30 އޭޕްރިލް 2019 އާއި ގުޅޭ…..
އެއްވެސް ހިލަމެއް ނުވެއެވެ. ތުވާލިނަގައި ގައި ހިއްކާލުމަށްފަހު ނިދާހެދުން ލީމެވެ. ބޮލުގެ އިސްތަށިގަނޑުގައި ހުޅިއެއް ޖެހީމެވެ. ދެން އަހަރެން އަވަސްވެގަތީ ފާޚާނާއިން ކޮޓަރިތެރެއަށް ނުކުތުމަށެވެ.
މަޑުމަޑުން ދޮރު ހުޅުވައިލީމެވެ. އަހަރެންގެ ވިންދު ހުރީ އަވަސްވެފައެވެ. ކުށްހީއެއްގެ މައްޗަށް ބިރުހީވެގެން އުޅެނީ ކަމަށްވެސް އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. އަހަރެންގެ ކޮޓަރިތެރޭގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހަމަޖެހުމުގެ ފުން ނޭވައެއް ބޭރުކޮށްލެވުނެވެ. އެވަގުތު ކޮޓަރީ ކުޑަދޮރުގެ ފޮތިގަނޑު ދަށުން ފިނި ވައިރޯޅި ވަންނަކަން ފާހަގަ ކުރެވުނެވެ.
ހަމަގައިމުވެސް އަހަންނެއް ކުޑަދޮރެއް ނުހުޅުވަމެވެ. ޔަޤީން ކޮށްލުމަށް ކުޑަދޮރާއި ކައިރިއަށް ޖެހިލީމެވެ. ދޮރުފޮތިގަނޑު ކަހާލުމާއެކު ފެނުނީ ތަޅުންމައްޗަށް ފައިބާފައި ހުރި ބިއްލޫރި ތަކެވެ. ކޮންމެވެސް ގޮތަކުން ބިއްލޫރިގަނޑު ތެޅުނީކަމަށްވެސް ވެދާނެއެވެ. އެކަމަކު ކިހިނެތް ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ބައްޕަ ހާދަވަރަކަށް ރުޅިއަންނާނޭ ހިތަށްއެރި އެވެ. އެތާ މާގިނައިރު ހުންނާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަވަހަށް ނިކުތީ ސިޓިންގރޫމަށެވެ.
ބިއްލޫރިތައް ސާފުކުރަން ޖެހޭނީ އަހަންނަށްކަންވެސް އެނގެއެވެ. އެކަމަކު މިހާރު މޫޑެއް ނެތެވެ. ސިޑިން ތިރިއަށް، ސިޓިންގްރޫމަށް ފައިބަމުންވެސް އަހަރެން ދިޔައީ ލަވަ ކިޔަމުންނެވެ. ” ‘ބޭބީ ބޭބީ ބްލޫ އައިޒް ސްޓޭ ވިތު މީ ބައި މައި ސައިޑް….'”
ސިޑީގެ އެއްމެ ފަހު ހަރުފަތަށް ފޭބިތަނުން އަނެއްކާވެސް އަޑެއް އިވުނެވެ. މިފަހަރު ބަދިގެ ތެރެއިންނެވެ.
“ހެލޯ.. ކާކު؟” ރުޅިއަޔަސް އަހަންނަށް ހުރެވުނީ ބިރުވެސް ގަނެވިފައެވެ. ބިރުވެރި ފިލްމެއްގައި އަންހެން ކުއްޖަކު ބިރުން އުޅޭގޮތަށެވެ.
“އަހަރެން ހަލޯ އޭ ބުނިބުނުން އަނބުރާ ގެނެސްފިން. އެއީ އަހަންނަކީ ބިރުވެރި ފިލްމެއްގަ އުޅޭކަހަލަ ގަޓެއް ނެތް އަންހެންކުއްޖެއް ނޫންވީމަ!”
ފަޅުކޮށް އޮތް ސިޓިންގރޫމު ތެރޭގައި އަހަރެންގެ އަޑު ގުގުމާލިއެވެ. ސިޓިންގރޫމާއި ޑައިނިންގރޫމާއި ދެމެދުގައި އޮންނަ ހިމަ ގޯޅިޔަށް ވަނީމެވެ. ކޮންމެވެސް މީހަކު އެތާނގައި ހުރީކަން ޔަޤީންވެގެންނެވެ. ސިޓިންގރޫމް ނިއްވާލާފައި އޮތުމުން އަހަރެން ދިޔައީ ފާރުގައި އަތްކާއްތަމުންނެވެ. ވަރަށް މަސައްކަތުން ސްވިޗްގައި އަތްލެވިއްޖެއެވެ. އަހަރެން އެކަނިކޮށްފައި މަންމައާއި ބައްޕަ އަތޮޅުތެރެއަށް ބުރުތަޅަން ދާތީ ވަރަށް ފޫހިވެއެވެ. ސްވިޗް ޖެއްސުމުގެ ކުރިން އަނެއް އަތުން ފާރުގައި އަތް ޖައްސާލުމަށް ދިއްކޮށްލި އަތް ގޮސް ޖެހުނީ މަޑުމަޑު ހޫނުކަމެއްހުރި އެއްޗެއްގައެވެ. އަހަންނަށްވުރެން ދިގުކަންވެސް އެވަގުތު އެނގުނެވެ. އަނގައިން ތޫލި އަޑެއް ލައްވާލެވުމާއިއެކު އަހަންނަށް ފަހަތަށް ޖެހިލެވުނެވެ. އެކަމަކު ހަމަ އެ ހިނދުކޮޅުތެރޭގައި އަހަރެންގެ އަނގަމަތީގައި ކޮންމެވެސް މީހަކު އަތް އެޅިއެވެ.
އެއީ ކޮންމެ މީހެއް ނަމަވެސް ވަރަށް ހުޝިޔާރެވެ. އިރުކޮޅެއްގެ ތެރޭގައި އެމީހާ އަހަރެން އުފުއްލައިގެން ގެންގޮސް ސިޓިންގރޫމުގެ ލައިޓް ޖެއްސިއެވެ. އޭރުވެސް އަހަރެން އޮތީ ބަންޑުން އެމީހާގެ ކޮންޑުމަތީގައެވެ.
“ކަލޭ ހަޅޭއް ނުލަވާ ހުރެއްޖެއްޔާ އަހަރެން ކަލެއަށް އެއްވެސް އަނިޔާއެއް ނުކުރާނެކަމުގެ ގެރެންޓީ ދީފާނަން.” ބަރުބަރު ފިރިހެން އަޑަކުން ބުންޏެވެ. އަހަރެން ބޯ ޖަހައިލީމެވެ. އަހަރެންގެ ޖަވާބާއިއެކު އެމީހާ އަހަރެން ބެހެއްޓިއެވެ.
އެމީހާއަށް އަހަރެން ބަލައިލީމެވެ. އެއީ ފިރިހެނެކެވެ. ބޮޑު ފިރިހެނެކޭ ކިޔާވަރަށްވުރެން ޅަ ފިރިހެން ކުއްޖެކެވެ. އަހަރެން އެމީހާގެ މޫނަށް ރަނގަޅަށް ބަލަން ފެށީމެވެ. އެމީހާ ސިޓިންގރޫމުގައި ހުރި ކޮފީޓޭބަލް ކައިރީގައި ބާރުބާރަށް ދެކޮޅަށް ހިނގަމުން ދިޔައެވެ. އޭނާގެ އުމުރުން އަދި 25 އަހަރުވެސް ނުވާނެކަމަށް އަހަރެން އަންދާޒާކޮށްލީމެވެ.
“ހޫމް. ދެން ތި ހިނގުން ހުއްޓާލާފަ ކަލޭ މިގެއަށް ވަތް ސަބަބު ބުނެދީބަލަ؟” ހަޖެހޭގޮތް ދައްކަމުން އަހަރެން ސުވާލުކުރީމެވެ. އެމީހާ ކުޑަކޮށް ހޭންފެށިއެވެ.
“އަހަރެން މިއައީ ދެންމެއަކު ތަނެއް ގޮއްވާލަން ބޮމެއް ހަރުކޮށްފަ!” އަސްތަޣްފިރުﷲ އެވެ. މިއީ ހާދަހާ ގަޓް މީހެއްތާއޭ އަހަރެންގެ ހިތަށް އެރިއެވެ. އެމީހާ ދިން ޖަވާބުންނެވެ. އެ ޖަވާބުދިން ކޫލް ގޮތުންނެވެ.
“އެހެންތަ؟ ކަލޭ ތީ އަނެއްކާ މާލޭގަ މިހިނގާ ‘ބްރޯ ޑްރާމާ’ ގެ އެކްޓަރެއްތަ؟ … އެކަމަކު މާލެއާ މިހައި ދުރުތަނެއްގަ ކީއްކުރަން ބޮން ގޮއްވަންވީކީ؟” އަހަރެން ޖެހިލުންވުމެއްނެތި ސުވާލުކުރަން ފެށީމެވެ. އެމީހާ އަހަރެންގެ ރިއެކްޝަނެއް ބަލަން އުޅެނީކަން އަހަންނަށް އެނގުނެވެ.
“ވޯހް، ދެލޯ ބޮޑުވުމެއް ނެތް، ހައިރާންވުމެއްވެސްނެތް!! ތީ އަހަރެން ހީވެސް ނުކުރާކަހަލަ ކުއްޖެއް.” ކުޑަކޮށް ހިނިތުންވެލުމާއެކު ހިނިގަނޑެއް ޖަހާލަމުން އެމީހާ ބުންޏެވެ.
“ކަލޭ ޓެރަރިސްޓް އެޓޭކެއްގަ އިންވޯލްވް ވާވަރަށްވުރެން މާ ޔަންގެއް ނޫންތަ؟” މި ޖުމްލަ އަހަރެންގެ އަނގައި ބޭރުވީ ބޭއިޚްތިޔާރުގައެވެ.
“ހަމަ ކުޑަތަންކޮޅެއް ޔަންގީ. މަށަށް ސެވަންޓީން. ޔޫ އަށް ކިހާވަރެއް؟” ސޯފާތެރެއަށް ވެއްޓިގަންނަމުން އެމީހާ ބުންޏެވެ. އަހަރެން ފޯނާ ދިމާއަށް ދުއްވައިގަންނަން ކިތައްމެ ފަހަރަކު ހިތަށް އަރައިފިއެވެ. އެކަމަކު އަހަރެން އެގޮތަށް އަމަލުކޮށްފި ނަމަ އެމީހާ އަހަންނަށް ކޮންމެފަދަ ގޮޮތެއްވެސް ހަދާފާނެކަން އެނގެއެވެ.
“މަށަށް ސިކްސްޓީން! …. ކޮން ނަމެއް-؟” އެމީހާ ވާހަކަދައްކަން ބޭނުންވެފައި ހުރިހެން ހީވެގެން އަހަރެންވެސް ވާހަކައިގެ ރާގު ބަދަލުކޮށްލީމެވެ.
“ތަމްޙާން. ޔޫގެ ނޭމް އެންޑް ރިލޭޝަންޝިޕް ސްޓޭޓަސް ޕްލީޒް!” އެމީހާ ވަރަށް ލޯބިން އެހިއެވެ. އެމީހާ އެހައި ހަމަޖެހިފައި އެހުރީ އަހަރެން ފިލާ ރައްކާވާން މަސައްކަތް ކުރަން ނޫޅޭތީކަމަށްވެސް ވެދާނެއެވެ. ކޮންމެގޮތަކުންވެސް އަހަރެން ބޭނުންވަނީ ސަލާމަތުން ހުންނާށެވެ.
“އަދްފާ. ސިންގަލް. ޔޫ؟”
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!