މިއީ 16 ޑިސެމްބަރ 2013 ގައި އަޅުގަނޑު ލިޔެފައިވާ ސްކްރީންޕްލޭ އެކެވެ. މިނަމުގައި ލިޔަންފެށި ވާހަކައެއްގެ ފުރަތަމަ ބައިވެސް ވާނީ މި ބްލޮގްގައި ޝާއިޢު ކުރެވިފައެވެ. ނަމަވެސް އެ ވާހަކައާއި މި ސްކްރީންޕްލޭ އާއި އެއްވެސް ގުޅުމެއް ނުވާނެއެވެ.
ފޭޑް އިން:
ކާރެއްގެ އެތެރެ – ދަންވަރު
ކާރު ދުއްވަމުން ގެންދިޔައީ ޖާވިދު އެވެ. ޕެސެންޖަރ ޝީޓްގައި އޭނާގެ ރައްޓެއްސެއް ކަމަށްވާ ޚަލީޖް އިނެވެ. ކާރު ދުއްވަމުންގެންދިޔައީ ސިނާޢީ މަގުގެ މީހުން އާބާދުނުވެ އޮތް ސަރަހައްދު ތެރެއިންކަން ކާރުގެ ބިއްލޫރިތަކުގެ ތެރެއިން އެނގެއެވެ.
ޖާވިދު ކާރުގެ ރިއަރ ވީވް ލޯގަނޑުން ބަލައިލިއެވެ. ކުރިމަތިން ފެންނާން އޮތް ދިގު ރާސްތާއެކޭ އެއްފަދައިން ލޯގަނޑުންފެންނަމުންދަނީވެސް ސަރާސަރު ހުސްމަގެވެ. ފަޅުވެފައިވާ މަގެކެވެ.
ޕެސެންޖަރ ކުޑަދޮރުން ބޭރުން މަގުގެ ދެފަރާތުގައި ހުރި ގަސްތައް ފަހަނައަޅައި ދާތަން ބަލަމުން ޚަލީޖް ގެންދެއެވެ.
ކުއްލިއަކަށް ކާރު ކުޑަކޮށް ހޫރިލާފަދަ ގޮތެއް ވިއެވެ. ކޮންޓްރޯލުން ނައްޓާނުލީ ހަމަ ކިރިޔާއެވެ. ނަމަވެސް ޖަވީދު ކާރު ކޮންޓްރޯލް ކޮށްލައެވެ.
ޚަލީޖް
ސާބަހޭ ޖާވިދު! ތި ދެން ތަންކޮޅެއް ބޮޑުވަރު!
ޖާވިދު
ކިހިނެތްވީ؟ މަ ކާރު ދުއްވާގޮތަށްވެސް ފާޑުކިޔަންވީތަ؟
ޚަލީޖް
މައްސަލައެއްތަ ފާޑުކިއިއްޔާ! އެހެން ނޫނަސް ފާޑު ނުކިޔާވަރެއްތަ؟
ޖާވިދު
ނޫނޭ، ނޫނޭ. ޚަލީޖް ހަމަ ފާޑުކިޔާނެ ވަރަކަށް ކިޔަންވީ
އަނެއްކާވެސް ކާރު ކުޑަކޮށް ހޫރިލިއެވެ.
ޚަލީޖް
އޭއް އޭއް. ކާރު ހުއްޓާ. ދެން ދުއްވާނީ އަހަރެން.
ޖާވިދު
ކަލޭ ހަމަޖެހިބަލަ! ތީ ރަނޑު އަންހެނެއްތަ؟
ޚަލީޖް، ކާރުގެ ހުންގާނު އަތުލުމަށް ހުންގާނުގައި ހިފަހައްޓައެވެ.
ޚަލީޖް
ކިހާބޮޑު ބަލާއެއް ޖާވިދު. ހަމަ މިހާރު މަޑުކުރޭ!
ޖާވިދު
އޭތް، އޭތް، އަތުން ދޫކުރޭ. ކަލޭ ހާދަ ހެއްވައޭދޯ. މިހާ ސަޅި މަގެއްގަ ދުއްވާއިރު އެހެންވެސް ވާނެއޭ. ހީވަނީ ޚަންދަގު ހަނގުރާމައަށް ކަންޒު ކޮނެފަ އޮތްހެންވިއްޔަ.
ޚަލީޖް
ޖާވިދޫ. އަދިވެސް މަގުތަ ގޯސްވީ. ކަލޭ ދުއްވަން ނުފަރިތަކަން އެނގޭނީ ދެން މިހާކަންހާވަރަކަށް.
އޭރު މަގު މެދުގައި މީހަކު ހުރިތަން ޚަލީޖަށް ފެނެއެވެ. އޭގެ ފަޅިސިކުންތެއްހާއިރު ފަހުން ޖާވިދަށްވެސް އެމީހާ ފެނެއެވެ. ނަމަވެސް ޖާވިދަށް އެމީހާ ފެންނަލެތް ތަންކޮޅެއް ލަސްވެއެވެ. ޖާވިދު ބުރެއްކަށް އޮއްބާލީވެސް މާބޮޑަށްވެސް ލަސްވެއްޖެކަން އެނގިހުރެއެވެ.
ކާރުގެ ޓަޔަރު ބިންމަތީގައި ގޭނިގަތް އަޑުއިވެއެވެ. ކުރިމަތީގައި ހުރި މީހާގެ ގައިގައި ކާރު ލައިގަނެއެވެ. މިތަން ކާރުގެ ކުރީ ބިއްލޫރިގަނޑުން ޖާވިދު އާއި ޚަލީޖަށް ފެނެއެވެ.
ކާރުގެ ކުރިމަތިން މަގުމައްޗަށް ދެމީހުންވެސް ބަލަންތިބެނީ ޝޮކެއްގެ ތެރޭގައެވެ.
ޖާވިދު
ކާރުގަ ޖެހުނުތަ؟
ޚަލީޖް
ނޭނގޭދޯ. ގައިމުވެސް ޖެހުނު އަޑެއް ނުއިވޭ.
ލެއިން ތެމިފައިވާ އަތްތިލައަކުން ފަހަތު ޝީޓްގެ ދޮރުފަތުގައި ތަޅަން ފަށައެވެ. ޚަލީޖް ބިރުން ހަޅޭއްލަވައިގަނެއެވެ. ޑްރައިވަރު އިންނަ ފަޅީގެ ފަހަތު ޝީޓް ދޮރުފަތް ހުޅުވާލަމުން ފިރުކެމުންކަހަލަ ގޮތަކަށް ވަންނަނީ ބަޝީރު އެވެ. ތިން މީހުނަށް އެއްފަހަރާ ވާހަކަދައްކަން ފެށެއެވެ. އޭރު ބިރުވެރިކަމާއި ހާސްކަމުގެ އަސަރު ތިން މީހުންގެ މޫނުމަތިންވެސް ފެންނަމުންދާނެއެވެ.
ބަޝީރު
ޕްލީސް، މަށަށް އެހީވެދީ! އެކްސިޑެންޓެއް ހިނގައިގެން އެބައުޅޭ-
ޖާވިދު
އޭތް،އޭތް، ފާޑުފާޑަށް ތިހެން މަގޭ ކާރަށް ނާރާ. ހަމަ މިހާރު ނުކުމޭ-
ބަޝީރު
މަގޭ ގެ ހުންނާނީ މިމަގުގެ ތަންކޮޅެއް އެކޮޅުގަ. ކާރު އެދިމާއަށް ދުއްވަދީ، ޕްލީޒް-
ޚަލީޖް
ޖާވިދު، އޭނައަށް އަހަރުން އެހީތެރިވާން ޖެހޭނެ-
ޖާވިދު
މިހެން ދިމާވާ މީހުންނާ އަޅާލާނެކަމެއްނެތް-
ބަޝީރު
އެ ދިމާއަށް ދުއްވަދީ!
ޖާވިދު ހިތްހަމަނުޖެހި އިނދެވެސް ކާރު ގިޔަރަށްލައި ދުއްވާލައެވެ.
ގޯތިތެރެ – ދަންވަރު
ހަނދުވަރުގެ އަލިން ހުދުކަން އިތުރުވެފައިވާ ބޯ އަކިރިލާފައިވާ ގޯތިތެރެއަށް ކާރު ވައްދާލައެވެ. ކުރިމަތިން ފެންނަން ހުންނާނީ ބާވެފައިވާ ގެ ގަނޑެކެވެ.
ކާރުގެ އެތެރެ – ދަންވަރު
ޖާވިދު ކާރު މަޑުކޮށްލީ ގެއާއި 5 ވަރަކަށް ފޫޓް ކައިރީގައެވެ. ގޭގެ ދޮރުމަތީގައި ހުއްޓިލައިގެން ހުރީ ޒުވާން އަންހެންކުއްޖެއްކަމަށްވާ ލީނާ އެވެ. އޭނާ ހުރިގޮތުން އެ ކާރަށް އިންތިޒާރު ކުރަމުން ގެންދާކަން އެނގެއެވެ. ޖާވިދު ބިއްލޫރިގަނޑު ކަހާލައެވެ.
ޖާވިދު
އަވަސް ފަރުވާއެއް ބޭނުންވާ މީހަކު އެބައޮތް ކާރުގަ.
ކާރުގެ ފަހަތު ޝީޓްގައި އިން ބަޝީރާއި، ލާނާގެ ހަތަރުކަޅި ހަމަކޮށްލައެވެ. ލާނާ ދެރަވާފަދަ ގޮތަކަށް ކަރު އެލުވައިލައެވެ. އޭނާގެ ލޮލުން ފައިބަންފަށާ ކަރުނަ ފޮހެލަމުން ގޭތެރެއަށް ވަދެއެވެ.
ޖާވިދު، ޚަލީޖަށް ބަލާލައެވެ. ދެމީހުންގެ ލޮލުންވެސް ފެންނަނީ ވާއެއް ނުވާއެއް ނޭނގިގެން ލިބޭފަދަ ހައިރާން ކަމެކެވެ.
ގޭތެރެއިން ނުކުންނަނީ ފިރިހެނެކެވެ. ދޮރުމަތީގައި ހުއްޓެމުން ޖާވިދު މެން އެތެރެއަށް ވަނުމަށް އެ ފިރިހެންމީހާ (ރިޒާ) އަތުން އިޝާރާތް ކުރެއެވެ.
ޚަލީޖް އަވަސް އަވަހަށް ކާރުން ފައިބައިގެން ގޭތެރެއަށް ވަދެއެވެ. ޖާވިދު ކާރުން ފޭބުމަށްފަހު ފަހަތު ޝީޓްގެ ދޮރުފަތް ހުޅުވައިލައެވެ. އެއަށްފަހު ހުންޓުން އަރާފަދަ ގޮތަކަށް ހުރެއެވެ.
ކާރު ތެރޭގައި ބަޝީރެއް ނެތެވެ.
އެއްކޮށް ހުރި ސިޓިންގ ރޫމާއި ބަދިގެ ތެރެ – ދަންވަރު
ލީނާ ހުއްޓިގެންހުންނަނީ ސިންކް/ ކާ މޭޒުކައިރީގައެވެ. ގެއަށް ވަންނަ ދޮރަށް ފުރަގަސްދީގެންނެވެ. ރުއިން ހުއްޓާލެވޭތޯ މަސައްކަތް ކުރަމުންނެވެ. ރިޒާގެ އަތުން ލާނާގެ ބުރަކަށީގައި އޭނާ ހިތްހަމަޖައްސައިދިނުމަށް ފިރުމަމުންދެއެވެ.
ލީނާ ހުރީ ފެން ތަށްޓެއް ބޯންކަން އެނގެއެވެ. ކައިރީގައި ބަހައްޓާފައިހުރި އައިސް ފެންފުޅި ހުރުމުން އެކަން ދޭހަވާނެ އެވެ.
ޚަލީޖް އެތެރެއަށްވަދެ ހުއްޓެއެވެ. ޖާވިދު އެތެރެއަށް ވަންނަމުންދަނީ އެވެ. ޚަލީޖް، ޖާވިދުގެ ފަހަތަށް ބަލައިލައެވެ. ނަމަވެސް އޭނާގެ ފުރަގަހުގައި ބަޝީރެއް ފެންނާކަށް ނެތެވެ.
ޚަލީޖް
ކޮބާ އެ މީހާ؟ ކަލޭ އަނެއްކާ ހަނދާންނެތުނީތަ ކާރު ފަހަތަށް އެރިމީހާގެ މަތިންވެސް؟
ރިޒާ
ތީ އަބަދުވެސް މީހުންނަށް ދިމާވާ ކަމެއް. އެ މަގުގެ އެ ހިސާބުން މި ދަންވަރުގެ ވަގުތު ވަރަށް ގިނަމީހުންނަށް ތިބުނާ މީހަކު ފެންނާނެ.
ޚަލީޖް
ކާކު؟
ލީނާ
ބަޝީރު. މަގޭ ފިރިމީހާ!
ރިޒާ ލީނާއަށް ލޯ އަޅައިލައެވެ. ހިތްދަތި އިޙްސާސެއް ވާކަން ރިޒާގެ ލޮލުން އެނގެއެވެ. ލީނާއަށް އޮޅިގެން ބުނެވުނު ޖުމްލަ ރަނގަޅުކުރިއެވެ.
ލީނާ
ސޮރީ. މަގޭ ފުރަތަމަ ފިރިމީހާ. އޭނަ މަރުވީ މިދިޔަ އަހަރު. ދުވެފަ މަގަށް ނުކުތް ވަގުތު ކާރަކުން ޖެހި.
ޚަލީޖް
ކީކޭ؟ މިދިޔަ އަހަރުއޭ؟
ޖާވިދުގެ މޫނުމަތި ރުޅިވެރިކަމުން ރަތްވިއެވެ.
ޖާވިދު
ކަލޭމެން އަހަރުންނާ ސަމާސަކުރަންތަ ތިއުޅެނީ؟
ލީނާގެ މޫނުމަތިން ފެންނަންހުރި ކުލަވަރުން ޖާވިދުގެ ސުވާލަށް ޖަވާބު ލިބުމަށް ފުދޭވަރު ވެއެވެ.
ޖާވިދު
އެހެންވީމަ ތި ބުނަނީ…. ކީކޭ؟ އަހަރުން ކާރަށް އަރުވައިގެން ގެންނަން އުޅެވުނީ …
ރިޒާ
ބަޝީރުގެ ރޫޙް
ޖާވިދު
ފުލޯކް ވާހަކަ ނުދައްކާ!
ރިޒާ
(ތުރުތުރު އަޅަމުން)
ފާޑުފާޑުގެ ވާހަކަނުދައްކާ. ތިގޮތަށް ޤަބޫލުނުކުރެވިގެން ވާހަކަދައްކާ ކިތަންމެ ބައެއް އަހަރުމެން ދެކެފިން. އެހެންވީމަ ކަންތައްތައް މާ ގޯސްކުރަން އުޅޭނެ ކަމެއްނެތް.
ޖާވިދު
އަހަރެންތަ؟ ހޫމް، ތި ބުނަނީ ލީނާގެ ފިރިމީހާ ވަނީ މަރުވެފައޭދޯ-
ރިޒާ
މިހާރު އޭނަގެ ފިރިއަކީ އަހަރެން.
ޖާވިދު
ހޫމް، ހޫމް. ދެން ކަލޭދޯ އޭނަގެ ބޮލަށް އެރިގެން އެގޮތަށް ޤަބޫލުކުރުމަށް ތިޔަ ވިސްނައިދެނީ-
ޚަލީޖް
ޖާވިދު ހުއްޓާލަބަލަ. ކަލޭ ދެން މާ ކަންތައް ބޮޑޭ ތިކުރަނީ.
ހިތަށް އުނދަގޫވާފަދަ މަޑުމޮޅިކަމެއް މުޅި ތަނަށް ވެރިވެއެވެ. ޖާވިދު އަމިއްލަ ނަފުސު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރެއެވެ. ހަމަ އެއާއި އެކު ލީނާއާއި ހަތަރުކަޅި ހަމަކޮށްލައެވެ.
ޖާވިދު
ކަލޭ ހަމަ އަސްލުވެސް ޤަބޫލުކުރަނީތަ، ކަލޭގެ މަރުވެފައިވާ ފިރިމީހާގެ ރޫހް މި ރަށު ބޮޑުމަގުގެ ކޮޅުކޮޅުމައްޗަށް ދުވަމުން، އެ މަގުން ދުއްވާ ބީރައްޓެހިން ހުއްޓުވާފަ ދަތުރުކޮށްދިނުމަށް އެދެމުން އަންނަކަމަށް؟
ލީނާ
ބީރައްޓެހިންނެއް ނޫން. ތިކަހަލަ ގަމާރުން.
ލީނާގެ ދެލޮލުން ހޯސްލާފައި ކަރުނަ އޮހެން ފަށައެވެ. އޭނާއަށް ކެތްނުކުރެވޭވަރު ވެފައިވާކަން އެނގޭވަރަށެވެ. ޖާވިދުގެ ކޮނޑުގައި އަތްޖައްސައިލާ އޭނާ އެއްފަރާތަކަށް ޖައްސާލަމުން ލީނާ އޭނާގެ ކޮޓަރިއަށް ދެއެވެ.
ރިޒާ
(ޖާވިދަށް)
މިކަހަލަ ކަންކަމަކީ ނުވާކަމެއްކަމަށް ހެދުމަކީ މާކަ ފަސޭހަކަމެއް ނޫން. އެގޮތަށް ތުރާވެރިކަމެއްގަ އުޅޭ ރޫހަކީ ހަމަ އަސްލުވެސް އޭގެ ބަލާވެރިކަން އެހެން މީހުންނަށް ކުރިމަތިކުރުވާ އެއްޗެއް.
ލީނާ އަނެއްކާވެސް ކޮތަރިން ނުކުމެއެއެވެ. އޭނާގެ އަތުގައި ވަޅިއެއް އޮތެވެ. ޖާވިދު އާއި ޚަލީޖް ހާސްވެއެވެ. ނަމަވެސް ރިޒާ ހުންނަނީ ހަމަޖެހިލައިގެންނެވެ.
ލީނާ
މިކަމަށް ދެނެއް އިތުރަކަށް އަހަންނަކަށް ކެތެއް ނުކުރެވޭނެ، ރިޒާ. މިހާރު ކަންތައްތައް މިދަނީ ގޯހުން ގޯހަށް ވަމުން. އަހަރެން ބޭނުންވަނީ މިކަމުން ސަލާމަތްވާން.
ރިޒާ އަތްމައްޗަށް ހިއްލާލައެވެ. ލީނާ ކުރަންއުޅޭކަންތައް ހުއްޓުވައި އޭނާ މައިތިރި ކުރުމަށެވެ.
ރިޒާ
ޝޫޝޫޝޫ. މިއީކީ މައްސަލައެއް ނޫނޭ. އެއްވެސް ކަމެއް ނޫނޭ މީކީ. ލީނާ ތި ވަޅި ބާއްވަބަލަ. މިހާރު ކުރަން ތިއުޅޭ ކަންތައް ކުރާނެ ކަމެއްނެތް.
ލީނާ
އަހަރެން މަރުވާން ތައްޔާރަށޭ މިހިރީ.
ރިޒާ
ލީނާ މިހާރުވެސް ތިހުރީ މަރުވެފައެއްނު.
ލީނާ އޭނާގެ އަތުގައި އޮތް ޗާކޫ ވަޅީގެ ތޫނު މިޔަޔަށް ސައިކޯ ވައްތަރަށް ބަލައިލައެވެ. އޭރު އެ ވަޅިން ލޭ ތިކިތައް ފައިބަމުން ދެއެވެ. އޭނާ ޖާވިދު އާއި ޚަލީޖާއި ދިމާއަށް ބަލައިލައެވެ.
ޖާވިދު އާއި ޚަލީޖް އަށް ލީނާގެ ނިތްކުރީގެ އަރިމަތީގައި ހުރި ފުން ޒަޚަމް ފެނެއެވެ. އެ ޒަޚަމުން ހޯސްލާފައި ލޭ ފައިބަމުންދެއެވެ.
ރިޒާ
އަހަރުމެން އެންމެން މިތިބީ މަރުވެފަ.
ރިޒާ ހީނލައެވެ. ތިރިއަށް ބަލައިލައެވެ. އޭރު އޭނާގެ މޭމަތީގައި ހުރި ފުން ޒަޚަމަކުން ލޭ ފައިބަމުން ދެއެވެ. އޭނާ ޖާވިދާއި ޚަލީޖަށް ބަލައިލައެވެ.
ޖާވިދާއި ޚަލީޖު ބިރުން ފިތްކަނޑައިގެން ދާވަރު ވެފައި ތިބެއެވެ. ޖާވިދު ކުޑަކުއްޖެއް ފަދައިން ޚަލީޖްގެ އަތުގައި ބާރަށް ހިފަހަމުން ގެއިން ނުކުތުމަށް ދޮރާއިދިމާއަށް ހިނގައިގަނެއެވެ.
ގޯތިތެރެ- ކާރު ކައިރި – ދަންވަރު
ޖާވިދާއި ޚަލީޖް އަވަސް އަވަހަށް ކާރަށް އަރައެވެ. ރިޒާއާއި ލީނާވެސް ބޭރަށް ނުކުމެ ގޭ ދޮރުމަތީގައި މަޑުކޮށްލައިގެން ތިބެއެވެ. އޭރުވެސް އެމީހުންގެ ހަށިގަނޑުގައި ހުރި ޒަޚަމްތަކުން ލޭ ފައިބަމުން ދެއެވެ. ޖާވިދާއި ޚަލީޖަށް ބަލަންތިބީ މުޅިން ހަނުކޮށްނެވެ.
ކާރުތެރެ – ދަންވަރު
ޖާވިދު ކާރު ފަހަތަށް ޖަހައި ބޭރަށް ނެރެއެވެ. އެމީހުންނާއި ދުރުވަމުން ދިޔަ ގެއަށް ބަލަން ޚަލީޖް އިނެވެ.
ކާރުގެ ކުރިމައްޗަށް ބަޝީރު ކުއްލިއަކަށް ނުކުމެއެވެ. ޖާވިދު މަޑުވެސް ކޮށްނުލައި ބަޝީރުގެ ގައިގައި ޖެހުނަސް ހެޔޮކަމަށް ދުއްވާލައެވެ. އެވަގުތު ބަޝީރުގެ ގައިގެ ތެރެއިން ކާރުވަދެގެން ނުކުމެގެން ދިޔަކަން އެމީހުންނަށްވެސް އެނގެއެވެ. ބޮޑުމަގު ހުރިގޮތަށް ކާރު ދުއްވާފައި ދިޔަތަން ބަލަން ބަޝީރު ހުރެއެވެ. މިތަން ކާރުގެ ރިއަރ މިރޯ އިން ޖާވިދަށް ފެނެއެވެ.
ޖާވިދު ހުންގާނުގައި އިހުނަށްވުރެން ބާރަށް ހިފަހައްޓާލައެވެ. ބަޝީރުގެ ރޫހާއި ދުރަށް ދެވުމުން ޚަލީޖްގެ މޫނުމައްޗަށް ހިތްހަމަޖެހުމުގެ އަސަރު ފާޅުވެގެން ދެއެވެ. ހަމަ އެވަގުތު އޭނާ ޖާވިދަށް ބަލައިލައެވެ.
ޖާވިދުގެ ބޮލުގައި ހުރި ޒަޚަމަކުން ހޯސްލާފައި ލޭ އަންނަތަން އޭނާއަށް ފެނި ސިހުންވެއެވެ.
ޚަލީޖް
ޖާވިދުގެ ބޮލުންވެސް ތިއޮއްގެން އަންނަނީ ލެއެއްނު!
ޖާވިދު އަޅާވެސްނުލައި އިނދެއެވެ. އެއަށްފަހު އޭނާ ޚަލީޖަށް ބަލައިލައެވެ. ޚަލީޖްގެ މުޅި މޫނުމަތިވަނީ ވަޅިއަކުން ކޮށާލާފައިވާހެންނެވެ. އެކިއެކި ޒަޚަމްތަކުން ލޭ ފައިބަމުންދެއެވެ.
ޚަލީޖް
ޔާރައްބީ! މިއީ ކިހިނެތް ވާކަމެއް. މިއީ އަސްލެއްބާ؟
ޚަލީޖްގެ މޫނު އިހުހުރިގޮތަށް އެއްވެސް ޒަޚަމެއް ނެތްގޮތަށް ބަދަލުވެއެވެ. ނަމަވެސް އަނެއްކާވެސް އެ ޒަޚަމްތައް ފާޅުވެއެވެ. އެވަގުތު ޖާވިދު މޫނަށްވެސް އެބަދަލުތައް އަންނަމުން ދިޔައެވެ.
ކުއްލިއަކަށް ކާރު މަގުގެ ވާތްފަޅިއަށް ކަތިއަޅާލައެވެ. އެދިޔަ ބާރުމިނުގައިގޮސް މަގުގެ ކައިރީގައިހުރި ގަހެއްގައި (ރުކެއްގައި) ޖެހެއެވެ.
ކަޓް ޓު ބްލެކް:
ބިއްލޫރިތައް ތެޅޭއަޑާއި ކާރު ރުކުގައި ޖެހޭއަޑު
ކާރެއްގެ އެތެރެ – ދަންވަރު
ޖާވިދު ކާރުގެ ރިއަރ ވީވް ލޯގަނޑުން ބަލައިލިއެވެ. ކުރިމަތިން ފެންނާން އޮތް ދިގު ރާސްތާއެކޭ އެއްފަދައިން ލޯގަނޑުންފެންނަމުންދަނީވެސް ސަރާސަރު ހުސްމަގެވެ. ފަޅުވެފައިވާ މަގެކެވެ.
ޕެސެންޖަރ ކުޑަދޮރުން ބޭރުން މަގުގެ ދެފަރާތުގައި ހުރި ގަސްތައް ފަހަނައަޅައި ދާތަން ބަލަމުން ޚަލީޖް ގެންދެއެވެ.
މި ބުރު އަނެއްކާވެސް ފެށިގެން ތަކުރާރުވަމުންގޮސް ޚަލީޖަށް މަގުމެދުގައި ހުންނަ މީހާ ފެންނަ ހިސާބަށް ކުރިއަށްދެއެވެ.
ޚަލީޖް
ޖާވިދު!
ފޭޑް ޓު ބްލެކް:
ގެއެއްގެ ސިޓިންގރޫމް ތެރެ – ދުވާލު
‘އެއް އަހަރު ފަސް’
އެލްއޭ ނިއުސްގެ ‘ރޫޙާނީ ދުނިޔެ’ ޕްރޮގްރާމް އުފައްދާ ޓީމުގެ މައިކް ބޯއީ އާއި ކެމެރާމަން ދެމީހެއްގެ އިންޓަރވިއުއެއް ނަގަން ޝޮޓަށް ތައްޔާރުވެގެން ތިބެއެވެ. ކެމެރާގެ ކުރިމަތީގައި ސޯފާގައި އިށީންދެގެން ތިބީ މެދުއުމުރަށްދާ ދެމީހުންނެވެ. (ދެމަފިރިން) ނުވަތަ ދެ ފިރިހެން ކަމަށްވެސް ހެދިދާނެއެވެ.
ކެމެރާގެ އަރިމަތީގައި ބަހައްޓާފައިހުރި ގޮނޑީގައި އައިސް އިށީންނަނީ ޕްރޮގްރާމްގެ ހޮސްޓެވެ. އެވަގުތު ކެމެރާމަން ޕްރެސެންޓަރާއި ދިމާއަށް ކެމެރާ އަނބުރާލައެވެ. އެއަށްފަހު:
ކެމެރާމަން
(ހަމައެކަނި އަޑު) ސައިލެންސް. ރޯލް-ކެމެރާ-އެކަޝަން
ޕްރެސެންޓަރ
އަދިވެސް އެއްފަހަރު އެލްއޭ ނިއުސްގެ ރިއަލިޓީ ޝޯވް ‘ރޫޙާނީ ދުނިޔެ’ ބައްލަވަމުންގެންދަވާ ބޭފުޅުންނަށް މަރުޙަބާ. ބްރޭކަށް ދިޔައިރު އަޅުގަނޑުމެންވާނީ މިހަފުތާގެ ޝޯވްގެ މެހެމާނުގެ ތަޢާރަފެއް އަރުވާފަ. — އަޅުގަނޑުމެން ނިންމާލި ހިސާބުން ފައްޓަމާ ދޮގެއްތޯ؟ އެހެންވީމަ ތި ދެބޭފުޅުން މި ގެއަކީ ރޫހު ފެންނަ ގެއެއްކަން އެނގިތިއްބައިގެންނޭތޯ ތިވިދާޅުވަނީ މިގޭގަ އުޅުއްވަމުންތިޔަ ގެންދަވަނީ؟
ދެމީހުން
އާދެ!
ޕްރެސެންޓަރ
އެ ޙާދިސާ ހިނގައިދިޔަގޮތް ބެލުންތެރިންނާއި ހިއްސާކޮށްލައްވަންވީ ނޫންތޯ؟
އެކަކު
މިގޭގަ ވަރަށް ލޯބިން މީގެ 10 އަހަރުކުރިން އުޅުނު ދެމަފިރިން ކޮންމެވެސް ކަމަކާ ވަރަށް ގަދައަށް ޒުވާބުކޮށް އަރައިރުންވި ރެއެކޯ އެއީ. މިބުނީ މިގޭގައި އުޅުނު ބަޝީރު އާއި ލީނާގެ ވާހަކަ. ޒުވާބު މާހޫނުވުމުން ބަޝީރު ނުކުތީ މަގުމައްޗަށް. ބޮޑުމަގުމަތިން ހިނގަމުން ދިޔައީ ފާޑަކަށް ބޯގޮވައިގެންހުރެ ކަމަށް މީހުން ކިޔާ އުޅެނީ. ދެން ވީގޮތަކީ ކުއްލިއަކަށް ސިނާޢީ މަގުން ދުއްވާފަދިޔަ ކާރެއްއައި ބަޝީރުގެ ގައިގަ ލައިގަތީ. ކާރު ދުއްވަން އިން މީހާއަށް ކާރު ކޮންޓްރޯލް ނުކުރެވިގެންގޮސް ޖެހުނީ މަގު ކައިރީގައި ހުރި ރުކެއްގަ.
ޕްރެސެންޓަރ
ދެން ކާރު ދުއްވަން އިންމީހާ މަރުވިތަ؟
އަނެކަކު
ކާރު ދުއްވަން އިން މީހާ އާއި އޭނާގެ ރަޙްމަތްތެރިޔާވެސް މަރުވީ. ބަޝީރު މަރުވުމުން ލީނާ ބެލެހެއްޓޭތޯ މަސައްކަތްކުރީ ބަޝީރުގެ ބޭބެ ރިޒާ. އެކަމަކު އެ ޙާދިސާއަށްފަހު ލީނާ ހުރީ އަތްނުފޯރާ ހިސާބަށް ގޮސްފަކަމަށްވަނީ. މިބުނީ ބޯގޮވައިގެން މަސްތުވާތަކެތި ބޭނުންކުރަންފެށީ ވަކިވަރެއް ބަލާފައެއްނޫން. ނަމަވެސް އޭގެ އަހަރެއްފަހުން ރިޒާ ލީނާއާއި ކައިވެނިވެސް ކުރި. އެކަމަކުވެސް ކަންތައްތައް ދިޔައީ ގޯހުން ގޯހަށް. ރިޒާ ނިދާފައޮއްވާ ލީނާ ރިޒާ މަރާލީ. އެއަށްފަހު އަމިއްލައަކަށް ހަމަ އެ ޚަންޖަރުން ލީނާވެސް ނިމިދިޔައީ.
އަނެކަކު
ވަރަށް ދެރަ އަދި ބިރުވެރި ހާދިސާއެއް އެކަމަކީ…
އެންޑް ކްރެޑިޓްސް
ފޭޑް ޓު ބްލެކް:
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު
- 19 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި