އިނގިރޭސި ސީރީޒް ބެލުންތެރިންގެ ތެރެއިން ‘ގޭމް އޮފް ތްރޯން’ ބެލުމަށް ޝައއުޤުވެރިވާ ފަރާތްތަކުން ލައްކަ ގިނަދުވަސް ވާންދެން އެ ސީރީޒް ގެ ސީޒަން 7 ނިކުންނާނެ ދުވަހަކަށް އިންތިޒާރުކޮށްފި އެވެ. އެ ދިގު އިންތިޒާރުގެ ނިމުން މިރޭ އަންނާނެ އެވެ. ‘އެޗްބީއޯ’ ޗެނަލް އިން މިރޭ ރިލީޒް ކުރާއިރު މާދަމާ ‘ސްކައި އެޓްލާންޓިކް’ ޗެނަލް އިން ރިލީޒްކުރާނެ އެވެ.
ގާތްގަނޑަކަށް 81 މިނެޓަށް ދެމިގެންދާނެ މި އެޕިސޯޑްގައި ވާނީ ކިހިނެތްތޯ ބަލައިލުމަށް ބެލުންތެރިން މިހާރު ތިބޭނީ ކެތްމަދުވެފައެވެ. ރަސްމީކޮށް މިރޭ ގެ އެޕިސޯޑާއި ބެހޭގޮތުން ހާމަކޮށްފައިވާގޮތުން ޖޮން (ކިޓް ހެރިންގޓަން) ‘ނޯތު’ ސަލާމަތްކުރުމަށްޓަކައި ލަޝްކަރު ރުކުރުވާލާނެ އެވެ. ސަރސީ (ލިނާ ހީޑީ) ވެސް ހަމަ މިކަމަށް މަސައްކަތް ކުރެއެވެ. ޑެނާރިސް (އެމީލިއާ ކްލާކް) ވަޒަނަށް (ގެއަށް) އެނބުރި އާދެއެވެ.
ނަމަވެސް މިހާރު އެޗްބީއޯ އިން ހާމަކުރަމުން އަންނަ ފަހުގެ ބައެއް މަންޒަރުތައް ބުނަނީ އެހެން ވާހަކަތަކެއް ކަމާއިމެދު މިހާރުވަނީ ސުވާލު އުފެދޭ ހިސާބުގައެވެ.
ޑެނާރިސް އާއި އޭނާގެ ވަށައިގެންވާ އައުވާނުން ޑްރެގަންސްޓޯން އަށް އެނބުރި އަންނާން ޖެހުން
މި ސީޒަން ފެއްޓެނީ ‘ޑްރެގަންސްޓޯން’ ގެ ނަމުންނެވެ. އަދި މި އެޕިސޯޑްގައި ޑެރާރިސް އެނބުރި ގެއަށް އަންނަކަން ބުނަން އެނގެއެވެ. ޓޭގީރިއަން ގެ ޤަދީމީ ގެއަށެވެ.
ލަފާކުރެވޭގޮތުން ޑްރެގަން ކްއީން ‘ވެސްޓެރޮސް’ އާއި އެތަނުގެ މިހާރުގެ ވެރިމީހާ ސަރސީ އަށް ހަމަލާ ދިނުމުގައި މަރުކަޒެއްގެ ގޮތުގައި ބޭނުންކުރާނީ އައިލެންޑް ފޯޓްރެސް އެވެ.
އެޕިސޯޑް ފެއްޓޭނީ ވަރަށް ޝައުޤުވެރިވާނެ ފެށުމަކުން
މިރޭގެ އެޕިސޯޑުން ހަމަ އެއްމެ ތަންކޮޅެއްވެސް ނުބަލައި ދޫކޮށްލުން ރަނގަޅެއް ނޫނެވެ. ކޮފީއެއް ހެދުމަށް ނުވަތަ ފާޚާނާ ކޮށްލުމަށްވެސް ދުރަށްޖެހިލައިގެން ކަމަކުދާކަށް މިރެއަކު ނޯންނާނެއެވެ. ފަށާއިރު އަރާ ކްރެޑިޓްސް ގެ ކުރިންނާއި ފަހުންވެސް ވަރަށް މުހިއްމު ވާނެ އެވެ.
ކްރެޑިޓްސް ގެ ކުރިން ފެނިގެންދާނެ މަންޒަރުން ފެނިގެންދާނީ އެތަކެއް ހާސް މީހުން އެއްތަނަކަށް ޖަމާވެފައިވާ މަންޒަރެވެ. ދެންވާނެ ގޮތް އަދި މާ ޚާއްޞަވާނެ އެވެ.
މީރާ އާއި (އަދި އުއްމީދު ކުރެވޭގޮތުން ބްރޭން ވެސް) ވިންޓަރފޯލް އަށް އަންނާނެ
މި މަންޒަރުން ފެންނަގޮތުން މީރާ ގެ ރޯލުން މި ސީރީޒްގައި ފެނިގެންދާ އެލީ ކެންޑެރިކް މި ފެންނަނީ ވިންޓަރފޯލް ގައި ހުއްޓަ އެވެ. ފެނިފައިވަ ޓްރެއިލަރ ތަކުން އެނގޭގޮތުން ބްރޭން ވެސް ވިންޓަރފޯލް ގައި ހުއްޓާ ފެނެއެވެ. އެހެންކަމުން މީގެ ކުރީގެ ސީޒަން ގައި މުޅިން އެހެން ހިސާބެއްގައި އުޅެންޖެހިފައިވާ ބްރޭން އަށް މިރޭގެ އެޕިސޯޑުން އޭނާގެ ދައްތަ ސަންސާ އާއި އެއްބަފާ ބޭބޭ ޖޯން ސްނޯ އާއި ބައްދަލުވާނެ އެވެ.
ބްރީނީ އާއި ޕޮޑްރިކް ވެސް ވިންޓަރފޯލް ގައި
ޓްރެއިލަރ އިން ފެނިފައިވާގޮތުން މި ޖޯޑް ވަނީ ވިންޓަރފޯލް ގެ ކޯޓްޔަރޑް ކައިރިން ފެނިފައެވެ.
ކޮންމެވެސް އާދަޔާޚިލާފް ކަމެއް ސަރސީ ރަވާނެ
ވެސްޓެރޮސް ގެ ޗާޓެއް ކުރަހާފައިވާ ބޮޑު ކާޕެޓެއް މަތީގައި ސަރސީ ހުންނަތަން މި ފެންނަ މަންޒަރާއި އިތުރު ވަސީލަތްތަކުން މަޢޫލޫމާތު ލިބޭގޮތުން ސަރސީ ވަރަށް ވަރުގަދަ ޕްލޭނެއް ރާވާނެއެވެ. އަޔަން ތްރޯން ނުވަތަ ދަގަނޑުގެ ތަޚްތު ހޯދުމަށެވެ.
ލިބިފައިވާ ބައެއް ހިންޓްތައް ބުނާގޮތުން މި ސީޒަންގައި ޔުރެން ގްރެޖޮރީ އާއި އެކުގައި ސަރސީ ކޯލިޝަނެއް އެކުލަވާލާނެ އެވެ. ފުރަތަމަ އެޕިސޯޑުގައި މިކަމުގެ ކޮޅުމަތި ނުފެނި ދިއުންވެސް އެކަށީގެން ވެއެވެ. ނަމަވެސް ސަރސީ އަށް ބާރެއް ލިބެން އޮތް ހަމައެކަނި އަލިމަގެއްކަމަށް މިހާރު ފެންނަނީ ގްރެޖޯއީ އާއި ގުޅިގެން ލަޝްކަރެއް ރުކުރުވާލެވިގެންނެވެ.
ލަޔަންނާ މޮރމޮންޓް ނުވަތަ ވެސްޓެރޮސް ގައި އުޅޭ އެއްމެ ކޫލް ކުއްޖާ
މި ސީޒަން ގެ ފުރަތަމަ އެޕިސޯޑް މައިގަނޑު ގޮތަކަށް އަމާޒު ހިފާނެކަމަށް ބެލެވެނީ ‘ނޯތު’ ސަލާމަތް ކުރުމަށް ޖޯން ސްނޯ ކުރާ މަސައްކަތްތަކުގެ މައްޗަށެވެ. އަދި ރަސްކަލެއްގެ ގޮތުގައި ވެރިކަން ކުރަމުން އަންނަތަނެވެ. ލަޔަންނާ މޮރމޮންޓް މިހާރު ދިރިއުޅެމުން އަންނަނީ ޖޯން އާއި އެކުގައި ވިންޓަރފޯލް ގައެވެ.
ސީޒަން 6 ނިމުނު އިރު ޑެނެރީސް ޓާގޭރިއަން ވަނީ އޭނާ ގެންގުޅޭ ޑްރެގަންއާއި ސާސޭގެ ކޮއްކޮ ޓީރިއަންއާއެކު ކިންގްސް ލޭންޑިންއާ ދިމާއަށް ދަތުރުކުރަނިކޮށެވެ.
“ގޭމް އޮފް ތްރޯން”ގައި ތަގުދީރު ލަފާކޮށް ކިޔައިދޭ އަންހެނެއް ކަމުގައިވާ މެގީ ބުނާ ގޮތުން ސާސޭގެ ހުރިހާ ދަރިން ވެސް މަރުވާނެއެވެ. އަޔަން ތުރޯންގައި ސީޒަން 6 ނިމުނު އިރު ތަހުތުގައި އިނީ ސާސޭގެ ދޮށީ ފިރިހެންދަރި ޖޮފްރީ މަރުވުމާ ގުޅިގެން އައި ސާސޭގެ ދެވަނަ ފިރިހެން ދަރިފުޅެވެ. އަޔަން ތްރޯންގައި ސީޒަން 6 ނިމުނު އިރު ހުރީ އޭނާއެވެ.
ސީޒަން 7 ގެ ޓްރެއިލާގައި ފެނިގެންދާ ގޮތުގައި މިފަހަރު “އަޔަން ތްރޯން” ގެ ވެރިޔާ ސާސެއި ލެނިސްޓަރ (ލީނާ ހީޑޭ) އާއި ބޮޑެތި ޗެލެންޖު ތަކެއް ކުރިމަތި ވެގެން ދެއެވެ. ނަމަވެސް ސާސެއި ވަނީ “އަޔަން ތްރޯން” ދޫކޮށްނުލުމުގެ އަޒުމުގައި ހިފަހައްޓައިގެންނެވެ.
“އަހަރެމެންނަކީ އެންމެ ފަހުގެ ލެނިސްޓަރސް” ޓްރެއިލާގައި ސާސެއި ބުނެފައިވީ ނަމަވެސް ޑެނޭރިސް ޓާގޭރިއަން ނުވަތަ ޚަލީސީ (އެމިލިއާ ކްލާކް) ވަނީ “އަޔަން ތްރޯން” ހޯދާނެ ކަމަށް ގޮންޖަހާފައެވެ.
“އަހަރެން އުފަންވީ 7 ކިންގްޑަމްއަށް ރަސްކަން ކުރަން. އަދި އަހަރެން ރަސްކަން ކުރާނަން” ޓްރެއިލާގައި ޑެނޭރިސް ބުނެފައިވެއެވެ.
ގޭމް އޮފް ތްރޯންސް ސީޒަން 7 އަކީ މި ސީރީސްގެ އެންމެ ފަހު ސީޒަން ކަމަށް ވުމާއެކު ގިނަ ފޭނުން ވަނީ މާޔޫސް ވެފައެވެ. ނަމަވެސް މި ސީޒަން ނިމުމަށް ފަހުންވެސް މި ސީރީސްގެ “ސްޕިންއޮފްސް” ފެނިގެންދާނެ ކަމަށް އެޗް ބީ އޯ އިން ވަނީ ހާމަ ކޮށްފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!