ރަޝިއާ ގައި އޮންނަ ހަމައެކަނި “އެއަރ ކްރާފްޓް ކެރިއަރ” ކަމަށްވާ “އެޑްމިރަލް ކުޒްނެޓްސޯވް” ގައި އިއްޔެގެ ވަގުތެއްގައި އަލިފާން ހިފާ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ފިނި ހަނގުރާމައިގެ ދުވަސްވަރުން ފެށިގެން ބޭނުންކުރަމުން އަންނަ މި “އެއަރ ކްރާފްޓް ކެރިއަރ” ގައި އަލިފާން ރޯވެފައި ވަނީ މާމަންސްކް ގައި ހުންނަ ޑޮކް ޔާޑު ގައި އެ މަނަވަރުގެ މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކަމަށް ރަޝިއާ ސަރުކާރުގެ މީޑިއާ އިން ހާމަކޮށްފައިވެއެވެ.

އެޑްމިރަލް ކުޒްނެޓްސޯވް ގައި އަލިފާން ރޯވެފައި / ފޮޓޯ: ރިއާ ނޮވޮސްޓީ

ރަޝިއާގެ ނޫހެއް ކަމަށްވާ، ރިއާ (އާރު.އައި.އޭ) ނޮވޮސްޓީ ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އަލިފާން ރޯވުމަށް މެދުވެރިވީ މަނަވަރުގެ ވެލްޑިން މަސައްކަތް ކުރަނިކޮށް، ބުރައިގެން ދިޔަ އަލިފާން ކަންޏެއް ފަލުކާގައި ހުރި ތެޔޮތަކެއްގެ ތެރެއަށް ވެއްޓުމުންނެވެ. މަނަވަރުގެ ބޮޑުބައެއް ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާއިރު، އެކަކު މަރުވެ، 12 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

އެޑްމިރަލް ކުޒްނެޓްސޯވް ގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރަނީ / ފޮޓޯ: ގެޓީ އިމޭޖެސް

ރަޝިއާގެ ދިފާއީ ބާރުން ބުނެފައިވާ ގޮތުގައި ހާދިސާ ހިނގިއިރު، އެ މަނަވަރުގައި އެއްވެސް ކަހަލަ ހަތިޔާރެއް ނުހުންނާނެއެވެ. އަދި މިހާތަނަށް ސީދާ ގެއްލުންވެފައިވަނީ ކިހާވަރަކަށް ކަން ރަޝިއާގެ ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފައި ނުވިނަމަވެސް، ޚަބަރުތައް ބުނާގޮތުން އަލުން އެ މަނަވަރަށް ދަތުރު ނުކުރެވޭނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އެޑްމިރަލް ކުޒްނެޓްސޯވް އަކީ ދިގުމިނުގައި 1000 ފޫޓު ހުންނަ ގާތްގަނޑަކަށް 58 ޓަނު އުފުލުމުގެ ގާބިލުކަން ލިބިފައިވާ މަނަވަރެކެވެ. މި “އެއަރ ކްރާފްޓް ކެރިއަރ” ގައި އެއްފަހަރާ 24 ފައިޓަރ ޖެޓާއި، 6 ހެލިކޮޕްޓަރު ބޭނުންކުރުމުގެ ޖާގަ ހުރެއެވެ.

އެޑްމިރަލް ކުޒްނެޓްސޯވް / ފޮޓޯ: ގެޓީ އިމޭޖެސް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.