އިނގެރޭސި ޕްރިމިއަރ ލީގުގައި ރޭ ފަހަތުން އަރައި 1-3 ގެ ނަތީޖާއަކުން ލެސްޓާ ސިޓީ ބަލިކޮށް ލީގު ހޯދުމުގެ ރޭހަށް މެންޗެސްޓަރ ސިޓީ އެނބުރި އަތުވެއްޖެއެވެ.

މެންޗެސްޓަރ ސިޓީ ގެ ދަނޑު، އެތިހާދް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ގޯލެއް ޖަހާ ފުރަތަަމަ ލީޑު ނެގީ ލެސްޓާ އިންނެވެ. ހާވީ ބާންސް ތަނަވަސްކޮށްދިން ފުރުސަތަކުން ފުރަތަަމަ ހާފުގެ 22 ވަނަ މިނެޓުގައި މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ހުނަރުވެރި ފޯވާޑް ޖޭމީ ވާޑީ އެވެ. މިއީ މި ސީޒަނުގައި ވާޑީ ކާމިޔާބުކުރި 17 ވަނަ ގޯލުކަން ފާހަގަކޮށްލެވެއެވެ. ގިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެމުން ދިޔަ ސިޓީ އިން ވަނީ އޭގެ އަށް މިނެޓު ފަހުން ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ގޯލު 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރިޔާދް މާރޭޒް އެވެ. ފުރަތަ ހާފުގެ ފަހު ވަގުތުކޮޅު ތެރޭގައި ސިޓީ ގެ ރަހީމް ސްޓާލިން އަށް ލެސްޓާ ގެ އޭރިއާ އެތެރެއިން އެ ޓީމުގެ ޑިފެންޑަރު ރިކާޑޯ ޕެރޭރާ ކުރި ފައުލަކާއި ގުޅިގެން ވަނީ ޕެނަލްޓީ އެއް ލިބިފައެވެ. 43 ވަނަ މިނެޓުގައި މި ޕެނަލްޓީ ކާމިޔާބުކޮށް އިލްކޭ ގުންޑޮގާން ވަނީ ސިޓީ އަށް ލީޑު ނަގައިދީފައެވެ. ރަހީމް ސްޓާލިން 2012 ވަނަ އަހަރު އިނގިރޭސި ޕްރިމިއަރ ލީގަށް ކުޅެން ފެށިފަހުން އޭނާ ވެފައިވަނީ އެންމެ ގިނަ ޕެނަލްޓީ ހޯދި ކުޅުންތެރިޔާ އަށެވެ. އޭނާ ވަނީ މިހާތަނަށް ޖުމުލަ 17 ޕެނަލްޓީ ހޯދާފައެވެ.

ގޯލުޖެހުމަށްފަހު ވާޑީ އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖެސް

ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅެ، ގިނަ ހަމަލާތައް އުފައްދާފައިވަނީ ސިޓީ އިން ކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ލިބޭ މަދު ކައުންޓަރ އެޓޭކްތަކުގައި ލެސްޓާ އިން ވެސް ވަނީ ނުރައްކާ ކޮށްފައެވެ. ފަހު ހާފުގައި ފެނިގެންދިޔަ ހަމަ އެކަނި ގޯލު މެޗުގެ 69 ވަނަ މިނެޓުގައި ކެވިން ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ގެބްރިއަލް ޖީސަސް އެވެ.

މި މެޗުން މޮޅުވެ ސިޓީ މިވަނީ ލެސްޓާ އާއި ދެމެދު އޮތް ހަތަރު ޕޮއިންޓުގެ ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފައެވެ. ތާވަލުގެ ކުރީގައި އޮތް ލިވަޕޫލް އާއި ސިޓީ އާއި ދެމެދު 11 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ގެބްރިއަލް ޖީސަސް ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖެސް

މިހާތަނަށް ކުޅުނު 18 މެޗުން 38 ޕޮއިންޓް ހޯދައިގެން ސިޓ ތާވަލުގެ ތިންވަނައިގައި އޮތްއިރު، 39 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ލެސްޓާ އެވެ. އަދި އެއް މެޗު މަދުން ކުޅެ 49 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތީ ލިވަޕޫލް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.