ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި އެލް ކްލެސިކޯ މެޗު 0-0 ގެ ނަތީޖާއަކުން ނިމިއްޖެއެވެ.

ބާސެލޯނާ ގެ ދަނޑު، ކޭމްޕް ނޫ ގައި ކުޅުނު މި މެޗުގެ ފުރަތަަމަ ހާފުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ރެއާލް އެވެ. ދެވަނަ ހާފުގައި ބާސާ އިން މެޗުގެ ކޮންޓްރޯލް އަތުލި ނަމަވެސް، މެޗުގައި ގިނަ ހަމަލާތައް ފެނިގެންދިޔައީ ރެއާލް ގެ ފަރާތުން ކަން ފާހަގަކޮށްލެވެއެވެ.

ބޭލް ގޯލަށް ބޯޅަ ފޮނުވާލަނީ / ފޮޓޯ: ގެޓީ އިމޭޖެސް

މި މެޗުގައި ދެޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ. 16 ވަނަ މިނެޓުގައި ރެއާލްގެ މިޑްފިލްޑަރ ކަސެމީރޯ ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ރޮނގުމަތިން ބާސާގެ ޑިފެންޑަރު ޕީކޭ ދިފާއުކުރިއިރު، 30 ވަނަ މިނެޓުގައި މެސީ ފޮނުވާލި ބޯޅަ ރެއާލްގެ ޑިފެންޑަރ ރާމޯސް ވަނީ ގޯލުގެ ރޮނގު ކައިރިން ދިފާއުކޮށްފައެވެ. މެޗުގެ 71 ވަނަ މިނެޓުގައި ގަރެތު ބޭލް ގޯލެއް ކާމިޔާބުކުރި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީ.އޭ.އާރު) ބޭނުންކޮށްގެން ޗެކް ކުރުމަށް ފަހު، ބޭލް އަށް ގޯލުޖަހަން ފުރުސަތު ތަނަވަސް ކޮށްދިން މެންޑީ އޮފްސައިޑް މަގާމެއްގައި ހުރުމުން، ރެފްރީ ވަނީ އެ ގޯލު ނުގުނާ ގޮތަށް ނިންމާފައެވެ.

މި މެޗާއެކު އެލް ކްލެސިކޯ ގެ ތާރީޚުގައި މި ދެޓީމު ރަސްމީކޮށް ކުޅުނު މެޗުތަކުގެ އަދަދު މިވަނީ 243 އަށް އަރާފައެވެ. މީގެތެރެއިން 96 ފަހަރު ބާސެލޯނާ މޮޅުވެފައި ވާއިރު، ރެއާލް މެޑްރިޑް މޮޅުވެފައި ވަނީ 95 ފަހަރުގައެވެ. އަނެއް 52 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މެޗަށްފަހު ދެ ޓީމުގެ ކުޅުންތެރިން ސަލާމްކުރަނީ / ފޮޓޯ: ގެޓީ އިމޭޖެސް

ސްޕެނިޝް ލީގުގެ ތާވަލަށް ބަލައިލާއިރު، ކުޅުނު 17 މެޗުން 36 ޕޮއިންޓް ހޯދައިގެން ފައިދާ ގޯލުގެ ތަފާތުން ބާސާ އެއްވަނައިގައި އޮތްއިރު، ހަމަ އެއަދަދަށް ޕޮއިންޓް ހޯދައިގެން ރެއާލް އޮތީ ދެވަނައިގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.