ރޮބާޓޯ ފާމީނިއޯ ކާމިޔާބުކުރި ގޯލުން 0-1 ގެ ނަތީޖާއަކުން ފްލެމެންގޯ ބަލިކޮށް، ލިވަޕޫލް ފުރަތަަމަ ފަހަރަށް ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކޮށްފިއެވެ.

ގަތަރުގެ ދޯހާގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް ގައި ރޭ ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ 15 މިނެޓުގެ އިތުރު ދެ ހާފު ކުޅެގެންނެވެ. ސައުތު އެމެރިކާގެ ޗެމްޕިއަނުން ފްލެމެންގޯ އާއި ޔޫރަޕްގެ ޗެމްޕިއަނުން ލިވަޕޫލް ބައްދަލުކުރި މި ފޯރި ގަދަ މެޗުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިޔައެވެ. ޚާއްޞަކޮށް ލިވަޕޫލް އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

ރެފްރީގެ ނިންމުންތަކަށް ފާޑުކިއުންތައް އަމާޒުވެގެން ދިޔަ މި މެޗުގެ ހަމަ އެކަނި ގޯލު ފެނިގެން ދިޔައީ އިތުރަށް ކުޅެން ޖެހުނު 15 މިނެޓުގެ ފުރަތަ ހާފުގައެވެ. މެޗުގެ 99 ވަނަ މިނެޓުގައި ސަޑިއޯ މާނޭ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު ކާމިޔާބުކޮށްދިނީ ރޮބާޓޯ ފާމީނިއޯ އެވެ. ލިވަޕޫލް އަށް ފައިނަލުގެ ޖާގަ އެއް ކަށަވަރުވީ ވެސް ސެމީ ފައިނަލް މެޗުގެ ފަހުވަގުތު ކޮޅު ފާމީނިއޯ ކާމިޔާބުކޮށްދިން ގޯލުން ކަން ފާހަގަކޮށްލެވެއެވެ.

ގޯލުޖެހުމަށްފަހު ފާމީނިއޯ އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖެސް

2005 ވަނަ އަހަރު ފީފާ ކުލަބު ވޯލްޑް ކަޕުގެ ފައިނަލުގައި ސައުތު އެމެރިކާ ގެ ޗެމްޕިއަނުން ސާއޯ ޕައުލޯ އަތުން 1-0 ނަތީޖާ އަކުން ބަލިވި މެޗުގެ ހިތި ހަނދާންތައް ފޮހެލުމަށްފަހު، ލިވަޕޫލް އިން މިވަނީ ކުލަބު ވޯލްޑް ކަޕް ޓްރޮފީ ވެސް އެޓީމުގެ ޓްރޮފީ ކެބިނެޓަށް އިތުރުކޮށްފައެވެ.

މިއީ ފާއިތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި ލިވަޕޫލް އިން ކާމިޔާބުކުރި 3 ވަނަ ޓްރޮފީ ކަން ފާހަގަކޮށްލެވެއެވެ. ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕާއި، ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކޮށް ލިވަޕޫލް އިން މިވަނީ “އިންޓަނޭޝަނަލް ޓްރެބްލް” އެއް ހޯދާފައެވެ. މިއީ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑް 2008 ވަނަ އަހަރު ކުލަބު ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން އިނގެރޭސި ޓީމަކަށް މި މުބާރާތް ކާމިޔާބު ކުރެވުނު ފުރަތަަމަ ފަހަރެވެ. މެންޗެސްޓަރ ޔުނައިޓެޑާއި، ލިވަޕޫލް އަކީ މި މުބާރާތް ކާމިޔާބުކުރި ހަމައެކަނި އިނގެރޭސި ޓީމުތަކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.