ރާއްޖޭގެ އެންމެ ވަރުގަދަ ޕްރޮޑަކްޝަން ހައުސް ޑާކްރެއިން އެންޓަޓެއިންމެންޓުން އުފައްދުން އަންނަ ލޯބީގެ ފިލްމު “ނޮވެމްބަރ”ގެ ލަވައެއް ކަމަށްވާ ‘މޫސުން’ މިމަހު 23ގައި ނެރޭނެކަމަށް ބުނެފިއެވެ.
“ނޮވެމްބަރ”ގެ އެއް ޕްރޮޑިއުސަރު މުޙައްމަދު ޢަލީ (މޮގާ) ބުނީ މި ލަވަ ލިޔެ ކޮމްޕޯސްކޮށްފައިވަނީ ޝަމްޢޫން މުޙައްމަދު ކަމަށެވެ. ލަވަ ކިޔާފައިވަނީ އަޝްފާއެވެ. މިއުޒިކް ހެދީ ޙުސައިން ތަޢުފީޤް އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އެންމެން މި ލަވަ އާއްމުކޮށް ކިޔައިއުޅޭނެ ކަމަށް އުއްމީދުކުރާ ކަމަށް ފޭސްބްކްގައި މޮގާ ލިޔެފައިވާ ސްޓޭޓަސްއެއްގައި ބުނެއެވެ.
މި ފުރުޞަތު ދިނީތީ މޮގާ އަށް ޝުކުރުއަދާކުރަމުން ލަވަކިޔުންތެރިޔާ އަޝްފާ ބުނީ މިއީ އޭނާއަށް ކުރެވުނު އެންމެ މަޤުބޫލު މަސައްކަތް ކަމަށެވެ. ލަވައިގެ ރާގާއި މިއުޒިކްގެ ފުރިހަމަކަމަށް ވެސް އަޝްފާ ވަނީ ތަޢުރީފުކޮށްފައެވެ.
އޯޑިއޯ ލަވައިގެ ޓީޒާއެއްވެސް ޑާކްރެއިން އިން އާއްމުކޮށްފައިވެއެވެ.
ޖުމައްޔިލް ނިމާލް އާއި މަރިޔަމް މަޖުދާ ލީޑްކުޅޭ މި ފިލްމު ރިލީޒްކުރަނީ އަންނަ އަހަރުއެވެ.
ފިލްމު “ނޮވެމްބަރ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
