ޖަރުމަނުގެ ބުންޑެސްލީގާގައި ކޫޓީނިއޯ ކާމިޔާބުކޮށްދިން ހެޓްރިކާއެކު، 6-1 ގެ ނަތީޖާއަކުން ވާޑާ ބްރެމަން ބަލިކޮށް ބަޔާން މިއުނިކް ފުރިހަމަ މޮޅެއް ހޯދައިފިއެވެ.

ބަޔާން މިއުނިކް ގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަަމަ ހާފުގެ 24 ވަނަ މިނެޓުގައި މިލޮޓް ރަޝިކާ ގޯލެއް ޖަހާ ވާޑާ ބުރެމަން އަށް ލީޑު ނަގައިދީފައިވަނިކޮށް، 45 ވަނަ މިނެޓުގައި ސާޖް ނަބްރީ ތަނަވަސްކޮށްދިން ފުރުސަތަކުން ގޯލެއް ޖަހާ ފިލިޕޭ ކޫޓީނިއޯ ވަނީ ބަޔާން އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭގެ އިރުކޮޅެއް ފަހުން ކޫޓީނިއޯ ތަނަވަސްކޮށްދިން ފުރުސަތަކުން ރޮބަޓް ލެވަންޑޮވްސްކީ ވަނީ ގޯލެއް ޖަހާ ބަޔާން އަށް މެޗުގެ ލީޑު ނަގައިދީފައެވެ.

ލެވަންޑޯވްސްކީ ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖެސް

ދެވަނަ ހާފު ވެސް ބަޔާން އިން ފެށީ ވަރަށް ވަރުގަދަކޮށެވެ. ގިނައިރު ބޯޅަ ހިފަހައްޓައިގެން އެ ޓީމު މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް ވަނީ ބުރެމަން ގެ ގޯލަށް ފޮނުވައިލާފައެވެ. ބަޔާން ގެ ތިންވަނަ ގޯލު ޑޭވިޑް އަލާބާ ތަނަވަސްކޮށްދިން ފުރުސަތަކުން 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ފުރަތަަމަ ގޯލު ކާމިޔާބުކޮށްދިން ކޫޓީނިއޯ އެވެ. 72 ވަނަ މިނެޓުގައި ތޯމަސް މުލާ ތަނަވަސްކޮށްދިން ފުރުސަތަކުން ލެވަންޑޮވްސްކީ ވަނީ އިތުރު ގޯލެއް ޖަހާ ބަޔާންގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ ބުންޑެސްލީގާގައި ލެވަންޑޮވްސްކީ ކާމިޔާބުކުރި 220 ވަނަ ގޯލެވެ. ބުންޑެސްލީގާގެ ތާރީޚު ގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިންގެ ލިސްޓުގެ ތިންވަނައަށް ލެވަންޑޯވްސްކީ މިހާރު ވަނީ ޖެހިލާފައެވެ. މެޗުގެ 75 ވަނަ މިނެޓުގައި ކޫޓީނިއޯ ތަނަވަސްކޮށްދިން ފުރުސަތަކުން މުލާ ވަނީ ބަޔާންގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ކޫޓީނިއޯ ގެ ހެޓްރިކް ފެނިގެންދިޔައީ 78 ވަނަ މިނެޓުގައެވެ. ކޫޓީނިއޯ މި ގޯލު ކާމިޔާބުކުރީ އިވާން ޕެރިސިޗް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ބަޔާން މިއުނިކް ގައި ކޫޓީނިއޯ ހެޓްރިކް ފުރިހަމަކުރި އިރު، އޭނާ ވަނީ ބުރެޒިލް، ލިވަޕޫލް އަދި ބާސެލޯނާ ގައި ވެސް ހެޓްރިކް ހަދާފައެވެ.

ގޯލުޖެހުމަށްފަހު ކޫޓީނިއޯ އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖެސް

މި މެޗުން ހޯދި މޮޅާއެކީ ކުޅުނު 15 މެޗުން 27 ޕޮއިންޓް ހޯދައިގެން ބަޔާން މިއުނިކް އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.