އިނގެރޭސި ޕްރިމިއަރ ލީގުގައި ރޭ، ދަރިވަރުގެ އިރުޝާދުގެ ދަށުން ނިކުތް ޗެލްސީ އަތުން 2-0 ގެ ނަތީޖާއަކުން ޓޮޓެންހަމް ހޮޓްސްޕަރ ބަލިވެ، ކުރިން އިރުޝާދު ދީފައިވާ ޓީމެއްގެ އަތުން ފުރަތަަމަ ފަހަރަށް މޮރީނިއޯ އަށް ނާކާމިޔާބާއި ކުރިމަތިވެއްޖެއެވެ.

ޓޮޓެންހަމް ގެ ދަނޑުގައި ކުޅުނު މި މެޗުގެ ދެ ގޯލު ވެސް ފުރަތަަމަ ހާފުގައި ފެނިގެން ދިޔައިރު، މުޅި މެޗު ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅެ އަދި ގިނަ ހަމަލާތައް އުފައްދާފައިވަނީ ޗެލްސީ އިން ކަން ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަަމަ ގޯލު 12 ވަނަ މިނެޓުގައި މަޓެއޯ ކޮވަސިޗް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ މެޗުގައި މޮޅުކުޅުމެއް ދެއްކި ވިލިއަން އެވެ. ފުރަތަަމަ ހާފުގެ ފަހު ވަގުތުކޮޅުގައި ޗެލްސީ ގެ ޑިފެންޑަރު މާކޯސް އަލޮންސޯ އަށް ޓޮޓެންހަމް އޭރިއާ އެތެރެއިން އެޓީމުގެ ކީޕަރު ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ޗެލްސީ އަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ވިލިއަން އެވެ.

ގޯލުޖެހުމަށްފަހު ޗެލްސީ ކުޅުންތެރިން އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖެސް

ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި ޗެލްސީގެ ޑިފެންޑަރު ރޫޑިގާ އަށް ޓޮޓެންހަމް ގެ ފޯވާޑް ސޮން ހަމަލާދިން ކަމަށް ރެފްރީ އަށް ފާހަގަވުމުން، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީ.އޭ.އާރު) ބޭނުންކޮށްގެން ޗެކް ކުރުމަށްފަހު، ސޮން އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މިއީ މި އަހަރު ޕްރިމިއަރ ލީގުގައި ސޮން އަށް ދެއްކި ތިންވަނަ ރަތް ކާޑު ކަން ފާހަގަކޮށްލެވެއެވެ.

މި މެޗުގައި ޓޮޓެންހަމް ގެ ފަރާތުން ފެނިގެން ދިޔަ ދަށް ކުޅުމަށް ސަޕޯޓަރުންގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. ޓޮޓެންހަމް ގެ ކޯޗުކަމާއި މޮރީނިއޯ ހަވާލުވި ފަހުން، އާސެނަލް އާއި އެކު ހުރިހާ މުބާރާތެއްގައި އެންމެ ގިނަ ގޯލު ބައިކޮޅަށް ވަދެފައިވާ ޕްރިމިއަރ ލީގު ޓީމަކީ ޓޮޓެންހަމް ކަން ފާހަގަކޮށްލެވެއެވެ. ޓޮޓެންހަމް އާއި އާސެނަލް ކޮޅަށް 14 ގޯލު ވަދެފައިވެއެވެ.

މި މެޗުން ހޯދި މޮޅާއެކީ ކުޅުނު 18 މެޗުން 32 ޕޮއިންޓް ހޯދައިގެން ތާވަލުގެ ހަތަރުވަނައިގައި ޗެލްސީ އޮތްއިރު، 26 ޕޮއިންޓާއެކު ޓޮޓެންހަމް އޮތީ ތާވަލުގެ ހަތްވަނައިގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.