‏ސްޓެބިސިސް އިން ސްޕޮންސަރ ކޮށްގެން އާރްސީ ޓީމް މޯލްޑިވްސްއާއި ގޮއިދޫ ސްކޫލް އަދި ބ. ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީއާއި ގުޅިގެން އެރަށުގައި އާރްސީ ބިގިނާރސް ކޯހެއް އިއްޔެ ފަށައިފިއެވެ.

ރިމޯޓް ކޮންޓްރޯލް ބޭނުންކޮށްގެން ދުއްވާ ކާރާއި، މަތިންދާބޯޓް ފަދަ ތަކެތި ހަދަން ދަސްކޮށްދޭ މިކޯސް މިމަހުގެ 15 ން 21 ކުރިއަށް ދާނެކަމަށް ކޯހުގައި ކިޔަވައި ދެއްވާ އާރްސީ ޓީމުގެ މުދައްރިބު މުޙައްމަދު ޖަޒީލް މަޢުލޫމާތު ދެއްވައެވެ.

އާރްސީ ޓީމް މޯލްޑިވްސްގެ ފަރާތުން ރާއްޖޭގައި އަލަށް ކުރިއަށް ގެންދާ މި ކޯހުގައި ގޮއިދޫގެ 14 ކުއްޖަކުވަނީ ބައިވެރިވެފައެވެ. 

“ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް ނިޒާމް އަދި ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީގެ ރައީސް ހަސަން ނިޒާމްގެ އެދިލެއްވުމަކަށް ކުރިއަށް ގެންދާ ކޯހެއް މީ… މައިގަނޑު ގޮތެއްގައި މިކޯހުގައި ހިމެނޭނީ އެެއަރ ކްރާފްޓް ބިލްޑް އެންޑް ފްލައި” ޖަޒީލް ވިދާޅުވިއެވެ.

ޖަޒީލްގެ އިސް ނެންގެވުމާއެކު އާރްސީ ޓީމް މޯލްޑިވްސް އިން ކުރިއަށް ގެންދާ މި ކޯހަކީ ހިލޭ ސާބަހަށް އެ ޓީމުން ކުރިއަށް ގެންދާ ކޯހެކެވެ. ޖަޒީލް އަކީ އެޖް ވޯޓަރ އެއަރ ޕާކްގެ ފައުންޑަރެކެެވެ.

ކޯހުގެ 7 ވަނަ ދުވަހު ބައިވެރިންގެ މެދުގައި ސްޓެބިސިސްގެ ޑީޖޭއައި ޓެލޯ ޑްރޯން މުބާރާތެއް  އޮންނާނެ ކަމަށާއި 1ވަނައަށް ދާ ދަރިވަރަކަށް ޑްރޯންއެއް ހަދިޔާ ކުރުމަށް ނިންމާފައިވާ  ކަމަށްވެސް އެފަރާތުން މަޢުލޫމާތު ދެއްވައެވެ.

“މި ފުރުސަތުގައި ސްޓެބިސިސްގެ އެމްޑީ އިބްރާހިމް ނިހާދުއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.. ފެށުނީއްސުރެ ވެސް މި ކުޅިވަރު ކުރިއެރުވުމައްޓަކައި ދެމުން އަންނަ އެއްބާރު ލުމަށް” ޖަޒީލް ވިދާޅުވިއެވެ. ސްޓެބިސިސް އަކީ ޑީޖޭއައި ޑްރޯންސް ވިއްކާ ރީޓެއިލް ފިހާރައެކެެވެ. 

އާރްސީ ޓީމް މޯލްޑިވްސް އަކީ ދިވެހިރާއްޖޭގައި އާރްސީ ކުޅިވަރު ކުރިއެރުވުމަށާއި މި ކުޅިވަރު އެންމެ ކުރީންސުރެ ކުޅެމުން އަންނަ އެންމެން އެއްތަނަކުން ދިމާވެ މިކަމުގައި އިތުރަށް ކުރިއަށް ދެވޭނެ ގޮތް ހޯދައި ބެލުމަށް ހެދުނު ޓީމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަަދި އެޓީމުގައި އެކި ހުނަރުވެރިންނަށް ބަލާއިރު އާރްސީ މޮޑެލް އެއަރކްރާފްޓް، ކާރު، ބޯޓް، ހެލިކޮޕްޓަރ ރޭސިންގް ޑްރޯން ދުއްވާ އަދި އެކަމުގެ މާހިރުން އުޅޭ ކަމަށްވެސް ޖަޒީލް ވިދާޅުވިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.