ސްޕެނިޝް ލީގުގައި ރޭ ޑިޕޯޓިވޯ އަލަވޭސް ގެ މައްޗަށް 1-4 ގެ ނަތީޖާއަކުން ކުރި ހޯދައިގެން ތާވަލުގެ ކުރީގައި އޮވެ، ބާސެލޯނާ އިން އަހަރު ނިންމާލައިފިއެވެ.

ބާސެލޯނާގެ ދަނޑު، ކޭމްޕް ނޫ ގައި ކުޅުނު މި މެޗުގެ ކުރީކޮޅު ބާސާ އިން ވަނީ ގޯލެއް ޖަހާ ލީޑު ނަގާފައެވެ. ލުއިސް ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން 14 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ އޮންޓުއާން ގްރީޒްމަން އެވެ. ފުރަތަަމަ ހާފުގެ ފަހު މިނެޓުގައި ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން އާތޫރޯ ވިދާލް ވަނީ ގޯލެއް ޖަހާ ބާސާ އަށް ލީޑު ފުޅާކޮށްދީފައެވެ.

ސުއަރޭޒް ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖެސް

ގިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެމުންދިޔަ ބާސާ އަށް ކުއްލި ސިހުމެއް ގެނުވީ ދެވަނަ ހާފުގެ ކުރީކޮޅު އަލަވޭސް އިން ގޯލެއް ޖަހާ މެޗުގެ ތެރެއަށް އެނބުރި އައުމުންނެވެ. ރުބެން ޑުއާޓޭ ނަގައިދިން ހުރަހަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޕެރޭ ޕޮންސް އެވެ. މި ގޯލާއެކު މެޗުގެ އޮއިވަރު ބަދަލުވި ނަމަވެސް، ފަހުން ބާސާ އިން ވަނީ މެޗުގެ ކޮންޓްރޯލް އަނބުރާ ހޯދާފައެވެ. ބާސާ އަށް ހަމަޖެހުމެއް އައީ 69 ވަނަ މިނެޓުގައި މެސީ ކާމިޔާބުކުރި ގޯލުންނެވެ. މެސީ މި ގޯލު ކާމިޔާބުކުރީ ސުއަރޭޒް ދިން ޕާހެއްގެ ބޭނުން ހިފައި، އަލަވޭސް ގެ ތިން ކުޅުންތެރިން ކައިރިން ނައްޓައިލުމަށް ފަހު، އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާ އަކުންނެވެ. މިއީ މި އަހަރު މެސީ ކާމިޔާބުކުރި 50 ވަނަ ގޯލެވެ. ފާއިތުވެދިޔަ ހަ އަހަރުގައި ވެސް މެސީ ވަނީ 50 އަށްވުރެ ގިނަ ގޯލު ޖަހާފައެވެ. އަދި ނިމިގެން މިދާ ގަރުނުގެ ނުވަ އަހަރުގައި މެސީ 50 އަށްވުރެ ގިނަ ގޯލު ޖަހާފައިވާ ކަން ފާހަގަކޮށްލެވެއެވެ. ބާސާގެ ހަތަރުވަނަ ގޯލު 75 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ސުއަރޭޒް އެވެ. މި މެޗުން ހެދި ތިން އެސިސްޓާ އެކު ސުއަރޭޒް ވެފައިވަނީ ސްޕެނިޝް ލީގުގެ މި ސީޒަނުގެ އެއް މެޗެއްގައި ތިން އެސިސްޓް ހެދި ހަމައެކަނި ކުޅުންތެރިޔާ އަށެވެ.

ގޯލުޖެހުމަށްފަހު މެސީ އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖެސް

މި މެޗުން ހޯދި މޮޅާ އެކީ ކުޅުނު 18 މެޗުން ހޯދި 39 ޕޮއިންޓާއެކު ބާސާ އޮތީ ތާވަލުގެ އެއްވަނައިގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.