ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އާދަމް ސަލީމް ކަޕް 2019 ފުޓްބޯޅަ މުބާރާތުގެ ގުރޫޕު ސްޓޭޖުގެ ފަހުމެޗުން ލިބުނު ޕޮއިންޓާއިއެކު ފައިނަލުގެ ފުރަތަމަ ޖާގަ ޝީލްޑުން ކަށަވަރު ކޮށްފިއެވެ.
އިއްޔެ ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ގުރޫޕު ސްޓޭޖު ފަހުމެޗުގައި ޝީލްޑާއި ޔޫތު ފުރެންޑްސް ވާދަކުރި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.
ގުރޫޕު ސްޓޭޖުގެ ފަހު މެޗަށް ނުކުތްއިރު ޝީލްޑަށް ޕޮއިންޓަކުން ފަރުޖައްސާލެވެން އޮތްއިރު، ޔޫތު ފުރެންޑްސްއަށް ސެމީގެ ޖާގަ ކަށަވަރު ކުރުމަށް މޮޅުުވުން ނޫން ގޮތެއް ނެތެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައި ވަނީ ޔޫތު ފުރެންޑްސްއިިންނެވެ. މިގޮތުން އެ ޓީމުން ވަނީ އިދިކޮޅު ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވައިލާފައެވެ. ނަމަވެސް އެ ހަމަލާތައް ޝީލްޑުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. ފުރަތަމަ ހާފުގައި ޝީލްޑަށް ލިބުނު ހަމައެކަނި ފުރުޞަތުގެ ބޭނުންހިފައި 43 ވަނަ މިނެޓުގައި އެ ޓީމުގެ ޖޯޒީ ނަންބަރު 11 އާސިފް ސަލީމް ވަނީ އެ ޓީމަށް ކުރި ހޯދައިދީފައެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއިން ޝީލްޑު ކުރީގައި އޮވެގެންނެވެ.
ޔޫތު ފުރެންޑްސް އަށް މޮޅުވުން މަޖުބޫރު މި މެޗުގެ ފަހު ހާފުގައި ވެސް އެ ޓީމުންވަނީ މޮޅުކުޅުމެއް ކުޅެފައެވެ. މިގޮތުން ލިބުނު ހިލޭޖެހުމަކުން އޭރިޔާގެ ތެރެއަށް ހުރަސްކުރި ބޯޅަ ދިފާއުކުރަން ޝީލްޑުގެ ކުޅުންތެރިން އުޅުމުގެ ތެރޭގައި ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ބޮލުން އެ ބޯޅަ ގޯލުތެރެއަށް ފޮނުވާލައިގެން ޔޫތު ފުރެންޑްސް އަށް 63 ވަނަ މިނެޓުގައި ލަނޑުޖަހައިދީފައި ވަނީ އެ ޓީމުގެ ޖޯޒީ ނަންބަރު 33 އާދަމް އިބްރާހިމެވެ. ޔޫތު ފުރެންޑްސްގެ ފުރަތަމަ ލަނޑާއިއެކު އެ ޓީމުންވަނީ ޓީމު އިތުރަށް ކުރިއަށް ޖައްސައި ލަނޑެއްޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. މިގޮތުން މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި އެ ޓީމަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިގެން ގޮސްފައެވެ. ނަމަވެސް އެ ޓީމުގެ ފޯވާޑު އާދަމް އިބްރާހިމް ފޮނުވައިލި ބޯޅަ ދިޔައީ ގޯލު ދަނޑިމަތިން ބޭރަށެވެ. މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމު އެއްވަރު ވެގެންނެވެ.
މުބާރާތް ރާވާލެވިފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބިގެންދާ ގޮތަށެވެ. އަދި ދެވަނަ އަދި ތިންވަނަ ޓީމު ސެމީ ފައިނަލު ކުޅެ އެތަނުން މޮޅުވާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަލިބޭ ގޮތަށެވެ.
އިއްޔެގެ މެޗާއިއެކު ގުރޫޕު ސްޓޭޖު މެޗުތައް ކުޅެ ނިމިފައިވާއިރު ފަސްމެޗުން އެގާރަ ޕޮއިންޓު ހޯދައިގެން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައިވަނީ ޝީލްޑެވެ. ކުޅުނު ފަސް މެޗުން ދިހަ ޕޮއިންޓު ލިބިގެން ދެވަނަ ރިއަލް ސްޓާރސް އަށް ލިބުނުއިރު ކުޅުނު ފަސްމެޗުން ލިބުނު އަށް ޕޮއިންޓާއިއެކު ތިންވަނަ ލިބިފައިވަނީ އަހުލީ އަށެވެ. މުބާރާތުން ކަޓާފައިވަނީ ޔޫތު ފުރެންޑްސް، ޔުނީފޯމް އަދި ރޫހެވެ.
މު ބާރާތުގެ ސެމީފައިނަލުގައި ވާދަކުރަން ޖެހޭނީ ރިއަލް ސްޓާރސް އާއި އަހުލީއެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނެއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ 26 ޑިސެމްބަރު 2019 ވާ ބުރާސްފަތި ދުވަހުއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ 15:45 ގައެވެ.
އިއްޔެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޝީލްޑު ޓީމުގެ ޖޯޒީ ނަންބަރު 11 އާސިފް ސަލީމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 ޖެނުއަރީ 2024ރިޕޯޓްބަރުދަން އިތުރުވާން ހާސްދުވަސް، ލުއިކުރަން އެއްދުވަސް!
- 28 ޖޫން 2020ޚަބަރުކާނިވާ ސަރަޙައްދުގައި ޕާރކިންގ ޒޯނެއް ހެދުމަށް އެތަން ހުސްކުރުމަށް އަންގައިފި
- 27 ޖޫން 2020ޚަބަރުމާލޭ މަސް މާރުކޭޓު އަލުން ހުޅުވަނީ
- 27 ޖޫން 2020ޚަބަރުމުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށް ޚިދުމަތް ފޯރުކޮށްދެވޭ މުއްދަތު އިތުރުކޮށްފި