ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާ އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އާދަމް ސަލީމް ކަޕް 2019 ފުޓްބޯޅަ މުބާރާތުގެ ހަތްވަނަ މެޗު ޓީމު ރޫހު ކާމިޔާބު ކޮށްފިއެވެ.

އިއްޔެ ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ރޫހުން ކާމިޔާބުކޮށްފައި ވަނީ ޓީމު ޔުނީފޯމާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ކުޅުނު ދެ މެޗުން ވެސް ބަލިވެފައި ވުމުން އިއްޔެގެ މެޗުން މޮޅުވެގެން ނޫނީ ޔުނީފޯމަށް މުބާރާތުގައި ކުރިއަށް ދެވެން ނެތުމުން އެ ޓީމު އިއްޔެގެ މެޗަށް ނުކުމެފައި ވަނީ އާ ހިތްވަރަކާއި އެކުގައެވެ. މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، އެ ޓީމަށް މައްސަލަ ކުރިމަތިވީ މެޗުގެ ވަރަށް ކުރީކޮޅު ބައިކޮޅަށް ވަން ލަނޑުންނެވެ. މި ލަނޑު މެޗުގެ 5 ވަނަ މިނެޓުގައި ރޫހު ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމުގެ ޖޯޒީ ނަންބަރު 80 އިބުރާހިމް ރަމީޒެވެެ. ޔުނީފޯމަށް ފުރަތަމަ ހާފުގައި ޕެނަލްޓީއެއް ލިބުނު ނަމަވެސް އެ ޓީމު ކެޕްޓަން ހުސެއިން އަހުމަދު ފޮނުވައިލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިފައިވަނީ 1-0 ގެ ނަތީޖާއިން ރޫހު ކުރީގައި އޮވެގެންނެވެ.

ކުޅުމުގެ ތެރެއިން / ފޮޓޯ: އައި ކްލިކް ސްޓޫޑިއޯ

ފަހު ހާފުގެ ގެ 76 ވަނަ މިނެޓުގައި ރޫހު ޓީމުން އިތުރު ލަނޑެއްޖަހައި ނަތީޖާ 2-0 އަށް ވަނީ ބަދަލުކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ މިޑްފީލްޑަރު ޖޯޒީ ނަންބަރު 30 އަހުމަދު އަލީއެވެ. ތިންވަނަ ލަނޑަކީ ޔުނީފޯމު ޑިފެންޑަރު އިބްރާހިމް އަލީ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
ޔުނީފޯމު ޓީމުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައި ވަނީ 89 ވަނަ މިނެޓުގައި އެ ޓީމުގެ ޖޯޒީ ނަންބަރު 7 ފަޔާޒު މޫސާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި އެ ޓީމުގެ ޖޯޒީ ނަންބަރު 17 މުހައްމަދު އަލީއެވެ.

އިއްޔެ މެޗުން ބަލިވުމުގެ ސަބަބުން ޔުނީފޯމު ޓީމަށް ގުރޫޕު ސްޓޭޖުގައި ބާކީ ދެ މެޗު އޮތްނަމަވެސް، އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ. މި ޓީމަކީ މި މުބާރާތުގައި ވާދަކުރާ ގިނަ އަދަދަކަށް ޒުވާން ކުޅުންތެރިން ހިމެނޭ އުންމީދީ ޓީމެއްކަން ފާހަގަކުރެވެއެވެ.

އިއްޔެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރޫހު ޓީމަށް ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިން އިބްރާހީމް ރަމީޒެވެ. މޮޅު ކުޅުންތެރިޔާ އަށް އިނާމު ހަވާލުކޮށް ދެއްވީ އިއްޔެ މެޗުގެ ޝަރަފުވެރި މެހެމާނު ށ.ފޯކައިދޫ ކައުންސިލުގެ ނައިބު ރައީސް އަދި ފޯކައިދޫ ފުޓްބޯޅަ ޓީމުގެ މެނޭޖަރ އަލްފާޟިލް އަހުމަދު އާސިފެވެ.

މެޗުގެ މޮޅުކުޅުންތެރިޔާ އަށް ޓްރޮފީ ހަވާލުކޮށްދެއްވަނީ / ފޮޓޯ: އައި ކްލިކް ސްޓޫޑިއޯ

މި މުބާރާތުގެ މެޗެއް މިއަދުވެސް އޮންނާނެއެވެ. ބައްދަލު ކުރާނީ ޔޫތު ފުރެނޑްސް އާއި ޓީމު ރިއަލް ސްޓާރސްއެވެ. ފޯރި ގަދަވާނެކަމަށް ބެލެވިފައިވާ މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ  16:00 ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.