ޙުސައިން މުނައްވަރު (ކިޑޫ) ޕްރޮޑިއުސްކޮށް، އަމްޖަދު އިބްރާހިމް (އަމްޖޭ) ޑައިރެކްޓްކޮށް އުފައްދާފައިވާ ވެބް ސީރީޒް “ހަނާ”ގެ ބެކް މިއުޒިކްގެ ބޮޑުބައެއް ނިންމައިލެވިއްޖެ ކަމަށް ސީރީޒްގެ ބެކް މިއުޒިކް ހެދުމަށް ހަވާލުކޮށްފައިވާ މަޝްހޫރު މިއުޒީޝަން އައްޔުމަން ޝަރީފް (އައްޔު) ބުނެފިއެވެ.
ގިނަ ދިވެހި ފިލްމުތަކެއްގެ ބެކް މިއުޒިކް ހަދާފައިވާ ހުނަރުވެރި ފަންނާނު އައްޔު މުނިއަވަސް އަށް މިއަދު ބުނީ ބެކް މިއުޒިކް ހެދުމަށް އޭނާއާ ހަވާލުކޮށްފައިވާ ބައިގެ ވަރަށް ބޮޑު ބައެއްގެ ބެކް މިއުޒިކް ހަދައި ނިންމާލުމަށްފަހު މާދަމާ ހަވާލުކުރެވޭނެ ކަމަށެވެ.
“މުޅި ކޮމްޕްލީޓް އެއްޗެއް ނޫން. ގާތްގަނޑަކަށް ފިފްޓީ ޕަސެންޓް އިރާދަކުރެއްވިއްޔާ މާދަމާ ހަވާލުކުރެވޭނެ.” އައްޔު ބުންޏެވެ.
“އިރާދަކުރެއްވިއްޔާ އެމީހުން އެކްސްޕެކްޓް ކުރާވަރަށް ވުރެންވެސް ރަނގަޅު އެއްޗެއް ދޭނަން.” ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ހިތްހަމަޖެހޭ ފެންވަރަށް މިއުޒިކް ހެދޭނެކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށް ވެސް އައްޔު ބުންޏެވެ.

އައްޔުމަން ޝަރީފް އަކީ ކުޅަދާނާ މިއުޒީޝަނެއް – ފޮޓޯ: އައްޔުމަން
ވެބް ސީރީޒް “ހަނާ”ގެ ބެކް މިއުޒިކް ހެދުމަށް އައްޔު އާއި ހަވާލުކުރީ މިމަހުގެ ހަތަރު ވަނަ ދުވަހު ފިލްމުގެ ޕްރޮޑިއުސަރާއި ޑައިރެކްޓަރ ގެ އިތުރުން ޕްރޮޑަކްޝަން މެނޭޖަރ ޢަލީ ރަޝީދު (ގޮޅާ) އެވެ.
“އައްޔު ބޭނުންވާ ވަރަށް ޓައިމް ނަގައިގެން އޭތި ރަނގަޅަށް ހަދަން ދީފަ ވާނީ.” ވެބް ސީރީޒް “ހަނާ” ޕްރޮޑިއުސްކޮށް ކެމެރާކުރި ހުސައިން މުނައްވަރު ބުންޏެވެ.
އައްޔު ބުނީ “ހަނާ”ގެ ބެކް މިއުޒިކް ހަދަނީ އެހެން ފިލްމުތަކުގެވެސް ބެކް މިއުޒިކް ހެދުމުގައި އޭނާ އަމަލުކުރާ ގޮތަށް، ޕްރޮޑަކްޝަން ޓީމުން ބޭނުންވާ ސްޓައިލަށް ވަރަށް ބޮޑަށް ފަރުވާތެރިކަމާއެކުގައި ކަމަށެވެ.
“އެމީހުން ކޮށްފަ ހުރި މަސައްކަތް އެމީހުންވެސް ހުރީ ވަރަށް ފަރުވާތެރިކަމާއެކު ވަރަށް ރީތިކޮށް ކޮށްފަ. އެހެންވީމަ މީގަ މަށަށްވެސް އޮންނާނެ ކަމަކީ މަވެސް ހަމަ އެހާ ރީތިކޮށް، އެހާ ލޯބިން މި މަސައްކަތްކުރުން.” މި ސީރީޒްގެ މަސައްކަތް ކޮށްފައިވާ ގޮތާމެދު އައްޔުމަން ވަރަށް ބޮޑަށް ތަޢުރީފުކޮށް ވާހަކަދެއްކިއެވެ.
“އެމީހުންގެ މަސައްކަތަށް ބަލައިލީމާ އެބަ އެނގޭ ކޮންމެ ޝޮޓަކަށްވެސް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފަ އެބަހުރިކަން. ވަރަށް ބޮޑަށް ފަރުވާ ބަހައްޓައިގެންކަން ކޮށްފަ ހުރީ. އެހެންވީމަ އަހަރެން މި ބަލަނީ މީގަ ބޭނުންކުރާ ކޮންމެ ނޯޓެއްވެސް، ކޮންމެ އިންޓްރޫމެންޓެއް ބޭނުންކުރިޔަސް އެވެސް ވަރަށް ފަރުވާތެރިކަމާ އެއްކޮށް އެ ފިލްމުގެ އެ ދައްކާ މަންޒަރާ އިހްސާސްތަކާ ގުޅޭގޮތަށް އޭތި ދައްކުވައިދެވޭތޯ.” ވެބް ސީރީޒް “ހަނާ”ގެ ބެކް މިއުޒިކް ހެދުމުގައި އައްޔުމަން މަސައްކަތްކުރާގޮތް ހިއްސާކުރަމުން ބުންޏެވެ.

“ހަނާ” ޑައިރެކްޝަންގައި އަމްޖޭ – ފޮޓޯ: މުނިއަވަސް
އަންނަ އަހަރު ޖެނުއަރީ މަހު ބައިސްކޯފުން ދައްކަން ފަށާ “ހަނާ” އަކީ 13 އެޕިސޯޑްގެ ވެބް ސީރީޒްއެކެވެ. ”ހަނާ“ގެ ލީޑް ކުޅެނީ ނުވަ ވަނަ ފިލްމު އެވޯޑްސްގައި އެންމެ މޮޅު ފިރިހެން ސަޕޯޓިން އެކްޓަރުގެ ރޯލާއި ސްޕެޝަލް ޖޫރީ ޕްރައިޒް، އައުޓްސްޓޭންޑިންގ އޯލްރައުންޑް ޕާރފޯމަރގެ އެވޯޑް ހޯދާފައިވާ އަލީ އާޒިމް (ދޮން އައްޔަ)، އިބްރާހިމް ޖިހާދު (ޖިމީ)، ނޫރާ، ޝަމީލް، ގުލިސްތާނު އަދި ނިޝާ (ނިޝްކޮ) އެވެ.
ވެބް ސީރީޒް “ހަނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!