އިނގެރޭސި ޕްރިމިއަރ ލީގުގައި މިރޭ ލިވަޕޫލް ކުޅުނު މެޗުން އެޓީމު މޮޅުވެ، ލެސްޓާ ސިޓީ ކުޅުނު މެޗު އެއްވަރުވުމުން ތާވަލުގެ އެއްވަނައިގައި ލިވަޕޫލް އިން ފަރަގު ބޮޑުކޮށްފިއެވެ.
ލިވަޕޫލްގެ ދަނޑުގައި މިރޭ ވެޓްފޯޑް އާއި ދެކޮޅަށް ކުޅުނު މެޗު، އެޓީމުން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ. ގިނައިރު ބޯޅަ ހިފަހައްޓައިގެން މުޅި މެޗު ކޮންޓްރޯލްކޮށްގެން ލިވަޕޫލް ކުޅުނުއިރު، ލިވަޕޫލްގެ ފުރަތަމަ ގޯލު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައެވެ. ސަޑިއޯ މާނޭ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހް އެވެ. މެޗުގެ 50 ވަނަ މިނެޓުގައި މާނޭ ގެ ފަރާތުން ގޯލެއް ފެނިގެންދިޔަ ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީ.އޭ.އާރު) ބޭނުންކޮށްގެން ޗެކްކުރުމަށް ފަހު ރެފްރީ ވަނީ އެ ގޯލު އޮފްސައިޑް ކަމަށް ނިންމާފައެވެ. ލިވަޕޫލްގެ ދެވަނަ ގޯލު މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް ސަލާހް އެވެ. މި މެޗުން ކާމިޔާބުކުރި ދެ ގޯލާއެކީ ސަލާހް ވަނީ ލިވަޕޫލް އަށް ކުޅެދިން 126 މެޗުގައި 84 ގޯލު ކާމިޔާބުކޮށްފައެވެ. މި މެޗުގައި ވެޓްފޯޑް އަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
މި މެޗުން ހޯދި މޮޅާއެކީ އިނގެރޭސި ޕްރިމިއަރ ލީގުގައި ބަލިނުވެ ލިވަޕޫލް އިން މިވަނީ 34 މެޗު ފުރިހަމަކޮށްފައެވެ. ބަލިނުވެ ލިވަޕޫލް އަށް ވުރެން ގިނަ މެޗު ފުރިހަމަކޮށްފައިވަނީ ޗެލްސީ އާއި އާސެނަލް އެވެ. ޗެލްސީ ބަލިނުވެ ޖެހިޖެހިގެން 40 މެޗު ފުރިހަމަކޮށްފައި ވާއިރު، އާސެނަލް ވަނީ 49 މެޗު ފުރިހަމަކޮށްފައެވެ. މިހާތަނަށް ކުޅުނު 17 މެޗުން 49 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނައިގައި ލިވަޕޫލް ވަނީ 10 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.
ލެސްޓާ ސިޓީ އިން އަމިއްލަ ދަނޑުގައި ނޯވިޗް ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ. ފުރަތަަމަ ހާފުގެ 26 ވަނަ މިނެޓުގައި އެމިލިއާނޯ ބުއެންޑިއާ ތަނަވަސްކޮށްދިން ފުރުސަތަކުން ތީމޫ ޕުއްކީ ވަނީ ގޯލެއް ޖަހާ ނޯވިޗް ސިޓީ އަށް މެޗުގެ ލީޑު ހޯދައިދީފައެވެ. ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ދެވަނަ ގޯލު ފެނިގެން ދިޔައީ 38 ވަނަ މިނެޓުގައެވެ. މި ގޯލަކީ ނޯވިޗް ސިޓީގެ ކީޕަރު ޓިމް ކުރުލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މި މެޗުން ލެސްޓާ ސިޓީ އެއްވަރުވުމާއެކު، ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލް އާއި ދެމެދު އޮތް ފަރަގު ވަނީ ބޮޑުވެފައެވެ. މިހާތަނަށް ކުޅުނު 17 މެޗުން ލިބުނު 39 ޕޮއިންޓާއެކު ލެސްޓާ ސިޓީ އޮތީ ތާވަލުގެ ދެވަނައިގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި