ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާ އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އާދަމް ސަލީމް ކަޕް 2019 ފުޓްބޯޅަ މުބާރާތުގެ ހަވަނަ މެޗު  ޝީލްޑުން ކާމިޔާބު ކޮށްފިއެވެ.

އިއްޔެ ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި  ކުޅުނު މި މެޗު ޝީލްޑުން ކާމިޔާބު ކޮށްފައި ވަނީ ޓީމު އަހުލީ އާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިފައި ވަނީ ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައިވަނީ އަހުލީ ޓީމުންނެވެ. ޝީލްޑުގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާނަގައި މެޗުގެ 34 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބު ކޮށްދިނީ އަހުލީ ޓީމުގެ ޖޯޒީ ނަންބަރު 12 އަލީ ހުސެއިންނެވެ. އޭގެ ހަ މިނެޓް ފަހުން ޝީލްޑުގެ ޖޯޒީ ނަންބަރު 11 އާސިފް ސަލީމް ލަނޑު ޖަހައި މެޗުގެ ނަތީޖާ ވަނީ ހަމަހަމަ ކޮށްފައެވެ.

މެޗުގެ ތެރެއިިން / ފޮޓޯ: އައި ކްލިކް ސްޓޫޑިއޯ

ފަހު ހާފުގެ ފުރަތަމަ ފަނަރަ ވަރަކަށް މިނެޓު އަހުލީ ޓީމުން މޮޅަށް ކުޅުނު ނަމަވެސް އިތުރު ލަނޑެއް ޖެހޭގޮތެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން ޝީލްޑުން ވަނީ ކުޅުން ރަނގަޅުކޮށް 79 ވަނަ މިނެޓުގައި ލަނޑު ޖަހާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން އާސިފް ސަލީމެވެ. އަހުލީގެ ޑިފެންސް ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޗުގެ 89 ވަނަ މިނެޓުގައި އަހުމަދު މުޖުތަބާ އިތުރު ލަނޑެއްޖަހައި ޝީލްޑަށް ވަނީ ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ.

މި މުބާރާތުގައި ޖުމުލަ ހަޓީމު ވާދަކުރާއިރު ފުރަތަމަ ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބިގެން ދާނެއެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނީ ފުރަތަމަ ބުރު ނިމޭއިރު ޕޮއިންޓު ޓޭބަލުގެ ދެވަނަ ޓީމާއި ތިންވަނައިގައި އޮންނަ ޓީމު ކުޅޭ ސެމީ ފައިނަލު މެޗުން މޮޅުވާ ޓީމަކަށެވެ.

އިއްޔެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޝީލްޑަށް މެޗުގައި ދެ ލަނޑު ކާމިޔާބު ކޮށްދިން އާސިފް ސަލީމެވެ. އާސިފް ސަލީމަކީ މި މުބާރާތުގެ ނަން ހާއްސަ ކުރެވެިފައިވާ ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާގެ މެމްބަރު އަލްމަރުހޫމް އާދަމް ސަލީމުގެ ހަގު ފިރިހެން ދަރިފުޅެވެ. އާސީފަކީ މިވަގުތު ހަނިމާދޫގައި ތިބި މޮޅެތި ފޯވާޑު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އުންމީދީ ކުޅުންތެރިއެކެވެ. މޮޅުކުޅުންތެރިޔާ އަށް އިނާމު ހަވާލުކޮށް ދެއްވީ އިއްޔެ މެޗުގެ ޝަރަފުވެރި މެހެމާނު އަލްފާޟިލް އަހުމަދު ޖަލީލެވެ

މި މުބާރާތުގެ މެޗެއް މިއަދު ވެސް އޮންނާނެއެވެ. ބައްދަލު ކުރާނީ ޓީމު ރޫހާއި ޓީމު ޔުނީފޯމެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނީ  16:00 ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.