ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އާދަމް ސަލީމް ކަޕް 2019 ގެ ފުޓްބޯޅަ މުބާރާތުގެ ފަސްވަނަ މެޗު  ތަފާތު ބޮޑު ނަތީޖާއަކުން  ޔޫތު ފުރެންޑްސް އިން ކާމިޔާބުކޮށްފިއެވެ.

އިއްޔެ ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ޔޫތު ފުރެންޑްސް އިން ކާމިޔާބުކޮށްފައި ވަނީ ޓީމު ޔުނީފޯމާއި ވާދަކޮށް 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އިއްޔެ މެޗުގައި ޔޫތު ފުރެންޑްސް އިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްފައިވަނީ އެ ޓީމުގެ ޖޯޒީ ނަންބަރު 30 އަހުމަދު ޚަލީލެވެ. ދެވަނަ ލަނޑު 29 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ޖޯޒީ ނަންބަރު 29 ހުސެއިން ޝަރީފެވެ. އޭގެ މިނެޓެއް ފަހުން އަހުމަދު ޚަލީލު ވަނީ އިތުރު ލަނޑެއްޖަހައި މެޗުގެ ނަތީޖާ 3-0 އަށް ބަދަލު ކޮށްލާފައެވެ. ފުރަތަމަ ހާފު ނިމިފައި ވަނީ މި ނަތީޖާއިންނެވެ.

ޔޫތު ފުރެންޑްސް އާއި ޔުނީފޯމު ބައްދަލުކުރި މެޗުގެ ތެރެއިިން / ފޮޓޯ: އައި ކްލިކް ސްޓޫޑިއޯ

ފަހު ހާފުގައި ވެސް ޔޫތު ފުރެންޑްސް އިން ވަނީ ތިން ލަނޑު ޖަހާފައެވެ. މިގޮތުން މެޗުގެ ހަތަރުވަނަ ލަނޑު ޖަހާފައި ވަނީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޔޫތު ފުރެންޑްސްގެ ޖޯޒީ ނަންބަރު 33 އާދަމް އިބުރާހިމެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށްފައި ވަނީ 46 ވަނަ މިނެޓުގައެވެ. ފަސްވަނަ ލަނޑު 85 ވަނަ މިނެޓުގައި ހުސެއިން ޝަރީފު ކާމިޔާބުކޮށްފައިވާއިރު، އޭގެ ދެމިނެޓް ފަހުން ލިބުނު ޕެނަލްޓީ އެއް ކާމިޔާބުކޮށް އޭނާ ވަނީ ހެޓްރިކް ހަދާފައެވެ.

އިއްޔެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޔޫތު ފުރެންޑްސް އަށް ތިން ލަނޑު ކާމިޔާބު ކޮށްދިން ހުސެއިން ޝަރީފެވެ. މޮޅުކުޅުންތެރިޔާ އަށް އިނާމު ހަވާލުކޮށްދެއްވީ މިއަދުގެ މެޗުގެ ޝަރަފުވެރި މެހެމާނު ހަނިމާދޫ ކައުންސިލުގެ ޒިންމާދާރު ވެރިޔާ އަލްފާޟިލް އިބުރާހިމް އަލީއެވެ.

މެޗުގެ މޮޅުކުޅުންތެރިޔާ އަށް ޓްރޮފީ ހަވާލުކޮށްދެއްވަނީ / ފޮޓޯ: އައި ކްލިކް ސްޓޫޑިއޯ

މި މުބާރާތުގެ މެޗެއް މިއަދު ވެސް އޮންނާނެއެވެ. ބައްދަލު ކުރާނީ ޓީމު ޝީލްޑު އާއި ޓީމު އަހުލީއެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނީ  16:00 ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.