ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާ އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އާދަމް ސަލީމް ކަޕް 2019 ފުޓްބޯޅަ މުބާރާތުގެ އަށްވަނަ މެޗު ފޯރިގަދަ ކުޅުމަކަށްފަހު ރިއަލް ސްޓާރސް އިން ކާމިޔާބު ކޮށްފިއެވެ.

އިއްޔެ ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފޯރިގަދަ މި މެޗު ރިއަލް ސްޓާރސް އިން ކާމިޔާބުކޮށްފައި ވަނީ ޓީމު ޔޫތު ފުރެންޑްސް އާއި ވާދަކޮށް 3-2 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ދެ ލަނޑު ވެސް މެޗުގެ ކުރީކޮޅު ކާމިޔާބު ކޮށްފައިވަނީ ޔޫތު ފުރެންޑްސް އިންނެވެ. ފުރަތަމަ ލަނޑު މެޗުގެ ދެވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ޖޯޒީ ނަންބަރު 96 އާލިފް އިބްރާހިމެވެ. ޔޫތު ފުރެންޑްސް އަށް 14 ވަނަ މިނެޓުގައި ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ އެ ޓީމުގެ ޖޯޒީ ނަންބަރު 30 އަހުމަދު ޚަލީލެވެ.

މެޗުގެ ވަރަށް ކުރީކޮޅު ދެ ލަނޑުޖަހައި ޔޫތު ފުރެންޑްސް އިން ކުރި ހޯދި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ރިއަލް ސްޓާރސް އިން ވަނީ ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިގޮތުން 18 ވަނަ މިނެޓުގައި އެ ޓީމުގެ މުހައްމަދު އަބްދުލް ޤަފޫރު ލަނޑެއްޖަހައި ވަނީ ފަރަގު ކުޑަކޮށްދީފައެވެ. ރިއަލް ސްޓާރސް އިން ކާމިޔާބުކުރި ދެވަނަ ލަނޑަކީ މުޅި މެޗުގައި ވެސް ފެނުނު އެންމެ ހިތްގައިމު ލަނޑެވެ. މި ލަނޑު ޖަހާފައި ވަނީ 30 ވަނަ މިނެޓުގައި އެ ޓީމުގެ ޖޯޒީ ނަންބަރު 7 އަހުމަދު އަފުރާހުއެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށްފައި ވަނީ އޭރިޔާގެ ބޭރުން ފޮނުވައިލި ބާރު ބޯޅައަކުންނެވެ. މި ލަނޑު ގޯލުގެ ތެރެއަށް ވަދެފައި ވަނީ ގޯލުގެ އަރިމަތީ ދެ ދަނޑީގައި ޖެހިފައެވެ. ފުރަތަމަ ހާފު ނިމިފައި ވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމު އެއްވަރު ވެގެންނެވެ.

މެޗުގެ ތެރެއިިން / ފޮޓޯ: އައި ކްލިކް ސްޓޫޑިއޯ

މެޗުގެ ފަހު ހާފުގައި ވެސް ފެނިގެން ދިޔައީ ފޯރިގަދަ ކުޅުމެކެވެ. ނަމަވެސް ދެ ޓީމުންކުރެ އެއް ޓީމަކަށް ވެސް ފަހު ހާފުގައި ލަނޑުޖަހާނެ މާ އެދެވޭ ފުރުޞަތުތަކެއް ތަނަވަސް ކުރެވިފައި ނުވެއެވެ. މެޗުގެ ފަހު ހާފުގައި ރިއަލް ސްޓާރސް އަށް ތިން ޕޮއިން ކަށަވަރު ކޮށްދީފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ދެ މިނެޓުގެ ތެރޭގައި ލިބުނު ފުރުސަތެއްގައި އެ ޓީމުގެ ޖޯޒީ ނަންބަރު 5 އަބުދުﷲ މިސްބާހުއެވެ.

އިއްޔެ މެޗުން މޮޅުވެ ރިއަލް ސްޓާރސް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިގެން ޕޮއިންޓު ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ގޯލުގެ ފަރަގުން ދެ ވަނައިގައި މިވަގުތު ޝީލްޑު އޮތްއިރު، ތިން މެޗުން ލިބިނު ހަތަރު ޕޮއިންޓާއި އެކު ތާވަލުގެ ތިންވަނައިގައި މިވަގުތު އޮތީ ޔޫތު ފުރެންޑްސްއެވެ. ހަމަ އެ އަދަދަށް ޕޮއިންޓު ހޯދައިގެން ހަތަރު ވަނައިގައި އޮތީ ރޫހެވެ. ފަސްވަނައިގައި ތިން ޕޮއިންޓާއިއެކު އަހުލީ އޮތްއިރު، ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތީ ޔުނީފޯމެވެ.

އިއްޔެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރިއަލް ސްޓާރސް އަށް ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިން އަބުދުﷲ މިސްބާހުއެވެ.

މެޗުގެ މޮޅުކުޅުންތެރިޔާ އަށް ޓްރޮފީ ހަވާލުކޮށްދެއްވަނީ / ފޮޓޯ: އައި ކްލިކް ސްޓޫޑިއޯ

މި މުބާރާތުގެ މެޗެއް މިއަދު ވެސް އޮންނާނެއެވެ. ބައްދަލު ކުރާނީ ޓީމު ރޫހާއި ޓީމު އަހުލީއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ 16:00 ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.