އަހަރެން އިނީ ސިޓިންރޫމްގައި ޓީވީ ބަލާށެވެ. ހުކުރުވިލޭރެއަކީ އަަހަންނަށް ވަރަށް ޚާއްޞަ ރެއެކެވެ. އެއީ އަހަރެންގެ ފެވަރިޓް ރެއެވެ. އެއީ މިހާރު ދައްކަމުން އަންނަ ސީރީޒް ބަލާ ރެއެވެ. އެހެންކަމުން އަހަރެން އިނީ އެ ފިލްމު ބަލާށެވެ. ކުއްލިއަކަށް ބްރޭކިން ނިއުސްއަކަށް، އަހަރެން ބަލަމުންދިޔަ ސިލްސިލާ ފިލްމު މެދުކަނޑާލައިފިއެވެ. އެއީ އަހަރެން ވަރަށް ފޫހިވާ ކަމެކެވެ. އެހާ ބަލާހިތުން އިންދާ ކޮންމެވެސް ސިޔާސީ ކަންތައްގަނޑެއް ދައްކަން މެދުކަނޑާލާތީ އެވެ. ދެން އަބަދާއި އަބަދު ސިޔާސީ ކަންތައްގަނޑެއް ދައްކަންވީ ކީއްކުރަން ހެއްޔެވެ؟
އުމުރުން އެއްމެ ސޯޅަ އަހަރުގެ އަންހެން ކުއްޖެއް އެކަނިމާއެކަނި، ބޮޑުސިންގާ ގެއެއްގައި ހޭލާ މިއުޅެނީ ކީއްވެގެންބާއޭ ތި މީހުން ހިތަށް އަރާފާނެއެވެ. ޖަވާބުވެސް އަހަރެން ދީފާނަމެވެ. އަހަރެންގެ މަންމައާއި ބައްޕަވީ ކައިރީގައި އޮތް ރަށަކަށް ގޮހެވެ. ބުރާސްފަތި ދުވަހުގެ ފެރީގައި ގޮސްފައި އެމީހުން އައުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު ފެރީއިން ނެވެ. އަހަރެން ހޭލާ މީނީ ކުރިންވެސް ބުނިހެން މަގޭ ފެވަރިޓް ސީރީޒް ބަލާށެވެ. އަހަރެން އެއްމެ ކުރާހިތްވާ ކަންތައްކަމަށްވާ ސްޓޭމްޕް އެއްކުރުމުގެ މަސައްކަތުގައި ހޯދާފައިވާ ސްޓޭމްޕްތައް ތަރުތީބުކޮށްލަން އިނދެފައި ފިލްމު ބަލަން ވަގުތު ހުސްކޮށްލީއެވެ. އަހަންނަކީ މީހުން އެހާ ގަޔާވާ މީހަކަށްވެސް ނުވެދާނެއެވެ.
އަހަރެންގެ ސިފަވެސް އެހާ ރީއްޗެއް ނުވާނެއެވެ. އަހަރެންގެ ބޮލުގެ އިސްތަށިގަނޑު ވަނީ ކޮނޑާއިހަމައަށް ކޮށާލެވިފައެވެ. އަހަންނަކީ ކުރު ކުއްޖަކަށް ނުކިޔާނެއެވެ. ނަމަވެސް ދިގު ކުއްޖެކޭވެސް ނުކިޔާނެއެވެ. ގާތްގަނޑަކަށް ހަތަރު ފޫޓް ދެ އިންޗިއަކީ އަހަރެންގެ އިސްކޮޅުކަމަށް ބަލާށެވެ. އުމުރުފުރާގެ އެހެން ކުދިންގެ މޫނުފަދައިން އަހަރެންގެ މޫނުވެސްވަނީ ބިއްސާއި އޮށާޅައިގެ ޝިކާރައަކަށްވެފައެވެ.
ޓީވީއިން ރިޕޯޓަރު ކިޔަންފެށީ މުލިއާގެ ކައިރިން ގޮވާޒާތުގެ އެއްޗެއް ފެނިގެން އުޅޭވާހަކައެވެ. ސިފައިންގެ ބޮމް ސްކޮޑުގެ ބޭފުޅުން އެ ބޮން ނަގައިގެން މާލޭގެ އަނެއްފަރާތުގައި އޮންނަ ސްޓޭޑިއަމް ސަރަހައްދަށް ގެންދިޔަވާހަކައެވެ. އަދި ބޮމެއްކަމަށް ބެލެވޭ އެއެއްޗެއް ޑިފިއުސްކުރަން މަސައްކަތްކުރަމުންގެންދާވާހަކައެވެ. އަހަރެން މިކަންތައްގަނޑަކާ އެހާ ބިރުގަންނާކަށް ނުޖެހޭނެއެވެ. އަހަރެން މިހުރީ މާލެއާއި 128 ކިލޯމީޓަރު ދުރުގައި ކަމުން އެކަމާ އަހަރެން އެހާ ކަންބޮޑުވާން ޖެހޭކަމަކަށް އަހަރެން ނުދެކެމެވެ. އަހަރެން ކަންބޮޑުވާ ކަމަކީ ދެން މިރޭ، ކުރިން ދައްކަމުން ގެންދިޔަ ސިލްސިލާ ފިލްމު ނުދައްކާނެތީވެއެވެ. މިރޭގެ ކަންތައްގަނޑު އެއޮތީ ފެށިފައެވެ. އެހެންކަމުން ވަގުތު ބޭކާރުކުރަން އަހަރެން ކޮންމެހެން ޓީވީދޮށުގައި އިނުމުގެ ބޭނުމެއް ނެތެވެ. މިހެން ނުއިނދެ، ފެންވަރައިގެން ނިދާހެދުންލިޔަސް މާ ރަނގަޅުވާނޭ ހިތަށް އެރިއެވެ.
ސޯފާއިން ތެދުވެ ހިނގައިގަތީމެވެ. ކޮޓަރިއާ ދިމާއަށެވެ. ކޮޓަރިއަށްވަދެ އަލަމާރީގެ އެއްމެ މަތީބައިގައި ފަތްޖަހާފައި ބަހައްޓާފައިހުރި ހެދުންތަކުގެ ތެރެއިން އުވިފޮތިން ފަހާފައިވާ ކުރުކުރު ސްކަރޓް ސޯޓެއް ނެގީމެވެ. އަހަރެން އަބަދުވެސް ނިދަންލަނީ މިކަހަލަ ސޯޓެވެ. މި ސޯޓްލައިގެން ނިދާލަން އަރާމުކަމުންނެވެ. އަހަންނަކީ އެހާ ފަލަ ކުއްޖެއް ނޫނަސް ހިކި ކުއްޖެއްވެސް ނޫނެވެ. ޓޭންކް ޓޮޕްކޮޅެއް ނަގައި ވާތްދަނޑިމަތީގައި ބާއްވަމުން އަހަރެން ވަނީ ފާޚާނާއަށެވެ. އެއީ ކޮޓަރިއާއި އެޓޭޗްކޮށް ހަދާފައިވާ ފާޚާނާއެކެވެ.
މަޑުމަޑުން ޝަވަރު ދޫކޮށްލީމެވެ. ޝަވަރުން އަންނަމުންދިޔަ ތާފަނާ ފެން އަހަރެންގެ ދެ ބޮނބިފަޅި ދޭތެރެއިންލާފައި އޮހެމުންދިޔައިރު ވަރަށް ‘އަރާމުކަން’ އިހްސާސްކުރެވެމުން ދިޔައެވެ. އިރުކޮޅަކުން އަހަރެން ލަވަކިޔަން ފަށައިފީމެވެ. ނުހަނު ބާރަށެވެ. މިއީ އަހަރެން ފެންވަރާއިރު އަބަދުވެސް ކުރާކަމެކެވެ. އަހަންނަކީ ބާތުރޫމް ސިންގަރއެއްކަމަށް ހީކޮށްލިޔަސް އެއްމެ ރަނގަޅެވެ. ޖަސްޓިން ބީބަރގެ ‘އޭސް ލޯންގް އޭސް ޔޫ ލަވް މީ” ގެ ލިރިކްސް އަހަންނަށް ކިޔުނު އެއްމެ ސަޅިކޮށް ކިޔަމުންދިޔައިމެވެ. ކުއްލިއަކަށް ކޮޓަރި ތެރެއަށް އެއްޗެއް ވެއްޓުނު އަޑުއިވުމުން އަހަރެން ހިމޭންވީމެވެ. ޝަވަރު ބަންދުކޮށްލީމެވެ. މަޑުމަޑުން ފާޚާނައިން ނުކުންނަން ހިނގައިގަތީމެވެ.
“ކާކު؟” ފާޚާނާ ދޮރުފަތް ކައިރީގައި ހުރެފައި ކޮޓަރިތެރެއަށް އަޑުއިވޭވަރަށް ގޮވާލީމެވެ.
އެއްވެސް ހިލަމެއް ނުވެއެވެ. ތުވާލިނަގައި ގައި ހިއްކާލުމަށްފަހު އަހަރެންގެ ނިދާހެދުން ލީމެވެ. ބޮލުގެ އިސްތަށިގަނޑުގައި ހުޅިއެއް ޖެހީމެވެ. ދެން އަހަރެން އަވަސްވެގަތީ ފާޚާނާއިން ކޮޓަރިތެރެއަށް ނުކުތުމަށެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!