ސްޕެނިޝް ލީގުގައި ރޭ، ރެއާލް ސޮސިއެޑާޑް އާއި ބާސެލޯނާ ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވުމުން، އަންނަ ބުދަ ދުވަހުގެ ރޭ ގައި އޮންނަ އެލް ކްލެސިކޯ މެޗުގެ ކުރިން ތާވަލުގެ އެއްވަނަ މަގާމު ބާސާ އަށް ގެއްލުމުގެ ފުރުސަތު އެބައޮތެވެ.

ސޮސިއެޑާޑް ގެ ދަނޑުގައި ކުޅުނު މި މެޗުގައި ބާސާ އަށްވުރެ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ، ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ވެސް ސޮސިއެޑާޑް އިންނެވެ. މެޗުގެ ފުރަތަަމަ ގޯލު 12 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ސޮސިއެޑާޑް ގެ ސްޕެއިންގެ ފޯވާޑް މިކޭލް އޮޔަރްޒަބާލް އެވެ. ނަމަވެސް ފުރަތަަމަ ހާފު ނިމުމުގެ ކުރިން ލުއިސް ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން 38 ވަނަ މިނެޓުގައި އޮންޓުއާން ގްރީޒްމަން ވަނީ ގޯލެއް ޖަހާ ބާސާ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިއީ ގްރީޒްމަން ބާސާ އަަށް ކާމިޔާބުކޮށްދިން ހަތްވަނަ ގޯލުކަން ފާހަގަކޮށްލެވެއެވެ.

ގްރީޒްމަން ގެ ގޯލާއެކު ބާސާ ކުޅުންތެރިން އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖެސް

ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ، ބާސާ އިން ވަނީ ގޯލެއް ޖަހާ މެޗުގެ ލީޑު ހޯދާފައެވެ. 49 ވަނަ މިނެޓުގައި ލިއޮނެލް މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު ކާމިޔާބުކޮށްދިނީ ސުއަރޭޒް އެވެ. ބާސާގެ މި ގޯލާއެކު ސޮސިއެޑާޑް އިން ހަމަލާތައް އިތުރުކުރުމުގެ ނަތީޖާއަކަށްވީ، 62 ވަނަ މިނެޓުގައި އެލެގްޒެންޑަރ އިސާކް ގޯލެއް ޖަހާ ސޮސިއެޑާޑް އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނުމެވެ.

ގޯލުޖެހުމަށްފަހު ރެއާލް ސޮސިއެޑާޑް ގެ ކުޅުންތެރިން އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖެސް

މި މެޗުން އެއްވަރުވުމުން، ކުޅުނު 16 މެޗުން ލިބުނު 35 ޕޮއިންޓާއެކު، ވަގުތީގޮތުން ބާސާ އޮތީ ތާވަލުގެ އެއްވަނައިގައެވެ. ނަމަވެސް މިރޭ ވެލެންސިއާ އަދި ރެއާލް މެޑްރިޑް ބައްދަލުކުރާ މެޗުން ރެއާލް މެޑްރިޑް މޮޅުވެއްޖެ ނަމަ، ބާސާ ތާވަލުގެ ދެވަނަ އަށް ވެއްޓި ރެއާލް މެޑްރިޑް އެއްވަނަ އަށް އަރާނެއެވެ. ރެއާލް މެޑްރިޑް މިވަގުތު 34 ޕޮއިންޓާއެކު އޮތީ ތާވަލުގެ ދެވަނައިގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.