ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާ އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އާދަމް ސަލީމް ކަޕް 2019 ފުޓްބޯޅަ މުބާރާތުގެ ބާރަވަނަ މެޗުގައި ޝީލްޑާއި، ރޫހު ވާދަކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

އިއްޔެ ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.

މުޅި މެޗުގައި ވެސް ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ޖެހި ދެ ލަނޑު ވެސް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅުއެވެ. މިގޮތުން މެޗުގެ ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ރޫހުންނެވެ. މި ލަނޑު އެ ޓީމަށް މެޗުގެ 8 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމުގެ ޖޯޒީ ނަންބަރު 10 އަހުމަދު ޝިނާނުއެވެ. އޭގެ ދެ މިނެޓު ފަހުން ޝީލްޑުގެ ޖޯޒީ ނަންބަރު 19 ހުޒާމް އަބްދުއްރަހީމު ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މެޗުގެ ތެރެއިިން / ފޮޓޯ: އައި ކްލިކް ސްޓޫޑިއޯ

ފަހު ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުޞަތުތަކެއް ލިބިގެން ދިޔަ ނަމަވެސް، މެޗު ނިމިފައިވަނީ އިތުރު ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރު ވެގެންނެވެ. މި ނަތީޖާއާއި އެކު ޝީލްޑު މޮޅުވުމުގެ ސިލްސިލާ އަށް ނިމުން މި ވަނީ އަތުވެފައެވެ. ނަމަވެސް އަދި އެ ޓީމު މި މުބާރާތުގައި ބަލިވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ޝީލްޑަށް މުބާރާތުގައި ބާކީ އަދި އެއް މެޗު އޮތްއިރު އެ މެޗުން ޕޮއިންޓެއް ހޯދައިގެން މުބާރާތުގެ ފައިންލުގެ ފުރަތަަމަ ޖާގަ ކަށަވަރު ކުރުމުގެ ފުރުޞަތު އެޓީމަށް އެބައޮތެވެ.

އިއްޔެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރޫހުޓީމުގެ ޖޯޒީ ނަންބަރު 7 މުހައްމަދު އަހުމަދެވެ. މޮޅު ކުޅުންތެރިޔާއަށް އިނާމު ހަވާލުކޮށް ދެއްވީ އިއްޔެ މެޗުގެ ޝަރަފުވެރި މެހެމާނު ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަބްދުލް ޤަފޫރު މޫސާއެވެ.

މެޗުގެ މޮޅުކުޅުންތެރިޔާ އަށް ޓްރޮފީ ހަވާލުކޮށްދެއްވަނީ / ފޮޓޯ: އައި ކްލިކް ސްޓޫޑިއޯ

މި މުބާރާތުގެ މެޗެއް މިއަދު ވެސް އޮންނާނެއެވެ. މި މެޗުގައި ބައްދަލު ކުރާނީ ޓީމު ޔޫތު ފުރެންޑްސް އާއި ޓީމު އަހުލީއެވެ. ސެމީގެ ޖާގައެއް ކަށަވަރު ކުރުމަށް މި މެޗަކީ ދެ ޓީމަށް ވެސް ވަަރަށް މުހިންމު މެޗެކެވެ. ފޯރިގަދަވާނެ ކަމަށް ބެލެވިފައިވާ މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު 16:00 ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.