ޔުވެންޓަސް އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެ، ލާޒިއޯ އިން އިޓާލިއަން ސުޕަ ކަޕް ނުވަތަ ސުޕަކޮޕާ އިޓާލިއާ ފަސްވަނަ ފަހަރަށް ކާމިޔާބުކުކޮށްފިއެވެ.
ސައުދީ އަރަބިއާގެ ރިޔާދުގެ ކިންގް ޔުނިވަސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ޔުވެންޓަސް އިން ކުޅުނު ނަމަވެސް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފެނިގެން ދިޔައީ ލާޒިއޯގެ ފަރާތުން ކަން ފާހަގަކޮށްލެވެއެވެ. ފުރަތަަމަ ހާފުގެ 16 ވަނަ މިނެޓުގައި މިލިންކޮވިޗް ސަވިޗް ތަނަވަސްކޮށްދިން ފުރުސަތަކުން ލުއިސް އަލްބާޓޯ ވަނީ ގޯލެއް ޖަހާ ލާޒިއޯ އަށް ލީޑު ހޯދައިދިީފައެވެ. ނަމަވެސް ފުރަތަަމަ ހާފު ނިމުމުގެ ކުރިން އެންމެ ފަހު މިނެޓްގައި ޕައުލޯ ޑިބާލާ ޖެހި ގޯލުން ޔުވެންޓަސް އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ދެވަނަ ހާފުގައި ވަރުގަދޮށް ފެށި ލާޒިއޯ އިން ލީޑު ނަގާފައިވަނީ މެޗުގެ 73 ވަނަ މިނެޓުގައެވެ. މާކޯ ޕަރޯލޯ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު ކާމިޔާބުކޮށްދިނީ މެޗުގައި މޮޅުކުޅުމެއް ދެއްކި އެޓީމުގެ ކެޕްޓަން ސެނަޑް ލުލިޗް އެވެ. ލާޒިއޯގެ ތިންވަނަ ގޯލު މެޗުގެ ފަހު މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ޑެނީލޯ ކަޓާލްޑީ އެވެ.
މީގެ ދެ ހަފްތާ ކުރިން އިޓާލިއަން ލީގުގައި ލާޒިއޯ އިން ވަނީ ހަމަ މި ނަތީޖާ އިން ޔުވެންޓަސް ބަލިކޮށްފައި ކަން ފާހަގަކޮށްލެވެއެވެ. ވޭތުވެދިޔަ އަހަރު ގައި އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކުރި ޔުވެންޓަސް އަތުން މިފަހަރު ޓްރޮފީ ބީވެގެން ދިޔައިރު، ޔުވެންޓަސް ގެ ކުރިއަށް ކުޅޭ ތިން ކުޅުންތެރިން ކަމަށްވާ ރޮނާލްޑޯ، ޑިބާލާ އަދި ހިގުއައިން އެކަމުގެ ޒިންމާ ނަގަން ނުޖެހޭނެ ކަމުގައި އެ ޓީމުގެ ކޯޗު ސާރީ ބުނެފައިވެއެވެ.
“އަހަރެމެން މި މެޗަށް މި އައީ ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން ވަރުބަލި ކަމާއި އެކީގައި. ލާޒިއޯ އެވަނީ ވަރަށް ރަނގަޅު ފޯމެއްގައި. ބައެއްފަހަރު މިހެންވެސް ކަންތައް ވާނެ. ޓްރޮފީ އެއް ގެއްލުނީމަ އަހަރެމެން ވަރަށް ބޮޑަށް މަޢާފަށް އެދެން. ނަމަވެސް ކުރިއަށް އޮތް ފަސް މަސް ތެރޭގައި ބައިވަރު މުބާރާތްތައް ކުޅެން އެބަހުރި. ވަރަށް ރުޅި އެބަ އާދޭ. އެކަމަކު މިކަމާއި ދެރަވެގެން ވާނެ ފައިދާއެއް ނޯންނާނެ. އަހަރެމެން ބަލިވީ ކުރިއަށް ކުޅޭ ތިން ކުޅުންތެރިންގެ ސަބަބަކުން ނޫން. އަހަރެމެން ކޮޅަށް ދެވަނަ ގޯލާއި، ތިންވަނަ ގޯލު ވަނީ އަހަރެން މިޑްފިލްޑަރެއް އެރުވުމުން.” މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޔުވެންޓަސްގެ ކޯޗު ސާރީ ބުނެފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި