އިޓާލިއަން ލީގުގައި ރޭ ރޮނާލްޑޯ ޖެހި ބާސްކެޓްބޯޅަ ސްޓައިލް ގެ ހިތްގައިމު ގޯލާއެކު، 1-2 ގެ ނަތީޖާއަކުން ސަމްޕްޑޯރިއާގެ މައްޗަށް ކުރި ހޯދައިގެން ޔުވެންޓަސް ތާވަލުގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

ސަމްޕްޑޯރިއާގެ ދަނޑުގައި ކުޅުނު މި މެޗުގެ 19 ވަނަ މިނެޓުގައި އެލެކްސް ސަންޑްރޯ ނަގައިދިން ހުރަހަކުން ޕައުލޯ ޑިބާލާ ވަނީ ގޯލެއް ޖަހާ ޔުވެންޓަސް އަށް ލީޑު ނަގައިދީފައެވެ. ގިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެމުން ދިޔަ ޔުވެންޓަސް އަށް ލީޑު ފުޅާ ނުކުރެވިގެން އުޅެނިކޮށް، ސަމްޕްޑޯރިއާގެ ފޯވާޑް ޖިއަންލޫކާ ކަޕްރާރީ ވަނީ ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި އަލެކްސް ސަންޑްރޯ ނަގައިދިން ހުރަހެއް ވަރަށް މައްޗަށް ފުންމައިގެން އެރުމަށް ފަހު ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލައިގެން ރޮނާލްޑޯ ވަނީ ޔުވެންޓަސް އަށް އަލުން އަނބުރާ ލީޑު ހޯދައިދީފައެވެ. ބާސްކެޓްބޯޅަ ކުޅޭ ކުޅުންތެރިން ފުންމައިގެން އަރާ ސްޓައިލަށް އެރުމަށް ފަހު ރޮނާލްޑޯ ކާމިޔާބުކުރި މި ގޯލަށް ވަނީ އެތައް ބައެއްގެ ނަޒަރު ހުއްޓިފައެވެ.

ގޯލުޖެހުމަށްފަހު ޑިބާލާ އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖެސް

ދެވަނަ ހާފުގައި އިތުރު ގޯލެއް ފެނިގެން ގޮސްފައިނުވާއިރު، ފަހު މިނެޓުގައި މި މެޗުގައި ގޯލު ޖެހި ސަމްޕްޑޯރިއާގެ ފޯވާޑް ކަޕްރާރީ އަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

މެޗަށް ފަހު ސްކައި ސްޕޯޓްސް އިޓާލިއާ އަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނެފައިވަނީ “މެޗުގެ ނަތީޖާ އާއި މެދު އަހަރެން ވަރަށް ހިތްހަމަޖެހޭ. މިއީ ވަރަށް އުނދަގޫ މެޗެއް. ސަމްޕްޑޯރިއާ އިން ވަރަށް މޮޅަށް ކުޅުނު. އަހަރެމެން އެއަށްވުރެ މޮޅަށް ކުޅުމުން ހައްގު ކާމިޔާބެއް މި ލިބުނީ. އަހަރެން ޖެހި ގޯލު ވަރަށް މުހިންމު. އެއީ ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލުކަމަށް ވާތީ. އަހަރެންނަށް ނޭނގޭ އެހާ ގިނައިރު އަހަރެން މަތީގައި އޮތްކަމެއް.”

މި މެޗުން މޮޅުވުމާއި އެކު، ކުޅުނު 17 މެޗުން ލިބުނު 42 ޕޮއިންޓާއެކު ވަގުތީގޮތުން ޔުވެންޓަސް އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަންނަ އާދީއްތަ ދުވަހުގެ ރޭ އިންޓަމިލާން އާއި ޖެނޯއާ ބައްދަލުކުރާ މެޗުން އިންޓަ މޮޅުވެއްޖެނަމަ ތާވަލުގެ އެއްވަނަ އެޓީމަށް އަލުން ލިބޭނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.