3 މެއި 2019 ދުވަހުގެ އަދަދާއި ގުޅޭ…

“އަން، ހިފާ!” ތަމްޙާންގެ އަތް ދިއްކޮށްލަމުން އެދުނެވެ. އަހަރެން އޭނާގެ އަތުގައި ހިފީމެވެ. ވަރަށް މަޑުމަޑުންނެވެ. އަހަރެން ކޮޅަށް ދެތުވުމަށް އޭނާ އެހީވެދިނެވެ.

‘ވަރަށް ހިތްގައިމު ކުއްޖެއް! ހޫރެއްހައި ރީތި ނޫނަސް ހާދަ ސަޅިއޭ! ޤުދުރަތީ އަސްލު ރީތިކަން. އެއްވެސް ފޭކް ކަމެއް ނެތް. ލައިގެން ހުރި މަޑުމަޑު ދޫ ސޯޓްކޮޅާއި ޕިންކް ކުލައިގެ ޓޮޕްކޮޅުގެ ސަބަބުން ވަރަށް ކާފަރު ވައްތަރު ޖަހަނީ. އޭނަގެ އިސްތަށިކޮޅުން ކޮންޑުމައްޗަށް ފެންތިކި ޖެހެމުން އެދާގޮތުން އަދި މާ ސެކްސީ ލުކެއް ހުރީ’ އަދްފާ ނަގަން އަތުގައި ހިފުމާއިއެކު ތަމްޙާންގެ ހިތް ސަކަރާތްވާން ފެށިއެވެ. ޚިޔާލުގެ ކަނޑެއްގައި ޣަރަޤުވެ ހުރެ އަދްފާ ނަގައިދިނެވެ.

“ދެން ތިހެން ކާފަރު ވަައްތަރަކަށް މަށަށް ބަލަން ހުންނަނީތަ؟ ނޫނީ ބަދިގެއާ ދިމާއަށް ދާނީތަ؟” މަޖާ ގޮތަކަށް އަހަރެން ބުނީމެވެ.

‘އަހަންނަށް ސަކަ ކުދިން ހާދަ ކަމުދެޔޭ، މިއީ އެވައްތަރު މަންޖެއެއް!” ތަމްޙާން ހިތާހިތާ ކިޔައިލިއެވެ.

“ހޫމް… މި ފެންނަ ހިތްގައިމު މަންޒަރު ބަލަން އޮވެވުނީ.” އެއް މިޔަކަނުން ހިނިތުންވެލަމުން ތަމްޙާން ބުންޏެވެ. އަހަރެން ދުރަށް ބަލައިލީމެވެ. އެއްވެސް ލަދުވެތިކަމެއް ނެތި ދެންމެ އަހަންނާ ބައްދަލުވި މި ޒުވާނާ މިގޮތަށް ފްލަރޓްކުރަން ފެށުމުން ކުޑަކޮށް ލަދުގަތީކަމަށްވެސް ވެދާނެއެވެ.

“ހޫމް… ދެން ހިނގާބަލަ ކޮންމެވެސް ކާއެއްޗެއް ހޯދަން!”

“އޯކޭ.. ހަމަ ދާންވީ.” ބަދިގެއާއި ދިމާއަށް ހިނގައިގަންނަމުން އޭނާ ބުންޏެވެ.

ތަމްޙާނު ހިނގަމުން ދިޔައިރު ގޭތެރެއަށް ފުދޭވަރަކަށް ފަރިތަކަން އަހަންނަށް ފާހަގަ ކުރެވުނެވެ. އޭނާގެ ނަޒަރު ގޭތެރެއަށް ހިންގަމުން ނުދާތީވެ އެވެ. އޭގެ ބަދަލުގައި އޭނާ ބަލަމުން ދިޔައީ އަހަންނާ ދިމާއަށްކަން ފާހަގަ ކުރެވުނެވެ.

‘ހާދަ ސެކްސީއޭ. އަހަންނަކީ ޓެރަރިސްޓެއްކަންވެސް ހަނދާންނެތޭވަރު ކޮށްލައިފި މި ސެކްސީ މަންޖެގަނޑު. މިޖެހިގެން އުޅޭ ކަންތައްގަނޑުގެ ކުރިން މީނަޔާ އަހަންނާ ދިމާވި ނަމަތާ ކޮންމެވެސް ކަމެއް އަހަރުމެންގެ ދެމެދުގަ އޮންނާނީ!’ ތަމްޙާންގެ އަމިއްލަ ނަފުސަށް ޝަކުވާ ކުރަން ފެށިއެވެ.

“ކާ އެއްޗެއްތަ، ބޯއެއްޗެއްތަ ބޭނުމީ؟” އަހަރެންގެ މި ސުވާލަށް ޖަވާބެއް ދެވުމުގެ ކުރިން މަގުމަތިން ފުލުހުންގެ ވެހިކަލެއްގެ ސައިރަންގެ އަޑު އިވުނެވެ.

“ޝިޓް. . . . . އަހަރެން ބުނާގޮތަކަށް ކަންތައްކުރޭ. އޭރުން ކަލެޔަށް އެއްވެސް ގެއްލުމެއް ނުވާނެ!” މިހެން ހަމަ ބުނުމާއެކު ތަމްޙާންގެ ޖީންސްގެ ތެރެއަށް ޖަހާފައިހުރި ފިސްތޯލައެއް ނެގިއެވެ. “ފައިވާނެއް ނުވަތަ ބޫޓެއް ނަގާ، އަދްފާ!”

އަހަންނަށް އެންގިގޮތަށް އަމަލުކުރީމެވެ. ތަމްޙާން އަހަރެންގެ އަތުގައި ހިފިއެވެ. ގަދަކަމުން ދަމާފައިކަހަލަ ގޮތަކަށް ބަދިގޭ ފަރާތު ދޮރުން އަހަރެން ދަމާ ނެރުނެވެ. އޭރު ފުލުހުންގެ ވެހިކަލެއް ނުވަތަ ވެހިކަލްތަކެއް އަހަރެންގެ ގޭ ދޮރުމައްޗަށް މަޑުކޮށްލައިފިއެވެ.

ގޯތީގެ ބިތްދޮށުން ވަލުތެރެއާއި ދިމާއަށް އޭނާ ދުވަމުން ދިޔައެވެ. އަހަރެންގެ އަތުގައި ހިފައި ދަމަމުންނެވެ. އިރުކޮޅަކުން އަހަރެންގެ ގެ ހުންނަ ކޮށްޓާއި މާދުރަށް، ވަލުތެރެއަށް އަހަރަމެންނަށް ވަދެވިއްޖެއެވެ. އޭނާ އަހަރެން ގޮވައިގެން ގޮސް މަޑުކޮށްލީ ކޮންމެވެސް މީހަކު ހައްދާފައިވާ ކަރާ ދަނޑެއްގެ ތެރޭގައެވެ.

“އެހެރީ ކުޑަކުޑަ ގެ ގަނޑެއް!” ޓިނުން ހަދާފައިވާ ގުދަނެއް ކަހަލަ ތަނެއް ދައްކަމުން ތަމްޙާން ބުންޏެވެ. “އަހަރުންނަށް އެތަނުގައި މިރޭ ފިލާ ތިބެވިދާނެ!”

އަހަރެންގެ އަތުން ތަމްޙާން ދޫކޮށެއް ނުލައެވެ. އޭރުވެސް މާނޭވާ އަރާވަރުން ހީވަނީ މޭގަނޑު އަނގަޔަށް އައިސްފާނެހެންނެވެ. “ކީއްވެތަ އަހަރެން ކަލެޔާއެކު ތި ގެނައީ؟” ދަނޑުގައި ހުރި ޓިނުން ހަދާފައިވާ ޖިފުޓިގަނޑަށް ވަންނަމުން ވައި އަޑުން އަހަރެން ސުވާލުކުރީމެވެ.

“އެއީ ކަލޭ އެމީހުން ކައިރީ އަހަރެންގެ ވާހަކަ ދެއްކުމުގެ ފުރުޞަތު ނުދިނުން!” ތަމްޙާން ވެސް ވައި އަޑަކުން ޖަވާބު ދިނެވެ. އަދްފާގެ އަތުގައި ހިފައިގެން ދުއްވައިގަނެވުނު އަސްލު ސަބަބެއް ޚުދު ތަމްޙާން އަށްވެސް ނޭނގޭ ކަހަލައެވެ.

ޖިފުޓިގަނޑުގެ ތެރެއިން އަށްޓެއް ކަހަލަ ތަނެއް ފާހަގަ ކުރެވުނެވެ. އެވަގުތު ތަމްޙާން އަހަރެންގެ އަތުން ދޫކޮށްލިއެވެ. އަށީގައި ތަމްޙާން އިށީންނުމާއިއެކު އަހަރެންވެސް އިށީންނީމެވެ. ތަމްޙާން އާއި ޖެހިގެންނެވެ.

“ތިޔަ ފިސްތޯލަ ދުރަށްލަ ފާނަންތަ، މިސްޓަރ ޖޭމްސް ބޮންޑް؟” ތަމްޙާންގެ އަތުގައި އޮތް ފިސްތޯލައަށް އިޝާރާތްކޮށްލަމުން އަހަރެން އެދުނީމެވެ. މިއީ އަހަރެން އަސްލު ފިސްތޯލައެއް ހަމަލޮލުން ދެކުނު ފުރަތަމަ ފަހަރެވެ. އަދި އެވެސް އެހާ ކައިރިންނެވެ.

“ކަލާ ބުނުއްވިގޮތެއް!” ފޮށޭ ރާގެއްގައި ތަމްޙާން ޖަވާބުދިނެވެ.

“ހޫމް. . . . . އެހެންވީމަ މީޑިއާގަ މި ދެކެވޭ ވާހަކަތައް ގޯހެއް ނޫންތާ ދޯ. ރާއްޖޭގެ އެކި ހިސާބުގަ ބަޑިތަކާއި ބޮންތަކާ އެބަ ގެންގުޅޭތާދޯ!… ތިވެސް ބްރޯ އެތެރެކުރި ބަޑިތަކުގެތެރެއިން ބަޑިއެއްތަ؟ އަހަރެން އެއްވެސް ޖެހިލުންވުމެއް ނެތި ސުވާލުކުރަން ފެށީމެވެ. ނަމަވެސް އޭނާ އެއްވެސް ޖަވާބެއް ނުދިނެވެ.

“އޯކޭ، ބުނެދީފާނަންތަ ބޮން ގޮއްވަން އުޅުނީ އަސްލު ކީއްކުރަންކަން؟” ތަމްޙާން އާއި ދުރަށް ބަލަހައްޓައިގެން އިނދެ އަނެއްކާވެސް ސުވާލު ކުރީމެވެ.

“ޤަބޫލުކުރެވޭނެބާ އަހަރެންގެ އަސްލު ކިޔައިދީފިއްޔާ…. އަހަަރެންގެ މައިންބަފައިންނަކީ ދުނިޔޭގަ ނަން ހިނގާ ޓެރަރިސްޓް ޖަމަޢާތަކަށް ނިސްބަތްވާ ދެމީހުން. އަހަރެންގެ އުމުރުން އެއްމެ ހަ އަހަރުން ފެށިގެންގޮސް އެމީހުން އަހަރެން ތަމްރީނު ކުރުވީ މިފަދަ ހަމަލާއަކަށް. އަމިއްލައަށް މަރުވުން ފިޔަވައި އަހަންނަކަށް މި ނޫން އެހެން ގޮތެއް ނެތް!” ޖަޒްބާތުގައި ޖެހިފައި އިނދެ ތަމްޙާން ކިޔައިނެވެ. އަހަންނަށް ލިބުނީ ކުއްލި ޝޮކެކެވެ.

“އޯހް…” ދެ ދަތްޕިލަ ޖައްސައިގެން އިނދެ އަހަންނަށް ހަމައެކަނި ބުނެލެވުނީ މިހެންނެވެ.

“އަދްފާ، އަސްލު އަހަންނަކީ ގޯސް މީހެއް ނޫން.” ކޮންމެވެސް ސަބަބަކާއި ހުރެ އޭނާ އަހަންނަށް ވިސްނައިދޭން ބޭނުންވީ އެއީ ގޯސްމީހެއް ނޫންކަމެވެ.
ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.