މިއީ އަޅުގަނޑު އެންމެ ފުރަތަމަ ލިޔަންފެށި ފިލްމް ސްކްރިޕްޓެވެ. އަޅުގަނޑު ދެވަނައަށް ލިޔުނު ސްކްރިޕްޓަކީ ‘މިކޮއެ ބައްޕަ ބައޭ ބައޭ’ ގެނަމުގައި ލިޔުނު ސްކްރިޕްޓެކެވެ. ‘މިކޮއެ ބައްޕަ ބައޭ ބައޭ’ ސްކްރިޕް ރާއްޖޭގެ އެއްމެ ފުންނާބުއުސް ސްކްރީން ރައިޓަރ މަހްދީ އަޙްމަދު ގަތުމަށްފަހު އެއަށް ބިނާކޮށް މަހްދީ ލިޔުނު ވަރަށް ފުރިހަމަ ސްކްރީންޕްލޭ އަކަށް ޑާރކްރެއިން އެންޓަރޓެއިންމެންޓްގެ ފަރާތުން ފިލްމެއް ތައްޔާރުކޮށް 12 އޯގަސްޓް 2015 ގައިވަނީ ސިނަމާގައި ދައްކަން ފަށާފައެވެ.
‘ސިއްރު ގުޅުން’ މި ސްކްރިޕްޓަކީ އަޅުގަނޑުމެން ފިލްމު އުފެއްދުމުގެ މަސައްކަތަށް ޝައުޤުހުރި ދެތިން ހަތަރު މީހުން، ފިލްމެއް އުފެއްދުމަށް ލިޔަންފެށި ސްކްރިޕްޓެކެވެ. މީގައި ބޭނުންކޮށްފައިވާ ބައެއް ނަންތަކަކީ މިޔަށް ފިލްމެއް ހެދުމަށް މަސައްކަތްކުރުމަށް ވާހަކަދެކެވުނު މީހުންނެވެ. މި ސްކްރިޕްޓް ލިޔެ ނިންމާނުލެވި އޮތުމުން މި ބްލޮގްގައި ޝާއިއުކުރުމަށް މި ނިންމީ އިތުރަށް މި ލިޔުމަށް އަމިއްލަ ނަފުސަށް ހިތްވަރު ދިނުމުގެ ބޭނުމުގައެވެ. މިއީ ލޯބީގެ މަޖާ (ރޮމޭންޓިކް ކޮމެޑީ) އެކެވެ. މި ސްކްރިޕްޓް ލިޔަންފެށީ 2009 ވަނަ އަހަރުގައެވެ. ނަމަވެސް މިއަދު މި ޝާއިއު ކުރަނީ އަލުން މުރާޖަޢާއެއް ކުރުމަށްފަހުގައެވެ.
***************
ފޭޑް އިން:
ދުވާލުގެ ވަގުތު – ސިޓިންގރޫމް ތެރެ
22 އަހަރުގެ ފިރިހެނެއް، ޖަމީލް، ކޮޓަރިން ނުކުމެ ސިޓިންގރޫމް ތެރެއަށް ވަދެގެން އަންނަނީ.
ޖަމީލަކީ ދިގު، ފަލަކޮށް ހުންނަ ޒުވާނެއް.
ސިޓިންރޫމްގެ ސޯފާގައި އިށީނަމުން ކެމެރާއަށް ބަލަމުން:
ޖަމީލު
(ޝައުޤުވެރި ރާގަކަށް)
މަށަކީ އަޙްމަދު ޖަމީލް. އަހަރެން ދިރިއުޅެމުން މިގެންދަނީ ލ. ފޮނަދޫގެ ކުރިގަމު އަވަށުގަ މީހުން އަލަށް އާބާދުވަމުންދާ ސަރަޙައްދުގެ ގެއެއްގަ. ‘ފަލަނު ސިޓީގަ’. ހެހެހެ. (ކުޑަކޮށް މަޖާވެލަމުން ހީނލަމުން). ފަލަނު އެއީ މިސަރަޙައްދަށް ނުރަސްމީކޮށް ކިޔާއުޅޭ ނަން. މިއީ އެކުވެރި އަވަށްޓެރިންކޮޅެއް ދިރިއުޅެމުންދާ ހިތްފަސޭހަ އަވަށެއް. އަހަރެންގެ ދިރިއުޅުމަކީ އުފާވެރި ދިރިއުޅުމެއް ނަމަވެސް ދެރަވެ ވިސްނާލަންޖެހޭ ކަމެއް އެބައޮތް. އެއީ މަގޭ ބޮޑުބޭބެގެ ޚަބަރެއް ނުވާތާ އެތައް ދުވަހެއްފަހުން ބޮޑުބޭބެގެ ޚަބަރު ލިބުނުގޮތާއި ކަންތައްތައް ވެގެންދިޔަގޮތް. މިބުނީ މަގޭ ބައްޕަގެ ކޮށްކޮގެ ވާހަކަ.
(ހިނިގަނޑެއް ޖަހާލާ ހިނިތުންވެލަމުން ޚިޔާލެއްގެ ތެރެއަށް ގެއްލުނު)
ޖަމީލު
ބޮޑުބޭބެގެ ހަނދާނަކަށް ހުރީ ވަރަށް ބާވެފަހުރި ފޮޓޯތަކެއް. އެވެސް ބޮޑުބޭބެގެ ޅަ އިރުގެ ފޮޓޯތަކެއް. އޭރު އަހަރެން ވަރަށް ކުޑަވާނެ. އެއްދުވަހަކު ބޮޑުބޭބެ ބުނި ލަންކާއަށް ބަދަލުވާން ބޭނުންވާ ވާހަކަ. ބޮޑުބޭބެ ލަންކާއަށް ދިޔަފަހުން އެއްވެސް ޚަބަރެއްނުވާތާ އެތަކެއް ދުވަހެއް ފަހުން އެނގުނު ބޮޑުބޭބެއަށް ދަރިޔަކު ލިބުނުކަން. މި ޚަބަރު ލިބުނީ ބައްޕަގެ ރައްޓެއްސެއްގެ ފަރާތުން.
(ވަރަށް މަޖާވެލަމުން)
މަންމައިން އެމީހުނަށްލިބޭ ދަރިފުޅު އޭނާގެ ބައްޕައާ ވައްތަރުވުމަށް އެދެނީ ކީއްވެގެންކަމާމެދު ކިތައް މީހުން ވިސްނާނެ ބާވައެވެ؟ މަގޭ ހިތަށްއަރަނީ ތީގެތެރެއިން މީހެއްގެ އަނބިމީހާ ވިހާ ދަރިފުޅު، ޖެހިގެންހުރިގޭގަ އުޅޭ އަވަށްޓެރިޔާއާއި ވައްތަރު ވެއްޖެނަމަ ދެންވާނީ ކިހިނެއްބާއޭ؟ ޤަބޫލުކުރަން ދަތިވާނެދޯ! …. ކޮންމެގޮތެއްވިޔަސް މިކަމަކީ މަށާ ދިމާވެފައޮތް ކަމެއް. ޙަޤީޤަތުގައި އެއީ ހުވަފެނެއްކަހަލަ ކަމެއް.
ފޭޑް ޓު ބްލެކް
ރޭގަނޑުގެ ވަގުތު – ފަލަނުސިޓީ- ޖަމީލުގެ ގޭދޮށް
ކުދި ކުދި އެޕާރޓްމެންޓް ގެތަކުގެ ތެރެއިން ރީތިކޮށް ގަސް ހައްދާފަ އޮތް ބަގީޗާއެއް އޮތީ ޖަމީލުގެ ގޭގަ.
އަންހެނަކު ރިހަބޯތަށްޓެއް ހިފައިގެން ގެވަޅެއްގެ ތެރެއިން ނުކުމެ އޭނާގެ ގެއާއި ދިމާލަށް ދޭ. ޖަމީލުގެ ގޭގެ ދޮރުމަތީގަ ކާރެއް ޕާރކްކޮށްފަ އޮތް.
ޖަމީލު ކާރުގެ ތެރެއިން ފައިބަމުން އޭނާގެ ގެއާއިޖެހިގެން ހުރި ގެއަށް ޝައްކުގެ ނަޒަރަކުން ބަލައިލި. އެގޭގެ ބޮކިތައް ހުރީ ދިއްލާފަ.
ރޭގަނޑުގެ ވަގުތު – ފަލަނުސިޓީ- ޖަމީލުގެ ގޭދޮށް
ޖަމީލު ގޭ ތެރެއަށް ވަންނަމުން.
ޖަމީލު
(ވަރަށް ބާރަށް)
ނިޝްފާ! ނިޝްފާ! މަ މިއައީއޭ!!!
އައިޝަތު ނިޝްފާއަކީ ޖަމީލުގެ އަންހެނުންނެވެ. ރީތި، ދޮން އުފާވެރި މިޒާޖެއްގެ މީހެކެވެ.
ނިޝްފާ ހިނިތުންވެ ހުރެ ޖަމީލާއި ދިމާލަށް ދިޔައެވެ.
ނިޝްފާ
(ވަރަށް ލޯބިން)
ވަރަށް ވަރުބަލި ވެފަދޯ؟ ކޮފީތައްޓެއް ގެންނަންތަ؟
ޖަމީލުގެ އަތުގައި އޮތް ލެޕްޓޮޕް ބޭގްގަ ހިފަމުން.
ޖަމީލު
އާނ. މަސްފެށޭކޮޅު ވީމަ ރަށްރަށުން މުސާރަނަގަން އަންނަ މީހުންތައް ވަރަށްގިނަ. ތިއެއްނޫނޭ! … ކޮންއިރަކުތަ ޖެހިގެންހުރި ގެއަށް މީހުން އައީ؟ އެގޭ ބޮކިތައް ހުރީ ދިއްލާފަ.
ސޯފާގަ އިށީންނަމުން.
ނިޝްފާ
(ރުންކުރު ރާގަކަށް)
މަ ބުނީމެއްނު؟ ޖަމީލް ދުވަހަކުވެސް އަހަރެން ދައްކާވާހަކަ އަޑެއް ނާހައޭ. ބުނީމެއްނު މީގެ ދެހަފުތާ ކުރިން އެގެއަށް މީހަކު އައިސްފިއޭ. އޭނަގެ ނަމަކީ ޝާނިމް. ވަރަށް އުޅުން ރަގަޅު ޒުވާނެއްހެން ހީވަނީ އެއީ. އޭނައަކީ ރާއްޖޭ ކުއްޖަކަސް ވަރަށްމޮޅު އިންގްލިޝް ޓީޗަރެއް. އަދި އެނގޭތަ؟ އޭނައަށް ވަގުތުވީ ވަރަކުން މަށަށް އިންގްލިޝް ކިޔަވަދޭންވެސް ފަށައިފި.
(ތަޢުރީފް ކުރުމުގެ ރާގަށް)
އަސްލުވެސް އޭނަ އިންގްލިޝް ކިޔަވަދޭން ވަރަށް މޮޅު.
ޖަމީލު
(ހައިރާން ކަމާއެކު)
މަށެއް ހަނދާނެއްނެތް ތި ވާހަކަތައް ނިޝް ކިޔާދިން ކަމެއް.
ނިޝްފާ ހިތްހަމަ ނުޖެހިފައި ހުރެ ޖަމީލަށް ބަލަންފެށި.
ޖަމީލު
(ޖެހިލުންވެހުރެ އިތުރުކޮށްލި)
އެކަމަކު މިފަހަރު ހަނދާން ހުންނާނެ.
ނިޝްފާ
(ހިތްހަމަ ޖެހިލަމުން)
އޯކޭ. ކޮފީތަށި ގެނެސްފަ މަ ދާނަން ތައްޔާރުވާން.
ނިޝްފާ މިހެން ބުނަމުން ކާގެއާދިމާލަށް ހިނގައިގަތް.
ޖަމީލު
(އަނެއްކާވެސް ހައިރާންވެހުރެ)
ތައްޔާރު ވާށޭ؟ ކޮންތާކަށް ދާން؟؟
ނިޝްފާ
(ބަދިގެ ތެރެއިން- ކަންބޮޑުވެހުރި ރާގުގައި)
އަނެއްކާވެސް ބުނޭ ތިމަންނަ ހަނދާނެއް ނުނެތޭނޭ! ވަރަށް ފޫހިވޭ!
ޖަމީލު
(ކަމެއް ހަނދާންކުރަން މަސައްކަތްކުރާ ރާގުގަ)
ކޮންކަމެއް ހަނދާން ނެތުނީއޭ؟
ނިޝްފާ
ބުނީމެއްނު މިރޭ ދުއްވާލަން ދާނަމޭ.
ޖަމީލު
(ހަނދާންވަމުން)
އާނ. މަ އެބަހުއްޓޭ ހަނދާން. ކުރިންވެސް ތިހެން ބުނިނަމަ.
ނިޝްފާ
(ކޮފީތަށި ގެނެސްދީފަ ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން)
އަނެއްކާ ޓޭބަލްއެއް ރިޒާރވް ކުރިންތަ؟ … އެނގެއެއްނު ހަފުތާ ބަންދާ ދިމާކޮށް ސިންފަނިކް ފުލްވެފަ އޮންނަވަރު.
ޖަމީލު
(ޔަޤީންކަން ދިނުމުގެ ރާގުގަ)
ޔަޤީނެއްނު. ތިހާ ކަންބޮޑުވާއެއްޗެއް ނޫނޭ ލޯބީ.
ދޮރު ލައްޕާލާ އަޑު.
އެވަގުތު ޖަމީލުގެ މޮބައިލް ފޯން ނެގުމަށްފަހު ސިންފަނިކްގެ ނަންބަރަށް ޑައިލްކޮށްލިއެވެ. ރިންގްވާ އަޑުއިވުމުގެ ބަދަލުގައި އިވިގެންދިޔައީ ‘ބީޕް’ އަޑެވެ. ކަންފަތުން ފޯނުނަގާ ބަލާލިއިރު ބެޓެރީ- ލޯ އަރާފައިއިނެވެ.
ޖަމީލު
މިއޭ މިވާވަރަކީ!
ޓީވީ ރެކް ކައިރީގަ އިން ފޯނުގެ ޗާރޖަރާދިމާލަށްގޮސް ފޯނު ޗާރޖަށްޖަހަމުން އަނެއްކާވެސް ސިންފަނިކްގެ ނަމްބަރަށް ޖަހާލިއެވެ.
އެކޮޅުން ކޮންމެވެސްމީހަކު ފޯނުނަގައެވެ.
ޖަމީލު
(ވައި އަޑަކުން)
ހެލޯ! މިރެއަށް ރިޒަވޭޝަނެއް ހަދާލެވިދާނެތޯ؟
ރިސެޕްޝަނިސްޓް
މިރެއަށޭތޯ؟ ކިހާއިރަކަށްތޯ؟
ޖަމީލު
މީގެ ބައިގަޑިއިރު ފަހަށް ހެދިދާނެތޯ؟
ރިސެޕްޝަނިސްޓް
އަޅެ. މިރެއަށް ހިއެއްނުވޭ ހެދިދާނެހެނެއް. ވަރަށް ފުލްކޮށް އުޅެނީ.
ޖަމީލު
(އާދޭހުގެ ރާގުގަ)
ޕްލީސް. ކޮންމެވެސް ގޮތެއް ހަމަޖައްސަދެއްވާ. ވަރަށް މުހިއްމު މިރެއަށް 2 މީހަކަށް މޭޒެއް ހަމަޖައްސާލަ ދެއްވާ.
ރިސެޕްޝަނިސްޓް
ސޮރީ. އަޅުގަނޑަށް ތިކަމުގަ ކޮށްދެވޭނެ ހަމައެއްވެސްކަމެއް ނެތް. އޮތްނަމަ..
ޖަމީލު
ހާދަ ދެރައޭ! ދެން ކުރާނެކަމެއް ނެތްތާދޯ؟ އެކަމަކު…. އަސްލު މިރޭ ކޮންމެހެންވެސް އެބަޖެހޭ ތިތަނަށްގޮސް އަންހެނުންނަށް ކާންދޭން. އޭނައަކީ ވަރަށް ބަލިމީހެއް.
ޖަމީލު
(ވަރަށް ދެރަވާގޮތް)
މަގޭ ވައިފަކީ ކުޑަދުވަސްކޮޅެއްގެ މެހެމާނެއް. ޑޮކްޓަރު ބުނިގޮތުން މިއަދުމީ އޭނާގެ ޙަޔާތުގެ އެއްމެ ފަހު ދުވަސް. މިހާރު ބާކީ އެއްމެ 24 ގަޑިއިރުވެސް ނެތް. އެހެންވެގެން ކޮންމެހެންވެސް މިއުޅެނީ އޭނާ އުފާކޮށްލަދީ ހިތްހަމަޖައްސާލަދޭން ކަމަށް. އޭނަގެ ފޭވަރިޓް ރެސްޓޯރެންޓްގަ މިރޭ ވަގުތުކޮޅެއް ހޭދަކޮށްލަންކަމަށް.
(ރޯކަމަށް ހެދެމުން)
އެކަމަކު ކީއްކުރާނީ. މަށަށް މިކަންމިވީ ނާކާމިޔާބު.
ޖަމީލު
މި ހިތާމަވެރި ޚަބަރު މިޖެހުނީ އޭނައަށްދޭން. ކީއްކުރާނީ؟
ރިސެޕްޝަނިސްޓް
(ދެރަވެފަ)
އަޅުގަނޑު ވަރަށް ދެރަވެއްޖައިން. 10 ވަރަކަށް މިނިޓް ދެއްވާ. ގޮތެއް އޮތްތޯ ބަލާފަ އަޅުގަނޑު ގުޅާނަން. ނަމްބަރު ދެއްވާ؟
ޖަމީލު
ހަމަރަނގަޅަށްތޯ؟ ނަންބަރަކީ * * * * * * *
ރިސެޕްޝަނިސްޓް
ކިރިޔާވެސް ގޮތެއް އޮތިއްޔާ ޖާގައެއް ހޯދަދޭނަން.
ޖަމީލު
(ހިތްހަމަޖެހުމުގެ ނޭވައެއްލަމުން)
ޝުކުރިއްޔާ. ވަރަށްބޮޑަށް ޝުކުރިއްޔާ.
މިހެންބުނަމުން ފޯނުކޯލް ނިންމާލައެވެ.
ޖަމީލު
(އަމިއްލަ ނަފުސަށް)
މިކަންވެސް މި ހައްލުވީ.
ނިޝްފާ
(ޖަމީލުގެ ފުރަގަހުން)
ކީކޭ ތިކިޔަނީ؟
ޖަމީލު
(އެނބުރެމުން، ހައިރާންކަމާ ފަޅާއަރާފާނެކަމުގެ ބިރާއި ޖެހިލުންވެ ހުރެ)
އެއްޗެކޭ ނޫން. އާނ. މި…. މިކިޔަނީ ސިންފަނިކަށް ދެވޭނީ ކިހާއިރަކުން ބާއޭ.
ނިޝްފާ
(އުފަލުން ހިނިތުންވެހުރެ)
އެހެންތަ؟ މަ ރެޑީ. ހިނގާ ދަމާ!
ޖަމީލު
(ބިރުން ހުރެ)
މިހާރުތަ؟ ކިހިނެއް މިހާރު ދާނީ؟
ނިޝްފާ
(ހައިރާންވެފަ)
ކިހިނެއްވީ؟ އަނެއްކާ ކަމެއް ގޯސްވީތަ؟
ޖަމީލު އަވަހަށް ވިސްނަންފެށިއެވެ.
ޖަމީލު
(ހިތްހަމަ ނުޖެހިހުރި ރާގުގަ)
އާނ.. އޫނ. ތިހެދުން ކަމަކު ނުދެޔެއްނު؟
ނިޝްފާ
މި ހެދުމޭ؟؟ ކިހިނެއްތަވީ މިހެދުން؟؟
ނިޝްފާ ލައިގެންހުރީ ކުޑަކޮށް ގަޔަށް ފިޓްނަމަވެސް ވަރަށްރީތި ހެދުމެކެވެ.
ޖަމީލު
އާނ. މަށެއް ހިތްހަމައެއް ނުޖެހޭ ތިހެދުމަކާ. އެހާރީއްޗެއްވެސް ނޫނެއްނު.
ނިޝްފާ
ހިތްހަމައެއް ނުޖެހެޔޭ؟ ނޭގުނު ތިކިޔާ އަރަތެއް.
ޖަމީލު
(ކަންބޮޑުވުމާ ހާސްވެހުރެ)
އޫނ. ތިހެދުމުގެ ކުލަވެސް މާ މަޑީ. އަދި އެހާބާރު. ހުރިހާވަނާތަކެއް ވެސް ފެންނަން ތިހުރީ. ކާންގޮސް ތިއްބާ ހެދުމަށް އެއްޗެއް އެޅުނަސް ހުންނާނެ އެތަން އެނގެން ނުލާހިކި ރީތިކޮށް. ފިލުވަންވެސް އުނަދަގޫވާނެ.
ނިޝްފާ
އަޖައިބުން އަންތަރީސްވެއްޖެ. މިރޭ މިހެދުން ލާށޭކިޔާފަ ޖަމީލު ގަތްދިން ހެދުމެއް ނޫންތަ މީ އަޅެ.
ޖަމީލު
(ބަސްޓް ނުވުމަށް މަސައްކަތް ކުރަމުން)
މަ ބުނިންތަ؟
(މޫނުގެ ކުލަވަރު ހަމަޖެހޭގޮތް ދައްކަމުން)
އާނ މަބުނީމޭ ތިހެން. އެކަމަކު މަށަށް ހިވަނީ ޚާއްސަދުވަހަކު ލާން ތިހެދުން ބޭއްވުންކަން ނޭގެ ރަގަޅުވާނީ.
ހަނުކަން.
ނިޝްފާ
(ގޮތްދޫކުރަމުން)
ލޯބި ބޭނުންވަނީ ތިގޮތްނަމަ އޯކޭ… މަ ޗޭންޖް ކޮށްލަފާނަން.
ޖަމީލު
ހާދަ ރަނގަޅޭ!
ނިޝްފާ
އޯކޭ. އެބަ އަންނަން.
ނިޝްފާ ކޮޓަރިއަށް ވަނެވެ.
ޖަމީލު
(ބާރަށް)
ކޮންމެހެން މާ އަވަސް ނުކުރިޔަސް އޯކޭ އިނގެ.
މިހެން ބުނިވަގުތު ޖަމީލްގެ ފޯނު ރިންގްވާން ފަށައެވެ.
ޖަމީލު އަވަހަށް ފޯނުނަގައެވެ.
ޖަމީލު
ހަލޯ
ވާހިދު
(ބާރަށް)
ހެލޯ. އޭ ކޮބާކިހިނެތް؟
ބެކް ގްރައުންޑުން ނާރސަރީ ރައިމްސްގެ ލަވައެއްގެ އަޑުއިވެމުން ދެއެވެ.
ޖަމީލު
(ހިތްހަމަނުޖެހި ހުރެ)
އެ ރަނގަޅޭ. ފަހުން ގުޅާނަން. މިވަގުތު މިހިރީ ވަރަށް މުހިއްމު ކޯލެއްގެ އިންތިޒާރުގަ.
ވާހިދު
އޭ އޭ އޭތް.. މަޑުކޮށްބަލަ! ކައޭ އައްމަޑޭ ދަރިފުޅު ޕާޓީއަށް އާދޭތޯ ބަލާލަންށޭ މިގުޅީ.
ޖަމީލު
އޭ ވަރަށް ދެރަ. މިރެއަށް އަހަރުން ކަމެއްރާވާފަ އޮންނާނީ. އައްމަޑޭ ކައިރީބުނޭ އަހަރުން ފަހުންދާނޭ. ކަނޑާލީ އޭ.
ވާހިދު
މަޑުކޮށްބަލަ. ކީއްވެތަ ލައިނުގަނެގެން ތި އުޅެނީ. މިހިރީއޭ އައްމަޑޭ. ފޯނުމިދެނީ.
ޖަމީލު
ނޫނޭ. މިހާރު މާލަސްވެއްޖެ.
އައްމަޑޭ
އޭ ކޮބާކަލޭ. މިކޮޅުގަ އެއްމެންހަމަވާނީ ކަލޭވެސް އައިމަ އިނގޭ. ނެތްތަ ހަމަ ޖައްސާލެވޭކަށް؟
ޖަމީލު
(އަވަސް އަވަހަށް)
އޭ ނެތޭ މިވަގުތު ދެވޭކަށް. ފަހުންދާނަމޭ. ހެޕީ ބާރތުޑޭ އިމްކޮއަށް. އޯކޭ.
ފޯނު ބޭއްވިއެވެ.
އަނެއްކާވެސް ފޯނުވާން ފެށިއެވެ.
ޖަމީލު
ހަލޯ
ރިސެޕްޝަނިސްޓް
ޖަމީލުތޯ؟ އުފާވެރި ޚަބަރަކާ ހިތާމަވެރި ޚަބަރެއް ދެވެންއޮތީ. އުފާވެރި ޚަބަރަކީ ހުސް މޭޒެއް އެބަހުރި. ހިތާމަވެރި ޚަބަރަކީ 15 މިނިޓް ތެރޭގަ ދުރުވިއްޔާ އެ ޓޭބަލް ލިބެންއޮތީ.
ޖަމީލު
(އަވަހަށް ގަޑިޔަށް ބަލާލަމުން)
އޯކޭ. ތޭންކްސް. 15 މިނިޓްތެރޭގަ އެބަދަން.
ފޯނު ކަނޑާލަމުން ކޯޓަރިއާއި ދިމާލަށް ހިނގައިގަތެވެ.
ޖަމީލު
އަސްލު ތިހެދުން ރަނގަޅޭދޯ. ޗޭންޖް ނުކުރިޔަސް އޯކޭދޯ.
ކޮޓަރިތެރެ.
ކޮޓަރިއަށް ވަތްއިރު އެނދުމަތީގަ ނިޝްފާގެ އެހެންހެދުމެއް ނަގާ ބާއްވާފައޮތެވެ. ނިޝްފާ އެހެދުމުގެ ހަރުވާޅުފެނެގުމަށް އަލަމާރިތެރެއަށް އަތްލަނީއެވެ.
ނިޝްފާ
ލަސްވަނީދޯ! … ހަރުވާޅު ނުފެނިގެން މިއުޅެނީ. އެބަ ވަރަށް އަވަސް ކޮށްލަން.
ޖަމީލު
(ވަރަށް ކަންބޮޑުވެގެން)
ނޫނޭ.ނޫނޭ.
ނިޝްފާގެ އަތުގައިހިފާ ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ.
ނިޝްފާ
(ދެކޮޅު ހަދަމުން)
ކިހިނެތްތަވީ؟ ކިހިނެތް ވެގެންތަ ތިއުޅެނީ؟
ޖަމީލު
ވަރަށް ބަނޑުހައިވެއްޖެ؟ މިއޮއްގެން ހާންތިވަނީ!
ނިޝްފާ
ކޭމާޓް
ރޭގަނޑު – ގޭ ދޮރުމަތި، ކާރުކައިރި.
ނިޝްފާ ކާރަށްއަރަން ދޮރުހުޅުވައިދީފަ ޖަމީލުވެސް ކާރަށް އެރިއެވެ. އެއަށްފަހު ވަރަށްބާރަށް ދުއްވާލިއެވެ.
ރޭގަނޑު – ކާރުގެ އެތެރެ.
ނިޝްފާ
(ބިރުގެންފަ)
ތަންކޮޅެއް މަޑުން ދުއްވަބަލަ. ސަލާމަތުން ދެވޭނީ އޭރުންނެއްނު.
ޖަމީލު
އިތުބާރުކުރަންތަ؟ ދާނަމޭ ސަލާމަތުން.
ނިޝްފާ
ﷲގެ އިރާދަފުޅުން.
ސިންފަނިކްގެ ބޭރު – ރޭގަނޑު
ސަލާމަތުންތިބެ ކާރު އެހިސާބާކައިރިކޮށްލައެވެ. ޖަމީލު ކާރުން އަވަސް އަވަހަށް ފޭބިއެވެ.
ޖަމީލު ނިޝްފާއަކާ ނިޝްފާއެއްކިޔާފަ ސިންފަނިކްގެ އެތެރެއަށް ވަންނަން ދާތަން ބަލަން ނިޝްފާއިނެވެ.
ސިންފަނިކްގެ އެތެރެ – ރޭގަނޑު
ޖަމީލު ރިސެޕްޝަން ކައުންޓަރާއި ދިމާލަށް ދުވެފަކަހަލަ ގޮތަކަށް ދެއެވެ. އެއްލި ފުރަތަމަކަޅިން ރެސްޓޯރެންޓް ފުލްވެފަ އޮތްވަރު އޭނާއަށް އަންދާޒާކުރެވުނެވެ.
ޖަމީލު
(ވަރުބަލިވެފައިން ބޮކެއްހެން މާނޭވާލަމުން)
ހައި. އަޅުގަނޑުމީ އަޙުމަދު ޖަމީލް، މީގެ ކުޑައިރުކޮޅެއްކުރިން 2 މީހަކަށް ޓޭބަލްއެއް ބުކް ކުރިން އަޅުގަނޑު.
ރިސެޕްޝަނިސްޓް
(ހިނިތުން ވެލަމުން)
އާދެ. ހަމަކިރިޔާ ތި އާދެވުނީ. ޓޭބަލް ޓެން .
ނިޝްފާ އޭނާގެފުރަގަހުން އައިސް ކައުންޓަރާ ކައިރިވެލިއެވެ.
ރިސެޕްޝަނިސްޓް
(އޯގާތެރިކަމާއެކު ނިޝްފާއާ މުޚާތަބުކޮށް)
ރަނގަޅަށް ކެވޭތޯ ބަލާތި. ދެންނޭގެދޯ މާދަމާ މިކަހަލަ ފުރުސަތެއްލިބޭނެކަމެއްދޯ!
ޖަމީލު
(ރިސެޕްޝަނިސްޓްގެ ވާހަކަ އޮއްބާލުމަށް)
ވަރަށް ބޮޑަށް ޝުކުރިއްޔާ.
(ނިޝްފާގެ އަތުގަ ހިފަމުން)
ޓޭބަލް ޓެން އޯ.
ދެމީހުން 10 ނަމްބަރު މޭޒާ ދިމާލަށް ދިޔައެވެ. ނިޝްފާ އިށީނުމަށް ގޮނޑިމަގަތަށް ދަމާލުމަށްފަހު ޖަމީލު އަނެއްފަރާތުގައިހުރި ގޮނޑިގައި އިށިނިއެވެ.
ނިޝްފާ
(ރިސެޕްޝަނިސްޓް ބުނި ޖުމްލައާއިމެދު ވިސްނަމުން)
ކީއްވެބާ އޭނަ އެހެން އެބުނީ؟ މާދަމާ ނޭގެއޭ މި ނަސީބު ލިބޭނެކަމެއް.
ޖަމީލު
(ވާހަކަ އޮޅުވާލުމަށް)
ނޭނގެދޯ. ފާޑެއްގެ މީހެކޭ އެއީ. ވަރަށް ހެއްވާ ހަމަނުޖެހޭވާހަކަ އޭނާ ދައްކާނީ.
ކެއުން ނިންމާލައެވެ.
ޖަމީލު
ވަރަށް މީރުދޯ.
ނިޝްފާ
(ޖެހިލުންވެ ހުރެ)
ވާހަކައެއް ބުނަންތަ؟
ޖަމީލު
(ކަންބޮޑުވަމުން)
އަނެއްކާ ކަމެއް ގޯސްވީތަ؟
ނިޝްފާ
(ހިނިތުން ވެލަމުން)
އާނ. ކަމެއް ގޯސްވެއްޖެ.
ޖަމީލު ކޯކްފޮދެއް ބޮއެލައެވެ.
ނިޝްފާ
އަހަރެން ބަނޑުބޮޑު.
ލިބުނު ކުއްލި ޚަބަރުން ޖަމީލުގެ އަނގައިގަ ހުރި ކޯކްފޮދު ޗުސްލާފަ ނިޝްފާގެ މޫނަށް ބުރައިގެންދިޔައެވެ.
ޖަމީލު
ސޮރީ. ކުއްލިޔަކަށް ތި ދިން ޚަބަރުން…. ކީކޭ ދެންމެ ތިބުނީ؟
ނިޝްފާ
މިބުނީ އަހަރެން ޕްރެގް ވެއްޖޭ.
ހަނުހިމޭންކަން.
ޖަމީލު
(ހައިރާންކަމާއެކު)
ކާކުގެ ދަރިއެއް؟
ނިޝްފާ ހައިރާންވެ އަންތަރީސްވެފައިހުރެ ޖަމީލަށް ބަލާލިއެވެ.
ޖަމީލު
(ބުނެވުނު ބަހާމެދު ދެރަވެގެން)
ސޮރީ…. މަވެސް ކިހާ ހެއްވާދޯ؟.. މީކީ އަހާކަހަލަ ސުވާލެއްވެސް ނޫންދޯ؟
އެއްކޮށް ހަނުހިމޭންކަން.
ނިޝްފާ
(އަދިވެސް ކަންބޮޑުވެފައި އިދެ)
އުފަލެއް ނުވޭދޯ؟
ޖަމީލު
(ހިނިތުންވަމުން)
މަވެސް އުފާ ވާނެއްނު. އަސްލުވެސް ވަރަށް އުފާވެއްޖެ! އެކަމަކު ކުއްލި ސިހުމެއް ލިބުނީމަ.
ޖަމީލުގެ ގޭތެރެ – އަވިދޭ ދުވަހެއް
9 މަސް ފަސް
ޖަމީލު އަތޮޅުތެރެއަށް ކުރި ދަތުރު ނިމިގެން ގެއަށް އައިސް ވަންނަނީއެވެ.
ޖަމީލު
ނިޝް… ނިޝް.. މަ މިއައީއޭ!
އެއްވެސް ހިލަމެއް ގޭތެރެއަކުން ނުވިއެވެ.
ޖަމީލު
(އަމިއްލަ ނަފުސަށް)
އަނެއްކާ ގޭގަ ނޫޅެނީބާ؟
ކުއްލިއަކަށް ކަމެއް ހަނދާންވެގެން އޭނާގެ ޖީބަށް އަތްލާ ފޯނު ނެގިއެވެ. ފޯނު ނެގިއިރު ފޯނުވަނީ ނިވިފައެވެ.
ޖަމީލު
(އަމިއްލަ ނަފުސަށް)
މިއޭ މިވާވަރަކީ!… އޭރުގަ ފޯނު ނިވުނުގޮތަށް މިއޮތީ،…. ފޯނުގަނޑެއްވެސް ހޯދަންވީ.
ޖަމީލު ފޯނު ޗާރޖަށްޖަހާ ފޯނު އޮންކޮށްލިއެވެ. އެވަގުތު ފުލުފުލުގައި އެސް އެމް އެސް ތަކެއް އަންނަންފެށިއެވެ. ޖަމީލު ފޯނުގެ އިންބޮކްސް ހުޅުވާލިއެވެ. ހަސީނާގެ 3 އެސް އެމް އެސް އިނެވެ. އަވަސްއަވަހަށް އެސް އެމް އެސް ހުޅުވާލާ ބަލާލިއެވެ.
އެސް އެމް އެސް :
ޖަމީލު އަވަސް އަވަހަށް ބޭރަށްނުކުމެ ކާރަށް އަރާ ހޮސްޕިޓަލަށް ދިޔުމަށް ދުއްވާލިއެވެ.
ގަމު ހޮސްޕިޓަލް – އަންހެނުންގެ ވޯރޑް ބެޑް 04
ހޮސްޕިޓަލް އެދުގައި އޮށޯވެއޮތް ނިޝްފާ އޭނާގެ ތުއްތު ދަރިފުޅު ލޮއްސަމުން ދެއެވެ. ހަސީނާ ނިޝްފާއަށްދޭން ޖޫސް ތައްޓެއް ހަދަމުން ގެންދެއެވެ.
ހަސީނާ
ނިޝްފާ…. ތި ބޭބީ ގެ ބައްޕަ މިހާރު އަންނަން އުޅޭނެ ދޯ؟!…
ނިޝްފާ
(ހިނިތުން ވެލަމުން)
ހޫމް…
އެވަގުތު ޖަމީލު އެތަނަށް އައިސް ވަނެވެ.
ޖަމީލު
(އުފަލުން ފޮޅިފަ)
ސޮރީ ލޯބީ…. ސޮރީ ބައްޕަ ފުއްގަނޑާ…
ނިޝްފާއަށް ހިތްހަމަޖެހުމެއް ލިބުނީ އަދި ކިރިޔާއެވެ.
ހަސީނާ ޝަކުވާގެ ނަޒަރަކުން ބަލާލިއެވެ.
ހަސީނާ
އާދެވިއްޖެދޯ… ގުޅާގުޅާ ނުގުޅިގެން އަހަރެން ބެންކަށް ގުޅީމަ ބުނީ އަތޮޅުތެރޭގަޔޯ….. ދެން އެއްމެފަހުން އެސް އެމް އެސް ތަކެއް ފުލުފުލު ފޮނުވިއިރުވެސް ޚަބަރެއް ނުވި…. އަނބިކަބަލުން ވިހަންވިއިރު ކައިރީގަވެސް ނުހުރެވުނު ދޯ ބިޒީކަމުން..
ނިޝްފާ
ހަސީ!!! މިއަދު މީ ޑިއުޑޭޓެއްވެސް ނޫނޭ…. ކިހިނެއްތަ އެގޭނީ މިއަދުކަމެއްދޯ!
ޖަމީލު
(ދަރިފުޅުގެ އަތުގަ ފިރުމަމުން)
ސޮރީ ލޯބީ.. ރަށްރަށުން ސަލާމަތް ވެވޭވަރު ނުވީއޭ އަވަހަށް… ފޯނުގެ ޗާރޖްވެސް ދިޔައީ… ޗާރޖްކުރަން ބަލާލިއިރު ހަނދާންނެތި ޗާރޖަރެއް ނެތް ދަބަހަށް ލެވިފައެއް… ދެން ވަގުތެއްވެސް ނުވި އެހެންގޮތެއް ވޭތޯ ބަލާކަށް….
ހަސީނާ
ނަސީބެއްދޯ އެވަގުތު ޝާނިމް އައިކަން.
ޖަމީލު
(ދަރިފުޅަށް ދީގެން އިން ސަމާލުކަން ހަސީނާގެ ވާހަކަޔަށް ދެމުން)
ޝާނިމް؟؟؟
ހަސީނާ
ހޫމް. ނިޝްގެ ނިއުފްރެންޑް…. އަލަށް ލިބުނު އަވައްޓެރިޔާ.
ހަސީނާ ތަޙްޤީޤީ ނަޒަރަކުން ނިޝްފާއަށް ބަލާލިއެވެ.
ނިޝްފާ
ޖަމީލުއަށް އަދިވެސް އޭނައާ ދިމާނުވޭ….. ނުވެސް އުޅޭވިއްޔަ ބައްދަލުކުރާކަށްވެސް.
ޖަމީލު
ވަގުތެއް ނުވެޔޭ ތިބުނާހާ ވަރަކަށް.
(ނިޝްފާއަށް)
މަ ހީކުރީ އޭނަ މިހާރު މާލެގޮހޭވީ
ނިޝްފާ
އޭނަ ދިޔައީ އޭނަގެ ބައްޕަގެ ޖަނާޒާއަށް ލަންކާއަށް. ރޭގަ އައީ… މިއަދު ހެދުނު ޖަމީލު އޮފީހަށް ދިޔަތަނާ އޭނަ ގެއަށް އައިސްވަނީ.. އެވަގުތު މަގޭ ބަނޑުގަރިހެން ފެށީ… ޖަމީލަށް ގުޅަންއުޅެ ނުގުގުޅިގެން މަ ބުނީމަ އޭނަ ހަސީއަށް ގުޅީ.. ޝާނިމް އަހަރެން ހޮސްޕިޓަލަށް ގެނައީ…. މަ ވިހަންދެން އުޅުނު… އޭނަ ގިނައިރުހުރީސް ސްކޫލުގަ މީޓިންގ އެއް ނެތްނަމަ…
ހަސީނާ
(ލަދުން ހުރެ)
މަށަށް ކަމެއް ކޮށްދީފާނަންތަ؟
ނިޝްފާ
އާނ ބުނެބަލަ.
ހަސީނާ
އޭނަގެ ބިޓެއް ހުރޭތޯ ބަލާލަދީބަލަ ޕްލީސް.
ނިޝްފާ
(ޝޯޚްވެފަ)
އަދެދޭ….!! ހާދަވަރެއް ތިވީ؟ ހޫނ ހޫނ.. މަ ބަލާނަން ތިކަން ވޭތޯ!
ހަސީނާ
(އުފަލުން ފޮޅިފަ)
ތޭންކްސް.. ނިޝް ވަރަށް ރަގަޅުވާނެ… އޭ، މަ ދަނީއޭ… ބައި… ޖަމީލް ކޮންގްރާ އިނގޭ
ހަސީނާ ވާރޑްން ނުކުމެގެން ދިޔައެވެ،
ޖަމީލާއި ނިޝްފާ، ބޭބީއަށް ބަލަމުން ދިޔައެވެ.
ޖަމީލު
ކީއްވެތަ މަށަށް މި ބޭބީ މަށާ ވައްތަރު ނޫނޭ މި ހީވަނީ؟
ނިޝްފާ
(ދިމާކުރާ ރާގަށް)
އެހެ.. އެއީ ވައްތަރު ނޫންވީމައެއްނު…. އަދި ވައްތަރު ވާނޭ ފަހުން.
ޖަމީލި
އުއްމީދުކުރަން.
(ބޭބީގެ ކުޑަކުޑަ އަތްތިލައަށް ބަލަމުން)
ބަލާލަބަލަ! އަތްތިލަވެސް ވައްތަރީ ނިޝްއާ..
ނިޝްފާ
(ފަރުވާތެރި ކަމާއެކު ބަލާލަމުން)
އަސްލުވެސްތަ؟.. އަޅެ ވައްތަރޭދޯ؟… އެކަމަކު ކުޑަކުޑަ… ޖަމީލް! ކޮންނަމެއްތަ ކިޔާނީ؟
ޖަމީލު
(ވިސްނަމުން)
މަށަކަށް ނޭނގެ…. ނިޝް ކިޔަން ބޭނުންވާ ނަމެއް ކިޔާބަލަ؟
ނިޝްފާ
ހޫމް… ހިތަށް މި އަރަނީ މުޙައްމަދު އިޝްރާރު ޖަމީލު ކިޔަން…. އޭރުން ޖަމީލުގެ ބޮޑުބޭބެގެ ނަންވެސް ހިމެނުނީނު…
ޖަމީލު
(ފަޚްރުވެރި ހިނިތުން ވުމަކުން)
ރަނގަޅު ނަމެއް… ދޯ އިޝްރާރް…
ދުވަސްކޮޅެއް ފަސް.
ޖަމީލުގެ ގޭގެ ދޮރުމަތި
ޖަމީލުގެ ކާރު ގޭގެ ދޮރުމަތީގައި ޕާރކްކޮށްފައި އޮތެވެ. ޖަމީލު ކާރުން ފޭބިއެވެ. ކާރުގެ ޕެސެންޖަރުން އަރާފަރާތަށްގޮސް ދޮރުހުޅުވާލިއެވެ. ނިޝްފާ ކުޑަދަރިފުޅު ގޮވައިގެން ކާރުން ފޭބިއެވެ. އެމީހުން ގޭތެރެއަށް ވަނެވެ.
އޭގެ ހަފުތާތަކެއް ފަސް
ޕިޒްކާ ރެސްޓޯރެންޓްގެ އެތެރެ – ރޭގަނޑު
ޖަމީލު، އޭނާގެ ރަހުމަތްތެރި ވާހިދު އާއިއެކު ކޮފީއަކަށް ގޮސް ކޮފީ ބޯން ތިއްބެވެ.
ޖަމީލު
މިއަދުމީ ވަރަށް ބިޒީ ދުވަހެއް؟
ވާހިދު
ކިހިނެއްތަ ބިޒީބީގެ ބޭބީ؟ ނުވެސް ދެވެޔޭ ތި ގެއާހަމައަށް.
ޖަމީލު
ރަގަޅު… މިހާރު އެ ސޮރުގެ އުމުރުންވެސް 3 ހަފްތާ ކަޑައްތު އެކޮށްލީ… އެކަމަކު މަށާ އޭނަ ކުޑަކޮށްވެސް ވައްތަރެއް ނޫން.. ނޭފަތެއް، ލޮލެއް، އިނގިއްޔެއްހާ ހިސާބުވެސް ވައްތަރެއް ނޫން.
ވާހިދު
ކަލޭ ހާދަ ހެއްވައޭދޯ؟ ތިވެސް ތިހާ ކަންބޮޑުވާންވީ ކަމެއްތަ؟ ބޭރުފުށުން އެސޮރު ޖަމީލުއާ ވައްތަރުނުވިޔަސް މިޒާޖު ހީވަނީ އެއްގޮތްވާނެހެން.
ޖަމީލު
(އާފުރިލާ މޯޅިއަކަށް ދެމެމުން)
ތެދެކޯދޯ…. އޭނަގެ މިޒާޖް އެއްގޮތްވާނީ މަށާއޭދޯ..
އެވަގުތު އެދެމީހުންގެ ރަހްމަތްތެރި ފައިސަލް އެތަނަށް އައިސް އިށީނިއެވެ. ޖަމީލާއި ވާހިދުއެކޭ އެއްގޮތަށް ފައިސަލަކީވެސް ފަލަމީހެކެވެ. ފައިސަލުއިނީ ވަރަށްބޮޑަށް މާޔޫސްވަފައެވެ.
ވާހިދު
ތިއޭ ފައިއްޓެއަށް ވާވަރަކީ…. ކޮފީއަކަށް ގެންނަންވެސް މިޖެހެނީ ގަދަކަމުން…. އަހަރުން މިހާރު ކޮފީތަށި މި ނިމެނީ…. އެކަމަކު މިހެން ‘ދަމާލި ކޮފީ’ ގަ އަނެއްކާވެސް ކޮފިއެއް ގެންނަންވީ… ކޮބާ ކޮފީއެއް ގެންނަންވީނު؟
ފައިސަލް
(ދެރަވެ ކުރަކިވެފައިވާ އަޑަކުން)
އާނ. ކަޅުކޮފީއަކާ ސިގިރޭޓް ފޮށްޓެއްވެސް މިރޭ މަދުވާނެ!
ޖަމީލު
(ކަންބޮޑުވެފަ)
އޭތް.. އޭތް.. ފައިއްޓޭ އަނެއްކާ ހަމައިގަތަ ތީދީ؟؟ ކަމެއް ގޯސްވީތަ؟
ފައިސަލް
(އިސްދަށަށް ޖަހައިގެން އިދެ)
އޭނަ މަގޭ އަތުން ބީވެއްޖެ!!!
ޖަމީލާއި ވާހިދުއަށް ކުއްލިހައިރާން ކަމެއް ލިބުނެވެ.
ޖަމީލު
އޭން… ކާކު ކައޭ އަތުން ބީވީއޭ؟؟ ކީކޭ ތިކިޔަނީ؟؟ މިރޭވެސް ފޭކެއް ޖައްސައިގެން އަހަރުން ގޯންޏަށް ލާންދޯ ތިއުޅެނީ؟؟؟
ފައިސަލް
ނުނޭ… ނީޝާ މަގޭ އަތުން ބީވެއްޖެ… މަށަށް މިރޭ އެކަންތައް ގަނޑު ފަޅާ އަރއިފި…. ލަދުން ބޯހަލާކު… ނީޝާ ބުނީ ނީޝާ އޭނަދެކެ ވަރަށް ލޯބިވެޔޯ.
ވާހިދު
އަސްލުވެސްތަ؟… ކާކުގެ ވާހަކައެއްތަ ތި ދައްކަނީ؟
ފައިސަލް
އަހަރުންގެޔާ ޖެހިގެން ހުރިގޭގަ ގާ އަޅަން ގެނެސްގެން އުޅޭ ބަންގާޅި ސޮރަކާ…. ނީޝާ ލަދެއް ޙަޔާތެއްނެތި ބުނަމުން އެދަނީ އެ ބަންގާޅި މަށަށްވުރެ ހުރިހާ ގޮތަކުންވެސް ރަގަޅޭ..
ޖަމީލާއި ވާހިދު
(އެކުއެކީގަ)
ހިތްވަރުކުރޭ… އެކަމަކުދޯ…
ފައިސަލް
މަތަ؟؟ މަށަކީވެސް ފިރިހެނެކޭ؟؟…. އަދި އެނގޭތަ މަ އެއްމެރުޅި އައިކަމެއް؟
(ރޮވެން ކައިރިވެފަ)
ނީޝާ އެބަންގާޅި ސޮރާއެކު ނޫޅޭ ގޮތެއްނެތް…. މިއަދު މަށަށް އެދެމީހުން މި ހިފުނީ ދޮށިއަޅަން ތިއްބާ…
(ފައިސަލް ނުރޯންއިންދާ ރޮވެން ފެށި)
ވާހިދު
ގަބޫލުކުރަން ދަތިދޯ!… އޭނަ ފައިސަލަށް އެހާވަރުކޮށްފަ މިހާރު އެކުރިވަރު ބަލާލަ؟
ޖަމީލު
ކީކޭ ތިބުނީ؟
ވާހިދު
ހަމަ ނޭގުނުތަ މިބުނިއެއްޗެއް؟؟؟ ކުރިން އެއީ ކިހިނެތް ހުރި ގޮލައެއް. އެކަމަކު ބަލާލަބަލަ ފައިއްޓޭ މިހާރު އެހެރަގޮތް…
ދެތިން އަހަރެއް ކުރިން.
ޖަމީލު، ވާހިދު އަދި ފައިސަލް މެންގެ އެއްމެ ބިޓިން ދުވަސްވަރެވެ. މަޖާކޮށްލުމަށް ގްރޫޕްގަނޑެއް ދަތުރުގޮސް މަޖާނަގަނީއެވެ. ދަތުރުދިޔަ އިރު ގެންގޮސްފަހުރި ލަވަޖަހާ ސެޓުން އިނގިރޭސި މިއުޒިކް ގްރޫޕް ބީޖީސްގެ ‘ސްޓޭއިން އަލައިވް’ ބެކް ގްރައުން އިވެމުން ދެއެވެ. އޭރުވެސް ޖަމީލްއާއި ވާހިދު ފުދޭވަރަކަށް ފަލައެވެ. ފައިސަލް ހުރީ ފުދޭވަރަކަށް ހިކިކޮށެވެ. ޖަމީލާއި ވާހިދު އޭރުވެސްތިބީ ކޯކްދަޅެއް ބޯށެވެ.
ފައިސަލް
ސާބަހޭ ތި ދެގޮލަޔަށް… މީހާ ބަނަހެއް ފުފޭހެން ފުފެމުންދާއިރުވެސް ކެކުމަކަށް ބަލާލާކަށް ނުވޭތަ؟ ކައޭމެން ވިސްނަން ވެއްޖެއްނު ކެއުމުގަ ވަކި ހައްދެއް ގެންގުޅެން…ކަސްރަތެއްނުކުރާތާ ހައްދަވައިގެން ކުޅިވަރެއްހާ ހިސާބުވެސް ކުޅެނީކީ ނޫން… ދެން..
ވާހިދު
(ފައިސަލްގެ ވާހަކަ މެދުކަނޑާލަމުން)
ދެން ހެވޭ.. ހެވޭ.. ފުދޭވަރުވެއްޖެ މިއަދަށް… މިހާރު ތިވާހަކަތައް އަޑުއަހާއަހާ ހިތުދަސްވެއްޖެ.. “ހެނދުނު ހެނދުނާ” ޕްރޮގްރާމްގަ ހާނިމްތަ ތީ އަޅެ… ކައޭވެސް ނިކަން އަތުޖެހުނުހާ އެއްޗެއް އަހަރުން މިކާހެން ކައިބަލަ!
ފައިސަލް
އުހުނ އުހުނ.. މަ ހުންނާނަން މަގޭގޮތުގަ… މިއަދު މަދައްކާވާހަކަ ހެއްވާ ވާނެ! އެކަމަކު މާދަމާ…
އޭރު އެމީހުން އަންހެންކުދިންތައް ކެއްކުމުގަ ބިޒީވެގެން އުޅޭތަނަށް ގޮސް ކައިރިކޮށްލިއެވެ.
ޓެންޓް ކައިރި
ފައިސަލް ފަހަތަށް ބަލަމުން ޓެންޓާދިމާލަށް ދަނިކޮށް އެތަނުން ރީތި އަންހެންކުއްޖެއްގެ ގައިގާ ލައިގަތެވެ. ޖެހުނުލެއް ބާރުކަމުން އެ ލޫޅާފަތި އަންހެންކުއްޖާ ދޮންވެލިގަނޑު މައްޗަށް ވެއްޓިއްޖެއެވެ.
ފައިސަލް
(އަންހެންކުއްޖާ ތެދުވުމަށް އެހީތެރިވަމުން)
އޭ ސޮރީ އިނގޭ…. ތަނަކަށް ތަދުވިތަ އަނެއްކާ؟
އަންހެން ކުއްޖާ
ނުވޭ… އެހާވަރު ކަމެއްނޫނެއްނު އެއީކީ!
ފައިސަލް
ތީ ރިމާހް މެންގެޔަށް އައިސްގެންއުޅޭ މާލޭ ގްރުޕްގެ ކުއްޖެއްދޯ؟…. އަދި މީޓް މިވީދޯ..
އަންހެންކުއްޖާ
(އަތުން ވެލިފޮޅަމުން،ހިނިގަނޑެއް ޖަހާލަމުން)
ނޫނޭ…. މަށަކީވެސް ހަމަ މިރަށުމީހެއް…. ކުޑައިރުއްސުރެ މާލޭގަ އުޅެފަ އިއްޔެ ހަވީރު މިއައީ…. މަށަކީ ނީޝާ (ސަލާމް ކުރަން އަތް ދިއްކޮށްލަމުން)
ފައިސަލް
މީ ފައިސަލް….. މިތިބީ ޖަމީލު އަދި ވާހިދު.
ޖަމީލާއި ވާހިދު
ހެލޯ..
ނީޝާ
ކޮބާ ކައްކާ ނިމިއްޖެ އިނގޭ… މީރިއްޔާ ބުނައްޗޭ؟
ވާހިދު
(ޝައުޤުވެރިކަމާއެކު)
ނީޝާތަ ކެއްކީ؟
ނީޝާ
ހޫމް… މަށަކަށް ނުކެއްކޭނެތަ؟
ވާހިދު
(ދިމާކޮށްލަމުން)
ނޭނގެދޯ؟ … ތިޔަ އަތުގަ ހުރި ޖާދޫވެސް އެނގޭނީ ރަހަ ބަލާލީމަތާ!!
ޖަމީލު
ތެދެކޭދޯ!
ފައިސަލް
ސޮރީ އިނގޭ… މި މީހުން ދިމާކޮށްފާނެ ކިތައްމެ ވަރަކަށްވެސް.
ނީޝާ
އެ. އޯކޭ.. ފްރެނޑްސް ދޯ… މިދަނީ ލަމްހާމެންގެ ސެލެޑްގަނޑުގަ ރަހަ ހެޔޮވަރުކުރަން.
ޖަމީލާއި ވާހިދު ފައިސަލްއާ ދިމާކުރާގޮތަށް ބަލަންފެށިއެވެ.
ފައިސަލް
ކިހިނެއްވީ؟
ޖަމީލު
ތިއޮތީ އަޅާދަމާފަ އިނގޭ!!
ވާހިދު
މިފަހަރު ކިތައްދުވަސް ވާނެބާ؟… ކުރީ ކުއްޖާޔާ ރައްޓެހިވިތާ 2 ދުވަސްވެސް ނުވޭ… ހެހެހޭ. (2 މީހުން ހިނިގަޑެއް ޖަހާލި)
ފައިސަލް
ހެވޭ.. ހެވޭ.. ތިހެން ޖޭވެގެން ތިބެން ޖެހޭނީ.
އެމީހުން ޓެންޓް ކައިރިޔަށް ގޮސް ކެއުމައިގެން މަސްއޫލުވެއްޖެއެވެ.
ފައިސަލް ގެ ކޮޓަރި – ރޭގަނޑު
ޖަމީލު
ބޮޑުރެއެއްދޯ މިއީ… މިފަހަރު އަނެއްކާ ފަނިކޮށްނުލައްޗޭ!
ފައިސަލް
މިފަހަރަކު އެހެނެއްނުވާނެ.
ވާހިދު
އޯކޭ.. 2 ދުވަހަށްވުރެ ގިނަދުވަހު ހިފަހައްޓާލެވިއްޖިއްޔާ މަ ދޭނަން ސައި.
ޖަމީލު
އެނގިދާނެތާ! މަހުންނާނަން ސައިބޯން.. ހެހެހޭ
ފައިސަލް
އޯކޭ… މަދޭނަން މިކަން ވެއްޖެއްޔާ ޕިޒްކާއިން ކައޭމެންނަށް ކެއުން… ދެންވެސް މިތަނުން ދޭ ބަލަ.
ވާހިދު
ކީކޭ؟
ފައިސަލް
އަޑުއިވިއްޖެއްނު… ދެން އުނދަގޫ ނުކޮށް ދޭބަލަ.
ޖަމީލު
ގުޑްލަކް އިނގޭ…. ކޮންމެ ގޮތަކަށް، ކޮންމެ ކޮޅަކަށް ތިކަން ނިމުނަސް ފައިދާ އޮތީ މަށަށް. ހެހެހޭ
އެމީހުން ނުކުތުމުން ކޮޓަރީގެ ދޮރުލައްޕާލިއެވެ. އޭރު ގަޑިން 8 ޖެހީއެވެ.
ނީޝާގެ ގެ – ރޭގަނޑު
ފައިސަލް ނީޝާގެ ގޭގެ ދޮރާށި ހުޅުވާލަމުން އެތެރެއަށް ބޯދިއްކޮށްލިއެވެ. އޭރު ނީޝާ ވަރުގެކޮޅަށް ނަލަހެދިލައިގެން ގޭގެ ދޮރުމަތީގައި ހުރި ޖޯލިފަތީގައި އިނެވެ. ފައިސަލް ވަރަށް ކެރިހުރެ ނީޝާއިން ޖޯއްޔާހަމައަށް ދިޔައެވެ.
ނީޝާ
ވަރަށް ޕަންކްޗުއަލް ދޯ!!
ފައިސަލް
ނޫނޭ…. ނީޝާ ވީމަ ގަޑިނުހެޖި އަންނަން ޖެހޭނެނު؟
ނީޝާ
އެހެންތަ؟ ހަމައެހާވެސް..
ފައިސަލް
(ނީޝާބުނަމުން އައި ޖުމްލަ މެދުކަނޑާލަމުން، ނިޝާގެ ކަންފަތް ދޮށުގަ)
ލޯބިވޭ.
ނީޝާ
ހިނގާ ގޭތެރެއަށް؟…. ހުންނާނެ ވަރަށް މީރު ކާއެއްޗެއް ހަދާފަ!
ފައިސަލް
ކާންދޯ!… ފަހުންނެއް ނޫންތަ؟……….. ނީޝާ ވަރަށް ކައްކަންތަ؟
ނީޝާ
ހޫމް.. އަދި ނުބުނަންދޯ…. މަށަކީ ވައްތަރެއްގެ ޝެފެކޭ….
ފައިސަލް
އަދެދޭ!!… ހާދަ ފޮންޏޭދޯ!!
ނީޝާ
ފޮނިތަ؟ އަދި ރަހަވެސް ނުބަލަމެއްނު!… ދެންކިހިނެތް ފޮނިކަމެއް އެނގުނީ؟؟
ފައިސަލް
މިރޭ ރަހަބެލީމަ އެނގިދާނެތާ!
ނީޝާ
ދެން ފައީ ވަރަށް ގޯސްވާނެ!…. މަ ހުންނާނީ ކެންޑްލް ލައިޓް ޑިނަރ ރެޑީވެސް ކޮށްފައޭ…. ދެން ހިނގާބަލަ؟
މޭޒަށް ބަލަހައްޓައިގެން ފައިސަލް އަށް ހުރެވުނީއެވެ. އޭނަގެ ނަސީބުދެރަކަމުން ކެއުމަށް ތައްޔާރުކޮށްފައިހުރީ މުޅިންވެސް އޭނަގެ ޓޭސްޓާ ނުގުޅޭ ތަކެއްޗެވެ.
ނީޝާ
ފަށަމާ ހިނގާ!!
އިސާހިތަކުން ކާމޭޒުމަތީ ހުރި ހުރިހާ ކާއެއްޗެއްހުރީ ހުސްވެފައެވެ.
ފައިސަލް
ހާދަމީރޭ!! ނީޝާގެ އަތުގަ ތިހުރީ ކޮންކަހަލަ ޖާދޫއެއް؟
ނީޝާ
ޝުކުރިއްޔާ! މަގޭ ކެއްކުމަށް ތިވަރަށް ތަޢުރީފުކުރި މީހަކާ އަދި ތީނަ ނޫނީ ދިމައެއްނުވޭ.
އަނބުރާ މިހާރަށް – ޕިޒްކާ ރެސްޓޯރެންޓް
ވާހިދު
އެނގޭތަ އޭގެފަހުން ވި ގޮތް؟
މާޒީ – ފައިސަލްގެ ކޮޓަރި
ދޮރުގަ މީހަކު ޓަކިޖަހާލިއެވެ. ފައިސަލް ދޮރުހުޅުވާލިއިރު ތައްޓެއްގަ ކާއެއްޗެއް ހިފައިގެންހުރީ ނީޝާއެވެ. މިކަން މިގޮތަކަށް ތަކުރާރުވަމުން ދިޔައެވެ.
ހަވީރު – ކައްދޫ ފާލަން
ފައިސަލް ޖޮގިންކުރަމުން ދިޔައެވެ. އެކަމަކު ވަރުބަލިވެގެން އިރުކޮޅަކުވެސް ދުވެވޭވަރެއް ނުވިއެވެ.
ދުވާލު – ފައިސަލްގެ ކޮޓަރި
ވާހިދުއާއި ޖަމީލު ފައިސަލްގެ ކޮޓަރީގަ ޓަކި ޖަހާލިއެވެ. ދޮރުހުޅުވާލީ ނީޝާއެވެ. ފަހަތުން ފައިސަލް ބޯދިއްކޮށްލިއެވެ.
ޖަމީލު
ސާބަސް މިތިބަ ގުރާޖޯޑަށް…. ހެނދުނެއް މެންދުރެއް ދަންވަރެއްވެސް ނޯވޭދޯ ޖަހާކަށް!!
ފައިސަލް
ކޮންއެއްޗެއް؟ އަހަރުން އެބަ ޖަހާތަ!؟
ޖަމީލު
މިބުނީ ލަވަޖަހާ ވާހަކަ
ވާހިދު
އޭ ކޮބާ ނުދަންތަ ފާލަން ކައިރިޔަށް އޮރި ހިފާކަށް؟؟؟
ފައިސަލް
މިއަދު މަވަރަށް ބިޒީ… ދެން ދާދުވަހަކުން ގެރެންޓީ.
ޖަމީލު
އާނ ބިޒީކަން އެބައެގެޔޭ ދޯ ނީޝާ، އެކަމަކު ބުނަން، އަބަދު ނުވާނެ ޖަހާކަށް.. ހެއްހެއްހޭ.. މިބުނީ ލަވައިގެ ވާހަކަ
މިހެން ބުނަމުން ދެމީހުން ނައްޓަލިއެވެ.
ވާހިދު
ގަބޫލުކުރަން ދައްޗަސް މިފަހަރު ލައްކަދުވަހު ނުކަޓާ ހިފަހައްޓައިފިދޯ؟
ޖަމީލު
އެވެސް ސިރިއަސްކޮށް މެރީކުރަން ނެގި ބިޓެއްނޫންކަމަށް ވާނީ.
ނީޝާގެ ގޭގެ ސިޓިންގ ރޫމް – ރޭގަނޑު
އެމީހުން ތިބީ މޭޒެއްގެ ވަށައިގެން އިށިދެއެވެ. ނީޝާ އާ ފައިސަލްގެ އިތުރުން ޣާޒީއާ އެދެމީހުންގެ މައިންބަފައިންނާއި ދެހެކިވެރިންވެސް ތިއްބެވެ. އިސާހިތަކުން ކައިވެނިކޮށް ނިމިއްޖެއެވެ. ފައިސަލް، 1 އަހަރުފަހުން އޭނާގެ ކައިވެނީގެ ޙަފްލާގެ ޚިޔާލީ ހުވަފެނެއް ބަލަމުން ދިޔައެވެ.
އަނބުރާ މިހާރަށް – ޕިޒްކާ ރެސްޓޯރެންޓް
ވާހިދު
(ރުޅިވެރި ރާގަކަށް)
މި ހުރިހާ ދުވަހު ކަލެޔަށް ކާންދީދީ ފަލަކޮށްލާފަ ބަލާބަލަ ދިން ލަނޑު!!
ވެއިޓަރު ފައިސަލްގެ ކޮފީ ހިފައިގެން އެވަގުތު އައިސްފިއެވެ.
ވާހިދު
(ހިތްވަރު ދެމުން)
އަޅާނުލާ!!… ކޮފީއެއްދަމާލާހެން އެހާ އީޒީކޮށް ތިކަމާ ފޭސްކުރޭ… އޭނަ އަދި އެނބުރި އަންނާނެކަން ޔަޤީން…
ޖަމީލު
(ތަންކޮޅެއް މަޑުން)
ނޫނީ ކޮންމެވެސް އެހެން މީހަކާ ރައްޓެހިވެދާނެ.
ފައިސަލް
(ވަރަށް ދެރަވެފަ)
އޭރުން ވަރަށްދެރަދޯ
ވާހިދު
ދެރަވިޔަސް.. ހިނިއަޔަސް އެހެން ވާނީ.. ނޭގޭތަ މަށަކީ އަންހެންކުދިންގެ އެކްސްޕާރޓެއްކަމެއް.
ފައިސަލް
(ކުޑަކޮށް ހަމަޖެހިލަމުން)
އެހެންތަ؟ އެހެންވެގެންދޯ އަހަރަމެންގެ ތެރެއިން ހުސްހަށިބަޔަށް ކަލޭ ތިހުރީ؟؟؟ އަދި އަބަދުވެސް ކަލޭ ރައްޓެހިވާ ކޮންމެ ކުއްޖަކު ރުޅިވަމުން އެދަނީ!!!
ޖަމީލު ވާހިދުއާދިމާލަށް ބާރަށް ހިނިގަޅަންފެށިއެވެ.
ވާހިދު ހިތްހަމަނުޖެހިފާ އޭނާއާދިމާއަށް ބަލާލިއެވެ.
ޖަމީލު
(ވާހިދު ހިތްހަމަނުޖެހުނުކަން ފާހަގަވެގެން)
ސޮރީ
މިހެން ބުނަމުންވެސް ހުނުން ކުރިޔަށް ގެންދިޔައެވެ. އެހެނަސް ކުރިޔަށްވުރެ މަޑުންނެވެ.
ވާހިދު
އޯކޭ… އޯކޭ… ފައިސަލް ބޭނުންތަ ކާއެއްޗެއް ގެންނަން؟
ފައިސަލް
ތިޔޭ އޭނަ މަދޫކޮށްފަ ދިޔަކަމަކީ؟؟؟ މަށަށްވުރެ އެ ބަންގާޅީ ސޮރުގެ ހަށިގަނޑުވެސް މާ ރީއްޗޯ. މަ މާ ފަލައީއޯ….
ފައިސަލްގެ ދެއަތުން ބޮލުގައި ހިފަހައްޓާލަމުން ކުޑަކޮށް ރޮވެން ފަށައިފިއެވެ.
ޖަމީލާއި ވާހިދު ފައިސަލް ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
ޖަމީލު
(އޯގާތެރިކަމާއެކު)
އޭއް އޭއް… ތިހެން ފިނޑިނުވެބަލަ..
އެރޭގެ ދަންގަޑިއެއްގަ
ޖަމީލުގެ ގޭގެ ދޮރުމަތި – ވައިބާރު
ޖަމީލު ގެއަށް އައިސް ގޭ ދޮރުމަތީގައި ކާރުމަޑުކޮށްލިއެވެ. ކާރުންފައިބާ ގެޔާދިމާލަށް ހިނގައިގަތެވެ. އެވަގުތު ޝާނިމްގެ ގޭގެ (ޖެހިގެންހުރިގޭގެ) ސިޓިންރޫމް ދިއްލާފަހުރިތަން ފެނުނެވެ. ޝާނިމްއާއި ބައްދަލުނުވެ މިހާދުވަސް ވުމުން މިރޭ ބައްދަލުކޮށްލާނަމޭ އޭނާގެ ހިތަށް އެރިއެވެ.
ޝާނިމްގެ ގޭގެ ދޮރުގައި ދެފަހަރަކު ޓަކިޖަހާލިއެވެ. އިރުކޮޅެއްފަހުން، ޒުވާންފުރާގެ ފިރުހެނަކު ދޮރުހުޅުވާލިއެވެ.
ޖަމީލު
އައްސަލާމު ޢަލައިކުމް… ޝާނިމްތޯ؟ އަޅުގަނޑަކީ އަހުމަދު ޖަމީލު… އަޅުގަނޑަކީ….
ޝާނިމް
(ހިނިތުންވެލަމުން އެކުވެރި ރާގަކަށް)
ނިޝްފާގެ ހަސްބަންޑްދޯ! އެއްމެފަހުން ބައްދަލުވެއްޖެދޯ!… ވަރަށް އުފާވެއްޖެ!
ދެމީހުން ސަލާމްކޮށްލިއެވެ.
ޖަމީލު
(ޖެހިލުންވެ ހުރެ)
އަނެއްކާ ރަގަޅު ވަގުތެއްގަތޯ މި އާދެވުނީ؟ ހޭލާ އުޅުއްވާހެން ހީވެގެން އަސްލު މިއައީ..
ޝާނިމް
ނޫނޭ. ނޫނޭ. އެތެރެއަށް ވަދޭ!…
ޖަމީލު ގޭތެރެއަށް ވަނެވެ.
ޝާނިމްގެ ގޭގެ ސިޓިންގ ރޫމް
ޖަމީލު
(ޝާނިމްއާދިމާލަށް ވިސްނުމުގެ ނަޒަރަކުން ބަލާލަމުން)
އަޅުގަނޑުމެން ކުރިން ބައްދަލުވިހެން ވަރަށް އެބަހީވޭ…. ވަރަށް ދަންނަ މޫނެއްތީ….
ޝާނިމް
އެހެންތަ؟ ވަރަށް ހެއްވާކަމެއް ތީ! މަށަކަށް ހިއެއްނުވޭ އަހަރުން މީގެކުރިން ބައްދަލުވިހެނެއް.
ޖަމީލު
މަށަށް އޮޅިގެން ކަމަށް ވެދާނެ.
ޝާނިމް
ކޯއްޗެއްތޯ ގެންނާނީ؟
ޖަމީލު
ކޮފީ ނޫން ކޮންމެ އެއްޗަކަސް އެއްމެރަގަޅު…. މިރޭ ވަރަށް ކޮފީ ބޮވިއްޖެ!
ޝާނިމް
އޯކޭ…. އިށީނދެލާ ހަމަޖެހިލާ… މިއަންނަނީ
ޖަމީލު
ޝުކުރިޔާ
ޝާނިމް ބަދިގެބަޔަށް ވަނެވެ. ޖަމީލު އިށީނެވެ.
ޖަމީލު
(އަމިއްލަ ނަފުސަށް)
އެ މޫނު އަހަރެން ދުށިން ކޮންމެވެސް ތާކުން…. އެހާކުރިޔަކުންވެސް ނޫން… ނޫނީ ތަންކޮޅެއް ކުރިން…. މިއަދު ހެދުނު އަހަރެން އޮފީހަށް ދިޔުމުގެ ކުރިން ދެކުނީ ނިޝްފާއާ ……
ޝާނިމް ދެ ތަށި ޖޫސް ހިފައިގެން އަތުވެއްޖެއެވެ.
ޝާނިމް
(ޖަމީލަށް ޖޫސްތަށި ދިއްކޮށްލަމުން)
ޕެކެޓް ޖޫހަކަސް ވަރަށް މީރު ޖޫހެއް މީ
ޖަމީލު
(ތަށިގަ ހިފަމުން)
ޝުކުރިޔާ…
ޝާނިމް ޖަމީލުގެ ކުރިމަތީގައިހުރި ސޯފާގަ އިށީނެވެ.
ޖަމީލު ޖޫސްފޮދެއް ބޮއެލަމުން ޖޫސްތަށި މޭޒުމަތީގައި ބެހެއްޓިއެވެ.
ޖަމީލު
(ޖެހިލުންވެހުރެ)
ނިޝްފާބުނި ޝާނިމްގެ ބައްޕަ މި ދުނިޔެ ދޫކުރެއްވި ވާހަކަ…. ވަރަށް ދެރަދޮގެއްތޯ!
ޝާނިމް
ހޫމް.. އެކަމަކު މުސްކުޅިބަލީގަ ގިނަދުވަސްނުވުން އެވެސް ނަސީބު….
ޖަމީލު
ކޮންރަށެއްގަތޯ އުޅެ ބޮޑުވީ؟
ޝާނިމް
އެތައްމިތަނުގަ!!… ބައްޕަ އަހަރެން ގޮވައިގެން ރަށުގައުޅެފަ ދެން ދިޔައީ މާލެޔަށް………… މާލޭން ލަންކާއަށް… އަހަރެން ކޯސްނިމިގެން ލަންކާގަ ކުޑަދުވަސްކޮޅެއްގަ އުޅެފަ ރާއްޖެއައިސްފަ އެނބުރި ދާހިތްނުވީ…
ޖަމީލު
ނިޝްފާބުނި ޝާނިމް ވަރަށް މޮޅޭ ކިޔަވައިދިނުމަށް…
ޝާނިމް
ހެހޭ..(ހިނިތުންވަމުން) ދެން މޮޅަށް ކިޔަވަދެވޭތޯ މަސައްކަތްކުރީމަ އޭގެ ނަތީޖާވެސް ފޮނިވާނެ ދޯ!… ނިޝްފާ ވަރަށް އިނގިރޭސި ކިޔަވާހިތްވޭ… އޭނަކިޔަވާހިތުން އެވާހަކަ ދެއްކީމަ ޓިއުޝަންދޭން ފެށީ… މިހާރު ފުދޭވަރަކަށް އިމްޕްރޫވްވެސް ވެއްޖެ…. އެކަމަކު އޭނަ ޕްރެގްވީމަ މިހާރަކު ނާދޭ!!.
ޖަމީލު
ވާހަކައެއް އަހާލަންތަ؟… މީގެ 10މަސް ކުރިންވެސް ނިޝްފާއަށް ޓިއުޝަންދިނިންތަ؟
ޝާނިމް
އާނ.. ހީވަނީ އެހެން.
ޖަމީލު
(ހިތްހަމަނުޖެހި)
އޭ.. ދެން ގޮސްލީއޭ..
އޭނާގެ ޖޫސްތަށި މޭޒުމަތީގައި ބެހެއްޓިއެވެ. ޖޫސްތަށިން އެއްމެ އެތިފޮދެއްވެސް ނުބޮއެ ހުރިގޮތަށް ހުރީއެވެ.
ޖަމީލު
ތޭންކްސް ފޯރ ދަ ޖޫސް
ގޭގެ ދޮރުކައިރި.
ޝާނިމް
މިހާދުވަސް ފަހުންނަމަވެސް މީޓްވީމަ ވަރަށް އުފާވެއްޖެ. ގުޑްނައިޓް
ޖަމީލު
(ހިތްހެޔޮގޮތް ދައްކަމުން)
މަވެސް ވަރަށް އުފާވެއްޖެ. ގުޑްނައިޓް
މަގުމަތި – ރޭގަނޑުގެ ވަގުތު
ޖަމީލުހުރީ މުޅިން މާޔޫސްވެފައެވެ. ކުޑަކޮށް ރުޅިވެސް އައިސްފައެވެ.
ޖަމީލު
(ގެއާ ދިމާލަށް ދަމުން، އަމިއްލަ ނަފުސަށް)
ޙަޤީގަތުގަވެސް މަށަށް މި ކުރެވެނީ ރަގަޅު ޝައްކެއްބާ؟… އުހުނ… މީ މަށަށް ކުރެވޭ ކުށްހީއެއް…. ބޭކާރު ވަހުމްތަކެއް…
(ޖޯޝުންފުރިގެންވާ ރާގުގަ)
އެކަމަކު މިކަމުގެ ޙަޤީގަތް ހޯދާނަން!!
އޭނާ ގެއާދިމާލަށް ބާރަށް ހިނގަން ފެށިއެވެ.
ޖަމީލުގެ ގެ – ރޭގަނޑު
ގޭތެރެ އޮތި ހަނުހިމޭންކޮށެވެ. އެއްވެސް އަޑެއްބަޑެއް ނީވެއެވެ. އޭނާ ކޮޓަރިއާދިމާލަށް ދިޔައެވެ.
ކޮޓަރި – ރޭގަނޑު
ޖަމީލު ކޮޓަރީގެ ހޮޅިބުރި ދިއްލާލަމުން ދަރިފުޅުގެ ކުޑައެނދާދިމާލަށް ގޮސް އެދާދިމާލަށް ގުދުވިއެވެ. ނިޝްފާ އޭނާގެ އެނދުގައި ނިދާފައި އޮތެވެ.
ޖަމީލު
(ކުރަކިވެފައިވާ އަޑަކުން)
އޯހ ނޯ! ޔާރައްބީ!!.. ކުރިން ކީއްވެބާ…..؟؟؟؟
ބެކް ގްރައުންޑުން ‘އިނާޔާ ކިޔާފައިވާ ދޮންކަބުލޮ ނިދާލާށޭ’ މިލަވަ އިވެމުން ދެއެވެ.
ނިދާފައޮތް ތުއްތުދަރިފުޅު ނަގާ ހޮޅިބުރީގެ އައްޔަށް ދިމާކޮށްލަމުން ދަރިފުޅަށް ރަނގަޅަށް ބަލަން ފެށިއެވެ. އެވަގުތު ނިދީތެރޭގައި އޮތް ނިޝްފާ އަޑެއްލައްވާލާ އަނެއްފަރާތަށް ފުރޮޅިލިއެވެ.
ޖަމީލު
(ހައިރާންވެފަ)
އެކަމަކު ނިޝްފާ މިހެން ހަދާފާނެކަމަށް ކުޑަކޮށްވެސް ހީނުވޭ!!
އަނެއްކާވެސް ކުރިން އިވެމުންދިޔަ ނާނާގެ އަޑު އިވެމުންދެއެވެ. ކުއްލިއަކަށް ބާރު ގުގުރިއަކާއި އެކު ވަރަށް އަލިގަދަކޮށް ވިދުވަރެއް ޖެހުމާއި އެކު ކަރަންޓް ދިޔައެވެ.
އެކުއްޖާ ހަމަ ހީވަނީ ޝާނިމް ހެނެވެ.
ކޮޓަރި – ރޭގަނޑު (ބޯކޮށް ވާރޭވެހެމުންދޭ)
ޖަމީލު އޮތީ ކޮޓަރީގެ ސީލިންގއަށް ބަލަހައްތައިގެންނެވެ. ޖަމީލުގެ މޫނުމަތިން ހިތާމަޔާއި ރުޅިވެރިކަމާއި ނަފުރަތުގެ އަސަރު ފެންނަމުން ދެއެވެ. ކަނާތްފަރާތަށް އެނބުރިލަމުން ސައިޑް ޓޭބަލްގައި ހުރި ގަޑިއަށް ބަލާލިއެވެ. ގަޑިން ދަންވަރު 12.30 ވެއްޖެއެވެ. ކުޑައެދުގައި އޮތް ބޭބީގެ ކުކުރުމުގެ އަޑު އިވެމުން ދެއެވެ. އުނދަގޫކަމެއް އިޙްސާސްކުރެވުމުން އޭނާ އަނެއްފަރާތަށް އެނބުރި ސީލިންގއަށް ބަލަންފެށިއެވެ.
އިރުކޮޅަކުން ވާތްފަރާތަށް ފުރޮޅިލިއެވެ. އޭނާ ބަލަމުން އެދަނީ ނިދާފާއޮތް ނިޝްފާގެ ލޯބި މޫނަށެވެ. ސުވާލުން ފުރިފައިވާ ބެލުމަކުންނެވެ. އެތަކެއް ގަޑިއިރެއް މިގޮތަކަށް ފާއިތުވެގެން ހިނގައްޖެއެވެ. ޖަމީލުއަށް ރޭކާވެސް ނުލައެވެ. ކުއްލިއަކަށް ނިޝްފާ ލޯހުޅުވާލިއެވެ. އެވަގުތު ޖަމީލު ލޮމަރާލިއެވެ.
ކޮޓަރި – ހެނދުނު
ނިޝްފާ ދަރިފުޅުގެ ނެޕީ ޖަހަމުންދެއެވެ. އޭނާގެ ފަހަތުގައި ހުރި ދޮރު ހުރީ ހުޅުވިފައެވެ. ޖަމީލު ދަރިފުޅާ އަރާހަމަވަމުން ދަރިފުޅަށް ބަލާލިލިއެވެ.
ނިޝްފާ ކުއްލި ސިހުމަކާއިއެކު ޖަމީލުގެ ޙަރަކާތް ފާހަހަގަ ކުރެވުނެވެ. އޭރު ޖަމީލު ކޮޓަރިން ނިކުމެއްޖެއެވެ.
ބޭންކް ތެރެ – ހެނދުނު
ޖަމީލުގެ ދެލޯވަނީ ނިދިމަދުވުމުގެ ސަބަބުން ރަތްވެފައެވެ.
ޖަމީލު އޭނާގެ މޭޒުދޮށަށް ގޮސް އިށީނުމާއި އެކު ފެންނަހިސާބެއްގައި ވާހިދު އިންތޯ ބަލާލިއެވެ. ދެމީހެއްކުރެން ވާހިދު ކޮބައިތޯ ސުވާލުވެސް ކުރިއެވެ.
ޖަމީލު
އޭ.. ވާހިދު ދުށިންތަ؟
ހުރިހާ އެއްމެންވެސް ދެނީ ހަމަ އެއްޖަވާބެކެވެ.
އޮފީސް މީހާ
ނޫން.. ނުދެކެން.
އެކަކު ޖަވާބުގައި މިހެންވެސް ބުންޏެވެ.
އެކުގައި މަސައްކަތް ކުރާ މީހެއް
(ހިތް ހަމަ ނުޖެހިފައި)
ތިހެން ތިއަހަނީ ތިންވަނަ ފަހަރު… މިފަހަރުވެސް ބުނެވެން އޮތީ ނުދެކެމޭ
ޖަމީލު ސައިކޮޓަރިއާއި ދިމާއަށް ދަނިކޮށް
ފައިސަލް
މޯރނިންގ
ޖަމީލު
(ވިސްނުމެއްގެ ތެރޭގައި ހުރެ)
މޯރނިންގ
(ކުއްލިއަކަށް ހަނދާންވެގެން)
ފައިސަލް؟
ފައިސަލް
(ޖަމީލުއާއި ދިމާލަށް އެނބުރެމުން)
އާނ.. ކީކޭ؟
ޖަމީލު
(މާޔޫސްވެފައިވާ މޫނަކާއި އެކު)
ރޭގަ ކައޭގެ ކަންތަކާ މަށަށް ވަރަށް ވިސްނުނު… އަސްލު ވަރަށް ދެރަވޭ..
ފައިސަލް
(ހައިރާންވެފަ)
އަސްލުވެސްތަ؟
ޖަމީލު
ހޫމް.. އެނގޭ އެގޮތަށް ކަންތައްތައް ވީމަ ވާނެ ދެރަވެސް..
ފައިސަލް
އެހެންތަ!
ހަނުހިމޭން ކަން
ފައިސަލް
ތޭންކްސް ފޮރ ޔޯރ ކޮންސާރން
ޖަމީލު ބޯޖަހާލަމުން ވާހިދުގެ ޚަބަރެއް ވޭތޯ ބަލަން ފެށިއެވެ. އެއްމެފަހުން ޚަބަރެއް ނުވެގެން އޭނާގެ މޭޒުމަތީގައި ނޯޓެއް ބޭއްވިއެވެ.
އޮފީސްތެރެ – މެންދުރުފަސް
ޖަމީލު އިށީދެ އިނީ އޭނާގެ ކޮށިގަނޑުތެރޭގައެވެ. އޭނާގެ ވިސްނުން އަމާޒުވެފައި ހުރީ ކުރިމަތީގައިގައިހުރި ކޮމްޕިއުޓަރުގެ ސްކްރީނަށެވެ. ޕާރޓްޝަން ކޮށިގަނޑުގައި ޓަކިޖަހާލިއަޑަށް ޖަމީލު ބަލާލިއެވެ.
ޖަމީލު
އޭއް ކޮންތާކު ތިއުޅުނީ؟
ވާހިދު އެތެރެއަށް ވަނެވެ.
ވާހިދު
(އުފަލުން ފޮޅިފަހުރެ)
ކޮންކަމެއް އޮތީ؟ އަޑުއެހިން ކަލޭ މާވަރަކަށް މަހޯދިވާހަކަ!
ޖަމީލު
(ހިތްހަމަޖެހިލަމުން)
ކިހާވަރަކަށް ހޯދިއްޖެ! ކަޓެއްޖައްސާފަ ކޮންތަނެއްގަ ތެޅިތެޅިފަ ތިއައީ؟
ވާހިދު
މީ ވަރުގަދަ ކަމެއް… މަންމައާ ކުޑަ މައްސަލައެއް ޖެހިގެން އުޅެފަ މިއައީ… އެނގެއެއްނު މަންމަގެ ވައްތަރު…. އާނ.. ކީއްކުރަންތަ މަހޯދީ؟
ޖަމީލު
ކީއްތަ ނުވަނީ!.. ހުރިހާކަމެއްވެސް ފެށިއްޖެ…ނިކަން ހިނގާބަލަ ޕިޒްކާއާ ދިމާއަށް. އެތަނަށް ގޮއްސަ ކިޔާދޭނީ.
ސައިކަލް ގޮސް ޕިޒްކާ ކައިރީ މަޑުކޮށްލައެވެ. ދެމީހުން އެކުގާގޮސް މޭޒެއް ކައިރީގައި އިށީންދެއެވެ.
ޖަމީލު
ވަރަށް ކަޑަވެއްޖޭ. މި އަންހެންވެރިންނަކީ ބަލާއެއްކަހަލަ ބައެއް. ހިތެއް ނުފުރޭނެ ކިތަންމެ ވަރެއް ހެދިޔަސް
އެނގެއެއްނު މަ އޭނަ ބުނާކަމެއް، ބުނާވަރަކަށް ކޮށްދޭކަން
ވާހިދު ޖަމީލުގެ ވާހަކަ މެދުކަނޑާލިއެވެ.
ވާހިދު
މަޑުކޮށްބަލަ، މަ މިއޮއްގެން ބަނޑުފައިވެ ހާންތިވަނީ… ކާއެއްޗަކަށް އޯޑަރު ދީފަ ފަށަންވީނު ތިވާހަކަތައް؟
ޖަމީލު
(ނުރުހިފަ)
ހަމަ މަޑުކޮށެއްނުލެވޭނެތަ؟
ވާހިދު
ހާންތިވެފަ އިނދެ ތިވާހަކަޔަށް އިންސާފެއް ނުކުރެވޭނެ އިނގޭ!
ޖަމިލު
އޯކޭ، އޯކޭ، ކެވޭތޯ އުޅެމާ ދޯ!
އެމީހުން ކާންތިބީ ފްރައިޑް ރައިސް އާއި ފްރައިޑް ނޫޑްލްސް އެވެ.
ޙަޤީގަތުގައި ހަމައެކަނި ކަމުންގެންދިޔައީ ވާހިދެވެ. ޖަމީލު ތަށިތެރޭގައި އޫ އަނބުރަމުން ކުރީރޭ އޭނާއަށް އެނގި ހާމަވެގެންދިޔަ ކަންތައް ގަނޑު ކިޔާދެމުން ގެންދިޔައެވެ.
ޖަމީލު
…….. އެހެންވީމަ މުޙައްމަދު އިޝްރާރު ޖަމީލު އެއީ މަގޭ ދަރިއެއްހެނެއް މަށަކަށް ހިއެއްނުވޭ….. އެއީ ޝާނިމްގެ ދަރިއެއްކަމަށް މަށަށް ޝައްކުވަނީ!!!
ވާހިދު
(ކޮށިއަރާގޮތް ވަމުން/ ހައިރާންކަމާއެކު)
އޭނ…. ކީކޭ… ކައޭ ތީނދީ ހަމަހޭގަތަ؟؟؟؟
ޖަމީލު
ނޭނގެ ހަމަހޭގަކަމެއް މިއިނދެވުނީކީ… އެކަމަކު މިއަދު ހެނދުނު ރަނގަޅަށް ބަލާލީމަ ގައިމުވެއްޖެ އޭނަ ވައްތަރީ އޭނަގެ އަސްލު ބައްޕަޔާ ކަން.
ވާހިދު
(ހައިރާވެފަ)
ކަލެޔާދޯ….؟
ޖަމީލު
(ހިތްހަމަނުޖެހިފަ)
ނޫނެކޭ، ޝާނިމް އާއޭ.
ވާހިދު
އަނެއްކާ ހޮސްޕިޓަލުން ދަރިފުޅު އޮޅުނީކީ ނޫންބާ….؟
ޖަމީލު
ތިހެން މަށަށްވެސް ހީވި… އެކަމަކު މައްސަލައަކީ އެސޮރުގެ ހިނިތުންވުމާ އަތުގެ އިނގިލިތައް ވައްތަރީ ނިޝްފާއާ!
ވާހިދު
(ޗޮސްކަނޑާލަމުން)
އެކަމަކުދޯ… ތި ކިހާ ބޮޑު މައްސަލައެއް…. ތިކަމަށް އަވަސް ހައްލެއްވެސް ހޯދަންއުޅޭ… އެކަމަކު ފުރަތަމަ ކަމަކީ ދެންވެސް ތި އެތިކޮޅު ކެވޭތޯ ބަލާ..
ޖަމީލު
ހޫނ….
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!