ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ އަދި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވުމުން، ތާވަލުގެ އެއްވަނަ އަށް އަރަން ލިބުނު ފުރުސަތު ރެއާލް މެޑްރިޑް އިން ނަގާލައިފިއެވެ.
ވެލެންސިއާގެ ދަނޑުގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ރެއާލް އިން މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދި ނަމަވެސް، ހަމަލާތައް ގޯލަށް އަމާޒުކޮށްލެވިފައި ވަނީ ދެ ޓީމަށް ވެސް ދާދި އެއްވަރަކަށެވެ. މެޗުގެ ދެ ގޯލު ވެސް ފަހު ހާފުގައި ފެނިގެންދިޔައިރު، 78 ވަނަ މިނެޓުގައި ފުރަތަމަ ގޯލެއް ޖެހީ ވެލެންސިއާ އިންނެވެ. ޑެނިއަލް ވާސް ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ކާލޮސް ސޮލާ އެވެ. ރޭވުންތެރިކަމާއެކު ރެއާލްގެ އެޓޭކްތައް ހުއްޓުވަމުން ދިޔަ ވެލެންސިއާ ގެ ޑިފެންސް ރެއާލް އަށް ފޫއަޅުވާލެވުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ކަރިމް ބެންޒީމާ އެވެ.
ވާދަވެރި ބާސެލޯނާ އާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު އެއްވަރުވުމުން މި މެޗުން މޮޅުވެގެން ތާވަލުގެ އެއްވަނަ އަށް އެރުމުގެ ފުރުޞަތު ރެއާލް މެޑްރިޑް އަށް އޮތް ކަމުގައި ވީނަމަވެސް، އެ ޓީމުން މިވަނީ އެ ފުރުޞަތު ނަގާލާފައެވެ. މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ބެންޒީމާ ބުނެފައިވަނީ ލީގު ހޯދަން އޭނާ ބޭނުންވާ ކަމަށާއި، ކުޅުމުންނާއި، އަނގަބަހުން ޓީމުގެ ކުޅުންތެރިންނަށް އެހީވާން ޖެހުނަސް އެކަމަށް ތައްޔާރުވެގެން ހުރިކަމަށެވެ.
ކުޅުނު 16 މެޗުން 35 ޕޮއިންޓް ހޯދައިގެން ރެއާލް ތާވަލުގެ ދެވަނައިގައި އޮތްއިރު، ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ބާސާ ތާވަލުގެ އެއްވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. އަންނަ ބުދަ ދުވަހުގެ ރޭ މި ދެޓީމު ބައްދަލުކުރާ މަޝްހޫރު އެލް ކްލެސިކޯ މެޗު އޮންނާނެއެވެ. އެ މެޗުން މޮޅުވެގެން ޕޮއިންޓުގެ ފަރަގުން ތާވަލުގެ އެއްވަނަ އަށް އެރުމުގެ ފުރުޞަތު ދެ ޓީމަށް އެބައޮތެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި