‘އައި ފިލްމްސް’ ގެ ފުރަތަމަ ފީޗާ ފިލްމު “ބަވަތި” ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމް ބޭނުންކޮށްގެން މިމަހު 21ވާ ހޮނިހިރު ދުވަހުން ފެށިގެން ބަލައިލެވޭނެ ކަމަށް ޑައިރެކްޓަރ އިލްޔާސް ވަހީދު ބުނެފިއެވެ.

ސައިކޮލޮޖިކަލް ތްރިއްލާ “ބަވަތި” އަކީ ލޯތްބާއި ހެއްވާ މަޖާ ކަންތައްތަކެއްވެސް އެކުލެވޭ މޮޅު ފިލްމެކެވެ. ފިލްމުން ދައްކުވައިދެނީ ޒުވާން ދެމަފިރިއަކަށް ދިމާވާ އާދަޔާޚިލާފު ކަންތައްތަކެކެވެ.

މުނިއަވަސް އިން އޮންލައިން މީޑިއާ ޕާޓްނަރުކަން ކޮށްފައިވާ “ބަވަތި”ގެ ވާހަކަ ލިޔެ ޑައިރެކްޓްކުރީ އިލްޔާސް ވަހީދެވެ.

“އައި ފިލްމްސް” އަކީ 2018 ވަނަ އަހަރު އިލްޔާސް ވަހީދު އުފެއްދި ފިލްމު ކުންފުންޏެކެވެ. ފީޗާ ފިލްމަށް އަލަށް ތަޢާރަފްވާ އިފްނާޒް ފިރާގް އާއި ކުރިއަރަމުން އަންނަ ޒުވާން ތަރި، ނުޒުހަތު ޝުއައިބު (ނުޒޫ) މި ފިލްމުން ދައްކުވައިދީފައިވަނީ މޮޅު އެކްޓިންއެކެވެ. ވަކިން ޚާއްޞަކޮށް ނުޒޫގެ އެކްޓިން ވަރަށް މޮޅުކަމަށް ފިލްމުބެލި އެންމެންވެސް ފާހަގަކޮށްފައިވެއެވެ.

ދިރާގުން އައި ފިލްމްސް އާއި ގުޅިގެން އޮންޑިމާންޑް ޕްލެޓްފޯމަށް މި ފިލްމު ގެނެސްދޭން ނިންމި މައިގަނޑު ބޭނުމަކީ އައު ދިވެހި ފަންނާނުންނާއި ޕްރޮޑަކްޝަން ހައުސްތައް ބާރުވެރިކުރުވައި ގިނަ ދިވެހި އުފެއްދުންތައް މާކެޓަށް ގެނެސްދިނުމަށް މަގުފަހި ކޮށްދިނުމަށް ކަމަށް ދިރާގު ޓީވީން ވަނީ ބުނެފައެވެ.

ދިރާގު ޓީވީން ކުރިއަށް އޮތް ތާނގައިވެސް ދިވެހި ފިލްމީ އުފެއްދުންތަކަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް އޮންޑިމާންޑް ޕްލެޓްފޯމުގައި ޚާއްސަ ފުރުސަތުތައް މަގު ފަހިކޮށްދެމުންދާނެކަމަށް ވެސް ބުނެއެވެ. އެގޮތުން ދިރާގުގެ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފިލްމީ ދާއިރާ ކުރިއެރުވުމަށް މަގުފަހިކޮށް، އިތުރު ހަރުފަތަކަށް އެ ދާއިރާ ގެންގޮސްދިނުން ކަމަށްވެސް ދިރާގު ޓީވީން ބުނެއެވެ.

ދިރާގު ޓީވީ އިން މަސައްކަތްކުރަމުން ދަނީ ވީއޯޑީ ލައިބްރަރީ އިތުރަށް ފުޅާކޮށް، މުއްސަނދިކޮށް ވީހާވެސް ގިނަ ދިވެހި ކޮންޓެންޓް ފަސޭހަކަމާއެކު ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށްވެސް މީގެ ކުރިން މުނިއަވަސް އަށް ބުނެފައިވެއެވެ.

ދިރާގު އޮންޑިމާންޑަކީ ކޮބާ؟

އޮން ޑިމާންޑަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލައިލުމުުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ.

ދިރާގު ޓީވީގެ އޮން ޑިމާންޑް ފީޗަރ ބޭނުން ކުރާނެ ގޮތަކީ ކޮބާ؟

ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމް ފަރުމާކުރެވިފައި ވަނީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އެގޮތުން ދިރާގު ޓީވީގެ “ހޯމް ސްކްރީން” ގައި ވާ “އޮން ޑިމާންޑް” ޖަހާފައިވާ ބަޓަނަށް ފިއްތަވާލުމުން އޮން ޑިމާންޑް ކޮންޓެންޓްތައް ބައްލަވައިލެވޭނެއެވެ.

ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީން ޚަބަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމައަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށެވެ. ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ. ދިރާގު ޓީވީ ތަޢާރަފްކުރިތާ ވީ ދެ އަހަރު ދުވަސް ތެރޭގައި ނުހަނު ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ 72 އިންސައްތައަށް ވުރެން ބޮޑު ބަޔަކަށް ޓީވީ ޚިދުމަތް ވަނީ ފޯރުކޮށްދީފައެވެ.

އައި ފިލްމްސްގެ ދެވަނަ ފީޗާ ފިލްމުގެ ނަންވެސް މިހާރު ވަނީ އާއްމުކޮށްފައެވެ. މުނިއަވަސް އިން އޮންލައިން މީޑިއާ ޕާޓްނަރުކަން ކުރާ އައި ފިލްމްސްގެ ދެވަނަ ފިލްމު ”ނީނާ“ ރިލީޒްކުރަނީ 2020 ގައެވެ.

ފިލްމު ”ނީނާ“ ގެ ވެސް ވީޑިއޯ އޮން ޑިމާންޑް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ދިރާގު ޓީވީ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.