ފޮޅުވުނުހާ މަލެއް ފޮޅުވާ، އަރާމާއި ލައްޒަތުގައި އެތަކެއް ވައުދުތަކާއި އަހުދުތަކެއް ކޮށް، އެކަކު އަނެކަކަކީ ދެމީހުންގެ ފުރާނައޭ، ތިމަންނާ އަކަށް ކަލާޔާ ނުލާނޫޅެވޭނެއޭ ކިޔާ ކައިވެނީގެ ގޮށް އައްސާ ދަރިން ލިބުމަށް ފަހު، ދިރިއުޅުން ތިޔަ ރޫޅާލީ ލިބުނު ދަރިންނަށް އެ ލިބުނު ގިލަންވެރިކަމުން އަރައިގަނެވޭނެ ކަަމަށް ހެއްޔެވެ؟

މައިންބަފައިން ވަކިވުުމުގެ ސަބަބުން އެ ހިތާމައިން އަަރައިނުގަނެވި، މި ކުޑަކުޑަ ދިވެހި ރާއްޖޭގައި ކިތައް ކުދިން އެބަތިބި ތޯއެވެ؟ އެކަމުގެ ސަބަބުން މަގުމަތިވެ ދިޔައީ މާދަމާ މިގައުމަށް ހިދުމަށް ކޮށްދޭން ތިބި ދަރިންނެއްނޫންތޯއެވެ؟ އެއްވެސް ކުށެއްނެތް ކިތައް ޅަދަރީން، ބައްޕަ އެއްގެ ލޯބިން މަހުރޫމު ވެފައި އެބަތިބިތޯއެވެ.؟

ކައިވެނި ރޫޅުމުގެ ސަބަބުން އެއް ގެއިން އަނެއް ގެއިން، އެއް އެނދުން އަނެއް އެނދުން އުޅޭ މައިންނާއި ދަރިން މި މުޖުތަމައުގައި އެތަކެއް ބައިވަރު އެބަތިއްބެވެ. އިހުމާލަކުން އެއްވެސް ކުށެއްނެތް އެތަކެއް ކުދިންނަށް އަނިޔާ ތަކެއްލިބި، މުޖުތަމައުގައި ބޭނުން ނުހިފޭ ބަޔަކަށް ވަމުންދާއިރު، އެއްވެސް ފަރުވާލެއް ނެތި ދަަރިން ބޮޑެތިވުމަށް ފަހުވެސް އެތަކެއް ކައިވެނި ތަކެއް ރޫޅެމުންދާ މަންޒަރު މި ކުޑަކުޑަ މުޖުތަމައުން ފެންނަމުންދާކަމީ ހިތާމަ ހުރިކަމެކެވެ.

 

މައިވަންތަކަމުގެ ލޯބި ނުވަތަ ބައްޕައެއްގެ ލޯބިން މަހުރޫމްވެ ބޮޑުވަމުން އަންނަ ދަރީންގެ ހިތުގެ ވޭނާއި ތަދު އިހްސާސް ކޮށްނުލެވޭހައި ވަރަށް ތިޔަ މައިންބަފައިން ހިތް ހަރުވެދާނެކަމަކަށް ދުވަހަކުވެސް ހިޔެއްނުކުރަަމެވެ. އެހެންނަމަވެސް ދުނިޔޭގެ އެދުންތަކަށް ދީލިގެން ގޮސް “ވަރި” އަކީ ކުޅޭ ކުޅިވަރެއް ފަދައިން ކުޅޭ އެއްޗަކަށް ހަދައިލި އިރު އެ ދަރިފުޅުގެ ހިތުގެ ވޭނާއި ތަދު، ދަރިންނަށް ނަމޫނާ އަކަށް ވާންޖެހޭ ތިޔަ މައިންބަފައިންނަށް ނޭނގުނީތީ ހިތާމަ ކުރަމެވެ.

ތިޔަ މަންމައާއި ބައްޕަގެ އަރާރުންތަކާއި، ތަޅާފޮޅުމުގެ ސަބަބުން ތިޔަ ދެމަފަރިންގެ ދަރިފުޅު ރޯ ރުއިމާއި ހިތުގައި އަޅާނޭ ވޭން އެންމެ ރަގަޅަށް އެގޭނީ ހަމަ ތިޔަ ދެމަފިންނަށެވެ. ވީއިރު ދެމަފިރިންގެ ދެމެދުގައި ތިޔަ ޖެހޭ މައްސަލަތައް ދަރިންގެ ކުރިމަތީގައި ނުދައްކާށެވެ. ތިޔަ މަންމައާއި ބައްޕަގެ މައިންބަފައިން މައްސަލަ ޖެހި، ވާ އަރާރުން ތިޔަ މަންމައާއި ބައްޕަ ފެނުމުން ވާނެ ދެރަ އިހުސާސް ކޮށްލާށެވެ.

ދަރިން ލިބުމަށްފަހު، ކުޅޭ ކުޅިވަރެއް ހެން ވަރި އާއި ހަމައަށް ދާއިރު މާދަމާ މި ގައުމުގެ މުސްތަގުބަލް އުޖާލާކޮށްދޭން ތިބީ ތިމަންމެންގެ ދަރީންކަން ހަދާންކުރާށެވެ. ދަރިންގެ ކުރިމަތީގައި ދެމަފިރިން ޒުވާބުކޮށް އަރާރުންވާއިރު، މާދަމާ ތިމާމެންގެ ދަރިފުޅު ފުރާފުރިހަމަވެ ޒަވާޖީ ހަޔާތެއް ފަށާއިރު އެދަރިން ނަމޫނާއަކަށް ބަލާނީ ކުޑައިރުއްސުރެ އެ ދަރިފުޅުގެ މަންމައާއި ބައްޕަ ދައްކަމުން ތިދާ މަންޒަރުތައް ކަން ހަދާން ކުރާށެވެ.

 

 

ކައިވެންޏަކީ ދިރިއުޅުމަށް އެޅޭ އެންމެ މުހިއްމު ބިންގަލެވެ. އެހެން ކަމުން އެ ބިންގާ ސީދާކޮށް އެޅުމަކީ މުހިއްމު ކަމެކެވެ. ކައިވެންޏެއްގެ ބޭނުމަކީ ޢާއިލާއެއް އުފައްދާ ހެޔޮލަފާ ދަރިންތަކެއް ތަރުބިއްޔަތު ކުރުމެވެ. ކައިވެންޏެއްގެ މަޤުޞަދަކީ ދެމަފިރިން އެކަކު އަނެކެއްގެ ޒިންމާ ތަކަށް ރައްކާތެރިވެ އުފާވެރި ހަމަޖެހޭ ޢާއިލާއެއް އުފެއްދުމެވެ. އިންސާނީ ދަރިފަސްކޮޅު ހެޔޮގޮތުގައި އިތުރުވެ ދެމިއޮތުމަށް ޝަރުޢު ކުރައްވާފައިވާ މަގަކީ ކައިވެންޏެވެ. އެމަގުން ޢާއިލާތައް އުފެދި ޤަބީލާތަކާއި ޢާއިލާތަކުގެ ގުޅުން އެކުލެވި ބަދަހިވެއެވެ.

ތިޔަ މަންމައާއި ބައްޕަ ހުޅުދާންކުރި ރޯޝަނީ ހަޔާތުގެ އަލި ނިއްވާލުމާއެކު، އެ ދަރިފުޅަށް ލިބުނު ގިލަންވެރިކަމުން ދުވަހަކުވެސް އަރައިގަނެވިދާނެ ކަމަށް އުންމީދުނުކުރާށެވެ. އެދަރިންނަކީ އާލަމްތަކުގެވެރި މަތް ﷲ ސުބުހާނަހޫ ވަތައާލާ ތިޔަ ދެމައިންނަށް ދެއްވަވާފައިވާ އަމާނާތެކެވެ. ވީ އިރު މަންމަ ނުވަތަ ބައްޕައެއްގެ ލޯބިން އެ ދަރިފުޅު މަހުރޫމުކޮށްލުމުގެ ކުރިން އެއްވެސް ކުށެއްނެތް އެ ދަރިފުޅުގެ މުސްތަގުބަލާ މެދު ރަގަޅަށް ވިސްނާލާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ރިފާޒް
ރިފާޒަކީ ސަން އޮންލައިން އާއި ޗެނަލް 13 ގައި މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި ނޫސްވެރިއެކެވެ.