވަކާ ނުދެކެން އެގޭދޮށުގައި އެކާރު އޮއްވައެއް ނުދެކެކެން
ތިޔަހެން ލިޔެފައި ހުއްޓަކާ ނުދެކެން ތިޔަހެން ލިޔެފައި ހުއްޓައެއް ނުދެކެން

މަޢުލޫމާތު ނެގީ: ބަހުގެ ހަމަ ފޮތް – ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (24 އޯގަސްޓް 1993)

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.