ޖަހާ ފޮޑީގެ ވަހަށް މަދިރި މަރުވާކަމަށް ބުނާ މީހެއް ބޭނުންކޮށްގެން މަދިރިން ސަލާމަތްކޮށްދޭ (މޮސްކިޓޯ ރިޕެލެންޓް) ޕްރޮޑަކްޓް އުފައްދާ ކުންފުންޏަކުން މޮސްކިޓޯ ރިޕެލެންޓެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

އިންސާނުންނަށް އެންމެ ނުރައްކާތެރި ޖަނަވާރަކީ ކޮބައިހެއްޔެވެ؟ ހަރުފަ، މިޔަރު، މިނިކާވަގު ހެއްޔެވެ؟ ޖަވާބަކީ ނޫނެކޭ އެވެ. އެންމެ ނުރައްކާތެރި ޖަނަވާރަކީ ދުއްތުރާ ބޮޑު، އެންމެން ބިރުގަންނަ މަދިރިއެވެ. ނަމަވެސް މަދިރީގެ އުނދަގުލުން ސަލާމަތް ނުވެވިގެން ކަންބޮޑުވާންޖެހޭ ދުވަސްތައް މާޒީގެ ތެރެއަށް ދާކަށް މާކަ ގިނަ ދުވަހެއް ނެތެވެ. ސަބަބަކީ މަދިރި މަރުވާ ނުވަތަ މަދިރި ދުރުކޮށްދޭ އެއްޗެއް އަހަރުމެންގެ ހަށިގަނޑު ތެރޭގައި ހުރުމެވެ. ހަމަ ގައިމުވެސް މި މީހާ ޖަހާ ފޮޑީގެ ވަހުގައި އެ ބާރު އެބަ ހުއްޓެވެ.

އެފްރިކާ ބައްރުގެ ޔޫގެންޑާގެ އަވަށެއް ކަމަށްވާ ކަމްޕާލާ އަށް އުފަން ޖޯ ރުވާމިރާމާ ބުނާ ގޮތުން އޭނާ ޖަހާ ފޮޑީގެ ވަހަށް މަދިރި މަރުވެއެވެ. އޭނާ ފޮޑިއެއް ޖަހައިލުމުން އޭނާއާއި ހަ މީޓަރު ސަރަހައްދުގައި ތިބޭ މަދިރިތައް މަރުވެއެވެ. އެހެންކަމުން މޮސްކިޓޯ ރިޕެލެންޓް އުފައްދާ ކުންފުންޏަކުން ޖޯ ރުވާމިރާމާ ޖަހާ ފޮޑީގެ ވަސް ބޭނުންކޮށްގެން މަދިރިމަރާ ބޭހެއް އުފެއްދުމަށް އޭނާ ކުއްޔަށް ހިފާފައިވާކަމަށް ބުނެއެވެ. ނަމަވެސް އޭނާ ޖަހާ ފޮޑީގެ ވަހުން މަދިރި މަރުވާ ސަބަބެއް އަދިވަނީ ސާފުވާގޮތް ނުވެފައެވެ. ޖޯ ރުވާމިރާމާ ބުނާގޮތުން އޭނާ ޖަހާ ފޮޑިއެކޭ، އެހެން މީހުން ޖަހާ ފޮޑިއެކޭ އެއްވެސް ތަފާތެއް ނެތެވެ.

ޓޯކްއޮފްނާޖިއާ ޑޮޓް ކޮމް އާ ވާހަކަދައްކަމުން އޭނާ ބުނީ، “އެހެން މީހުންނެކޭ އެއްފަދައިން އަހަރެން ކަނީ ހަމަ އާދައިގެ ކާނާ، އެހެނަސް އެއްވެސް ސޫތްޕަކަށް އަހަރެންގެ ގައިގައި ޖައްސާލަންވެސް ނުކެރޭ، އެންމެ ކުޑަމިނުން މެއްސަކަށް ވެސް ނުކެރޭ. އަހަރެންގެ ގައިން ދުވަނީވެސް ހަމަ އެހެން މީހުންގެ ގައިން ދުވާ ވަސް. އަހަރެން ކޮންމެ ދުވަހަކު ފެންވެސް ވަރަން. އަހަރެން ޖަހާ ފޮޑިއެކޭ އެހެން މީހުން ޖަހާ ފޮޑިއެކޭ ހަމަ އެއްގޮތް. އަހަރެން ޖަހާ ފޮޑި ނުރައްކާ ވަނީ ކުދިކުދި ސޫތްޕަށް. ޚާއްޞަކޮށް މަދިރިއަށް.”

ޖޯ ރުވާމިރާމާ އަށް ލިބިފައިވާ މި އާދަޔާޚިލާފު ކަންތަކުގެ ސަބަބުން އޭނާ އަކީ ކަމްޕާލާ އަވަށުގެ އެންމެން ދަންނަ މީހެކެވެ. ދަ ސަން އާ ވާހަކަދައްކަމުން މީހަކު ބުނީ، “މުޅި ސިޓީގެ އެންމެނަށް އޭނާ އެނގެނީ ޖަހާ ފޮޑީގެ ވަހަށް މަދިރި މަރުވާ މީހާގެ ގޮތުގަ. އަހަރުމެން ކައިރީގައި ޖޯ އުޅޭނަމަ އަހަރުމެންނަށް އެނގޭ ހުރިހައި މަދިރިއެއް ގެއްލޭކަން.”

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.