މުސްލިމް މުޖުތަމަޢެއް ވާންވާނީ އެކަކު އަނެކަކަށް ރަހުމުކުރާ އޯގާތެރި މުޖުތަމަޢަކަށް ކަމުގައި މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ޚުޠުބާގައި ވަނީ މުސްލިމުން ވާންވާނީ އަބަދު ވެސް އިސްލާހަށާއި ސުލްހަވެރިކަމަށް މަސައްކަތްކުރާ ބައެއް ކަމުގައެވެ. ޒާތީ މަސްލަހަތުތައް ކުރިއަށްނެރެ، ޤައުމުގެ ހަމަޖެހުމާއި، ސުލްހަ މަސަލަސްކަން އަމިއްލަ އަތްތަކުން ނަގައިލާ ބަޔަކަށް އަޅުގަނޑުމެން ވެގެން ނުވާނެއެވެ. އިސްލާހަށް މަސައްކަތް ކުރާނަމަ އެކަމަށް ﷲ ތަޢާލާ ތައުފީޤު ދެއްވާނެކަން ބަޔާން ކުރައްވައި ވަޙީ ކުރައްވާފައި ވެއެވެ. وَمَا كَانَ رَبُّكَ لِيُهْلِكَ الْقُرَىٰ بِظُلْمٍ وَأَهْلُهَا مُصْلِحُونَ (هود 117) މާނައީ: “ރަށްތަކުގެ އަހުލުވެރިން ރަނގަޅަށް ކަންތައްކުރާ ބަޔަކުކަމުގައި ވަނިކޮށް، އަނިޔާވެރި ގޮތުގައި އެ ރަށްތައް ހަލާކު ކުރެއްވުމަކަށް، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އިރާދައެއް ނުކުރައްވަތެވެ.” ކަންތައްތައް އިސްލާހު ކުރުމުގެ ނިޔަތުގައި ނަމަވެސް، އެއްބަޔަކު އަނެއްބައެއްގެ އަބުރާއި، ޝަރަފު ނަގައިލުމާއި، ސިއްރުތައް ހާމަކުރުމަކީ އޭގެ ސަބަބުން ބިމުގައި ފަސާދަކުރުން އާންމުވެގެން ހިނގައިދާނެ ކަންކަމެވެ. ބިމުގައި ފަސާދަ އުފެދިއްޖެނަމަ މާތްﷲ އެބައި މީހުންނަށް އުޤޫބާތް ދެއްވައެވެ. އެއީ އެބައި މީހުން ﷲ ގެ ހަޟްރަތަށް ރުޖޫޢަ ވޭތޯއެވެ.

ޤައުމެއްގައި އޮންނަ އެކުވެރިކަމާއި އުޚުއްވަތްތެރިކަމުގެ ފޭރާން ވީދި، ޤައުމު ބައިބައިވެއްޖެ ނަމަ، ދެން ކުރީގެ ހާލަތަށް އެނބުރި ދިއުމީ ވުން ވަރަށް ދުރު ކަމެކެވެ. މުސްލިމުންގެ އާބާދީ ބޮޑެތި ޤައުމުތައް ކަމުގައިވާ ލީބިޔާ، ފަލަސްޠީނު، އިރާޤު، އަފްޤާނިސްތާނު، ސީރިޔާއާއި ސޯމާލިޔާއަށް މިއަދު ވެފައިވާ ގޮތް އެއީ މިކަމުގެ ދިރިހުރި މިސާލުތަކެވެ. ވުމާއި އެކު ސިޔާސީ ފައިދާއަށާއި، މަޤާމާއި، ނުފޫޒާއި، ޖާހަށްޓަކައި ހަނގުރާމަ ކުރުމާއި އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ގަދަވެގަންނަން މަސައްކަތްކުރާ މިފަދަ ޒަމާނެއްގައި މިކަންކަމަށް އަޅުގަނޑުމެން ފާރަވެރިވެ މި ހާލަތަށް ޤައުމު ދިޔަ ނުދިނުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ. މިއަދުގެ ޚުޠުބާގައި ވެއެވެ.

މިއަދުގެ ޚުޠުބާގައިވަނީ “މުސްލިމުންގެ މެދުގައި ކަންކަން ކުރުމަށް އިސްލާމް ދީނުގައި އަމުރު ކުރައްވާފައި ވަނީ ކަމުވޮށިގެންވާ މީހުންގެ މެދުގައި މަޝްވަރާ ކޮށްގެންނެވެ. ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ރައްޔިތުންގެ ކަންކަމާއި ހަވާލުވެފައިވާ މުއައްސަސާތަކުގެ ވެރިންގެ މެދުގައި ވާހަކަ ދައްކައި މަޝްވަރާ ކޮށްގެންނެވެ. ކޮންމެ ކަމެއްގެ ހައްލަކީ ޒުވާބުކޮށް ތަޅާފޮޅުމާއި، އެއްބަޔަކު އަނެއްބަޔަކަށް ހުތުރު ބަހުން މުޚާތަބު ކުރުމާއި، ކުށް ހޯދުންކަމުގައި ވަނީނަމަ، ހެދި ބޮޑުވަމުން އަންނަ ޒުވާން ޖީލުތަކަށް އެ ދައްކުވައި ދެވެނީ ހުތުރު ނަމޫނާއެކެވެ. މިއީ މުސްލިމުންގެ މެދުގައި މައްސަލަތައް އުފެދޭ ހިނދުގައި އެކަން ހައްލު ކުރުމަށް ﷲ ތަޢާލާ އަންގަވާފައިވާ ގޮތެއް ނޫނެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. وَالَّذِينَ اسْتَجَابُوا لِرَبِّهِمْ وَأَقَامُوا الصَّلَاةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ وَمِمَّا رَزَقْنَاهُمْ يُنْفِقُونَ (الشورى 38 ) މާނައީ:” އަދި އެއުރެންނީ އެއުރެންގެ ވެރި ރަސްކަލާނގެއަށް އިޖާބަދީ އަދި ނަމާދު ޤާއިމުކުރި މީހުންނެވެ. އަދި އެއުރެންގެ ކަންތައްތައް އެއުރެންގެ މެދުގައި ވަނީ މަޝްވަރާގެ މަތިންނެވެ. އަދި ތިމަން ރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން އެއުރެން ހޭދަކުރެތެވެ.”

މިއަދުގެ ޚުޠުބާގައި ވަނީ މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް އަޅާލައި ރަހުމުކޮށް ހަދަން ވާނެ ކަމުގައެވެ. އެކަން ކަމަކީ މުޖުތަމަޢުގެ ހަމަޖެހުމާއި ގުޅިލާމެހިފައިވާ ކަންކަމެވެ. މުސްލިމުން އެކަކު އަނެއްކަކާއި އޮންނަން ޖެހޭ ގުޅުން ސިފަކުރައްވައި رسول الله صلي الله عليه وسلم ހަދީޘް ކުރައްވާފައިވެއެވެ. مثل المؤمنين في توادهم وتراحمهم وتعاطفهم كمثل الجسد الواحد إذا اشتكى منه عضوتداعى له سائر الجسد بالسهر والحمى (رواه البخارى) މާނައީ: ” މުއުމިނުން އެއްބަޔަކު އަނެއް ބަޔަކަށް ލޯބި ވުމުގައްޔާއި، ރަހުމު ކުރުމުގައްޔާއި، އޯގާތެރި ވުމުގައި އެ މީހުންގެ މިސާލީ އެއް ހަށިގަނޑެއްގެ މިސާލެވެ. އެ ހަށިގަނޑުން ގުނަވަނެއްގައި ވޭން އަޅައިފިނަމަ، މުޅި ހަށިގަނޑު ހޭލާ ހުރުމުންނާ ހުން އައުމުން އެ ގުނަވަނާއި ބައިވެރި ވެއެވެ.” މި ސިފައަކީ ކޮންމެ މުސްލިމަކު ގައިގައި ވެސް ހުންނަން ވާނެ ސިފައެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.