ދިވެހި މިއުޒިކް ސްޓްރީމިންގ އެޕް ލަވަފޮށިން 2019 ވަނަ އަހަރުގެ އެންމެ ކުރީގައި އުޅޭ އާޓިސްޓުންގެ ނަންތަކާއި އެންމެ ކުރީގައި އުޅޭ ލަވަތައް އިއުލާނުކޮށްފިއެވެ.

ލަވަފޮށިން އިއުލާނުކޮށްފައިވާ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ސިމްބޮލިކް ރިކޯޑްސްގެ އާޓިސްޓު ކަމަށްވާ މާޓު އެވެ. މާޓްގެ ލަވަތައް 1.12 މިލިޔަން ފަހަރު އަޑު އަހައިފައިވެއެވެ.

މި ލިސްޓަށް ބަލައިލާއިރު، ދެވަނައިގައި އުޅެނީ އަލީ ރަމީޒެވެ. އޭނާގެ ލަވަތަކަށް 986 ހާސް ޕްލޭ ލިބިފައިވާއިރު ތިންވަނައިގައި އުޅޭ ސިމްބޮލިކް ރެކޯޑްސްގެ ލަވަތަކަށް ލިބިފައިވަނީ 829 ހާސް ޕްލޭއެވެ.

އިތުރު އާޓިސްޓުންނަށް ބަލައިލާއިރު، ފަސްވަނައިގައި އުޅޭ އުމަރު ޒާހިރު އަށް 230ހާސް ޕްލޭ، ހަވަނައިގައި އުޅޭ ޝަލަބީއަށް 199ހާސް ޕްލޭ، ހަތްވަނައިގައި އުޅޭ މެޒޯ މުޙައްމަދު އަށް 178ހާސް ޕްލޭ، އަށްވަނައިގައި އުޅޭ ޒީރޯ ޑިގްރީ އެޓޯލް އަށް 134 ހާސް ޕްލޭ، ނުވަ ވަނައިގައި އުޅޭ ބޭ ނުވަތަ ޖައިލަމްބޭ އަށް 133ހާސް ޕްލޭ އަދި ދިހަވަނައިގައި އުޅޭ ޕެސްޓް އަަށް 132ހާސް ޕްލޭ ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

2019 ވަނަ އަހަރު އެންމެ ގިނަ މީހުން އަޑުއެހި 50 ލަވައިގެ ލިސްޓެއްވެސް ލަވަފޮށިން އާއްމުކޮށްފައި ވެއެވެ. މި ލިސްޓަށް ބަލައިލާއިރު:-

1- ދުރުވާނެބާ
2- މަންޖެ
3- ލޯބިވޭ
4- ރަނގަޅުތޯ
5- ކުރަހާ

އަކީ އެންމެ ކުރީގައި އުޅޭ ފަސް ލަވައެވެ.

2018 ވަނަ އަހަރުވެސް މި ޗާޓުގެ އެންމެ ކުރީގައި އުޅެނީ މާޓު ކަމަށް ލަވަފޮށިން ބުނެއެވެ. މީގެ އިތުރުން ‘ދުރުވާނެބާ’ އަކީ 2018 ވަނަ އަހަރުވެސް އެންމެ ގިނަ މީހުން އަޑުއެހި ލަވަކަން ފާހަގަކޮށްލެވެއެވެ.

މިއުޒިކްގެ މި ތަފާސްހިސާބުތަކަށް ބަލާއިރު، ހިޕްހޮޕް ލަވަތައް މިވަނީ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގެ އެންމެ މަގުބޫލު ޖޮންރާއަށް ވެފައެވެ. އެގޮތުން ސިމްބޮލިކް ރެކޯޑްސް އާއި އެ ގްރޫޕްގެ އާޓިސްޓުން އުޅޭނީ އެންމެ ގަދަ 10ގައިކަން ވެސް ފާހަގަކޮށްލެވެއެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.