“މަގޭ ދަރިފުޅު …. ނުވާނެ އެހެނެއް.” ރޮމުން ރޮމުން ދުއްވައިގަތް ނާޖިދާއަށް ދެވުނީ ދެތިން ފޫޓަށެވެ. ލިބުނު ޚަބަރުން ހިތަށް ކެތްނުވެގެން ޚަބަރު ހުސްވެގެން ވެއްޓިއްޖެއެވެ.

ރާޅުޖަހާފަށު ގޮނޑުދޮށުގައި މަރުވެފައިއޮތް ކަމާލިޔާ އެންމެ ފުރަތަމަ ފެނުނީ ޒުމްނާ އަށެވެ. ހައެއްކަ އަހަރުގެ ޒުމްނާއަށް ކަމާލިޔާ ފެނުމުން ރޮއިގަތްއަޑަށް އެތަނަށް ދިޔައީ ނޭހާ އާއި ސާޖިދުއެވެ. ޒުބީނާ އާއި އަހްމާ އެވެ.

ލިބުނު ޚަބަރާއިއެކު ލަމްޔާ މޮޔަވި ކަހަލައެވެ. އޭނާގެ ކޮއްކޮ މަރެއް ނުވާނެއޭ ގޮވަމުން ރޮމުން ރޮމުން އެދިމާއަށް ދުއްވައިގަތެވެ. ރާޅުޖަހާފަށުގައި އޮތް ކަމާލިޔާ ފެނުމާއިއެކު އެކުއްޖާ އެއޮތީ ލޮނުބޮވިފައިކަން ލަމްޔާއަށް ޔަގީންވިއެވެ. ކަމާލިޔާ ސަލާމަތްކޮށްދެއްވުން އެދި ދުޢާ ކުރަމުން އެކުއްޖާއަށް އަވަސް ފަރުވާދިނުމަށް އަވަސްވެގަތެވެ. ގާލްގައިޑްގައި އަދާކުރަންޖެހުނު ޒިންމާއިން ލިބިގަތް ފިލާވަޅުތަކުގެ މުހިންމުކަމާއި ބޭނުންތެރިކަން ވިސްނުނެވެ.

މުޅިތަނަށް ވެރިވެފައިވަނީ ހިތާމަ އާއި ހިތްދަތިކަމެވެ. ރޮމުންދިޔަ މީހުންނާއި ކުޑަކުދިން ގިނައެވެ. ސިއްހީމަރުކަޒަށް ގުޅައި އަވަސް އެހީއަށް އެދެމުގެ ކަންތަކުގައި މީހަކު އުޅުނުއިރު ނާއިމަށް އެ ޚަބަރު ދިނުމަށް ވެސް ބައެއް މީހުން ބުނަމުންދިޔައެވެ.

ދެތިން މިނިޓް ލަމްޔާ ކުރިމަސައްކަތުން ކަމާލިޔާގެ ބަނޑުން ލޮނު މަޑުކޮށްލިއެވެ. އެއާއެކު ކެއްސައިގަންނަމުން ކަމާލިޔާ ލޯ ހުޅުވާލިއެވެ. ދައްތާއޭ ގޮވާލަމުން ލަމްޔާގެގައިގާ ވަރަށް ބާރަށް ބައްދާލިއެވެ. ދުވަހަކު ވެސް ދޫކޮށްލަން ބޭނުންނުވާ ކަހަލައެވެ.

ކަމާލިޔާ މަރުނުވާކަން އެނގުމާއިއެކު އެންމެންގެ މޫނުމަތިން ހިތްހަމަޖެހުން ފާޅުވެގެންދިޔައެވެ. ލަމްޔާގެ ޝުކުރު ދެންނެވުމުގައި އެންމެން ވެސް ބައިވެރިވިއެވެ.

ކަމެއްވެގެން އުޅޭކަން ރާއިދަށް އެނގުނީ ހުރިހާކަމެއް ނިމުނު ފަހުންނެވެ. ދިމާވި ކަންތަކުގެ ސަބަބުން ދަތުރު ކުރުކޮށްލުމަށްފަހު ރަށަށް ދާންވެގެން އަލިފުތާ އައިސް އޭނާއަށް ގޮވުމުންނެވެ.
ލިބުނު ޚަބަރާއިއެކު، އެހެންނުވާނެއޭ ބުނަމުން ރާއިދު އެދިމާއަށް ދުއްވައިގަތްއިރު ދެލޮލުން ކަރުނަ ފާއްދާލައިފިއެވެ. އަވަސް އަވަހަށް ގޮސް ކަމާލިޔާ އާއި ނާޖިދާ ކޮބައިތޯ ބެލިއެވެ.

ލަމްޔާގެ ގައިގާ ބައްދާލައިގެން ކަމާލިޔާ ހުރިއިރު ދެމީހަކު އަތުލަފިކޮށްގެން ނާޖިދާ ވެސް ދޯނި ކައިރިއަށް ގެންގޮސްފިއެވެ.

ރަށަށް ދެވުމާއިއެކު ލަމްޔާ ބޭނުންވީ އޭނާއާއެކު އޭނާގެ ޢާއިލާކައިރިއަށް ކަމާލިޔާގެ ދިރިއުޅުން ބަދަލުކުރާށެވެ. ކަމާލިޔާއަށް އެންމެ ރަނގަޅުވާނީ އެގޮތް ކަމަށް ލަމްޔާ ބުނި ނަމަވެސް ނާޖިދާ އާއި އޭނާގެ ޢާއިލާއަކަށް އެގޮތް ކަމަކު ނުދިޔައެވެ. ކަމާލިޔާ ހުރީ ވާނުވާ ނޭނގޭ ހާސްކަމެއްގެ ތެރޭގައެވެ. އަދި ވެސް މުޅިއަކުން ހަމައަކަށް ނޭޅެއެވެ. މައްސަލަ ގޯސްވީ ނާއިމަށް ނާޖިދާ ފޯނުކުރި ހިސާބުންނެވެ.

ބޭނުންނުވި ނަމަވެސް ނާއިމްގެ އެންގުމަށް ލަމްޔާ ގޮތްދޫކުރިއެވެ. އެހެންގޮތެއް މިއަދު އެމީހުނަށް ނެތްކަމަށް ލަމްޔާގެ މަންމަ ލަމްޔާއަށް ވިސްނައިދެވޭތޯ ވަރަށް މަސައްކަތްކުރިއެވެ.

ރަށަށް އާދެވުމާއިއެކު ނާއިމް އަވަސްވެގަތީ ކަމާލިޔާ ކޮބައިތޯ ބަލާށެވެ. ދިމާވި ހާދިސާގެ ސަބަބުން ކަމާލިޔާއަށް މައްސަލަތަކެއް ދިމާވެދާނެކަމުގައި ނާއިމްގެ ހިތް ބުންޏެވެ. އެހެންވެ އޭނާ އިސްކަންދިނީ ކަމާލިޔާ ގޮވައިގެން މާލެ ގޮސް ޑޮކްޓަރަށް ދައްކައި އެއްވެސް މައްސަލައެއް ހުރިތޯ ބަލާށެވެ. މައްސަލައެއް އުޅޭނަމަ ވަގުތުން ވަގުތަށް އެކަން ހައްލުކުރުމުގެ މަސައްކަތްކުރާށެވެ. މައްސަލައެއް ނެތްކަން ޔަގީންކުރާށެވެ.
ހަފްތާއެއްހާ ދުވަހު ނާއިމް ކުރިމަސައްކަތުން ހިތްހަމަޖެހޭވަރުގެ ނަތީޖާއަކާއި ހަމައަށް ދެވުނެވެ. މާތްﷲ ގެ ހެޔޮރަހުމަތްފުޅާއިއެކު ކަމާލިޔާހުރީ ގަދަވެ ސަލާމަތުން ހެޔޮހާލުގައެވެ. ދިމާވި ހާދިސާގެ ސަބަބުން އޭނާއަކަށް ސިއްހީގޮތުން ވެސް ނަފްސާނީގޮތުން ވެސް އެއްވެސް ކަމެއް ނުވެއެވެ.

ދިމާވި ހާދިސާއާ ބެހޭގޮތުން ނާޖިދާ އާއި ރާއިދުގެ އިތުރުން ކަމާލިޔާއާ ވެސް ނާއިމް ސުވާލުކުރިއެވެ. ކަމާލިޔާ ބުނީ ވީގޮތެއް އޭނާއަށް ނޭނގޭކަމަށެވެ.

ކަމާލިޔާއަށް ދިމާވި ކަންތަކުގެ ސަބަބުން އަނެއްކާ ވެސް ނާއިމްގެ މަސައްކަތަށް ކޮންމެވެސްވަރެއްގެ މަޑުޖެހުމެއް އައެވެ.
ވަގުތާއި ހާލަތަށް ވިސްނައިގެންހުރި ރާއިދު ވަގުތުގެ ބޭނުންހިފުމަށް އަވަސްވިއެވެ. އެހީއަކަށް އެންމެ ބޭނުންވި ދުވަހު އޭނާއަށް އެހީތެރިކަމާއި އެއްބާރުލުންދިން ނާއިމްއަށް އެހީތެރިވާން ބޭނުންކަމަށް ބުންޏެވެ. ވިޔަފާރީގެކަންތަކުގައި އުޅެންފެށިއެވެ. މުދާ ގަންނަން މާލެދާން ވެސް ފެށިއެވެ.
ދުވަސްތައް މާޒީއާއެކުވަމުން ދިޔައިރު ކަމާލިޔާގެ ދިރިއުޅުމަށް ބަދަލުތަކެއް އަންނަމުންދިޔަ ނަމަވެސް، އެކަމަށް ސަމާލުކަންދިން މީހަކު ނެތެވެ. ކަމާލިޔާ ގެއިން ބޭރުގައި ހޭދަކުރާ ވަގުތު ގިނަވަމުން ދިޔައިރު ވަލުތެރެއިން ފެންނަމުންދާކަމަށް ބުނަމުންދިޔަ މީހުން ގިނަވަމުންދިޔަ އެވެ. އެކިތަންތަނުން އެކިކަހަލަ ގަސް ހޯދައިގެން ގެނެސް ގޯތިތެރޭގައި ގަސްހައްދަން ފެށިއިރު އެގަސްތަކުގެތެރޭގައި ހޭދަކުރާ ވަގުތު ގިނައެވެ.

ހެދިބޮޑުވަމުން ފުރިހަމަވަމުންދިޔަ ކަމާލިޔާގެ ހަށިގަނޑަށް އަންނަމުންދިޔަ އަވަސްބަދަލު ގިނަބަޔަކަށް ފާހަގަކުރެވުނެވެ. ކަމާލިޔާގެ އުމުރުން ތޭރައަހަރު ނަމަވެސް ބަލާބެލެމަށް ހީވަނީ އެއަށްވުރެބޮޑު ކުއްޖެއް ހެންނެވެ. ފުރާފުރިހަމަވަމުން އަންހެންވަންތަކަން ފާޅުވަމުންދިޔަ ކަމާލިޔާގެ ހަށިގަނޑަށް އެތައްބަ އެއްގެ ސަމާލުކަން ހުއްޓުނެވެ. އެކަމާ ބެހޭގޮތުން ބައެއްމީހުން ފާޑުފާޑުގެ ވާހަކަ ވެސް ދައްކަންފެށިއެވެ.

“ކަލޭމެން ދައްކަފާނެދޯ ކޮންމެފަދަ ވާހަކައެއް ވެސް ….. ބައެއް އަންހެންކުދިންނަކީ ނުވައަހަރު ނުވަތަ ދިހައަހަރުގަ ބާލިޣުވާ ކުދިން … އެއާއެކު އަންހެންކުދިންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނާނެ. އެހެން ނޫނަސް ކަމާލިޔާއަކީ ސިއްހަތު ރަނގަޅު ހެދިހުރި ފުރިހަމަ ހަށިގަނޑެއް ލިބިފައިވާ ކުއްޖެއް.”

ހޮޓާތެރޭގައި ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން އިން ޒާއިން އަކަށް ކެތެއްނުވިއެވެ. އެ ވާހަކަތަކަށް ރައްދުދޭން ބޭނުންވިއެވެ. ގަބޫލުނުކުރިޔަސް ޙަޤީޤަތްވާނީ ޙަޤީޤަތަށެވެ. ބައެއް މީހުންނަކީ އެނގޭ އެއްޗަކަށްވުރެ ބޮޑަށް އެހެންމީހުން ދައްކާ ވާހަކަތައް ހިފައިގެން ހިނގާ މީހުންނެވެ. ޒާއިންގެ އެވާހަކަތަކާއެކު އެންމެންގެ އަނގަ ބަންދުވިކަހަލައެވެ. އެކަމާބެހޭގޮތުން އެއްވެސް މީހަކު އިތުރަކަށް އެއްޗެއް ނުބުނެއެވެ. ބުނާނެއެއްޗެއް ނެތީކަމެއް ޙަޤީޤަތް ގަބޫލުކުރީކަމެއް ނޭނގެއެވެ.

ކަމާލިޔާއަށް ދިމާވި ހާދިސާއަށްފަހު މާލެ ދަތުރުތައް ހުއްޓާލައިގެންހުރި ނާއިމް ދެމަހެއްހާ ދުވަސްފަހުން އަނެއްކާ ވެސް މާލެ ދާން ތައްޔާރުވާން ފެށިއެވެ. ވިޔަފާރި ރަނގަޅުކުރެވޭތޯ މަސައްކަތްތައް އިތުރުކުރިއެވެ.

ނާއިމް މާލެދާން ރޭވުމާއިއެކު ނާޖިދާ އާއި ރާއިދުގެ މޫނުމަތިން ހިތްހަމަޖެހުން ފާޅުވާންފެށިއެވެ. ދުވަސްތަކަކަށްފަހު އަނެއްކާ ވެސް މިނިވަންކަމާއެކު އުފާކޮށް ހިތްހަމަ ޖައްސާލަން ވަގުތު ލިބެނީކަން ދެމީހުނަށް ވެސް ގަބޫލުކުރެވުނެވެ.

ހެނދުނުގެ ސައިގަޑިއެވެ. ސައިބުއިމާއިގެން މަސްޢޫލުވެ ތިބި ނަމަވެސް ހަތަރުމީހުންގެ މެދުގައި ކޮންމެވެސް ވަރަކަށް ވާހަކަތައް ދެކެވެމުންދިޔައެވެ.

“ކޮން ދުވަހަކުން ބައްޕަ އަންނަނީ؟ އަހަންނަށް ޖިންސަކާ ޓޮޕްކޮޅެއް ގެނެސްދޭތި.” ނާއިމަށް ބަލާލަމުން ކަމާލިޔާ ވާހަކަ ދެއްކިއެވެ.

“ހީވާގޮތުން ދެތިން ދުވަސް ވާނެ …. ބޭރުން އައިސްހުރި މުދާކޮޅުގެ ކަންތައް ހަމަޖައްސާލަން ޖެހޭތީ ލަސްވެދާނެހެން ހީވަނީ.” ކަމާލިޔާއަށް ބަލާލަމުން ނާއިމް ޖަވާބުދިނެވެ.

ވަގުތުތައް ފާއިތުވަމުން އިރުއޮއްސުމާއި ގާތްވަމުންދިޔައިރު ނާޖިދާ އާއި ރާއިދުގެ މޫނުމަތިން ފާޅުވަމުންދިޔަ ހިތްހަމަޖެހުން އިތުރުވަމުންދިޔައެވެ. އެތައް ދުވަހަކަށްފަހު މިނިވަންކަމާއެކު ލޯބިވެތި އުފާވެރި ރޭގަނޑެއް ހޭދަކޮށްލަން ލިބޭތީ ދެމީހުން ވެސް ތިބީ ނުހަނު އުފަލުން ނެވެ. ހިތްހަމަޖެހޭވަރަށް ވަގުތުލިބޭކަމީ ދެމީހުނަށް ވެސް ލިބިފައިވާ އެންމެބޮޑު ހިތްހަމަޖެހުމެވެ.

އޮއްސެމުންދިޔަ އިރާއިއެކު ރަށުތެރެއަށް އަނދިރިކަން ވެރިވަމުންދިޔައިރު ހަމަހިމޭންކަމާއި ފަޅުކަން ވެސް ވެރިވަމުންދިޔައެވެ. އަތިރިތަކާއި އާންމު މައިދާންތަކުގައި ހަރަކާތްތެރިވަމުން ދިޔަ މީހުންނާއި ކުދިންތައް ގެތަކަށް ވަންނަންފެށިއެވެ. ކުޅިވަރުދަނޑުތަކުގައި ހަރަކާތްތެރިވެ އުޅުނު ޒުވާނުންތައް ވެސް ގެތަކާއިދިމާއަށް މިސްރާބުޖަހައިފިއެވެ.
ގޯތިތެރޭހުރި ކަނަމަދު ގަހުގައި އެލުވާލާފައިވާ އުނދޯލީގައި އޮށޯވެލައިގެން ކަމާލިޔާ އޮތްނަމަވެސް އެތަނުގައި ހައްދާފައިވާ ގަސް ގިނަކަމުން ކުރާކަމެއް އެނގޭވަރެއް ނުވެއެވެ. އިރުއޮއްސޭވަގުތާއި ދިމާކޮށް ކަމާލިޔާ އެތަނުގައި ވަގުތު ހޭދަކުރާ ދުވަސްތައް ދިޔައީ އިތުރުވަމުންނެވެ. އޭނާ އެތަނުގައ ކުރާކަމެއް އުޅޭގޮތެއް ބަލާލާ މީހަކު ނެތުމަކީ ކަމާލިޔާއަށް ލިބިފައިވާ އެންމެބޮޑު މިނިވަންކަމާއި ހިތްހަމަޖެހުމެވެ. އެކަމާއިގެން ކުރިޔަށް ދިއުމަށް ލިބިފައިވާ އެންމެބޮޑު ހިތްހަމަޖެހުމެވެ.

ކަމާލިޔާ އޭނާގެ ކޮޓަރިއަށް ދިޔައީ ހަތެއް ވެސް ޖެހިފަހުންނެވެ. ކަމާލިޔާއަށް ފާރަލައިގެން ހުރި ނާޖިދާ އަވަސް އަވަހަށް ފޯނު ދިއްލައިގެން އަލިކުރަމުން އަލިކުރަމުން ގޮސް ގަސްތަކުތެރެއަށް ވަނެވެ. ކަމާލިޔާ އެތަނުގައި ކުރަނީ ކީއްކަން އެނގޭނެގޮތެއް އޮތްތޯ ހޯދަންފެށިއެވެ. އެތައް އިރެއްގެ މަސައްކަތުން އެއްވެސް ކާމިޔާބެއް ކުރިއެރުމެއް ނުލިބުނު ނަމަވެސް އާދަޔާހިލާފުކަމެއް ފާހަގަކުރެވުނެވެ.
ނާޖިދާގެ ފިޔަވަޅުތައް އެތަނުން ފެންނަންހުރި ނަމަވެސް ކަމާލިޔާގެ އެންމެ ފިޔަވަޅެއް ވެސް ފެންނާކަށް ނެތެވެ. ހާސްވުމާއި ކަންބޮޑުވުން ވަށާލިއިރު ބިރުގަންނަން ވެސް ފެށިއެވެ. އަވަސް އަވަހަށް އެތަނުން ނުކުންނަން އުޅުނީ އެހީއަކަށް އެދެން ބަލާއިރު ރާއިދު ވެސް ގޭގައި ނެތުމުންނެވެ.

ގަސްތަކުތެރެއިން ނުކުންނަން ހިނގައިގަތް ނާޖިދާގެ ފިޔަވަޅުތަކަށް ހުއްޓުންއައީ ކުއްލިއަކަށް ކުރިމަތިން ފެނުނު ކުޑަކުޑަ ކަޅު ބުޅަލުގެ ސަބަބުންނެވެ. ނާޖިދާއާ ދިމާއަށް ބުޅާ އަންނަން ފެށުމުން ނާޖިދާއަށް ޖެހުނީ މަޑުމަޑުން ނަމަވެސް ފަހަތަށް ޖެހޭށެވެ. އިތުރަށް ގަސްތަކު ތެރެއަށް ވަންނާށެވެ. ތަނުގައި ރަސްކަން ކުރަމުންދަނީ ކަނުއަނދިރިކަމެވެ.
ހަދާނެގޮތް ހުސްވެ ހަތަރުއުދަރެސް ފެނުޖެހިއްޖެއެވެ. ސަލާމަތަށްޓަކައި އެންމެފަހުވަގުތާއި ޖެހެންދެން ވެސް މަސައްކަތް ކުރުމަކީ އެންމެމޮޅުގޮތެވެ. ކޮންމެގޮތެއް ވިޔަސް ހެޔޮކަމަށް ނިންމައި އަޑުގެކޮޅަށް ރޮއިގަންނަމުން އެތަނުން ނުކުންނަން ނާޖިދާ ދުއްވައިގަތެވެ. އިތުރަށް ބަލާކަށް ނުހަދައެވެ.

ބޭރުން އައިސް ގޯތިތެރެއަށްވަތް ރާއިދަށް ފެނުނީ ގޯތިތެރެއަށް ވެއްޓިފައިއޮތް އަންހެނެކެވެ. ބިންމަތީގައިއޮތް ފޯނުގެބައްތިން އެމީހާގެ މޫނަށް އަލިއެޅިފައި ހުރުމުން އެއީ ކާކުކަން ދެނެގަންނާކަށް ރާއިދަށް އުނދަގުލެއް ނުވިއެވެ. ފެނުނު މަންޒަރާއިއެކު އުފެދުނު ސުވާލުތައް ގިނަވިއެވެ. ކޮންމެވެސްވަރަކަށް ހާސްވެ ކަންބޮޑުވާގޮތް ވެސް ވިއެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.