ރާއްޖޭގެ ލިޔުންތެރިންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. އެއީ ރާއްޖޭގައި ޗާޕުކޮށްގެން އެންމެ ފުރަތަމަ މަޖައްލާއެއް ނެރުނު ދުވަހެވެ. “އަލްއިޞްލާޙް” ގެ ނަމުގައި ނުކުތް މަޖައްލާގެ ފުރަތަމަ ޢަދަދު ނެރުނު ތާރީޚީ ދުވަހެވެ. އާދެ، 1933 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. އެއީ ހިޖުރީ ތާރީޚުން ބަލާނަމަ، 1352 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ 13 ވަނަ ދުވަހެވެ. ރާއްޖޭގައި ލިޔުންތެރިންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރެވުނީ 1993 ވަނަ އަހަރު ޖުލައިމަހުގެ އަށްވަނަ ދުވަހު އެވެ.

ގައުމެއްގެ ތާރީޚުގައި ލިޔުންތެރިންނަކީ ވަރަށް މުހިންމު ބައެކެވެ. ގައުމުގެ އާންމު ބުއްދި ނުފޯރާ ހިސާބަށް މުޖުތަމައު ގެންގޮސް ދެނީ ލިޔުންތެރިންނެވެ. ގައުމުގެ އާންމު ވިސްނުމުން ވިސްނަން ނޭނގިފައި ހުންނަ ކަންކަން ވިސްނަން ދަސްކޮށްދެނީ ލިޔުންތެރިންނެވެ. ގައުމުގެ އަމިއްލަ ވަންތަކަމާއި އިސްތިގުލާލު ނަގަ ހައްޓައި ދަމަހައްޓައިދީ، ޒަމާނުގެ އޮޔާ ވައިގައި ރަނގަޅު މިސްރާބަކަށް ހިފަހައްޓައިދިނުމުގެ އާރުކާޓީންނަކީ ލިޔުންތެރިންނެވެ.

ލިޔުންތެރިންނަކީ ގައުމުގެ ތާރީޚު ލިޔާ މީހުންނެވެ. ލިޔުންތެރިންނަކީ މުޖުތަމައުގެ މޫނުބަލާ ލޯގަނޑެވެ. އެހެންކަމުން ގައުމުގެ މާޒީގެ ތަޖުރިބާތައް އަދުގެ ހާލަތުގެ ނިސްބަތުގައި މިންކޮށް ކުރިމަގު ބައްޓަން ކުރުމުގައި ލިޔުންތެރިންނަކީ އިސް ރޯލެއް އަދާކުރާ ބައެކެވެ.

މުޖުތަމައަށް އަންނާން ހުރި ގޮންޖެހުންތަކާއި، ގައުމުގެ ތަރައްގީގެ ދުވެލީގެ ރަނގަޅު މިސްރާބުތަކާއި، ބަވަނަވަންތަ ދުނިޔޭގެ ބައިވެރިއެއްގެ ގޮތުން ގައުމު ކުރިއަރައި ދިއުމުގައި ސިކުނޑިތަކުން އެކަށޭނާ ޖާގަ ހަދައިދޭ އެންމެ މުހިންމު ބައިވެރިންނަކީ ލިޔުންތެރިންނެވެ.

ލިޔުންތެރިކަމަކީ މުޖުތަމައު އެކަތިގަނޑެއްގެ ގޮތުގައި ހިފަހައްޓައިދޭ ވާފަށެކެވެ. ލިޔުންތެރިކަމަކީ ފަރުދުންގެ މުނިފޫހިފިލުވުމުގެ ވަސީލަތެކެވެ. ލިޔުންތެރިކަމަކީ ވިސްނަން ދަސްކޮށްދީ، ވިސްނުން ތަރައްގީކޮށްދޭ މުދައްރިސެކެވެ. އަދި ލިޔުންތެރިކަމަކީ މުޖުތަމައުގެ އަޚުލާޤް ބައްޓަންކުރާ މައި ވަސީލަތްތަކެވެ.

މިދެންނެވި ސަބަބުތަކުގެ މައްޗަށް ބިނާވެ، ގައުމީ ހަޔާތުގައި ލިޔުންތެރިންނާއި ލިޔުންތެރިކަމަށް އޮންނަނީ ވަރަށް ޚާއްސަ ޖާގައެއް ދެވިފައެވެ.

ބަވަނަ ވަންތަކަމަށް ހުޅުވިފައިވާ އަދުގެ ދިވެހިރާއްޖެ އަކީ ވެސް އިމެއް މިނެއް ނެތް ގޮވާލުންތަކަށް ހުށަހޮޅިފައިވާ ރާއްޖެއެކެވެ. އެހެންކަމުން މި ފަދަ ފައްތަރެއްގެ މަތިން ގައުމާއިގެން ކުރިއަށް ދިއުމުގައި އިލްމީ މިންގަނޑުތަކާއި ފަންނީ މިންގަނޑުތަކާއި ސުލޫކީ ހަމަތައް ނެގެހެއްޓެވުމަކީ ލިޔުންތެރިންގެ ޒިންމާ އެކެވެ.

ލިޔުންތެރިންގެ ދުވަހެއް މިއަދު ފާހަގަ ކުރެވޭހިނދު، ލިޔުންތެރިންނާއި ލިޔުންތެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އުނދަގޫތަކުގެ ވާހަކައަށް އަލިއަޅުވައިލުމަކީވެސް މުހިއްމު ކަމެކެވެ. ނަމަވެސް މިއަދު މިވަނީ ޚިޔާލު ފާޅުކުރުމުގެ މިންތަކާއި އިންތައް ހަނިކޮށް، ލިޔުންތެރިން ފޫހިކުރުވާ ދަރަޖައަށް ކަންކަން ގޮސްފައެވެ. ބުނެވޭ ބަހަކުން، ލިޔެވޭ އެއްޗަކުން މީހާ ހޫނު ފެނަށް ވެއްޓުމަކީ މިއަދުގެ ޙަޤީޤަތެވެ. މި ޙަޤީޤަތުގެ ވާހަކަ ފާހަގަ ކޮށްލަމުން، ‘ގޮޅިއަކަށް ފެތެން’ ބޭނުން ނުވާތީ ދެން މި ނުކުތާ އާއިގެން އިތުރަށް ކުރިއަށް ނުދިއުން ބުއްދިވެރި އެވެ.

ގައުމުގެ ގައުމީ ހަޔާތުގައި ލިޔުންތެރިންގެ ދައުރު ރަނގަޅަށް ދަނެގަނެ، ދިވެހިބަހާއި ގައުމިއްޔަތުގެ ރޮނގުގައި، އަދި ދިވެހިރާއްޖެއަށް ބޭނުންވާ ތަރައްގީގެ ރޮނގުގައި އިލްމީ ގޮތުންނާއި ފަންނީ ގޮތުންނާއި ސުލޫކީ ގޮތުން އަޅުގަނޑުމެން ކުރިއަރައި ދިއުމަކީ އަޅުގަނޑުމެން އެއްމެންގެ އެދުމެވެ.

“ދިވެހި ލިޔުންތެރީންގެ ވާޖިބު- ދިވެހިބަސް ހެޔޮ ގޮތުގައި އަންނަން އޮތް ޖީލަށް ވާޞިލްކޮށްދިނުން”

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.