ޑާކްރެއިންގެ އެންމެ މަގުބޫލު ޖޯޑު، ޖުމައްޔިލް ނިމާލް އާއި މަރިޔަމް މަޖުދާ، ޑާކްރެއިންގެ ފިލްމަކުން ޕެއަރއެއްގެ ގޮތުގައި ފެންނާނެ އެންމެ ފަހު ފިލްމަކީ “ނޮވެމްބަރ” ކަމަށް މަޝްހޫރު ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ބުނެފިއެވެ.

ރާއްޖެ ޓީވީގެ ‘ކުލަ ސްކްރީން’ ޕްރޮގްރާމުގައި ވާހަކަ ދައްކަމުން މޮގާ ބުނީ ފިލްމު “ނޮވެމްބަރ“އަކީ ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފިލްމަކުން އެ ދެތަރިން އެކުގައި ޕެއަރ އެއްގެ ގޮތުގައި ފެނިގެންދާނެ އެންމެ ފަހު ފިލްމް ކަމަށެވެ.

ނޮވެމްބަރ“އަކީ މި ދެތަރިން އެކުގައި ފެނިގެންދާ ޑާކްރެއިން އެންޓަޓެއިންމަންޓްގެ ހަތަރު ވަނަ ފިލްމެވެ.

މުނިއަވަސް އަށް މިއަދު މޮގާ ބުނީ “ނޮވެމްބަރ“އަކީ މޮގާގެ ޑްރީމް ޕްރޮޖެކްޓެއް ކަމަށާ އެ ފިލްމުގައި ޖުމަލް އާއި މަޖޫ ހިމެނީ އެ ދެމީހުން އެކުގައި ފެންނައިރު އެ ހުންނަ ކެމިސްޓްރީ އެހެން ބައެއްގެ ކިބައިން ފެންނަކަމަށް ގަބޫލުނުކުރެވޭތީ ކަމަށެވެ.

“ޖުމަލް އާ އެހެން ސްޓާރަކާއެކު، ނޫނީ މަޖޫ އާ އެހެން ސްޓާރަކާ އެކު ވެސް އެ ކެމިސްޓްރީއެއް ނުފެނޭ.” މޮގާ ފާހަގަކުރިއެވެ.

މޮގާ އިތުރަށް ބުނީ މި ނިންމުމަކީ އެ ދެތަރިންނާއި އެއްވެސް މައްސަލައެއް އޮވެގެން ނިންމި ނިންމުމެއް ނޫން ކަމަށާއި ކުރިއަށް ހުރި ޑާކްރެއިންގެ ފިލްމުތަކުން ޖުމައްޔިލް އާއި މަޖޫ ފެނިގެންދާނެ ކަމަށެވެ.

ފިލްމު “ނޮވެމްބަރ“ގެ 95 އިންސައްތަ ޝޫޓިން މިހާރު ނިންމާލެވިފައިވާކަމަށް ވެސް ކުލަ ސްކްރީން ޕްރޮގްރާމުގައި މޮގާ ފާހަގަކުރިއެވެ.

މި ފިލްމުގެ ޝޫޓިންތައް ނަގާފައިވަނީ މާލޭ ސިޓީ، އައްޑޫ ސިޓީ، ކ. ތުލުސްދޫ، ލ. އަތޮޅު ގަންފޮނަދޫ ސަރަހައްދުގެ އިތުރުން ސިންގަޕޫރުގައެވެ.

ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ އަޙްމަދު ޠަލާލް އާއި ޢާއިޝަތު ފުއާދު އެވެ. ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ މި ފިލްމުގެ ކޯ-ޑައިރެކްޓަރަކީ ވެސް އާއިޝަތު ފުއާދު އެވެ.

ފިލްމުގެ މަންޒަރުތައް ނަގަނީ އަހްމަދު ޝިނާން އާއި ޗިއްޕެއެވެ.

މުނިއަވަސް އިން އޮންލައިން މީޑިއާ ޕާޓްނަރުކަން ކުރާ ”ނޮވެމްބަރ”ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.