“ވަރަށް ބޮޑު ސަކްސަސްއެއް މި ލިބުނީ. އައްސު ސެލެބްރޭޓް ނެޝަނަލް ފެންވަރުގައި ކުރާތީ ވަރަށް ބޮޑަށް ހެޕީ ވޭ. ސާއިދު އެ ދެއްކި ކަރޭޖަކީ ފޮރ އަސް ހަމަ ވަރަށް ސަޅި ކަމެއް. އައްސު ވަރަށް ގުޑް ފައިޓެއް ވީ ގޭވް. ސޯ އަޅުގަނޑުުމެން ހަމަ ހެޕީވެޔޭ އެޓް ދި އެންޑް ވެސް ބުނެލަން ބޭނުމީ.”

މިއީ އަދުގެ ތައުލީމީ ނިޒާމުން ކުރަމުން އަންނަ” ހެޔޮ އަސަރު” ކަމުގައި ވާ ނަމަ، އަމިއްލަވަންތަކަމުގެ ރަމްޒަކަށް ފެންނާން އޮތީ ކޮން އެއްޗެއްބާ! މާދަމާގެ ޖީލުތައް މޭގައި އަތް ޖަހައިފައި ފަޚުރުވެރިކަމާއެކު ބުނާނީ “ވީ އާ ދިވެހިން. އަހަރެެމެންގެ ގައުމަކީ މޯލްޑިވްސް” 😢😢😢😢

މަތީގައި އެ ވަނީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ފޭސްބްކްގައި އިއްޔެ ލިޔުއްވާފައިވާ އިބާރާތްކޮޅެކެވެ. މިއީ އަދުގެ ދިވެހި ޒުވާން ޖީލުގެ މަދު ބަޔަކު ނަމަވެސް ވާހަކަދެއްކުމުގައި ބޭނުންކުރާ ބަސްކޮށާރުން ކުޑަމިންވަރެކެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. އަމިއްލަ ބަހާމެދު މިވަރުގެ ހަރާންކޯރުވުމެއް ގެންގުޅެން ހެޔޮވާނެތޯއެވެ.

މިފަދަ އިބާރާތްތައް ބޭނުންކޮށްގެން ވާހަކަދެއްކުން މިއީ މާ ރީތި، މޮޅު ކަމެކޭ ހީކުރާ ބަޔަކު ދިވެހި މުޖުތަމަޢުގައި އުޅެއެވެ. އެވެރިން ހިތުން އެގޮތަށް ވާހަކަދެއްކުން އެއީ ވަރަށް ފައްކާ ކަމެކެވެ. މޮޑެފާ އޮންނަ މަސްހުނިގަނޑެކޭ އެ ދައްކާ ވާހަކައެކޭ އެއްވެސް ތަފާތެއް ނެތެވެ. ބުނަން އުޅޭ އެއްޗެއް ދޭހަކުރުމަށް އެހާމެ އުނދަގުލެވެ. އަޑު އަހަން ތުރާލެވެ.

އިނގިރޭސި ބަހަށް ތިމާ މޮޅުކަމާއި އަހުލުވެރިކަން ދައްކަން އުޅެނީއޭ ވެސް ހީވާކަހަލަ އެވެ. ނަމަވެސް ޙަޤީޤަތަކީ ތިމާމެންގެ އަމިއްލަ ބަހަށް ކޮށީއެވެ. އަމިއްލަ ބަހުން އެންމެ ޖުމުލައެއްވެސް ބުނެލަން ނޭނގެނީއެވެ.

އަޝްރަފް އެ ދެއްކެވި ފަދަ އެތަކެއް މިސާލުތަކެއް ކޮންމެ ދުވަހަކުވެސް ފެންނަމުން ދެއެވެ. ދޭދޭ ފަރުދުން ވާހަކަދެއްކުމުގައެވެ. ބަސްދީގަތުން ތަކުންނެވެ. ޓީވީ އާއި ރޭޑިއޯ ޕްރޮގްރާމު ތަކުންނެވެ.

މިއީ ސަރުކާރުގެ މުއައްސަސާއަކުން، މަދަރުސާއަކުން ހައްލުކުރެވޭނެ ކަމެއް ނޫނެވެ. މުޖުތަމަޢުގެ އަފުރާދުން މިކަން ހައްލުކުރަން ޢަޒުމް ކަނޑައަޅައި، ނިޔަތްގަނެ ބަހާއި އަމަލުން މަސައްކަތްތަކެއް ކޮށްގެން މެނުވީ މިކަމަށް ހައްލެއް ނެތެވެ. މިއަދު މިކަން އިސްލާހު ނުކޮށްފި ނަމަ، މާދަމާގެ ދިވެހިން އަމިއްލަ ތައާރަފެއް ދިވެހިބަހުން ދެމުން ވެސް ބުނާނީ “ވީ އާ ދިވެހިން. އަހަރެެމެންގެ ގައުމަކީ މޯލްޑިވްސް.” ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.