ޑާކްރެއިން އެންޓަޓެއިންމެންޓުން ދެން އެންމެ އަވަހަށް ރިލީޒްކުރުމަށް މަސައްކަތްކުރަމުން އަންނަ ލޯބީގެ ފިލްމު  ”ނޮވެމްބަރ”ގެ ދެވަނަ އޮރިޖިނަލް ސައުންޑް ޓްރެކް “މޫސުން” ރިލީޒްކޮށްފިއެވެ.

ހުނަރުވެރި ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ހިތްގައިމު އަޑުން ކިޔާފައިވާ މި ލަވައިގެ މިއުޒިކް ހެދީ ޙުސައިން ތަޢުފީޤް އެވެ. ލިރިކްސް އާއި ރާގު ހެދީ ޝަމްޢޫން މުޙައްމަދު އެވެ.

ލަވައިގެ އޯޑިއޯ ބައިސްކޯފު، ލަވަފޮށި، ސައުންޑްކްލައުޑް ގެ އިތުރުން ޔޫޓިއުބް މެދުވެރިކޮށް މިހާރުވަނީ ދޫކޮށްލާފައެވެ.

ފިލްމުގެ އެއް ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) މުނިއަވަސް އަށް އިއްޔެ މަޢުލޫމާތުދެމުން ބުނީ ފިލްމުގެ ޝޫޓިން ނިމުމަކާ ހަމައަށް މިހާރު ގޮސްފައިވާކަމަށެވެ.

ފިލްމު ”ނޮވެމްބަރ“ ގެ ސްކްރީންޕްލޭ ލިޔުނީ އާއިޝަތު ފުއާދު ތައުފީގް އާއި އަޙްމަދު ޠަލާލް އެވެ. ފިލްމު ޑައިރެކްޓްކޮށް ކެމެރާ ކުރުމުގައި ހަރަކާތްތެރިވަނީ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. ކޯ-ޑައިރެކްޓަރެއްގެ ގޮތުގައި އާއިޝަތު ފުއާދު ހަރަކާތްތެރިވާއިރު، ކެމެރާ ކުރުމުގައި އަޙްމަދު ޝިނާން ވެސް ހަރަކާތްތެރިވެއެވެ.

ފިލްމުގެ ލީޑް ކުޅެނީ މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލު އެވެ. މީގެ އިތުރުން އާއިޝަތު ޔާދާ އާއި އާއިޝަތު ޢަލީ ވެސް މި ފިލްމުގެ މުހިންމު ރޯލުތަކުން ފެންނާނެއެވެ. ހަމަ އެހެންމެ ރާއްޖޭގެ ކުޅަދާނަ އެކްޓަރ އިސްމާޢީލް ވަޖީހް މި ފިލްމުން ފެނިގެންދާއިރު، ވަޖީހްގެ ދަރިފުޅު ތަރީޝް ވެސް ފިލްމުން ފެންނާނެއެވެ.

ގިނަ ތަރިންތަކެއް މި ފިލްމުން ފެންނާނެކަމަށް މޮގާ ބުނެފައިވާއިރު، މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ހައްސާން، ޝަލަބީ އިބްރާހިމް އަދި މަޝްހޫރު ޕްރެޒެންޓަރ މޫސާ ވަސީމް ހިމެނޭ މަންޒަރުތަކެއް ވެލާނާ އެއާރޕޯޓާއި މާލޭގައި ވެސް ވަނީ ނަގާފައެވެ. މާލޭގައި ނެގި މަންޒަރުތަކުން މަންޒަރެއްގައި ދިވެހިބަހުގެ އުސްތާޒު، ޢަބްދުﷲ ޞާދިޤް (ސޯދުބޭ) ވެސް ހަރަކާތްތެރިވެފައި ވެއެވެ.

މުނިއަވަސް އިން އޮންލައިން މީޑިއާ ޕާޓްނަރުކަން ކުރާ ”ނޮވެމްބަރ”ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.